ad_banner
ނިސާ ސޫރަތް - އަންހެނުންގެ ޙައްޤުތަކާއި، ޢާއިލީ ނިޒާމުގެ ދުސްތޫރު (1)

ޑރ. މޫސާ އަންވަރު ޙަސަން

21 ޖޫން 2026

ސޫރަތުއްނިސާއަކީ މުޅި އިސްލާމީ ތަޝްރީޢުގައި އަންހެނުންގެ ޙައްޤުތަކާއި، ޢާއިލީ ނިޒާމު ރައްކާތެރިކުރުމަށް ބާވައިލެއްވި އެންމެ މުހިންމު އެއް ސޫރަތެވެ. މި ސޫރަތުގައި އަންހެނުންނާ ގުޅޭގޮތުން އައިސްފައިވާ މުހިންމު ޙުކުމްތަކާއި، ސަބަބުތައް ބަޔާން ކުރައްވައިފައިވެއެވެ. ސޫރަތުއް ނިސާއަކީ މަދަނީ ސޫރަތެކެވެ. މި ސޫރަތް ބާވައިލެއްވުނީ އުޙުދު ހަނގުރާމައަށްފަހު، މުސްލިމުންގެ ގިނަ އަދަދެއްގެ ފިރިހެނުން ޝަހީދުވެ، ގިނަ އަދަދެއްގެ ޔަތީމުންނާއި ހިމާޔަތްތެރިއަކު ނެތް އަންހެނުން އިސްލާމީ މުޖުތަމަޢުގައި އުފެދުނު ދަނޑިވަޅެއްގައެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ވާރުތަ މުދަލަކުން އެއްވެސް މިންވަރެއް ނުލިބެއެވެ. އަދި ޔަތީމު އަންހެން ކުދިންގެ ބަލަދުވެރިން، އެކުދިންގެ ރީތިކަމާއި މުދަލަށް ދަހިވެތިވެ، ނުހައްގުން ކައިވެނިކޮށް، ރަން (މަހަރު) ނުދީ އުޅުނެވެ. މިފަދަ ބޭއިންސާފުތައް ނައްތައިލައި، އަންހެނުންގެ ޙައްޤުތައް ޤާނޫނީގޮތުން ކަށަވަރުކޮށްދިނުމަކީ މި ސޫރަތް ބާވައިލެއްވުމުގެ މައިގަނޑު ސަބަބެވެ. 

ސޫރަތުއް ނިސާއާ ބެހޭގޮތުން އިތުރު ތަފްޞީލުތަކަށް ބަލާއިރު، މި ސޫރަތަކީ ހަމައެކަނި އަންހެނުންގެ ޙައްޤުތަކަށް ޚާއްޞަ ސޫރަތެއް ނޫނެވެ. މިއީ މުޅި އިސްލާމީ މުޖުތަމަޢުގެ ބިންގާ ވަރުގަދަކުރުމަށާއި، ދައުލަތެއް ހިންގުމުގެ ނިޒާމުތަކާއި، ޢަޤީދާގެ މުހިންމު އަސާސްތަކެއް ބަޔާންކޮށްދޭ ސޫރަތެކެވެ.  ސޫރަތަށް މިނަންދެވުނު ސަބަބަށް ބަލާއިރު، މި ސޫރަތަށް "އައްނިސާ" (އަންހެނުން) ގެ ނަމުން ނަންދެވުނީ، އެހެން އެއްވެސް ސޫރަތެއްގައި ބަޔާންވެގެން ނުވާ މިންވަރަށް އަންހެނުންނާ ގުޅޭ ޙުކުމްތަކާއި، އެކަނބަލުންގެ ޙައްޤުތަކާއި، އާއިލީ މައްސަލަތަކަށް މި ސޫރަތުގައި އަލިއަޅުވައިލައްވައިފައިވާތީއެވެ.

ކީރިތި ޤުރްއާނުގައި [އައްނިސާ އައްޞުޣުރާ] ނުވަތަ [ކުޑަ ނިސާ ސޫރަތުގެ] ގޮތުގައި ސޫރަތުއްޠަލާޤު ވެސް ސިފަކުރެވެއެވެ. އެހެންކަމުން މިއީ [ބޮޑު ނިސާ ސޫރަތެވެ.]  ސޫރަތުގައިވަނީ 176 އާޔަތެވެ.  ތަރުތީބަށް ބަލާއިރު  މިއީ ކީރިތި ޤުރްއާނުގެ ހަތަރުވަނަ ސޫރަތެވެ. އަދި މިއީ (އައްޞަބްޢުއްޠުވާލް) ތެރެއިންވާ ސޫރަތެކެވެ. ސޫރަތުގައި ބަޔާންވެގެންވާ މުހިންމު މައުޟޫޢުތަކަށް ބަލައިލާނަމެވެ.

ވާރުތަމުދަލުގެ ޙައްޤު (މީރާޘް)

ޖާހިލިއްޔަ ޒަމާނުގެ އާދަކާދަ މުގުރައިލައި، އަންހެނުންނަށް މުދާ ވާރުތަވުމުގެ ޙައްޤު ކަނޑައެޅުނެވެ. މި ސޫރަތުގެ އެގާރަވަނަ އާޔަތާއި ބާރަވަނަ އާޔަތުގައި އަންހެން ދަރީން، މައިން، އަދި އަނބީންނަށް ލިބޭނެ ބައިތައް ސީދާ ފަރަޟުކުރެއްވިއެވެ. މި ކަމަށް އިޝާރަތްކުރައްވައި އެ ސޫރަތުގައި ބަޔާންކުރައްވައިފައިވެއެވެ. ﴿يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ ۖ لِلذَّكَرِ مِثْلُ حَظِّ الْأُنثَيَيْنِ ۚ فَإِن كُنَّ نِسَاءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۖ وَإِن كَانَتْ وَاحِدَةً فَلَهَا النِّصْفُ ۚ وَلِأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ ۚ فَإِن لَّمْ يَكُن لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِأُمِّهِ الثُّلُثُ ۚ فَإِن كَانَ لَهُ إِخْوَةٌ فَلِأُمِّهِ السُّدُسُ ۚ مِن بَعْدِ وَصِيَّةٍ يُوصِي بِهَا أَوْ دَيْنٍ ۗ آبَاؤُكُمْ وَأَبْنَاؤُكُمْ لَا تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعًا ۚ فَرِيضَةً مِّنَ اللَّهِ ۗ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا ۞ وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِن لَّمْ يَكُن لَّهُنَّ وَلَدٌ ۚ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ ۚ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَا أَوْ دَيْنٍ ۚ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُن لَّكُمْ وَلَدٌ ۚ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُم ۚ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَا أَوْ دَيْنٍ ۗ وَإِن كَانَ رَجُلٌ يُورَثُ كَلَالَةً أَوِ امْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ ۚ فَإِن كَانُوا أَكْثَرَ مِن ذَٰلِكَ فَهُمْ شُرَكَاءُ فِي الثُّلُثِ ۚ مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ ۚ وَصِيَّةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَلِيمٌ ﴾  މާނައީ: [ތިޔަބައިމީހުންގެ ދަރިންނާ މެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރީންގެ ބަޔާ އެއް ފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރީންނަކީ ދޭކަށް ވުރެ މަތީ عدد އެއްގެ އަންހެނުންކަމުގައިވާ ނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެ ކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެ ނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރި ނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުން ކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާ ނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާ ނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއް ބަޔެވެ. (ދެން ހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށް ވުރެ ގިނައިން) ތިބި ނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެ. ކުރާ وصية އެއް ވާ ނަމަ، އެ وصية އެއް تنفيذ ކުރުމަށް ފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާ ނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރީން ކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަން ބޮޑީ ކޮން ބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (بيان ވެ ދިޔަ ގޮތަށް މުދާ ބެހުން އޮތީ) اللَّهގެ حضرةން ކަނޑައަޅުއްވައި އަންގަވައިފައިވާ فرضއެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ. ތިޔަބައިމީހުންގެ އަނބީން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެ ކަނބަލުންނަށް ދަރިޔަކު ނުވާ ނަމައެވެ. ފަހެ، އެ ކަނބަލުންނަށް ދަރިޔަކުވާ ނަމަ، އެ ކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެ ކަނބަލުން ކުރާ وصية އެއް ވާ ނަމަ، އެ وصيةއެއް تنفيذކުރުމަށް ފަހު، ނުވަތަ ދަރަންޏެއް ވާ ނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާ ނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ وصية އެއް ވާ ނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. كلالة ގެ ގޮތުން (އެބަހީ: أصلއެއް فرعއެއް ނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭ ނަމަ، އަދި، އޭނާޔަށް أخ އަކު ނުވަތަ أخت އަކު ހުރި ނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ أخ ންނާއި أختން އެއަށް ވުރެ ގިނަ ނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ وصية އެއް ވާ ނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާ ނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. اللَّه ގެ حضرة ން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حليم ވަންތަ ރަސްކަލާނގެއެވެ.]

ފިރިހެނަކަށް ލިބޭނީ ދެ އަންހެނުންގެ ބަޔާ އެއްވަރުގެ ބައެއް ކަމަށް އޮތް އުޞޫލަކީ، ފިރިހެނާގެ މައްޗަށް އާއިލާ ބެލެހެއްޓުމުގެ ޚަރަދު (ނަފަޤާ) ވާޖިބުވާތީއެވެ. އަންހެނާއަށް ލިބޭ މުދަލަކީ ހަމައެކަނި އޭނާގެ އަމިއްލަ މިލްކެކެވެ.

ކައިވެނީގެ ރަނާއި ޢަދަދު ކަނޑައެޅުން:

އަންހެނާއަށް ކައިވެނީގެ ރަން (މަހަރު) ދިނުމަކީ ވާޖިބެކެވެ. އެއީ އޭނާގެ ހިތްހަމަޖެހުމާ އެކު ދެވޭ ހަދިޔާއެކެވެ. މި ސޫރަތުގެ ހަތަރުވަނަ އާޔަތުގައި އަންހެންނަށް ކައިވެނީގެ ރަންދިނުގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. މި ކަމަށް އިޝާރަތް ކުރައްވައި ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.  ﴿وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا ﴾ މާނައީ: [އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެ ތެރެއިން އެއްޗެއް އެ ކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރައި ދީފި ނަމަ، حلال ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!]

ކައިވެނި ކުރުމުގައި އެއްފަހަރާ ހަތަރު އަންހެނުންނަށް ވުރެ ގިނައިން ކައިވެނިކުރުމަކީ ޙަރާމް ކަމެއްކަމުގައި ސޫރަތުގައި ބަޔާންކުރައްވައިފައި ވެއެވެ. އަދި އަނބީންގެ މެދުގައި ޢަދުލުވެރި ނުވެވޭނެ ނަމަ، އެންމެ އަންހެނަކާ ކައިވެނިކުރުމަށް އަމުރުކުރެއްވިއެވެ. މި ސޫރަތުގެ ތިންވަނަ އާޔަތުގައި މި ވާހަކަ ބަޔާންކުރައްވައިފައި ވެއެވެ. މި ކަމަށް އިޝާރަތްކުރައްވައި ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.  ﴿وَإِنْ خِفْتُمْ أَلَّا تُقْسِطُوا فِي الْيَتَامَىٰ فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُبَاعَ ۖ فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ۚ ذَٰلِكَ أَدْنَىٰ أَلَّا تَعُولُوا﴾ މާނައީ: [يتيم ންނާ މެދު، عدل ވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފި ނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދީންނާ ކާވެނިކުރުމުގައި، عدل ވެރި ނުވެވޭނެކަމަށް ހީވާ ނަމަ، އެ ނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدلވެރިނުވެވޭނެކަމަށް ބިރުގެންފި ނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެ ގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.]

އަންހެނުންނަށް ޚަރަދުދިނުމާއި ހެޔޮކޮށްހިތުން:

ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ބަލަދުވެރީން ނުވަތަ ބެލެހެއްޓުންތެރީންކަމުގައި ލެއްވީ، އެ މީހުންގެ މައްޗަށް މުދަލުން ޚަރަދުކުރާން ޖެހޭތީއެވެ. މި ސޫރަތުގެ ސައުރަތިރީސްވަނަ އާޔަތުގައި މި ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. މި ކަމަށް އިޝާރަތްކުރައްވައި އެ ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ. ﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا﴾   މާނައީ: [ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއް ބަޔެއްގެ މައްޗަށް އަނެއް ބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވައިފައިވާ ކަމަށް ޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށް ޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައި ވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެ ކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަ ނަމަ، ފަހެ، އެ ކަނބަލުންނަށް نصيحة ދޭށެވެ! އަދި، އެ ކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެ ކަނބަލުންގެ ގައިގައި (ހާނީއްކަނުވާ ގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެ ކަނބަލުން ކިޔަމަންވެއްޖެ ނަމަ، އެ ކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ.]

އަދި ހަމަ އެފަދައި ސޫރަތުގައި އަންހެނުންނާ އެކު ހެޔޮގޮތުގައި ދިރިއުޅުމަށް އަމުރުކުރެއްވިއެވެ. މި ސޫރަތުގެ ނަވާރަވަނަ އާޔަތުގައި މި ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. މި ކަމަށް އިޝާރަތްކުރައްވައި ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ. ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ މާނައީ: [އަދި، ހެޔޮ ގޮތުގައި އެ ކަނބަލުންނާ އެކު އުޅޭށެވެ!]

މި ސޫރަތުގައި އިޖުތިމާޢީ ޢަދާލަތަށް ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާކަން ފާހަގަކުރެވެއެވެ. މި ނަޒަރުން ވިސްނާ އިރު އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

ހ. ސޫރަތް ފެށިގެން އަންނަނީ ވެސް ޔަތީމުންގެ މުދަލަށް ރައްކާތެރިވުމުގެ އަމުރުފުޅުންނެވެ. ޔަތީމުންގެ މުދާ ނުހައްގުން ކެއުމަކީ ބޮޑުވެގެންވާ ފާފައެއްކަމާއި، އެއީ ބަނޑަށް އަލިފާން އެޅުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައިވެއެވެ.

ށ. އިޖުތިމާޢީ އަދި ސިޔާސީ ޢަދުލުވެރިކަންވެރިކަން ޤާއިމުކުރުމާއި، ނިޔާ ކަނޑައެޅުމުގައި ޢަދުލުވެރިވުމަށް މި ސޫރަތުގައި ގޮވައިލައްވައިފައިވެއެވެ. އަދި  މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށާއި، މުސްލިމުންގެ ވެރީންނަށް ކިޔަމަންވުމަށް އަމުރުކުރައްވައިފައިވެއެވެ. މި ކަމަށް އިޝާރަތްކުރައްވައި ވަޙީކުރައްވައިފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ فَإِن تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا﴾ މާނައީ: [އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން،اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެ ނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسولއާގެ حكم  އޮތް ގޮތެއް ބަލައި އެ ގޮތަށް عملކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمانވާކަމުގައިވާ ނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ނިމުމެއްގެ ގޮތުން ރީތިކަން ވެސް ބޮޑުމެއެވެ.]

(އަދި ނުނިމޭ. ބާކީ ބައި، އިރާދަކުރެއްވިއްޔާ، މާދަމާގެ ނޫހުގައި.)

ކޮމެންޓު