ad_banner
ކޮލަމް ހަމަ (60): "ކުރައްވާނދޭވެ" ކިޔާން ދެކޮޅުހަދައި "ކުރައްވާށިއެވެ" ކިޔަނީ ކީއްވެހެއްޔެވެ؟ މި ކަމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

13 ޖޫން 2026

ދިވެހިބަހުގައި ދުޢާގެ ޞީޣާގައި (ނުވަތަ އެދޭ އެދުންތައް ހާމަކުރުމުގައި) ބޭނުންކުރާ "ކުރައްވާނދޭވެ"އާއި "ކުރައްވާށިއެވެ"އަކީ މާނައިގެ ގޮތުން ދާދި ކައިރި ދެ ލަފުޒު ނަމަވެސް ބަހުގެ ސިޔާގުގައި ބޭނުންކުރުމާއި ބޭނުންކުރާ ޙަލަތާއި އޮނިގަނޑުގެ ގޮތުން ތަފާތުތަކެއް ހުރި ދެ ލަފުޒުކަން ދަންނާން އެބަޖެހެއެވެ. އިރާދަކުރެއްވިއްޔާ މާތް ގެ ވާގިފުޅާ އެކު، މި ކަމުގެ ތަފުޞީލުތައް ހާމަކޮށްލާނަމެވެ. ވިދާޅުވަމުން ކުރިއަށް ވަޑައިގަންނަވާށެވެ!

[ދޭވެ]އާއި [ށިއެވެ] މި ދެ ލަފުޒުގެ ދެމެދުގައި ހުރި މައިގަނޑު ތަފާތުތައް ފުރަތަމަ ބަޔާންކޮށްލާނަމެވެ.

1. ކުރައްވާނދޭވެ!، ލައްވާނދޭވެ!

މިއީ ބަހުގެ ގަވާއިދަށް ބަލާ އިރު [އާދޭހާ އެކު އެދޭ އެދުން] (Precatio) ދޭހަކޮށްދޭން ބޭނުންކުރާ ރާގެކެވެ.

މި ލަފުޒުގެ އަޞްލަކީ [ކުރައްވާ + ހިތްޕުޅުން + ކޮށްދެއްވުން + އެދެމެވެ] ފަދަ މާނައެކެވެ. މިއީ ނުހަނު މަޑުމައިތިރިކަމާއި، ޚުޝޫޢަތާއި، އާދޭހާއި، ކިޔަމަންތެރިކަން އެކުލެވޭ ގޮތަށް ދަންނަވާ ދެންނެވުމެކެވެ. އަށް ދުޢާދެންނެވުމުގައި ބޭނުންކުރާން ޚާއްޞަ ޢިބާރާތެކެވެ!

މިސާލަކަށް: އަޅަމެންނަށް ހެޔޮތައުފީޤު ދެއްވާނދޭވެ! މުސްލިމުތަކުންނަށް ރަޙުމަތްލައްވާނދޭވެ!

2. "ކުރައްވާށިއެވެ!"

މިއީ ބަހުގެ ޤަވާއިދުގެ ތެރެއިން "އަމުރުގެ ޞީޣާ" (Imperative) ނުވަތަ އެދޭ ގޮތް ހާމަކުރުމަށް ޓަކައި ނުވަތަ އުންމީދު (hope) ފާޅުކުރުމަށް ޓަކައި ބޭނުންކުރާ ޢިބާރާތެކެވެ.

މިއީ ކަމެއް ކުރުމަށް އެދި ބުނާ ބުނުމެކެވެ. ނަމަވެސް މިއީ މަތީ ދަރަޖައިގެ ލަފުޒެއް (މާތް ބަސް)ކަމަށްވާތީ، އޭގެ ޒާތުގައި ހަރުކަށި އަމުރެއްގެ މާނައެއް ނުހިމެނެއެވެ. އޭގެ ބަދަލުގައި މިއީ [ކުރެއްވުމަށް އެދި ދަންނަވަމެވެ] ނުވަތަ [ކުރައްވާށެވެ]ގެ މާނައެވެ. ނުވަތަ ކަމަކަށް އުންމީދުކުރުމުގެ މާނައިގައި ފާޅުކުރާ ޝުޢޫރެކެވެ.

ރަސްމީ ލިޔުންތަކުގައްޔާއި، އަދި އާންމުކޮށް މީހުންނަށް މުޚާޠަބުކޮށް ހެޔޮ ދުޢާ ރައްދުކުރާ އިރު، އެކި ކަންކަމަށް އުންމީދު ފާޅުކުރާ އިރު، މި ޢިބާރާތް ބޭނުންކުރެއެވެ. (މިސާލަކަށް: "ތިޔަބޭފުޅުންނަށް ބާއްޖަވެރި ދުވަހެއްކަމުގައި މި ދުވަސް ލައްވާށިއެވެ!" ނުވަތަ "އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރައްވާށިއެވެ!").

ޚުލާޞާކޮށް މައިގަނޑު ތަފާތު:

ފާހަގަކޮށްލެވޭ ބައި

"ކުރައްވާނދޭވެ!" / "ދެއްވާނދޭވެ!"

"ކުރައްވާށިއެވެ!" / "ދެއްވާށިއެވެ!"

އަޞްލު ރާގު

ނުހަނު އާދޭހާއި ކިޔަމަންތެރިކަން

އެދޭ އެދުމާއި އުންމީދު

ބޭނުންކުރާ މަޤްޞަދު

މައިގަނޑު ގޮތެއްގައި ދުޢާ ދެންނެވުމަށް ޓަކައި

އެދުމާއި އުންމީދު ފާޅުކުރުމާއި ރަސްމީ އިރުޝާދުތަކަށް ޓަކައި

އަސަރު

ހިތުގެ އަޑީން ކުރާ އާދޭހެއްގެ އަސަރު ބޮޑު

ރަސްމީ އަދި މާތް ބަސްމަގުން އުންމީދު ފާޅުކުރުން

 މި ހިސާބުން އިތުރު ތަފުޞީލަކަށް ބަލައިލާން އެބަ ޖެހެއެވެ. ބައެއް މަދު ޚަޠީބުން ޚުޠުބާ ހުށަހަޅުއްވާ އިރު، ދުޢާގެ ޞީޣާގައި އޮންނަ [ދޭވެ]ގެ ބަދަލުގައި [ށިއެވެ]އަށް ބަދަލުކުރައްވައިގެން ވިދާޅުވާކަން އަޅުގަނޑަށް ފާހަގަކުރެވިފައިވެއެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް ޚުޠުބާ ބަދަލުކުރެއްވުމަކީ ޚަޠީބުންނަށް އޮންނަ އިޚުތިޔާރެއްނޫނެވެ. ލިޔުމުގެ ޢިބާރާތް، އަނގަބަހުގެ ޢިބާރާތަށް ބަދަލުކުރެއްވުން ފިޔަވައި އެހެން އިޚުތިޔާރެއް ޚަޠީބުންނަކަށް ނޯވެއެވެ. އޮވެގެން ނުވެސްވާނެއެވެ. އިއްޔެ ޚުޠުބާދެއްވި ޚަޠީބަކު ޚުޠުބާގެ ދެ ތަނެއްގައި [ދޭވެ]ގެ ބަދަލުގައި [ށިއެވެ] ވިދާޅުވިއެވެ. އަޅުގަނޑު ހީކުރީ ކުރީން މި ދެންނެވި ގޮތަށް ބަދަލުކުރެއްވީ ކަމަށެވެ. ނަމަވެސް ވުޒާރާގެ ވެބްސައިޓުން ޚުޠުބާ ބަލައިލުމުން ޚަޠީބު ވިދާޅުވީ ހަމަ ޚުޠުބާގައި އޮތް ގޮތަށްކަން ޔަގީންވިއެވެ. ޚަޠީބުގެ މައްސަލައެއް ނެތެވެ.

[ދޭވެ] އޮންނަ ތަންކޮޅު [ށިއެވެ]އަށް ބަދަލުކުރައްވައިގެން ބައެއް ޚަޠީބުން ވިދާޅުވަނީ ކިއްވެގެންތޯ ސާފުކުރާން ކުރެވުނު މަސައްކަތުން އަޅުގަނޑަށް އެނގުނީ އެ ބޭފުޅުންގެ ނަޒަރުގައި [ދޭވެ] އައިސްފައިވަނީ ދިވެހީން ޣައިރުދީނަށް އުޅުނު އިރު އެ މީހުންގެ ބާޠިލު ކަލާނގެއަށް ނިސްބަތްކޮށް ކިޔާ [ދޭވަތާ] ނުވަތަ ދޭވްތާ ނުވަތަ [ދޭވް]އިންކަމަށް ވާތީ، ބާޠިލު ކަލާނގެއަކަށް ނިސްބަތްކޮށް އެ ލަފުޒު ވިދާޅުނުވާށެވެ. ނަމަވެސް މިއީ އެއްވެސް އަސްލެއް ނެތް ކުށް ހީއެކެވެ.

[ދޭވެ] މި ލަފުޒުގެ މައިގަނޑު އަސްލަކީ ދިވެހިބަހުގެ މަސްދަރެއްކަމަށްވާ [ދިނުން] މިއެވެ. މިއީ ސަންސްކްރިތް ބަހުގެ [ދާ](dā)  އާއި ޕާލީ/ޕްރާކްރިތު ބަހުގެ[ ދޭތި ](deti) އިން އައިސްފައިވާ، އިންޑޯ-އާރިޔަން ބަސްބަހުން ދިވެހިބަހަށް ނަގުލުވެފައިވާ ލަފުޒެކެވެ.

މި ލަފުޒުގެ ފަހަތަށް އަންނަ [ވެ]އަކީ އެވޭލާ ދިވެހިބަހާއި ދިވެހިބަހުގެ ގަދީމީ ލިޔުންތަކުގައި އަމުރުގެ މާނަ ނުވަތަ އެދުމުގެ މާނަ (Imperative / Optative mood) ނެރުމަށްޓަކައި ލަފުޒުގެ ފަހަތަށް ގުޅުވާ އެކައެކެވެ.

ބައެއް ބަސްވާރުން ދެކެވަޑައިގަންނަވާ ގޮތުގައި މި [ވެ]އަކީ [ވުން] މި މަސްދަރުން ނުވަތަ "ވޭ" މި [ކަމުން] އައިސްފައިވާ އެކައެކެވެ.

ކުރީގެ ބަހުރުވައިގައި [ދޭ] ނުވަތަ [ދީ]އަށް، [ވެ] މި އެކަ އިތުރުކޮށްލުމުން އެއީ ކަމަކަށް އެދި އާދޭސްކުރުމުގެ ނުވަތަ ދުޢާގެ މާނަ ދޭހަކޮށްދޭ ގޮތްކަމުގައި ހަމަޖެހުނެވެ.

މި ލަފުޒުގެ މާނައިގެ ފުންކަމަށް ބަލާ އިރު، ދުޢާކުރާއިރު [އިތުރު ކުރައްވާށެވެ] ކިޔުމުގެ ބަދަލުގައި [އިތުރުކުރައްވައިފާނދޭވެ] ކިޔުމުން، އެދޭ އެދުމުގައި ހުންނަ ނިކަމެތިކަމާއި، އާދޭހާއި، އަދަބުވެރިކަމާއި ޠާޢަތާއި ޚުޝޫޢަތްތެރިކަން މާ ބޮޑަށް ފާހަގަކޮށްދެއެވެ. (ނަމަވެސް މާނައަކީ ހަމަ [އެ ކަން އެ ގޮތަށް ކޮށްދެއްވުން އެދެމެވެ/ކޮށްދެއްވާށެވެ] މިއެވެ.)

ކުރުކޮށް ދަންނަވާ ނަމަ، "ދޭވެ" އަކީ "ދޭ" (ދިނުން) މި ލަފުޒުގެ މާނައިގެ ތެރެއަށް، އާދޭހާއި ނިކަމެތިކަމާއި ކިޔަމަންތެރިކަމުގެ ރާގު ވެއްދުމަށްޓަކައި ގަދީމީ ދިވެހިބަހުގެ ހަމަތަކުގެ ތެރެއިން [ވެ] ގުޅިގެން އުފެދިފައިވާ ސާފު ދިވެހި ލަފުޒެކެވެ. އެއީ ބާޠިލު ކަލާނގެއަކާ އެއްވެސް ގުޅުމެއް ހުރި ޞީޣާއެއް ނޫނެވެ.

މި ގޮތަށް ލަފުޒުތަކުގެ މާނަ އެއްވެސް އަސްލެއްގެ މައްޗަށް ބިނާ ނުކޮށް ހީގެ މައްޗަށް ބިނާކުރާ ނަމަ، އަޅުގަނޑުމެން ދިވެހިބަހުން [ސުވަރުގެ]އޭ މި ކިޔާ މަތިވެރި ލަފުޒުން ފަހު އަކުރު ކަނޑައިލައިފި ނަމަ، ނުކުންނަ މާނަ ހާދަހާ ގޯސްވާނެތާއެވެ. (ރަދީފު ބައްލަވާށެވެ!) ނަމަވެސް އެއީ ސާންސްކިރިތު ބަހުގެ އަސްލުން އައި [ސުވަރުގް] ނުވަތަ [ސުވަރުކާ] މި ފަދަ ލަފުޒުތަކުން ދިވެހިބަހަށް ވަދެފައިވާ އަސްލު ދިވެހި ލަފުޒެކެވެ. އެ ލަފުޒަކާ ދިވެހިބަހުގައި މި އޮންނަ [ސުވަރު]އަކާ އެއްވެސް ގުޅުމެއް ތިމާގެ ކަމެއް ނެތެވެ.

ނިންމައިލުމުގެ ގޮތުން ދަންނަވައިލާން އޮތީ، މާތް اللهُގެ ޙަޟުރަތަށް ދުޢާ ދަންނަވާ އިރު "ކުރައްވާނދޭވެ!" ބޭނުންކުރުމުން އަޅުވެތިކަމާއި އާދޭހުގެ ރާގު މާ ބޮޑަށް ފާހަގަވާ ވާހަކައެވެ. އެއީ އާދޭހުގެ އިންތިހާއެވެ. އެހެންކަމުން ޚުޠުބާގައި ނުވަތަ އެހެން މަޤާމެއްގައި ވެސް ގެ ޙަޟުރަތަށް ކުރާ ދުޢާގައި ބޭނުންކުރުން ރަނގަޅީ، (އަދި އަޅުގަނޑުގެ ނަޒަރުގައި ބޭނުންކުރާން ޖެހޭނީ) "ކުރައްވާނދޭވެ"އެވެ. [ކުރައްވާށިއެވެ]އެއް ނޫނެވެ. ނަމަވެސް އާންމުކޮށް ރަސްމީ ބަސްމަގުގައި ނުވަތަ ތަޤުރީރުތައް ނިންމައިލަމުން ކުރާ އުންމީދުގައި ބޭނުންކުރުން ރަނގަޅީ "ކުރައްވާށިއެވެ" މި ޞީޣާއެވެ. އެއީ އުންމީދު ފާޅުކޮށްލުމެކެވެ. އެއީ އެދޭ ގޮތްކަން ހާމަކޮށްލުމެކެވެ. އާދޭހުގެ ރާގެއް، އިލްތިމާސުގެ ރާގެއް އެ ޢިބާރާތަކުން ފާޅެއްނުވެއެވެ. އެހެންކަމުން ޚުޠުބާތަކުގައި "ކުރައްވާށި"، "ލައްވާށި"، "ދެއްވާށި" ބޭނުންކުރުން ރަނގަޅެއް ނޫނެވެ. ޚުޠުބާގައި ރަނގަޅީ ދުޢާގެ ޞީޣާއިން އާދޭހާއި އަޅުވެތިކަން ދޭހަކޮށްދޭ ޞީޣާއިން "ކުރައްވާނދޭވެ"، "ލައްވާނދޭވެ"، "ދެއްވާނދޭވެ"، މި ފަދަ ގޮތްގޮތަށް ބޭނުންކުރުމެވެ. ގަބޫލުފުޅުކުރެއްވުމާއި ނުކުރެއްވުމަކީ ތިޔަ ބޭފުޅުންނަށް އޮތް ހައްގެކެވެ. ކަން އޮތް ގޮތް މި ދަންނަވައިލީއެވެ.

 

ބައެއް ލަފުޒުގެ މާނަ:

އޮނިގަނޑު    ނ.    ކަމެއް ނުވަތަ ތަނެއް ހިންގުމަށް ޓަކައި ރާވާފައިވާ ގޮތް. (2) އިންސާނާއާއި ޖަނަވާރުގެ މަސްފިލައިފައިވާ ހަށިގަނޑު. (3) ގުޑި އާއި ތެލަނގަ ފަދަ ތަކެތީގެ ދުނިގަނޑު.

އެކަ       ނ.    ލަފުޒެއްގައި އެކުލެވޭ ބައިތަކުގެ ތެރެއިން މާނައެއް ދޭހަވާ، އިތުރަށް ބައިނުކުރެވޭ އެންމެ ކުޑަ ބައި. morpheme

ސިޔާގު      ނ.    ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު. context

ކޮމެންޓު