ad_banner
ދިވެހިބަސް - އަޅުގަނޑުމެންގެ ހުވިއްޔަތާއި ސަގާފަތުގެ ބިންގާ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 ޖޫން 2026

ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ނިޢުމަތަކީ އަދި އެންމެ ފަޚުރުވެރިވާންޖެހޭ އެއް އަސާސަކީ އަޅުގަނޑުމެންގެ އަމިއްލަ މާދަރީ ބަސްކަމުގައިވާ ދިވެހިބަހެވެ. ދުނިޔޭގެ ބިޔަ ބޮޑު ކަނޑެއްގެ މެދުގައި ކުދިކުދި ތިކިތަކެއްހެން އަތުރައިލެވިފައިވާ މި ކުދިކުދި ރަށްތަކަށް ދިވެހިވަންތަކަމުގެ ދިރުން ގެނެސްދެނީ މި ބަހެވެ. މިއީ ހަމައެކަނި މުއާސަލާތުކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. މިއީ ދިވެހިއްޔަތުގެ އަސާސެވެ.

1.     ޤައުމީ ސަގާފަތާއި ހުވިއްޔަތުގެ ރަމްޒު

ކޮންމެ ޤައުމެއްގެ ވެސް އެންމެ ވަރުގަދަ ގައުމީ ފާހަގަ (ނޭޝަނަލް އައިޑެންޓިޓީ) ނުވަތަ ހުވިއްޔަތު ގުޅިފައިވަނީ އެ ބަޔެއްގެ މާދަރީ ބަހާއެވެ. ދިވެހިބަހަކީ، ދިވެހިންނަކީ ވަކި މިނިވަން މުސްތަޤިއްލު ބަޔެއްކަން ދުނިޔެއަށް ދައްކައިދޭ އެންމެ ބޮޑު ހެތްކެވެ.

·         ތާރީޚީ ގުޅުން: އަޅުގަނޑުމެން މި ތިބަ މާތްވެގެންވާ އިސްލާމް ދީނުގެ ޢަޤީދާއާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތަކާއި، ޅެންވެރިކަމާއި، ވާހަކަތަކާއި، މުޅި އަދަބިއްޔާތާއި އަދި ތާރީޚީ ހާދިސާތަކާއި ފަންނުވެރިކަމާއި ހުނަރުވެރިކަން އެއް ޖީލުން އަނެއް ޖީލަށް ނަގުލުވެފައިވަނީ ދިވެހިބަހުގެ ސަބަބުންނެވެ. ބަސް ނެތިގެން ހިނގައްޖެ ނަމަ، އަޅުގަނޑުމެންގެ މުއްސަނދި ތާރީޚާއި ސަގާފަތް ވެސް އަބަދުގެ އަބަދަށް ގެއްލިގެންދާނެއެވެ.

·         ތާނާ އަކުރުގެ ޚާއްޞަކަން: ދިވެހިބަސް ލިޔެކިޔައި ހަދާން މި ބޭނުންކުރާ ތާނަ އަކުރަކީ ދުނިޔޭގެ އެހެން އެއްވެސް ބަހެއްގައި ނެތް، ވަރަށް ތަފާތު އަދި ފުރިހަމަ އަކުރުތަކެކެވެ. ކަނާތުން ވާތަށް ލިޔާ މި އަކުރުތަކަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަމާއި ވިސްނުމުގެ ފުންކަމާއި ތޫނުފިލިކަން ހާމަކޮށްދޭ ދިރިހުރި މިސާލެކެވެ. އަދި ލަންކާގެ ޕުރޮފެސަރަކާ ޙަވާލާ ދެއްވައި ޑރ. ޙަސަން ޙަމީދު ވިދާޅުވެފައިވާ ގޮތުގައި ތާނައަކުރުތަކަކީ މި ސަރަހައްދުގެ ބަސްތައް ލިޔެ އުޅޭ އަކުރުތަކުގެ ތެރެއިން އެންމެ ސައެންޓިފިކު އަކުރުތަކެވެ. އެހެންކަމުން ތާނައަކުރަކީ ދިވެހީންގެ ފަޚުރެކެވެ.

2.     އިޖުތިމާޢީ އެއްބައިވަންތަކަމާއި ގުޅުން:

ދިވެހިރާއްޖޭގެ ރަށްތައް ވަނީ ޖޯގުރަފީ ގޮތުން އެކިއެކި އަތޮޅުތަކަށް ބެހި، އެކަހެރިވެފައެވެ. ނަމަވެސް، މި ހުރިހައި ރަށެއްގެ ރައްޔިތުން އެއްބައިވަންތަކޮށް، އެއް ރޫޙެއްގައި ބައިތިއްބައިދޭ މައިގަނޑު ސަބަބަކީ ދިވެހިބަހެވެ.

ބަހަކީ މުޖުތަމަޢެއް ބަދަހިކޮށް، އެއްބައިވަންތަކަށް ދެމެހެއްޓުމުގެ އެންމެ މުހިންމު އަސާސެވެ. ދެކުނުގެ ބަހުރުވައަކުން ވާހަކަދެއްކިޔަސް، ނުވަތަ އުތުރުގެ ރަށެއްގެ ވަކި ޚާއްޞަ ރާގަކުން ވާހަކަދެއްކިޔަސް، އެންމެންނަށް މިއީ 'ދިވެހިބަސް'ކަން ފާހަގަކުރެވުމުން އެ އުފެދޭ ގާތްކަމަކީ ބަޔާންކުރާން ދަތި އިޙުސާސެކެވެ. މި ކަން ބޮޑަށް ފާހަގަކުރެއްވޭނީ ދިވެހީން މަދުން ދިރިއުޅޭ ބޭރު ގައުމަކުން ދިވެއްސެއްގެ އަޑު އިވޭ ހިނދުގައެވެ. ލަންކާއާއި އިންޑިއާއާއި މެލޭޝިއާއިން މި ހާރު މި އިޙުސާސު ނުކުރެއްވިދާނެއެވެ. ސަބަބަކީ އެ ތަންތާނގެ ބައެއް ހިސާބުތަކަކީ ދިވެހި [އަވަށްތަކެއް]ކަމަށް އިޙުސާސުކުރެވޭތީއެވެ.

މީގެ އިތުރަށް، ދިވެހިބަހުގައި ހުންނަ އަދަބީ މިންގަނޑުތަކާއި މުޚާޠަބުކުރުމުގެ (އާދައިގެ، މާތް، އެންމެ މާތް) ދަރަޖަތަކަކީ އިޖުތިމާޢީ ގޮތުން އެކަކު އަނެކަކަށް އިޙުތިރާމުކުރުމުގެ މަތިވެރި ސިފަ މުޖުތަމަޢުގައި އަށަގަންނުވައިދޭ ކަމެކެވެ. ބޮޑެތި މީހުންނަށާއި، ޢިލްމުވެރީންނާ މުޚާޠަބުކޮށް ވާހަކަދައްކާ އިރު، ބޭނުންކުރާ ރީތި ބަސްމަގުން ދިވެހީންގެ އަޚުލާޤީ ފެންވަރު ދައްކުވައިދެއެވެ.

3.     ތަޢުލީމާއި ވިސްނުމުގެ ތަރައްޤީ

އިންސާނަކަށް ފުންކޮށް ވިސްނައި، އުފެއްދުންތެރި ޚިޔާލުތައް ނެރެވޭނީ އެ މީހެއްގެ މާދަރީ ބަހުންނެވެ. ވަކީން ޚާއްޞަކޮށް ތަޢުލީމީ ދާއިރާގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކުޑަކުދީންނަށް އެންމެ ފަސޭހައިން ކަންކަން ދަސްވަނީ އަދި ސިކުނޑި ތަރައްޤީވަނީ މާދަރީ ބަހުން ތަޢުލީމު ފޯރުކޮށްދީގެންނެވެ. ކުރީން ރަށްފުށުގެ އިސްކޫލުތަކުން ގްރޭޑު ހަތަކާ ހަމައަށް ދިވެހި މީޑިއަމުން ތަޢުލީމު ޙާޞިލުކޮށްގެން މާލެ އައިސް ގްރޭޑު އަށަކުން ފެށިގެން އިނގިރޭސީ މީޑިއަމުން ކިޔެވި ކުދީންގެ ފެންވަރާއި ކުރުންތެރިކަމަށް ބަލައިލުމުން. . . މި ދެންނެވި އެއްޗެއްގެ ތަފުސީލު އެނގިވަޑައިގަންނަވާނެއެވެ. މީގެ އިތުރަށް އެހެން ގިނަ ބަސްބަހާ ޚިލާފަށް ދިވެހިބަހަކީ [ތަފުސީލުކޮށް ބަޔާންކޮށްދެނިވި] (އެކްސްޕްރެސިވް) ބަހެކެވެ. ދިވެހި ކާބަފައިން، އެއްވެސް އެހެން ބޭރު ބަހެއް އުނގެނުމަކާ ނުލައި އެކިއެކި ޢިލްމުތަކަށާއި ޢަމަލީ ފަންނުތަކަށާއި ހުނަރުތަކަށް ކުރިއަރައިފައިވަނީ، ދިވެހިބަހުގެ ސަބަބުން، ކަންކަމާ މެދު ފުންކޮށް ވިސްނުމުގެ ހުނަރު ދިވެހި ކާބަފައިންނަށް އެންމެ ފުރިހަމައަށް ލިބިފައިވާތީއެވެ.

·     އަމިއްލަ ނަފުސަށް އޮންނަ އިތުބާރު: އަމިއްލަ މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބޭރު ބަސްބަސް (މިސާލަކަށް އިނގިރޭސި، ޢަރަބި) ދަސްކުރުމަށް ލިބޭ ފަހިކަމަކާއި ވަރަށް ބޮޑު ބާރެއްކަމަށް ހުރިހައި ދިރާސާއަކުން ވެސް ސާބިތުވެއެވެ. މި ކަމުގެ ސަބަބުން ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގައި ނަފުސަށް އޮންނަ އިތުބާރު ވަރުގަދަވެއެވެ. މި ހަގީގަތާ ޚިލާފު އެއްވެސް ދިރާސާއެއް ނެތެވެ. ވީމާ، މި ޒަމާނުގެ ބެލެނިވެރީން(ގެ ތެރެއިން ގިނަ ބޭފުޅުން) މި ހަގީގަތް ހަނދުމަފުޅު ނުހުންނަނީ ކީއްވެބާވައެވެ! މިއަދު ކުށެއް ނެތި ދިވެހިބަހުން ވާހަކަދައްކައި ލިޔެކިޔާން އެނގޭ މީހަކު މުޖުތަމަޢުން ނުފެންނަ ވަރަށް މަދުވެފައިވާކަމީ ގައުމީ ގޮތުން އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ކަމަކަށް ނުވޭތޯއެވެ؟ ނަމަވެސް މި ކަމާ ކަންބޮޑުވާ މީހަކު ވެސް ފެންނަ ލެއް އެހައި މަދެވެ.

·     ޝުޢޫރު ފާޅުކުރުން: ހިތުގެ ޝުޢޫރުތަކާއި ޖަޒުބާތުތައް (މިސާލަކަށް: ރުޅިއާއި އާދޭހާއި، އިލްތިމާސާއި އުފަލާއި މަޖަލާއި ލޯތްބާއި، ހިތާމަ) އެންމެ ފުރިހަމައަށް ބަޔާންކޮށްދެވޭނީ އަމިއްލަ މާދަރީ ބަހުންނެވެ. އިންތިޚާބުތަކަށް ކެންޕޭނުކުރާ އިރުގައްޔާއި، ބިރުވެރިކަމެއް ދިމާވުމުންނާއި، ހިތާމަވެރި ދަނޑިވަޅުގައި އެ މީހެއްގެ ޝުޢޫރު ފާޅުކުރަނީ މާދަރީބަހުންކަމަށްވާތީ މި ހަގީގަތް ވަރަށް ރަނގަޅަށް ހާމަވެއެވެ. ދިވެހިބަހުގެ މުއްސަނދި ލަފުޒުތަކުގެ އެހީގައި އަސަރާ އެކު، ފާޅުކުރާ ޝުޢޫރުތަކާއި ޚިޔާލުތައް ސީދާ އަނެކާގެ ހިތާ ގުޅުވައިދެއެވެ. ހިތުގެ އެންމެ ފުނަށް ވާޞިލުކޮށްދެއެވެ. ނަމަވެސް މި ހަގީގަތް ގަބޫލުކުރާން އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ފަސްޖެހޭ ސަބަބެއް ނޭނގެއެވެ.

4.  މި ޒަމާނުގައި ކުރިމަތިވެފައި ހުރި ހުރަސްތަކާ އެކު ބަސް ހިމާޔަތްކުރުން:

މިއަދުގެ ބަވަނަވެފައިވާ(Globalized)  ދުނިޔޭގައި، ފަންނިއްޔާތާއި ހުޅަނގުގެ ނުފޫޒާ އެކު، އަދި ޚައްޞަކޮށް އިނގިރޭސިބަސް، ގިނަ ދިވެހީންގެ ހިތްތައް އިސްތިޢުމާރުކޮށްފައިވާތީ، ދިވެހިބަހަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގިނަ ޒުވާނުންނާއި ކުޑަކުދީން ވާހަކަދެއްކުމުގައި އިނގިރޭސި ބަހަށް އިސްކަންދިނުމާއި، ދިވެހިބަހާއި އިނގިރޭސިބަސް މަސްހުނިކޮށްގެން ވާހަކަދެއްކުން ވަނީ އާންމުވެފައެވެ. އަދި އެންމެ ނުރައްކާތެރި އެއް ކަމަކީ، އިނގިރޭސިބަހަށް މޮޅު ނޫން ބެލެނިވެރީން ވެސް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ އިނގިރޭސި ލަފުޒުތައް ބޭނުންފުޅުކުރައްވައިގެން ދެ ބަސް މަސްހުނިކޮށްގެން ވާހަކަދައްކާން އެ ބޭބޭފުޅުންގެ ތުއްޕުޅު ބޭފުޅުންނަށް ދަސްފުޅުކޮށްދެއްވަމުން ގެންދަވާތީއެވެ. އަދި ފުރިހަމަ ނޫން ޖުމުލަތަކުން (ނުބައިކޮށް) އިނގިރޭސިބަހުން ވާހަކަދައްކާތީއެވެ. ދަރިވަރުންނަށް ދިވެހިބަސް ދަސްކޮށްނުދީ ދަރިވަރުންގެ ޅަފަތުގައި އިނގިރޭސިބަހުން ވާހަކަދެއްކުމަކީ ދަރިވަރުންގެ ކުރިއެރުމަށް އުންމީދުކޮށްގެން ބެލެނިވެރީން ކުރައްވާ ކަމެކެވެ. ނަމަވެސް މި ގޮތަށް ޢަމަލުކުރުމުގެ ސަބަބުން ކުދީންނަށް ލިބެނީ ބަޔާންކުރާން ނޭނގޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މި ގޮތަށް ޢަމަލުކުރެއްވުމުގެ ސަބަބުން، ދިވެހިބަހަށް ލިބިފައިވާ ޚާއްޞަ ގާބިލިއްޔަތާ އެކު، ފުންކޮށް ވިސްނުމުގެ ހުނަރުން ދަރިވަރުން މަޙުރޫމުވެއެވެ. މާދަރީބަހަށް މޮޅުވުމަކީ ދެވަނަ ބަހެއް، އަދި ތިންވަނަ ބަހެއް (އަދި ގިނަ ބަސްތައް) ދަސްކުރާން ފަސޭހަކޮށްދޭ ކަމަކަށްވާތީ، މި ފުރުޞަތު ވެސް ދަރިވަރުންނަށް ގެއްލެއެވެ. މި ހަގީގަތްތައް ޢިލްމީ ގޮތެއްގައި ގައުމީ ފެންވަރެއްގައި ބެލެނިވެރީންނާއި ދަރިވަރުންގެ ތަޢުލީމުގެ މަސްލަހަތުވެރީންނަށް ވިސްނާއިދޭން ވަނީ ޖެހިފައެވެ.

އާދޭހެވެ! މި ދެންނެވި ކަންކަމަކީ ދިވެހިބަހުގެ މުސްތަޤުބަލަށް އޮތް ބޮޑު ނުރައްކަލެކެވެ. ބަސް ހިމާޔަތްކުރުމަކީ ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ނުވަތަ ދިވެހިބަހުގެ އެކެޑަމީއިން ހަމައެކަނި ކުރާންޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ މަޔަކާއި ބަފައެއްގެ، އަދި ކޮންމެ ދިވެހި ފަރުދެއްގެ ޤައުމީ ވާޖިބެކެވެ. ގޭތެރޭގައްޔާއި، މަސައްކަތުގެ ދާއިރާގައި ދިވެހިބަހުން ވާހަކަދައްކާން އިސްކަންދޭންޖެހެއެވެ. ދިވެއްސަކަށްވެ ހުރެ، ކުށެއް ނެތް ސާފު ދިވެހިބަހުން ލިޔެކިޔައި ވާހަކަދައްކާން ނޭނގުމަކީ ލަދުވެތިކަމެއްކަމަށް ގަބޫލުކުރާން އެބަ ޖެހެއެވެ. އަދި ޢަރަބިބަހާއި އިނގިރޭސިބަހާއި ހިންދީބަސް ފަދަ ބޭރު ބަސްބަސް އެނގިވަޑައިގަންނަވާ ބޭފުޅުން އެ ބަސްބަހުން މުއާސަލާތުކުރައްވައި ފުރިހަމައަށް މުޢާމަލާތުކުރައްވާން އެނިވަޑައިގެންފި ނަމަ، އެއީ އެ ބަސްބަސް އެނގިވޑައިގަންނަވަނީކަމަށް ގަބޫލުފުޅުކުރައްވާށެވެ! އެ ބަސްބަހުގެ އަހުލުވެރީން ވާހަކަދައްކާ މަޚުރަޖުން އެ ރާގަށް ވާހަކަނުދެއްކުމަކީ ލަދުވެތިކަމެއް ނޫނެވެ. އެހެނީ އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް އަޅުގަނޑުމެންނަކަށް ޢަރަތްބަކަށް ނުވަތަ އިނގިރޭސިއަކަށް ނުވެވޭނެއެވެ. އަޅުގަނޑުމެންނަކީ ދިވެހީންނެވެ. ދިވެހީންނަށްވެ ތިބެ، ކުށެއް ނެތް ސާފު ދިވެހިބަހުން ވާހަކަދައްކާން ނޭނގުމަކީ ކޮން ފަދަ ބޮޑު ލަދުވެތިކަމެއްކަން ގަބޫލުފުޅުކުރައްވާށެވެ!

އާދޭހެވެ! ދިވެހިބަހަކީ އަޅުގަނޑުމެންގެ ފަންނުތަކާއި، ތަރިކައާއި ސަގާފަތުގެ އަސާސެވެ. ބަސް ނެތް ޤައުމެއްގެ ސަގާފަތެއް، އަދި މިނިވަންކަމެއް ދެމިއެއް ނޯންނާނެއެވެ. އެހެންކަމުން، ބޭރު ބަސްބަސް ދަސްކުރުމާ އެކު ވެސް، އަޅުގަނޑުމެންގެ މާދަރީ ބަސް ދަމަހައްޓާން އެބަޖެހެއެވެ. މާދަރީބަހަށް މޮޅުވުމަކީ ދެވަނަ ބަހަކާއި ތިންވަނަ ބަހެއް، (އަދި ގިނަ ބަސްތައް) ދަސްކުރާން ވަރަށް ބޮޑަށް ފަސޭހަވާ ކަމެއްކަން ޢިލްމީ ހުރިހައި ދިރާސާއަކުން ވެސް އިއްތިފާޤުވެއެވެ. ވީމާ އަޅުގަނޑުމެންގެ އަމިއްލަ މާދަރީބަސްކަމަށްވާ ދިވެހިބަހަށް ލޯބިކޮށް، ބަސް ކުރިއަރުވައި، އަންނާން އޮތް ޖީލުތަކަށް މި މުއްސަނދި ތަރިކަ ވާޞިލުކޮށްދިނުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ. މިއީ ދިވެހީންނަށް އޮތް ޤައުމީ ވާޖިބެކެވެ. ވަރަށް ބޮޑު އަމާނާތެކެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ދިވެހިބަސް ދެމިއޮތުމަކީ ދިވެހި ޤައުމާއި ޤައުމީ ޙުވިއްޔަތު ދެމިއޮތުމެވެ. ދިވެހިބަސް މަރުވާ ދުވަހަކީ ދިވެހި ޙުވިއްޔަތު ވަޅުލާންޖެހޭ ހިތާމަވެރި ދުވަހެވެ. މި ހިތާމަވެރި ދުވަސް މާތް ﷲ އަޅުގަނޑުމެން އެއްވެސް ދިވެއްސަކަށް ނުދައްކަވާށިއެވެ!

 

ބައެއް ލަފުޒުގެ މާނަ:

ހުވިއްޔަތު         ނ.    އޭނާއަކީ ކާކުކަން އަންގައިދޭ އަންގައިދިނުން. (ރަދީފުކުރާންޖެހޭ ލަފުޒެއް) identity

ބަވަނަވުން        މ.    މުޅި ދުނިޔޭގައި ފެތުރި އާންމުވެފައިވުން. (2) މުވާސަލާތާއި ވިޔަފާރި ފަދަ ކަންކަން ތަރައްގީވެ ފެތުރިގެންދިއުމުގެ ސަބަބުން ދުނިޔޭގެ ތަފާތު ގައުމުތަކުގައި އެއް ސަގާފަތެއް ބަލައިގަނެ އާންމުވެގެންދާ ދިއުން. globalize

ދިވެހިއްޔަތު        ނ.    ދިވެހިބަހާއި ތާރީޚާއި ސަގާފަތާއި ތަރިކައާ ބެހޭ ޢިލްމު (ރަދީފުކުރެވިފައި ނެތް ލަފުޒެއް) Maldivian studies

ލާޒިމު           ނއ.   (1) ކޮންމެހެން ކުރާންޖެހިފައިވާ. (2) ނުކޮށް ދޫކޮށްލައިގެން ނުވާ. compulsory

ޖީލު            ނ.    އެއް ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (2) ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް. generation         

ކޮމެންޓު