އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
18 ޖޫން 2026
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ އެންމެ ޙަރަކާތްތެރި މަތީތަޢުލީމުގެ މުއައްސަސާކަމަށް ދަންނަވާން އަޅުގަނޑު ޖެހިލުމެއްނުވެއެވެ. އެ ޔުނިވަރުސިޓީއިން ގެންދަވަނީ ޢިލްމީ ހުރިހައި މައިދާނެއްގައި ހަލުވިކަމާ އެކު ކުރިއަށް ފިޔަވަޅުތައް އަޅުއްވަމުންނެވެ. ބައިނަލްއަގުވާމީ އަދި ގައުމީ މައިދާނުގައެވެ.
ޙަރަކާތްތެރި މި ޔުނިވަރސިޓީއިން އެންމެ ފަހުން އިފުތިތާޙުކުރެއްވި [ގާނޫނީ ކުލިނިކު] (ލީގަލް ކުލިނިކު)އަކީ އެ ޔުނިވަރުސިޓީއިން ޙާޞިލުކުރެއްވި އާ މޭލުގަލެކެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ކުލިއްޔާ އޮފް ޝަރީއާ އެންޑް ލޯއިން އިސްނަންގަވައިގެން ގާއިމުކުރައްވައިފައިވާ [ލީގަލް ކުލިނިކު]އަކީ ރާއްޖޭގެ ގާނޫނީ ތައުލީމާއި، އެ ދާއިރާގެ ޢަމަލީ ތަމްރީނާއި އަދި އާންމު ޚިދުމަތުގެ ދާއިރާއަށް އައި މުހިންމު ތަރައްގީއެކެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، މިއީ [މޯލްޑިވްސް ބާރ ކައުންސިލުން އެކުރެޑިޓްކުރައްވައި، ހުއްދަދެއްވައިގެން ރާއްޖޭގައި ހުޅުވުނު ފުރަތަމަ ލީގަލް ކުލިނިކެވެ.
މި ކުލިނިކުގެ މައިގަނޑު މަގުސަދަކީ ގާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ޢަމަލީ މައިދާނަށް ނުކުތުމުގެ ކުރީން އެ ދަރިވަރުންނަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދިނުމާ އެމު، އާންމު ރައްޔިތުންނަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގާނޫނީ އެހީތެރިކަން ހޯދުމުގައި މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ފަރާތްތަކަށް އެއްވެސް އަގަކާ ނުލައި، މި ކުލިނިކު މެދުވެރިކޮށް ގާނޫނީ ލަފަޔާއި އިރުޝާދު ލިބުމުގެ ފުރުޞަތު ފަހިވެފައިވުމަކީ މި ކުލިނިކުގެ އެންމެ ބޮޑު ފައިދާކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. އެހެނީ ގާނޫނީ ވަކީލުންގެ ފަރާތުން ޚިދުމަތް ހޯދުމަކީ ފަގީރުންނަށް މިއަދު އަތްފޯރާފަށުގައި އޮންނަ ކަމެއް ނޫނެވެ.
އެހެންކަމުން މިއީ ގާނޫނީ ފަރުވާ ހޯދުމުގައި އޮންނަ ދިގު ކިޔޫތަކަށާއި ރައްޔިތުންގެ ނާއުންމީދުތަކަށް ނިމުމެއް ގެނައުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ގާނޫނީ ވަކީލުންގެ ޚިދުމަތް އަގުބޮޑުވުމުގެ ސަބަބުން ގިނަ ފަހަރަށް ނިކަމެތި ފަރާތްތަކަށް އެކި ޤަޟިއްޔާތަކުގައި ވަކާލާތުކޮށް އެ މީހުންގެ ހައްގު ހޯދުމުގައި ގިނަގުނަ ހުރަސްތަކާ ކުރިމަތިވެއެވެ. މި ކުލިނިކަކީ އެ ފަދަ ފަރާތްތަކަށް ހިލޭ އެހީތެރިކަން ފޯރުކޮށްދޭ، އިޖުތިމާއީ ވަރަށް ބޮޑު ޚިދުމަތެކެވެ.
ގާނޫނީ ދާއިރާއިން ކިޔަވައި ނިންމާ ދަރިވަރުން ވަކާލާތުކުރުމުގެ ހުއްދަ (ލައިސަންސް) ހޯދުމަށާއި، ހުވައިކުރުމުގެ ކުރީން ފުރިހަމަކުރާންޖެހޭ ތަމްރީނުތައް މި ކުލިނިކުގެ އެހީގައި ފުރިހަމަކުރެވޭނެ މަގު ފަހިވެފައިވާކަމީ މި ދާއިރާއިން ތައުލީމު ޙާޞިލުކުރާ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެކެވެ. ގާނޫނީ ދާއިރާގައި ފޮތްތަކުން ކިޔަވައިދޭ މާއްދާތަކުގެ އިތުރަށް، ހަގީގީ މައްސަލަތަކާ ކުރިމަތިލައި، ކަމޭދުންނާ މުއާމަލާތުކުރާނެ ގޮތާއި، މައްސަލަތައް ދިރާސާކުރާނެ ގޮތުގެ ފުރިހަމަ ތަޖުރިބާ ދަރިވަރުންނަށް މި ކުލިނިކުން ލިބިދެވޭނެއެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުލިނިކުން ލިބޭ ތަމްރީނުގެ ފުރުސަތުތަކަކީ ހަމައެކަނި އައިޔޫއެމްގެ ދަރިވަރުންނަށް އެކަނި އޮތް ފުރުސަތެއް ނޫނެވެ. ކޮންމެ މުއައްސަސާއަކުން ތައުލީމު ޙާޞިލުކުރިޔަސް ރާއްޖޭގައި ގާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކޮންމެ ދަރިވަރަކަށް ވެސް މި ކުލިނިކުގެ ބޭނުން ހިފޭނެއެވެ. ނަމަވެސް ގާނޫނީ ދާއިރާއިން ތަޢުލީމު ހާޞިލުކުރާން ބޭނުންވާ ދަރިވަރުންނަށް އެންމެ ރަނގަޅު މުއައްސަސާއަކަށް މިއަދު އައިޔޫއެމް މި ވަނީ ވެފައެވެ.
މި ޚިދުމަތްތަކުގެ އިތުރަށް ގާނޫނީ ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ކުލިކުން ކުރައްވާނެ މުހިންމު މަސައްކަތެކެވެ. އެކި ގާނޫނުތަކާއި ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ބޭނުންވާ [މައުލޫމާތު ދަންފަޅި]ތަކާއި މި ފަދަ އެކިއެކި ހަރަކާތްތައް ހިންގުން ވެސް މި ކުލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކުލިނިކުން ހިލޭ ފޯރުކޮށްދެއްވާ ޚިދުމަތްތަކުގެ ތެރޭގައި ގާނޫނީ ލަފާދެއްވުމާއި މައްސަލަތަލުގެ ފޯމުތައް ފުރުއްވުމާއި ލިޔުންތައް ފުރިހަމަކޮށްދެއްވުމާއި އެއްބަސްވުންތަކާއި [ޕަވަރ އޮފް އެޓަރނީ] ފަދަ ލިޔުންތައް ހައްދަވައިދެއްވުން ވެސް ހިމެނެއެވެ.
މި ކުލިނިކަށް އާންމުންގެ ފަރާތަކުން މައްސަލަ ހުށަހެޅުމާ އެކު، ލައިސަންސް ލބިވަޑައިގެންފައިވާ ޤާނޫނީ ވަކީލެއްގެ ބެއްލެވުމުގެ ދަށުން ދަރިވަރުންގެ ޓީމަކުން މައްސަލަ ދިރާސާކުރާނެއެވެ. އަދި ޔުނިވަރސިޓީގައި ޤާނޫނީ ވަކީލާއި ކަމޭދުންނާ އެކު، ބައްދަލުވުން ބާއްވައި ޤާނޫނީ ލަފާދެއްވާނެއެވެ. މި ކުލިނިކުގެ އާންމުންނާ ގުޅޭ ބައިގެ އިޖުރާތު އޮންނާނެ ގޮތް މި ދަންނަވައިލީއެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކަމާ ބެހޭ އިތުރު މަޢުލޫމާތު އެ ޔުނިވަރސިޓީގެ ވެބުސައިޓުން ލިބިވަޑައިގަންނަވާނެއެވެ. އަދި ގާނޫނީ އެހީތެރިކަން ހިލޭ ހޯއްދަވާން އެދިވަޑއިގަންނަވާ ނަމަ، https://tinyurl.com/56vk5yz3 މި ލިންކުން ވަދެވަޑައިގެން ކުރިއަށް ވަޑައިގަންނަވާންވީއެވެ.
އެއްވެސް ޝައްކެއް ނެތެވެ! ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި ފެއްޓެވި ޚިދުމަތަކީ ރާއްޖޭގެ ޢަދުލުގެ ނިޒާމަށާއި، ގާނޫނީ ތަޢުލީމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ މި ދާއިރާއިން ތަޢުލީމު ހާސިލުކުރަމުންދާ ޒުވާނުންނަށް ލިބުނު ރަނުގެ ފުރުސަތެކެވެ. މިއީ މުޖުތަމައުގައި ގާނޫނީ ހޭލުންތެރިކަން އިތުރުވެ، އަދުލުއިންސާފަށް ވާސިލުވުން ފަސޭހަވާނެ ކަމެކެވެ. މި މުހިންމު ޚިދުމަތް އިފުތިތާޙުކުރެއްވި ކަމަށް ޓަކައި އައިޔޫއެމްގެ ޚިދުމަތްތެރި ޓީމަށް ތަހުނިޔާ ދަންނަވަމެވެ.
ބައެއް ލަފުޒުގެ މާނަ:
ކަމޭދު ނ. މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. customer, client
މޭލުގާ މ. ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް. milestone
ދަންފަޅި ނ. (1) އެއް ކަމަކާ ބެހޭގޮތުން ބާއްވާ ޖަލްސާތަކަކުން ޖަލްސާއެއް. (2) ފޯރިބަހައިގެން ތިބޭ މީހުން ތިބޭން ޖެހޭ ގަޑިތައް. (3) ޝަރީއަތެއް ހިނގަމުންދާ އިރު ބާއްވާ ކޮންމެ ބައްދަލުވުމެއް. (4) ދުވާލަކު އިސްކޫލުގެ ކިޔެވުން އޮންނަ ގަޑިތައް. session
ޤަޟިއްޔާ ނ. ދެ ފަރާތެއްގެ ދެމެދުގައި ހިނގާ މައްސަލައެއް ކޯޓުގައި ބަލާބެލުން.