އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
18 ޖޫން 2026
ދިވެހިރާއްޖޭގެ އިގުތިސާދުގެ މައިބަދައަކީ މަސްވެރިކަމެވެ. އެތައް ހާސް ބަޔެއްގެ ދިރިއުޅުން މި މަސައްކަތާ ގުޅިފައިވާ އިރު، މަސްވެރީން ކުރާ ބުރަ މަސައްކަތަށް އެކަށީގެންވާ އާމްދަނީއެއް ލިބުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. ދާދިފަހުން ސަރުކާރުން މަސްވެރީންގެ އަތުން މަސްގަންނަ އަގު މަތިކުރުމަށް ނިންމި ނިންމުމަކީ، މަސްވެރި ޢާއިލާތަކުގެ ޖީބަށް ބޮޑު ލުޔެއް ލިބި، އެތައް ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ބަދަލުގެ ސަބަބުން މަސްވެރި ޢާއިލާތަކަށް ލިބުނު ފައިދާތަކާއި، މި ފަދަ ހެޔޮ ބަދަލުތައް ބަލައިގަތުމުގައި މުޖުތަމައުން ފަސްޖެހޭ ފަސްޖެހުމަކީ އެ ކަމާ މެދު ވިސްނައިލާން ޖެހޭ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.
މަސް ގަންނަ އަގު ބޮޑުވުމަކީ ހަމައެކަނި އޮޑިވެރިޔާއަށް ނުވަތަ ކެޔޮޅަށް ލިބޭ ކުރިއެރުމެއް ނޫނެވެ. މިއީ މުޅި މަސްވެރި ޢާއިލާއަށް އަދި ޖުމުލަކޮށް މުޅި ދިވެހި މުޖުތަމަޢަށް އޭގެ ހެޔޮ އަސަރު ކުރާ ކަމެކެވެ.
· ދިރިއުޅުމުގެ ފެންވަރު މަތިވުން: ކާބޯތަކެއްޗާއި، ތައުލީމާއި، ސިއްހީ ކަންކަމަށް ކުރަންޖެހޭ ހޭދަ ފަސޭހަކަމާއެކު ބެލެހެއްޓުމުގެ ގާބިލުކަން ޢާއިލާތަކަށް ލިބެއެވެ.
· މަސައްކަތަށް ލިބޭ ހިތްވަރު: ކުރާ މަސައްކަތަށް އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބުމުން، މަސްވެރިކަމުގެ ދާއިރާގައި ދެމިތިބުމަށާއި، ދޯނިފަހަރާއި ވަސީލަތްތައް ތަރައްގީކުރުމަށް މަސްވެރީންނަށް އާ ހިތްވަރެއް ލިބެއެވެ.
· ރަށްރަށުގެ އިގުތިސާދު ދިރުން: މަސްވެރީންނަށް ލިބޭ އާމްދަނީ އިތުރުވުމުން، ރަށްރަށުގެ ފިހާރަތަކާއި ކުދި ވިޔަފާރިތަކުން ކުރާ ވިޔަފާރި އިތުރުވެ، މުޅި ރަށުގެ ދައުރުވުން ހަލުވިވެއެވެ.
· ރަށުތެރެ ތިޔާކިވުން: ކަޅުބިލަމަހަކީ ދިވެހީންގެ ދުވަހީ ކެއުމާ ގުޅިފައިވާ އެއްޗަކަށްވާތީ ލައިގެންކާއެއްޗެހީގެ ގޮތުން ރަށުތެރެ ތިޔާގިވެގެން އާދެއެވެ. އަދި އެކި ބާވަތުގެ ހެދިކާއާއި މަސްހުނި ފަދަ ތަކެތި ހަދާން ބޭނުންވާ މަސް ފަސޭހައިން ލިބި ޚަރަދު ވެސް ކުޑަވެއެވެ.
މަސް ގަންނަ އަގު މަތިކުރުމަކީ މަސްވެރީންނަށް ލިބުނު ވަރަށް ބޮޑު ފައިދާއަކަށް ވިޔަސް، މުޖުތަމައުގެ ތެރެއިން މިފަދަ ބޮޑެތި ހެޔޮ ބަދަލުތަކުގެ އަގުވަޒަންކޮށް، އުފާ ފާޅުކުރާ ތަން ފެންނަނީ ވަރަށް މަދުންނެވެ. މި ކަމުގެ މައިގަނޑު ސަބަބުތަކަކީ:
1. ނުކުރެވޭ ކަންކަމަށް އެކަނި ފޯކަސްކުރުން: ގިނަ ފަހަރަށް މީހުންނަށް ބެލެވެނީ އަދިވެސް ހައްލުނުވެ ހުރި ކަންކަމަށެވެ. ކަމެއް ހައްލުވެއްޖެ ނަމަ، އެ ހިސާބުން އެ ކަން ހަނދާންނައްތައިލައެވެ. މަސް ގަންނަ އަގު ބޮޑުވުމުން އެ ކަން ފާހަގަކުރުމަށް ވުރެ ބޮޑަށް، ގަނޑުފެން ލިބުމުގައި ދަތިކަމެއް ހުރެއްޖެ ނަމަ، ނުވަތަ ޑީސަލް ލިބުމުގައި އެއްވެސް ދައްޗެއް ކުރިމަތވެއްޖެ ނަމަ، އެ ކަމެއް މާ ބޮޑަށް ފާހަގަކުރެވެއެވެ. އެ ޝަކުވާ މާ ބޮޑުކޮށްލެވެއެވެ. ލިބުނު ފައިދާއަށް ޓަކައި ﷲއަށް ޝުކުރުކުރުމުގެ ބަދަލުގައި އަޅުގަނޑުމެން އަވަސްވެގަންނަނީ، ނުވެ ހުންނަ ކަންކަމުގެ ޝަކުވާތައް ކުރާށެވެ. ނަމަވެސް މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. وإذ تأذن ربكم لئن شكرتم لأزيدنكم ولئن كفرتم إن عذابي لشديد ([އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكرކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكرނުކޮށް) كافرވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.]) (سورة ابراهيم :7)
2. ސިޔާސީ ނަޒަރަކުން ކަންކަމަށް ބެލުން: ގައުމުގައި ހިނގާ ކޮންމެ ހެޔޮ ކަމަކީ ވެސް ވަކި ބަޔަކު ކުރި ކަމަކަށް ވާތީ، ސިޔާސީ ފިކުރުގެ ސަބަބުން ބައެއް ފަހަރު ތެދުވެރިކަމާ އެކު [ޝުކުރިއްޔާ]އޭ ބުނާން ބައެއް މީހުން ފަސްޖެހެއެވެ. މިއީ ކަންކަމުގެ ހަގީގީ މަންފާ ފޮރުވިގެންދާ ސަބަބެކެވެ. އަދި ތިމާ ހިތްހަމަނުޖެހޭ ސަރުކާރެއް އޮތް ނަމަ، އެ ސަރުކާރަކުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށްފި ނަމަ، ރައްޔިތުންގެ ތާއީދު ބޮޑުވެދާނެތީ ޝުކުރުވެރިވާން ޖެހިލުންވަނީއެވެ. އަދި ކިތަންމެ ކުޑަ ނުރަނގަޅު ކަމެއް ފެނުނަސް އެއީ ބޮޑު ފަރުބަދައަކަށް ހަދައިގެން އެ ކަން އިޝްތިހާރުކުރެވެނީއެވެ. އެ ކަމަކު މަސް ގަންނަ އަގު މަތިކުރީ ތިމާ ތާއީދުކުރާ ސަރުކާރަކުން ނަމަ، އެ ވާހަކަ ހުއްޓައިނުލައިދައްކާނެއެވެ.
ދިވެހިރާއްޖޭގެ އިގުތިސާދުގެ [ލޭނާރު]ކަމަށް ކިޔަމުން އަންނަ މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކޮށް، މަސްވެރީން ކުރާ ބުރަ މަސައްކަތަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއްކަމަށް އަޑުއިވެއެވެ. އެހެންކަމުން ދައުލަތުގެ މަސް ކުންފުނި (މިފުކޯ)އިން މަސްވެރީންގެ އަތުން މަސްގަންނަ އަގަށް އެކި ދުވަސްވަރު މަތީން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
· 2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކާ އެއް ގޮތަށް ރާއްޖޭގައި ވެސް މަސް ގަންނަ އަގު މުރާޖައާކޮށް ބަދަލު ގެންނަ ގޮތަށް ހަމަޖެއްސެވިއެވެ. އެ ބަދަލު ގެނެވުނެވެ.
· ނަމަވެސް 2023ވަނަ އަހަރުގެ ފަހުކޮޅު، ރިޔާސީ އިންތިޚާބުގެ ކެންޕޭނުގެ އެންމެ ފޯރި ގަދަ ދުވަސްކޮޅު އޭރުގެ ސަރުކާރުން ކަޅުބިލަމަސް ކިލޯއެއް މަސްވެރީންގެ އަތުން ގަންނަ އަގު -/17 ރުފިޔާއިން -/25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، އޭރު ދުނިޔޭގެ ބާޒާރުގައި ކިލޯއެއްގެ އަގު ހުރިކަމަށްވަނީ ދިވެހި ރުފިޔާއިން ބަލާ ނަމަ، 14 ރުފިޔާއަށެވެ. އެހެންކަމުން މިއީ ދުނިޔޭގެ ބާޒާރުގެ އަގުތަކާ އަޅައިބަލާ އިރު ކުންފުންޏަށް ބޮޑު ގެއްލުމެއް ކުރިމަތިވި އަގަކަށްވިއެވެ. އެހެނީ މިއީ ކޮންމެ ގޮތަކުން ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޓަކައި މަސްވެރީންގެ ވޯޓުކޮޅު ހޯދުމުގެ ބޭނުމުގައި އެޅި ސިޔާސީ ފިޔަވަޅެކެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި މަސް ހުރި އަގަށް ވުރެ ކިލޯއަކުން -/11 ރ. ބޮޑުކޮށް މަސް ގަނެ މަސްވެރީންނަށް އެ ފައިސާ ދޭނީ ކިހިނެއްތޯއެވެ؟ އެހެންކަމުން ފަހުން އަގުތައް ވަނީ މާރުކޭޓު ރޭޓަށް ދަށްކުރާން ޖެހިފައެވެ. އަދި އަގުބޮޑުކޮށްގެން އެތައް ހަފުތާއެއްވާ އިރު ވެސް މަސްވެރީންގެ އަތުން ގަންނަ މަހަށް މިފުކޯއިން ދޭންޖެހޭ ފައިސާ ނުދެވި އޮތް މައްސަލަ އޭރު އޮތީ ވަރަށް ބޮޑުވެފައެވެ. އެ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ދައުރު ނިމުނު އިރު ވެސް މި ކަން އޮތީ މިހެންނެވެ. މި ހުރިހައި ފައިސާއެއް މަސްވެރީންނަށްދީ ޚަލާސްކުރައްވާން ޖެހިވަޑައިގަތީ ޑރ. މުޢިއްޒުގެ ސަރުކާރަށެވެ. އަދި މިހާރު މަސްވެރީންގެ އަތުން ގަންނަ މަހަށް ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރައްވަމުން ދެންދަވާކަމަށް ކަމާ ބެހޭ އިދާރާތަކުން ވިދާޅުވެއެވެ. އެހެންކަމުން މިއީ ވެސް ފާހަގަކޮށްލާން ޖެހޭ، އަދި ޝުކުރުވެރިވާންޖެހޭ ކަމެކެވެ.
· މިފްކޯއިން މިހާރު ކަނޑައަޅުއްވައިފައިވާ އުސޫލުގެ ދަށުން ކަޅުބިލަމަސް ގަންނާނެ އެންމެ ދަށް އަގަކީ (ފްލޯ ޕްރައިސް) ކިލޯއަކަށް -/16ރުފިޔާއެވެ. މަސްވެރިކަން ދަށްވާ ދުވަސްވަރު މަސްވެރީންނަށް އެހީތެރިވުމުގެ ގޮތުން މި އަގު މަތިކުރެވެއެވެ. ދާދިފަހުން، ކަޅުބިލަމަސް ކިލޯއެއްގެ އަގު -/17 ރުފިޔާއިން 18/50ރުފިޔާއަށް އަދި އޭގެ ފަހުން މިހާރު ވަނީ -/20 ރުފިޔާއަށް މަތިކުރައްވައިފައެވެ. މި ކަން އެންމެ ދުވަހެއްގައި ނޫހެއްގައި ޖަހައިލުން ފިޔަވައި މި ވާހަކަ ދައްކާ މީހަކު ވެސް ނެތެވެ.
މަސްވެރީންގެ އަތުން މަސް ގަންނަ އަގު މަތިވުމަކީ ދިވެހި އިގުތިސާދުގެ ވިންދާ ގުޅިފައިވާ ކަމެކެވެ. މި ކަމުގެ ސަބަބުން މަސްވެރި ޢާއިލާތަކުގެ ދިރިއުޅުމަށް އައި ހެޔޮ ބަދަލަކީ އެންމެން ވެސް ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ.
އާދޭހެވެ! މުޖުތަމައެއް ކުރިއަރާނީ ހަމައެކަނި ޝަކުވާކޮށްގެންނެއް ނޫނެވެ. ސަރުކާރުން ނުވަތަ ކަމާ ބެހޭ ފަރާތްތަކުން ނުވަތަ ވަކިވަކި ފަރުދަކު ވިޔަސް ރައްޔިތުންގެ ލާބަޔާއި މަންފާއަށް ޓަކައި ކުރާ މި ފަދަ ބޮޑެތި އަދި ރަނގަޅު ކަންކަން ހިތުގެ އަޑީން ބަލައިގަނެ، އެ ކަމުގެ އަގުވަޒަންކޮށް މި ލިބުނު ނިޢުމަތަށް ޓަކައި ﷲއަށް ޝުކުރުވެރިވުމަކީ ކުރިމަގުގައި ވެސް މި ފަދަ އިތުރު ހެޔޮ ބަދަލުތަކަށް މަގުފަހިވާނެކަމެކެވެ. ލިބޭ ހިތާމަތަކަށް ޝަކުވާކުރުމުގެ ބަދަލުގައި އެއީ ﷲ މެދުވެރިކުރައްވާ އިމްތިޙާނުކަމަށް ދެކި ކެތްތެރިވުމާ އެކު، ލިބޭ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އިސްލާމްދީން އަންގަވައިފައިވާ ގޮތެވެ. އަޅުގަނޑުމެންނަށް ނިޢުމަތްތައް އިތުރުވާނީ އެ ގޮތުންނެވެ. އަދި ނިޢުމަތްތައް ލިބުމުގައި މާތް ﷲ ސަބަބުވެރިކުރެއްވި އިންސާނުންނަށް ވެސް ޝުކުރު އަދާކުރާންޖެހެއެވެ. އެހެނީ ކައު އިތުރު މާތް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރައްވައިފައިވާކަމަށް أَبِي هُرَيْرَةَ رضي الله عنهގެ އަރިހުން ވާރިދުވެފައިވަނީ [لا يشكر الله من لا يشكر الناس] (މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، ﷲއަށް ޝުކުރުވެރިއެއް ނުވާނެއެވެ.) މި ފަދައިންނެވެ. (رواه أحمد:9944). މި ޙަދީސް ޝަރަޙަކޮށްދެއްވަމުން ޝައިޚު އިބްނު ބާޒު ވިދާޅުވެފައިވަނީ މި ފަދައިންނެވެ. [ހަމަކަށަވަރުން، މީހުން ކޮށްދޭ ހެޔޮކަންކަމާއި އިޙުސާންތެރިކަމަށް ޝުކުރުވެރިނުވުމަކީ އެ މީހެއްގެ ތަބީޢަތާއި އަޚުލާޤުގައި ހުންނަ ސިފައެއް ކަމުގައިވާ ނަމަ، އޭނާގެ ނުބައި އަޚުލާޤާއި ހަރުކަށިކަމުގެ ސަބަބުން (ނުވަތަ ހިތް ހަރުކަމުން)، އޭނާ ﷲއަށް ވެސް ޝުކުރުވެރިއެއް ނުވާނެއެވެ. އެހެނީ، މި ފަދަ ޙާލަތެއްގައި އޭނާގެ މައްޗަށް ބޮޑަށް އިސްވާނީ ﷲ އަށް ޝުކުރުވެރިނުވުމުގެ ސިފައެވެ.] މި ޢިބާރާތުން ދޭހަކޮށްދެނީ، މީސްތަކުން ކޮށްދޭ ހެޔޮ ކަންކަމަށް ޝުކުރުވެރިވުމުގެ އާދަ ނެތް މީހާގެ ކިބައިގައި ހުންނަ ހިތް ހަރުކަމާއި ނުބައި އަޚުލާގުގެ ސަބަބުން، ﷲ ތަޢާލާ އޭނާއަށް ދެއްވާ ނިޢުމަތްތަކަށް ވެސް ޝުކުރުވެރިވުމުން އޭނާ މަޙުރޫމުވާނެ ވާހަކައެވެ. މިއީ [لا يشكر الله من لا يشكر الناس] (މީސްތަކުންނަށް ޝުކުރުވެރިނުވާ މީހާ، ﷲ އަށް ޝުކުރުވެރިއެއް ނުވާނެއެވެ.) މި ޙަދީސްފުޅުގެ މާނަ ތަފުސީލުކޮށްދެއްވުމަށް ޓަކައި ޝައިޚު އިބްނު ބާޒު ބޭނުންފުޅުކުރައްވައިފައިވާ ޢިބާރާތެއްގެ އަވަސް ތަރުޖަމާއެކެވެ.
އެހެންކަމުން އަޅުގަނޑުމެންނަށް ލިބޭ ނިޢުމަތްތައް އިތުރުކުރާން ބޭނުން ނަމަ، އަޅުގަނޑުމެންނަށް ދިމާވާ ހިތްހަމަނުޖެހޭ ކުދިކުދި ކަންކަމުގެ މަތީން ހަނދާންނައްތައިލައި އަޅުގަނޑުމެންނަށް ﷲ ދެއްވައިފައިވާ އަދި ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރިވާން ޖެހޭނެއެވެ. ﷲ ދެއްވާ ނިޢުމަތްތައް ލިބުމުގައި އެކަލާނގެ ސަބަބުވެރިކުރެއްވި ފަރާތްތަކަށް ވެސް ޝުކުރުވެރިވާންޖެހޭނެއެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ދައްކަވައިފައިވާ ރީތި އަޚުލާޤަކީ މިއީއެވެ. މި ގޮތުގެ މަތީން، އިސްލާމްދީން އަޅުގަނޑުމެންނަށް ދެއްވައިފައިވާ އަގުހުރި އިރުޝާދުތަކަށް ތަބާވަ ނަމަ، ހުރިހައި ވެސް ފައިދާއެއް ހުރީ އަޅުގަނޑުމެންނަށެވެ. ﷲއީ އެއްވެސް ފަރާތެއްގެ އެހީއަކަށް ބޭނުންވެވޮޑިގެންނުވާ، އަދި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.