އަބާ މުޙަންމަދު
16 ޖޫން 2026
ކެމިކަލާ ނުލައި ހައްދައިފައި ހުންނަ، ޞިއްޙީ ގޮތުން ރަނގަޅު، (organic) ކާނާ ގިނަ ބަޔަކު އިޚުތިޔާރު ކުރަނީ ތަފާތު ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި ކެމިކަލާއި އެކި ބާވަތްބާވަތުގެ ފަނިފަކުސަ މަރާން ބޭނުންކުރާ ކެމިކަލުތަކަށް ހުށަހެޅިދާނެތީ ބިރުގަތުމާއި، ދަނޑުވެރިކަމުގެ ވަކި ކަހަލަ އުސޫލުތަކަކަށް ތާއީދުކުރުމާއި ތިމާވެށްޓަށް ސަމާލުކަން ދިނުން ފަދަ ސަބަބުތައް ހިމެނެއެވެ. ޝައްކެއް ނެތް ގޮތުގައި، ކެމިކަލާ ނުލައި ހައްދައިފައި ހުންނަ، (އޯގަނިކު) ކާނާއަކީ ރަނގަޅު އެއްޗެއްކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް މި ބާވަތުގެ ކާނާ އިނބަ ބޭނުންކުރުމުގެ މައިގަނޑު ބޭނުމަކީ ސިއްހަތަށް ފައިދާހުރި ގޮތްތައް އިޚުތިޔާރުކުރުން ކަމުގައިވާ ނަމަ، އިނބަ ބައްލަވައިގަންނަވާ ކޮންމެ ތަރުކާރީއަކާއި މޭވާއަކީ ކެމިކަލާ ނުލައި ހައްދައިފައި ހުންނަ (އޯގަނިކް) އެއްޗަކަށް ވުން މަޖުބޫރެއް ނޫންކަމަށް ކާނާގެ މާހިރުން ވިދާޅުވެއެވެ. ވިސްނުންތެރިކަމާ އެކު ބާޒާރުކޮށްފި ނަމަ، އާދައިގެ ގޮތަކަށް ހައްދައިފައިވާ (ކޮންވެންޝަނަލް) ގިނަ ބާވަތްތަކަކީ ވެސް ސިއްޙަތަށް ފައިދާ ހުރި ކާނާއަކަށް ހެދިދާނެއެވެ.
ކެމިކަލާ ނުލައި ހައްދައިފައި ހުންނަ، )އޯގަނިކު( ބާވަތްތަކަކީ އަގުބޮޑު އަދި ބައެއް މީހުންނަށް ފަސޭހައިން ލިބެން ނުހުންނަ އެއްޗެއްނޫނެވެ. ކޮންމެ އެއްޗަކީ އޯގަނިކު އެއްޗަކަށް ހެދުމަށް ވިސްނައިވަޑައިގަތުމުގެ ބޭނުމެއް ނެތެވެ. ބަދަލުގައި، މާހިރުން ލަފާދެއްވަނީ މޭވާއާއި އެކި ބާވަތްބާވަތުގެ ތަރުކާރީއާއި ގޮދަނާއި ހަނޑުލުގެ ބާވަތްތައް (ހޯލް ގްރެއިންސް) އާއި މި ނޫނަސް ފައިދާހުރި ކާނާ ހިމެނޭ ހެން މުޅި ކެއުމުގެ ވައްޓަފާޅިއަށް އިސްކަންދިނުމަށެވެ. ކާނާގެ މާހިރުން (ޑައިޓީޝަނުން) ވިދާޅުވާ ގޮތުގައި މި ދަންނަވާ އަށް ބަވަތުގެ ތަރުކާރީއާއި މޭވާ އިނބަ ބައްލަވައިގަންނަވާ އިރު، އެއީ ކޮންމެހެން ކެމިކަލާ ނުލައި ހައްދައިފައި ހުންނަ އެއްޗެއްތޯ ބައްލަވާކަށް ނުޖެހޭނެއެވެ. އާދައިގެ ގޮތްގޮތަށް ހަދައިފައި ހުންނަ މި ބާވަތުގެ ކާނާގެ ތެރެއިން ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ކާނާއާ ބެހޭ މާހިރުން ލަފާދެއްވާ ބާވަތްތައް ދަންނަވައިލާނަމެވެ.
ކޮންމެހެން އޯގަނިކުކޮށް ހައްދައިފައި ހުއްޓައި ގަންނާންނުޖެހޭ ކާނާގެ އެންމެ އާންމު މިސާލަކީ އެންމެންގެ މެދުގައިވެސް މަގުބޫލު ދޮންކޭލެވެ. ކެއިޓްލިން ހެމްޕްފްލިންގ ވިދާޅުވާ ގޮތުގައި، ދޮންކެޔޮ ހިމެނެނީ "ކްލީން ފިފްޓީން"ގެ (އެންމެ ކެމިކަލް މަދު 15) ބާވަތް)ގެ ލިސްޓުގައެވެ. ދޮންކޭލުގެ ބޯ ތޮށިގަނޑަކީ ކެމިކަލަށް އޮންނަ ގުދުރަތީ ހުރަހަކަށް ވެފައި، އޭގެ އެތެރޭގައިވާ ކެވޭ ބައި ކެމިކަލްތަކުން ރައްކާތެރިކޮށްދޭތީއެވެ.
ކޭލެޔެކޭ އެއްފަދައިން، އެވަކާޑޯގައި ވެސް ކެއުމަށް ބޭނުންނުކުރާ ބޯ ތޮށިގަނޑެއް ބޭރުގައި އޮވެއެވެ. އޭގެ އެތެރޭގެ އޮށާއި ތޮށިގަނޑާ ދެމެދު އޮންނަ ކަ ބައި، ތޮށިގަނޑުން ރައްކާތެރިކޮށްދޭތީ، ކެވޭ ބައިގައި ކެމިކަލްގެ އަސަރު ހުންނަ މިންވަރު ވަރަށް މަދެވެ. އެހެންކަމުން، އާދައިގެ އެވަކާޑޯއަކީ ވެސް ކެމިކަލުން ރައްކާތެރިވެފައިވާ މޭވާއެކެވެ.
އަލަނާސީގެ ހަރު ތޮށިގަނޑަކީ ކާނާއާ ބެހޭ މާހިރުން އާދައިގެ އަލަނާސި ބޭނުންކުރާން ޖެހިލުންނުވާ ސަބަބެކެވެ. ކެއުމުގެ ކުރިން ބޭރު ތޮށިގަނޑު މަށާތީ، ކެވޭ މޭވާގެ ބަޔަށް ކެމިކަލްގެ އަސަރު ފޯރުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
ފިޔާއަކީ ޕެސްޓިސައިޑްގެ އަސަރު އެންމެ ކުޑަކޮށް ހުންނަ ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. ކެއުމުގެ ކުރިން އޭގެ ބޭރު ތޮށި ނޮޅައިލެވޭތީ، ކެމިކަލްތަކަށް ހުށަހެޅުން އިތުރަށް ކުޑަކޮށްދެއެވެ.
ކެމިކަލްގެ މިންވަރު މަދު ތަރުކާރީއާއި މޭވާގެ ލިސްޓުތަކުން ފެންނަ އަނެއް ބާވަތަކީ ކިވީއެވެ. ބައެއް މީހުން ފައިބަރުގެ ބޭނުމުގައި އޭގެ ތޮށިގަނޑާ އެކު ކެއި ނަމަވެސް، ގިނަ މީހުން ތޮށި މަށައިގެން ކާތީ ނުވަތަ ތޮށި ނުކާތީ، ކެމިކަލްގެ އަސަރު ހުންނަ މިންވަރު އިތުރަށް ހަނިވެގެންދެއެވެ.
ތޮށިގަނޑާއެކު ކެވޭ ކޮންމެ އެއްޗަކީ އޯގަނިކުކޮށް ގަންނާންޖެހޭ އެއްޗެއް ނޫނެވެ. ހައިރާންކުރުވަނިވި ބައެއް ބާވަތްތައް ވެސް އެބަހުއްޓެވެ. އޭގެތެރެއިން އެކައްޗަކީ ކެރެޓުކަމަށް ހެމްޕްފްލިންގ ވިދާޅުވެއެވެ. އަދި އާދައިގެ ކެރެޓު ކެއުމުގައި ބޭނުންކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.
ކޮލިފްލާވަރަކީވެސް ބާޒާރުކުރާ މީހުން އޯގަނިކުކޮށް ގަތުމަށް އިސްކަންދޭންނުޖެހޭ ތަރުކާރީއެއްކަމަށް ކާނާއާ ބެހޭ މާހިރުން ވިދާޅުވެއެވެ. މިއީ މުޅި އެތި އެއްކޮށް ކެވޭ އެއްޗަކަށް ވިޔަސް، އެހެން ގިނަ ތަރުކާރީގެ ބާވަތްތަކާ އަޅާބަލާއިރު އޭގައި ކެމިކަލްގެ އަސަރު ހުންނަ މިންވަރު ނިސްބަތުން މަދެވެ.
ގޭގެ ބަދިގެއަށް ބޭނުންވާ އަސާސީ ތަކެތީގެ ވާހަކަ ދައްކާއިރު، ބައެއް ޑައިޓީޝަނުން ވިދާޅުވަނީ ގޮދަނާއި ހަނޑުލުގެ އޯގަނިކު ބާވަތްތަކަށް އިތުރަށް ޚަރަދުކުރަން މަޖުބޫރުވާނެކަމަށް ހީނުކުރުމަށެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އާދައިގެ ގޮވާން ވެސް ރަނގަޅެވެ. އަދި އެއީ ބާޒާރުކުރުމުގައި ފައިސާ ސަލާމަތްކުރަން ލިބޭ ރަނގަޅު ފުރުސަތެކެވެ. "އޯގަނިކު ގޮވާމަކީ ވަރަށް އަގުބޮޑު އެއްޗެހިކަމަށް މެޓަބޮލިކް ޑައިޓީޝަން އަދި ކޮމްޕާސް ނިއުޓްރިޝަންގެ ވެރިޔާ އަދިއާނާ ކާސްޓްރޯ ވިދާޅުވެއެވެ. [އަހަރެން އިސްކަންދޭނީ އޯގަނިކް ބާވަތްތަކުގެ ބަދަލުގައި އާދައިގެ ބާވަތްތައް ނެގިޔަސް، ރިފައިންޑް (ސާފުކޮށްފައިވާ) އެއްޗެހީގެ ބަދަލުގައި ހޯލް ގްރެއިންސް އިޚުތިޔާރުކުރާށެވެ. އޯގަނިކު ގޮވާމާއި އާދައިގެ އެއްޗެއްގެ ތަފާތަށް ވުރެ، ހޯލް ގްރެއިންސް ބޭނުންކުރުމުން ސިއްހަތަށް ކުރާ ހެޔޮ އަސަރު މާ ބޮޑުވާނެއެވެ."
އެހެން އިބާރާތަކުން ދަންނަވާ ނަމަ، ހުދު ހަނޑުލުގެ ބަދަލުގައި ރަތް ނުވަތަ މުށިކުލައިގެ ހަނޑޫ އިޚުތިޔާރުކުރުން ނުވަތަ ހުދު ޕާން (ވައިޓް ބްރެޑް)ގެ ބަދަލުގައި ހޯލް-ވީޓް ބާވަތްތައް އިޚުތިޔާރުކުރުމަކީ، އޯގަނިކު އެއްޗެއް ހޯދުމަށް ވުރެ ސިއްހަތަށް މާ ފައިދާހުރި ގޮތެކެވެ.