އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
14 ޖޫން 2026
ވެރިކަން ބަދަލުކުރުމުގެ މަގުސަދުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ހަމަލާދޭން ފެށިތާ މިހާރު 100 ދުވަސް ވެއްޖެއެވެ. މި ދިޔަ އެޕުރީލު މަހުން ފެށިގެން، ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ވަގުތީ އަދި ނާޒުކު އެއްބަސްވުމެއް ގާއިމުވެފައި އޮތް ނަމަވެސް، ދޭތެރެ ދޭތެރެއިން ދެ ފަރާތުން ބަދަލުކުރާ ހަމަލާތަކުގެ ސަބަބުން މި އެއްބަސްވުމާ ތަކުރާރުކޮށް ދަނީ ޚިލާފުވަމުންނެވެ. ނަމަވެސް ޕާކިސްތާނު މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އަނެއްކާ ވެސް ދާއިމީ އެއްބަސްވުމަކާ ވަރަށް ކައިރިއަށް އާދެވިއްޖެކަމަށް އެމެރިކާއިން ބުނެއެވެ. އީރާނުން ވެސް މި ކަމާ މުޅިއަކުން ދެކޮޅެއް ނަހަދައެވެ. ހަމަ މިއާ އެކު ފާހަގަކޮށްލާން ޖެހޭ ކަމަކީ އިޒުރޭލުން ލުބުނާނަށް ދޭ ޙާމަލާތަކަށް އަދިވެސް ހުއްޓމެއް އައިސްފައިނުވާކަމެވެ. ހަމަ މި ފަދައިން އިޒުރޭލުގެ ޙަމަލާތަކުގެ ރައްދުގައި ޙިޒުބުﷲއިން ވެސް އިޒުރޭލަށް ޙަމަލާދެމުންދާކަމެވެ. އަދި ހުރުމުޒު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައިކަމެވެ. އެމެރިކާއަކަށް އީރާނުގެ މައްޗަށް ހުރުމުޒުގެ ކޮންޓުރޯލު އަތެއްނުލެވުނެވެ.
އެމެރިކާއާއި އީރާނަށް ވެސް މުޅީން މަގުސަދުތައް ހާސިލުވެފައިނުވާތީ އަދިވެސް ސުލްހަ އޮތީ އެހައި ކައިރީގައިކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެމެރިކާއާއި އިޒުރޭލުގެ މަގުސަދަކީ ހަމައެކަނި އީރާނުގެ ނިއުކުލިއަރު ޕުރޮގްރާމު ނައްތައިލުމެއް ނޫނެވެ. އޭގެ އިތުރަށް، އީރާނުގެ ސަލާމަތީ އަދި އަސްކަރީ ނިޒާމު ބަލިކަށިކޮށް، އެ ގައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ގޮނޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށްގެން އީރާނުގެ ތެލާއި ގޭހުގެ މައްޗަށް ވެރިވެގަތުމަށް މަގުފަހިކުރުމަކީ އެމެރިކާގެ އެންމެ މުހިންމު އަމާޒެވެ.
ނަމަވެސް އީރާނުގެ އެންމެ މުހިންމު މަގުސަދަކީ ކޮންމެ ފަދަ ގުރުބާނީއެއްވެގެން ނަމަވެސް، އެ ގައުމުގެ ވެރިކަމުގެ ނިޒާމު ރައްކާތެރިކޮށް އެ ނިޒާމުގެ ދެމިއޮތުން ކަށަވަރުކުރުމެވެ. މި ނަޒަރުން ބަލާ އިރު، މިހައި ތަނަށް ކުރިލިބިފައިވަނީ އީރާނަށްކަމަށް ދެންނެވިދާނެއެވެ.
މި ހަމަނުޖެހުންތަކުގައި އީރާނުގެ 3400އަށް ވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ސިޔާސީ އަދި އަސްކަރީ ދާއިރާގެ މުހިންމު އެތައް ޝަޚުޞިއްޔަތުތަކެއް ހިމެނެއެވެ. މި ކަމުގެ ސަބަބުން އީރާނުގެ އިދާރިއްޔަތާއި ހަތިޔާރުގެ ސިނާޢަތާއި ނިއުކުލިއަރު ޕުރޮގްރާމު ރައްކާތެރިކުރުމަށް އެ ގައުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން އެއީ ހަގީގަތެކެވެ.
ހަމަނުޖެހުން ފެށުނު ފުރަތަމަ ދެ ހަފުތާގެ ތެރޭގައި، އީރާނުގެ މިސައިލާއި ޑުރޯނު ހަމަލާތައް 90 އިންސައްތަ ދަށަށް ދިޔައެވެ. އެއީ ހަމަލާދޭ ހަރުތައް އައު ކުރެވޭ ވަރަށް ވުރެ އަވަސްއަވަހަށް އެމެރިކާ އާއި އިސްރާއީލުގެ ޙަމަލާތަކުން ހަލާކުކޮށްލުމުގެ ސަބަބުންނެވެ. މިއީ ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި އީރާނުން އުފެއްދި ދިފާއީ ބާރު އެހައި ވަރުގަދަ ނޫންކަން ދައްކުވައިދިން ކަމެކެވެ. ނަމަވެސް އެމެރިކާގެ ހަތިޔާރުގެ އަގުބޮޑުކަމާއި ހަތިޔާރުގެ އިސްޓޮކު މަދުވުމުގެ ސަބަބުން މި ޙަމަލާތައް މަޑުޖެހުމުން އީރާނުން ވަނީ ހަމަލާދޭ ހަރުތައް މަރާމާތުކޮށްފައެވެ.
މީގެ ކުރީން 2025ވަނަ އަހަރު އިޒުރޭލުން ފެށި 12 ދުވަހުގެ ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ނިޔުކުލިއަރު ޕުރޮގުރާމަށް މި ފަހަރު ވެސް އިތުރު ހަމަލާތަކެއް އަމާޒުވިއެވެ. މީގެ އިތުރަށް މަދަނީ ބިނާރުތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްލިބި ސުންނާފަތިވިއެވެ. ހަނގުރާމަ ފެށުމުގެ ކުރީންވެސް އަޑިއަޅައިލައިފައިވާ އީރާނުގެ އިގުތިސާދު، މި ކަމުގެ ސަބަބުން އިތުރަށް ވަނީ ބަލިކަށިވެފައެވެ.
އަނެއްކޮޅުން، ސަރަހައްދުގެ އެކި ގައުމުތަކުގައި އީރާނަށް އެހީތެރިވެދޭ މަދަދުގާރުންގެ ވިއުގަ ދަނީ ދުވަހެއްދުވަހަކަށް ބަލިކަށިވަމުންނެވެ. އެމެރިކާގެ ސިފައިން ތިބޭ ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދިނުމުގެ ސަބަބުން، މީގެ ކުރިން އީރާނުން ގުޅުން ބަދަހިކުރާން މަސައްކަތްކުރި އަވަށްޓެރި ގައުމުތަކާ އޮތް ގުޅުން މިހާރު ވަނީ އިތުރަށް ހީނަރުވެފައެވެ.
ހަމަ މި ފަދައިން މި ހަނގުރާމައިގެ ސަބަބުން އީރާނާ އިދިކޮޅު ފަރާތްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އީރާނުގެ މިސައިލުތަކާއި ޑުރޯންތަކުން ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ހަލާކުކޮށްލައިފައިވާ އިރު، މީގެ ސަބަބުން އެމެރިކާގެ ރައްކާތެރިކަމުގެ ހިމާޔަތުގައި ތިބި ގަލފުގެ ގައުމުތަކުން އެމެރިކާއަށް ބަރޯސާވެގެން ތިބި ތިބުމަށް އޮތް ޔަގީންކަން ފުނޑުފުނޑުވިއެވެ. އަދި އެމެރިކާގެ ދިފާޢީ ބާރާ މެދު އޮތް އިތުބާރު ގެއްލުނެވެ. އިޒުރޭލުގެ ބޮޑެތި ސިޓީތަކަށް އީރާނާއި އީރާނަށް ތާއީދުކުރާ ޖަމާޢަތްތަކުން ދިން ޙަމަލާތަކުގެ ސަބަބުން ބަޔާންކުރާން ނޭނގޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބފައެވެ. މި ކަމުގެ ސަބަބުން އިގުތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އިޒުރޭލަށް ލިބިފައިވާ ގެއްލުންތައް ވަރަށް ބޮޑެވެ.
ގަލްފުގެ ގައުމުތައް ވަނީ އެ ގައުމުތަކުން ބޭނުންނުވާ ހަނގުރާމައެއްގެ ތެރެއަށް ގެނބި، އެ ގައުމުތަކުގެ އަމިއްލަ ފަސްގަނޑަށް ހަމަލާތައް އަމާޒުވެފައެވެ. އެމެރިކާއާ އެކު އެ ގައުމުތަކުން ބާއްވާ ގާތް ގުޅުމުގެ ބިންގާކަމުގައިވާ ސަލާމަތީކަންކަން ކަށަވަރުކަމުގެ އިތުބާރު މިހާރުވަނީ ފުނޑުފުނޑުވެފައެވެ.
އެހެންކަމުން، މި ހަނގުރާމައިގެ ސަބަބުން ދާއިމީ ގޮތެއްގައި ފޯރާނެ އެންމެ ބޮޑު އަސަރަކީ އީރާނުގެ ގާބިލުކަމަށް ލިބުނު ގެއްލުމަށްވުރެ ބޮޑަށް، ސަރަހައްދުގެ ސަލާމަތީ އޮނިގަނޑަށް ލިބުނު ގެއްލުމާއި އެ ކަމުގެ ނުތަނަވަސްކަމާއި އެމެރިކާއަށް އޮތް އިތުބާރު ނެތިގެންދިޔުމެވެ.
އެމެރިކާއާއި އިސްރާއީލުން ހަމަލާދޭން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ދުނިޔޭގެ ކަނޑުމަގުން އުފުލާ ތެލާއި ގުދުރަތީ ގޭސް (އެލް.އެން.ޖީ)ގެ 20 އިންސައްތަ ދުނިޔޭގެ ގައުމުތަކަށް ބޭރުކުރާ ހުރުމުޒު ކަނޑުއޮޅީން ކުރާ ކަނޑުގެ ދަތުރުފަތުރުތައް އީރާނުން ހަނިކުރާން ފެށިއެވެ.
މި ކަނޑުމަގު އަލުން ހުޅުވުމަށް ޓަކައި އެމެރިކާއިން މާރިޗު މަހު ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށި އިރު، އެޕްރީލް މަހު އީރާނުގެ ބަނދަރުތަކަށް ކަނޑުގެ މަގުން ހުރަސްތަކެއް އެޅިއެވެ. މި މަސައްކަތްތަކާ އެކު ވެސް، އެ ކަނޑުއޮޅި އަދިވެސް އޮތީ ބަންދުވެފައެވެ. މިހާރު އެތަނުން ދަތުރުކުރުމުގެ ހުއްދަ ލިބެނީ އީރާނުން ވަރަށް ބޮޑަށް ބަލައި ޗެކުކުރުމަށް ފަހު ހުއްދަދޭ މަދު އުޅަނދުތަކަކަށް އެކަންޏެވެ. އަދި އީރާނުގެ ބަދަރުތައް އެމެރިކާއިން ހިސާރުކޮށްގެން އޮތުމުގެ މަގުސަދު ވެސް އެމެރިކާއަކަށް ފުރިހަމައަކަށް ހާސިލެއް ނުވެއެވެ. އެހެނީ އެއްގަމު މަގުން ޗައިނާއަށް ތެޔޮ ބެރުކުރުމުގެ މަގު ޗައިނާއިން ތަނަވަސްކޮށްފައިވާތީއެވެ. އަދި ކަނޑުމަގުން ވެސް އެމެރިކާގެ ހިސާރުކުރުންތަކަށް ނުފެންނަ ގޮތަށް އީރާނުން ގެންދަނީ ހިސާބަކަށް ތެޔޮ ބޭރުކުރަމުންނެވެ.
ހާރިޖީ ދާއިރާގައި ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން އަސްކަރީ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ހުރުމުޒު ކަނޑުއޮޅި ސަލާމަތްކުރުމަށްޓަކައި ނޭޓޯއާއި ޔޫރަޕާއި އޭޝިއާގެ ބައިވެރީންގެ އެހީތެރިކަމަށް އެމެރިކާއިން އެދުމުން، އެ ގައުމުތަކުން އެ ކަމަށް އިންކާރުކުރިއެވެ. ޔޫރަޕުގެ ސަރުކާރުތަކުން ސިފަކުރި ގޮތުގައި މި ހަމަލާތަކަކީ އެމީހުންގެ އިޚުތިސާސުން ބޭރުގައިވާ ކަމެކެވެ.
އީރާނަށް ވިސްނޭ ގޮތުގައި، މި ނަތީޖާއިން ދައްކައިދެނީ އީރާނުގެ ދައުލަތުގެ މައިބަދައަށް ހަމަލާދިން ބާރަށް، އެންމެ ކަނޑުމަގަކުން ދަތުރުފަތުރު ހުޅުވުމަށް ޓަކައި ވެސް އޭގެ ބައިވެރީން އެއްބާރުލުންދޭން ނުކުޅެދުނުކަމެވެ. އެހެންކަމުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަކީ ހަމައެކަނި އިގުތިސާދީ ހަތިޔާރެއްގެ ގޮތުގައި އީރާނުން ދެކޭ ކަމެއް ނޫނެވެ. އެއީ އެމެރިކާއާއި އިޒުރޭލަށް ލިބުނު ސިޔާސީ އަދި އިސްތިރާޖީ ނާކާމިޔާބީއެއްގެ ގޮތުގައި ވެސް އީރާނުން ދެކެއެވެ. އަދި މިއީ [ދުޝަމަނުންނަށް] ގެއްލުންދިނުމުގެ ސިޔާސަތު ކާމިޔާބުވަމުންދާކަމުގެ ހެތްކެކެވެ.
މި ފަދަ ނަތީޖާތަކުން ހިތްވަރުލިބިގެން، އީރާނުން ވަނީ އެއްވެސް ޝަރުތަކާ ނުލައި އަމާންދިނުމަށް އެމެރިކާ ގޮވައިލި ގޮވައިލުމަށް އިންކާރުކޮށް، އެ ކަމަށް ބޯލެނބުމުގެ ބަދަލުގައި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އދ.މަޖިލީހުގައި ވެސް ރަޝިޔާއާއި ޗައިނާއިން ދެމުންދާ އެހީތެރިކަމުގެ ސަބަބުން، މި ހަނގުރާމައަކީ ވަކިވަކި ހަމަލާތަކެއްގެ ބަދަލުގައި، ބައިނަލްއަގުވާމީ ނިޒާމުގެ މައްޗަށް ހިންގާ ބޮޑު ވާދަވެރިކަމެއްގެ ބައެއްގެ ގޮތުގައި ދެއްކުމުގެ ފުރުސަތު އީރާނަށް ވަނީ ލިބިފައެވެ. ދުނިޔޭގެ ނިޔުލިއަރު ބާރުތަކެއްކަމަށްވާ ޗައިނާއާއި ރަޝިޔާއާއި އުތުރުކޮރެޔާއިން ތިބީ އީރާނަށް ތާއީދުކޮށްގެންނެވެ. މިއީ މި ހަމަނުޖެހުންތައް ކާމިޔާބުކުރުމުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ހުރަހެކެވެ.
ގައުމުގެ އެތެރޭގެ ހާލަތަށް ބަލާ އިރު، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއިން ވަނީ ވެރިކަމުގެ ހަރުދަނާކަމާއި ދެމެހެއްޓެނިވިކަން ދައްކައިދީގެން، ހަމަޖެހުން ހަންމަތަކޮށްފައެވެ. އީރާނުގެ އެތެރޭގެ ހަމަނުޖެހުންތަކަކީ އެމެރިކާއާއި އިޒުރޭލުގެ ޖާސޫސީ އިދާރާއިން ރާވައިގެން މާލީ އެހީ ދީގެން އުފެއްދި ހަމަނުޖެހުންތަކެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެންކަމުން މިހާރު ރައްޔިތުންގެ ގިނަ މީހުންގެ ނަފުރަތު އޮތީ އެމެރިކާއާއި އިޒުރޭލަށެވެ. އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ފަހު، މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ވަނީ އެ މަގާމަށް އައްޔަންކޮށްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިނުގަތުމުން އިތުރު ސުވާލުތަކެއް އުފެދުނު ނަމަވެސް، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ވަނީ ގައުމުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގައި ކާމިޔާބުވެފައެވެ. މި ކަމުގައި އެމެރިކާއަށް ވަނީ ޞަރީޙަ ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.
އަނެއްކޮޅުން ދުނިޔޭގެ އެންމެ ބާރު ގަދަ ގައުމުކަމަށް ދަޢުވާކުރާ އެމެރިކާއާއި އިޒުރޭލުން ހަތަރު ދުވަހުގެ ތެރޭގައި އީރާނު މުޅީން ފުނޑުފުނޑުކޮށްލާނެކަމަށް ބުނެ ފެށި ހަނގުރާމައިން އެމެރިކާއިން ނުނުކުމެވިގެން އުޅޭތީ ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާގެ ހައިބަތުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ތަކެއްޗާއި ޚިދުމަތުގެ އަގު އެމެރިކާގައި އެތައް ގުނައަކަށް އުފުލިފައިވާތީ އާންމުންގެ ނުރުހުމުގެ ސަބަބުން ސިޔާސީ ގޮތުން ވެސް ޓުރަންޕަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެމެރިކާގެ ރައީސް އެކި ފަހަރު އެކި ވާހަކަދެއްކިކަމަށް ވިޔަސް އީރާނުގެ ވެރީން ދައްކަވާ ވާހަކައިގެ ހަރުދަނާކަމާއި ސާމިތުކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ބަޔެއްގެ (ޚާއްޞަކޮށް ޢާންމުންގެ) ރުހުމާއި ލޯބިވަނީ އީރާނަށް އިތުރުވެފައެވެ.
އީރާނުގެ މިންގަނޑުން ބަލާއިރު، އީރާނުން ދެކެނީ ކުރިލިބިފައިވަނީ އެ ގައުމަށެވެ. އެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް އެމެރިކާއިން އެހީތެރިވެދީގެން ވެރިކަމުގެ ނިޒާމު ވައްޓައިނުލެވުން އެއީ އީރާނުގެ ވެރީންގެ ނަޒަރުގައި އެންމެ މުހިންމު ކާމިޔާބީއެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާ ދެމިއޮތްހައި ހިނދަކު، އެހެން ހުރިހައި ގެއްލުންތަކަކީ އަލުން އިއާދަކުރެވޭނެ އެއްޗެހިކަމަށް ސަރުކާރުން ދެކެއެވެ.
އީރާނުން މިހާރު މަސައްކަތްކުރަމުންދަނީ މި ޙާލަތު ބޭނުންކޮށްގެން ސަރަހައްދީ މަގާމު އަލުން އިއާދަކުރާށެވެ. ޚާއްސަކޮށް، މި ހަމަލާތައް ހުއްޓައިލުމުގެ ކޮންމެ އެއްބަސްވުމެއް ވެސް ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅުވައިގެންނެވެ. އެ ގައުމުން ބޭނުންވަނީ ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކުރުމުގައި ބައިވެރިވާ ގައުމެއްކަމަށް ސާބިތުކޮށްދޭށެވެ.
މިކަމުގެ ބޭނުމަކީ ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ގެއްލިގެންދިޔަ ނުފޫޒު، ޚާއްސަކޮށް ސޫރިޔާގައި އޮތް ނުފޫޒު ނެތިދިޔުމުން އެ ގެއްލުން ކުޑަކޮށް އެހެން ނުފޫޒުތައް ބޭނުންކޮށްގެން ސަރަހައްދީ ބާރެއްގެ ގޮތުގައި ދެމިއޮތުމެވެ.
ގައުމުގެ އެތެރޭގެ ހާލަތަށް ބަލާއިރު، ފިނިމޫސުމުގައި މުޒާހަރާތަކަށް މަގުފަހިކުރުވި އިގުތިސާދީ އަދި ވެރިކަމުގެ ނިޒާމުގެ ޝަކުވާތައް، ހަނގުރާމައިގެ ސަބަބުން މި ވަގުތަށް ވަނީ އެއްފަރާތް ކުރެވިފައެވެ. އޭގެ ބަދަލުގައި މިހާރު ރައްޔިތުންތިބީ ގައުމުގެ ދިފާޢުގައި އެއްބައިވަންތަވެފައެވެ. އީރާނުގެ މަދަނީ ބިނާރަށް އެމެރިކާއާއި އިޒުރޭލުން ހަމަލާދީ އެ ތަންތައް ހަލާކުކޮށް، ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލައިފައިވާތީ، އީރާނުގެ ގިނަ ރައްޔިތުން މިހާރު ގަބޫލުކުރަނީ އެ މީހުންނަށް އެހީތެރިވެދީގެން މަގުތަކަށް ނެރެގެން ވެރިކަން ވައްޓައިލާން އެމެރިކާއާއި އިސްރާއީލުން އުޅުނީ ރައްޔިތުންނަށް ހެޔޮއެދިގެންނޫންކަމަށެވެ. އެހެންކަމުން ދާޚިލީ ހަމަނުޖެހުން މިހާރުވަނީ ހަމައަކަށް އެޅިފައެވެ. އެ މީހުންގެ ހިތްތަކުގައިވާ އީމާނާއި ވަޠަނީ ލޯބީގެ ސަބަބުންނެވެ.
އެހެންކަމުން، އެމެރިކާއިން އިސްވެ އޮވެ ފެށި ހަނގުރާމަ 100 ދުވަހަށް ދިގުދެމިގެން ދިޔައިރު، އެ މީހުން ބޭނުންވި އެއްވެސް މަގުސަދެއް ހާސިލުނުވުމުގެ ސަބަބުން މި ހަނގުރާމައިގައި އެމެރިކާއަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެއްކަން އެއީ ސާބިތުކަމެކެވެ. އެތައް ސިފައިންނެއް މަރުވެއްޖެއެވެ. މަތީންދާބޯޓު އުފާ އެތައް މަނަވަރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެންމެ ޒަމާނީ ވައިގެ އުޅަނދުތައް ވަނީ އީރާނުން ވައްޓައިލައިފައެވެ. އެމެރިކާ ވަނީ ދުނިޔެއަށް ބޭޒާރުވެފައެވެ. ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ބަޔެއްގެ ނުރުހުން އެމެރިކާއަށްވަނީ އަމާޒުވެފައެވެ.
ތެދުފުޅެކެވެ. މާއްދީގޮތުންނާއި މާލީ ގޮތުން އީރާނަށް ލިބުނު ގެއްލުންތައް ވަރަށް ބޮޑެވެ. އެހެންނަމަވެސް މާނަވީ ގޮތުން އީރާނަށް ދުނިޔޭގައި ލިބުނު މަގުބޫލުކަމާއި ހައިބަތު ވަނީ އިތުރުވެފައެވެ. އެމެރިކާއަށް ގިނަ ބަޔަކު ނަފުރަތުކުރާ އިރު، އީރާނަށް ގިނަ ބަޔެއްގެ ހިތްތަކުގައިވަނީ ލޯތްބާއި ތަޢުރީފެވެ. އެހެންކަމުން މިހައިތަނަށް ހިނގައިފައިވާ ކަންކަމަށް ބަލާ އިރު، ކާމިޔާބު ލިބުނީ އީރާނަށްކަމަށް ދެންނެވިދާނެއެވެ.
އާދޭހެވެ! ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައި އެއްވެސް ހައްގުން ކަމަކާ ނުލައި އެމެރިކާއާއި އިޒުރޭލުން ފެށި ހަނގުރާމައެއްގެ ތެރޭގައި ވެސް، ގައުމުގެ ވެރިކަމުގެ ނިޒާމު ރައްކާތެރިކަމާ އެކު ދެމެހެއްޓުމަކީ އީރާނަށް ލިބުނު ސާފު ކާމިޔާބީއެއްގެ ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް ހަގީގީ ކާމިޔާބީއެއް ލިބުނީ ކޮން ބަޔަކަށްކަން އެނގޭނީ ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ކަން ހިނގާ ގޮތަކުންނެވެ.
ބައެއް ލަފުޒުގެ މާނަ:
ހަރު ނ. (1) ފޯއްވަޅިއާއި ދޮލަނގާއި ކަނޑިއާއި މި ނޫން ވެސް މި ފަދަ ތަކެތި ބަހައްޓާން ބިތުގައި ނުވަތަ އެ ފަދަ އެހެން ތަނެއްގައި ހަރުކޮށްފައި ހުންނަ އެތި. (2) މައްޗަށް އަރާން ގަޅި ބަނދެފައި ހުންނަ އޮނު ނުވަތަ ދަނޑި. (3) ރުކަށް އަރާން ރުކުގައި ބަންނަ ގަޅި.
ބިނާރު ނ. (2) ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure
ވިއުގަ ނ. މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު. network
މަދަދުގާރު ނ. (1) ޙިމާޔަތްދޭ މީހާ. (2) އެހީތެރިވާ މީހާ. (3) މަދަދުވެރިޔާ.