އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
15 ޖޫން 2026
ދުނިޔޭގެ އެންމެ މަޤްބޫލު ކުޅިވަރު މުބާރާތްކަމަށްވާ ފީފާ ވާރލްޑުކަޕު 2026 ފެށިގެން ކުރިއަށްދާ އިރު، ދަނޑުތަކުގެ ސިޑިބަރިތަކުން ފެންނަ ހުސް ގޮނޑިތަކުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިއުން ފީފާއަށް ވަނީ އަމާޒުވެފައެވެ. ޚާއްޞަކޮށް ގްރޫޕް 'އޭ' ގައި ހިމެނޭ ސައުތު ކޮރެއާއާއި ޗެކް ރިޕަބްލިކް މެޗު މެކްސިކޯގެ ގުއަދަލަހާރާގެ އެކްރޮން ސްޓޭޑިއަމް (Estadio Akron) ގައި ކުޅުނުއިރު، ޓީވީއިން ދެއްކި މަންޒަރުތަކުންނާއި ފޮޓޯތަކުން ދަނޑުގެ މެދުތެރެއިންނާއި އެކި ދިމާދިމާއިން ބޮޑެތި ހުސް ޖާގަތަކެއް ފާހަގަކުރެވުނެވެ. މި މައްސަލައަކީ ހަމައެކަނި ބަލާ ބެލުމަށް ފެންނަ ހުސްކަމެއް ނޭނެވެ. މި ކަމުގެ ފަހަތުގައި ފުން އިޤްތިޞާދީ އަދި އިދާރީ ސަބަބުތަކެއް ހުންނާނެކަން ކަށަވަރެވެ.
1. ފީފާގެ ރަސްމީ ޢަދަދުތަކާއި ޓީވީ މަންޒަރުތަކުގެ ފުށުއެރުން
ދެކުނު ކޮރެއާ 2-1އިން މޮޅުވި މެޗަށް ފަހު، އެންމެ ބޮޑު ބަހުސެއް އުފެދުނީ ފީފާއިން ހާމަކުރި ރަސްމީ ހާޒިރީ (ދަނޑަށް ވަން މީހުންގެ ޢަދަދު)އާއި ޓީވީން ފެނުނު މަންޒަރުގައި ވަރަށް ބޮޑު ތަފާތުތަކެއް ހުރުމުންނެވެ.
ފީފާއިން ހާމަކޮށްފައިވާ ގޮތުގައި އެކްރޮން ސްޓޭޑިއަމްގެ ޖާގައަކީ 45,664 އެވެ. ފީފާއިން ރަސްމީކޮށް އިޢުލާނުކުރި ގޮތުގައި އެ މެޗަށް 44,985 ސަޕޯޓަރުން ވަނެވެ. މިއީ ދަނޑުގެ ގާތްގަނޑަކަށް 98% އެވެ. ވީމާ، މިއީ ދަނޑަށް ވަން މީހުންގެ ޢަދަދުކަމަށްވާ ނަމަ، މީހުންނަށް އައިބުވާ ވަރަކަށް ހުސް ޖާގައެއް ނުފެންނާނެއެވެ. ހުސްކޮށް ހުންނާނީ އެންމެ ދެ އިންސައްތައެވެ. މިއީ މީހުންނަށް ފާހަގަކުރާން އެނގޭ ވަރަށް ވުރެ ކުޑަ އިންސައްތައެކެވެ.
މި ތަފާތުތަކާ ހުރެ، އެކި ފަރާތްތަކުން ފީފާއަށް ރައްދުކުރި ފާޑުކިއުންތަކާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމުޢިއްޔާއިން ޢާންމުކުރާ ރަސްމީ ޢަދަދުތައް ބިނާވަނީ ދަނޑުގެ ދޮރޯށިތަކުން 'އިސްކޭން'ކުރެވޭ ޓިކެޓުތަކުގެ މައްޗަށްކަމަށާއި ގޮނޑިތައް ހުސްކޮށް ހުއްޓައި ފެންނަނީ، ގިނަ ޢަދަދެއްގެ ސަޕޯޓަރުން މެޗު ބަލާން ސިޑިބަރީގައި އިށީނދެ ތިބުމުގެ ބަދަލުގައި، އިސްޓޭޑިއަމުގެ އެތެރޭގެ އާންމު ހިނގައިބިނގައިވެ އުޅޭ ޖާގަތަކާއި ކާބޯތަކެތި ވިއްކާ ހިސާބުތަކުގައި ކޮޅަށް ތިބުމުގެ ސަބަބުންކަމަށެވެ. މި ކަމުގެ ހަގީގަތެއް އެހެން ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
2. ޓިކެޓްގެ އަގުތައް އަތްނުފޯރާ ފަށުގައި ހުރުން
ދަނޑަށް ވަންނަ މީހުން މަދުވާ ސަބަބެއްކަމަށް، ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ އެންމެ މައިގަނޑު އެއް ސަބަބަކީ ޓިކެޓުގެ އަގުތައް އާދަޔާޚިލާފަށް ބޮޑުވުމެވެ. ޔޫރަޕުގެ ސަޕޯޓަރުންގެ ޖަމުޢިއްޔާއެއް ކަމަށްވާ 'ފުޓުބޯލް ސަޕޯޓަރސް ޔޫރަޕު' (FSE) އިން ވެސް ވަނީ މި މުބާރާތުގެ ޓިކެޓުގެ އަގުތައް 2022ގެ ޤަޠަރު ވާރލްޑުކަޕުގެ އަގުތަކާ އަޅައި ބަލާ އިރު މާ ބޮޑުކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓިކެޓުގެ އަގުތަކަށް ބަލާ އިރު، ގުރޫޕު އިސްޓޭޖުގެ އާދައިގެ މެޗުތަކުގެ ޓިކެޓުތައް ވެސް ހުރީ 400 ޑޮލަރާއި 500 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ. 'ޕުރީމިއަމް ހޮސްޕިޓަލިޓީ' ޕެކޭޖުތައް ހުރީ 5,000 ޑޮލަރަށް ވުރެ މަތީގައެވެ. މީގެ ސަބަބުން އާންމު ސަޕޯޓަރުންނަށް މެޗުތަކަށް ވަންނާން ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. ދަނޑުތައް މުޅީން ފުރާލުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ މިއީކަމަށް މި ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
3. ވިޔަފާރިއަށް ދޫކުރި ގޮނޑިތަކާއި ގަނޑުކޮށް ޓިކެޓު ގަންނަ މީހުން:
ވާރލްޑުކަޕު ފަދަ ބޮޑެތި މުބާރާތްތަކުގައި ދަނޑުގެ އެންމެ ރަނގަޅު ދިމާއިން (މެދުތެރެއިން) ގިނަ ޢަދަދެއްގެ ގޮނޑި ޚާއްޞަކުރެވެނީ މުބާރާތުގެ ސުޕޮންސަރުންނަށާއި، ވިޔަފާރި ކުންފުނިތަކަށެވެ. މި ފަރާތްތަކަށް ލިބޭ ޓިކެޓުތަކުގައި ގިނަ ފަހަރަށް މީހުން ދަނޑަށް ނުދިއުމުގެ ސަބަބުން، ޓީވީ ކެމެރާތަކަށް އެންމެ ސާފުކޮށް ފެންނަ މެދުތެރޭގެ ސިޑިބަރިތައް ހުސްކޮށް ހުއްޓައި ފެންނާނެއެވެ. މިއީ ވެސް އާންމުންގެ ފާޑުކިޔުންތަކުގެ ދިފާޢުގައި ފީފާއިން ބުނެފައިވާ ވާހަކައެކެވެ.
މީގެ އިތުރަށް، [ކަޅުބާޒާރު]ގައި އަގުބޮޑުކޮށް ވިއްކުމަށް ޓަކައި ޓިކެޓު ގަނެފައިވާ މީހުންނަށް މެޗު ފެށުމުގެ ކުރީން އެ ޓިކެޓުތައް ނުވިކުމަކީ ވެސް ޓިކެޓު ވިކިފައިމެ، ސިޑިބަރި ހުސްކޮށް ހުންނާން ދިމާވި ސަބަބެއްކަމަށް ފީފާއިން ބުނެއެވެ.
ކުރިއަށް ހުރި މެޗުތަކުގައި މި ކަން ވާނީ ކިހިނެއް؟
ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މުބާރާތުގެ ކުރިއަށް ހުރި ގުރޫޕު އިސްޓޭޖުގެ ބައެއް މެޗުތަކުން ވެސް ހުސް ގޮނޑިތައް ފެނުމުގެ ފުރުޞަތު އަދި ވެސް ބޮޑެވެ. އެހެނީ ޓިކެޓު ގަނެގެން ވިއްކާން އެކި މީސްމީހުން ގަނޑުކޮށް ގަނެފައިވާ ޓކެޓުތަކުގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ ޓިކެޓު އަދިވެސް ނުވިކި، އަލުން ވިއްކާ (ރިސޭލް) މަންސަތަކުގައި އެބަހުއްޓެވެ. މިއީ ފީފާގެ ހިސާބުކިތާބުގައި "ވިކިފައިވާ" ޓިކެޓުތަކަށް ވިޔަސް، އެ ޓިކެޓުތައް މީސްމީހުންނާ ހަމައަށް ވާސިލުވެފައިނުވާތީ މީހުން ދަނޑަށް ނުވަދެ ގޮނޑިތައް ހުންނާނީ ހުސްކޮށްތާއެވެ.
އަނެއްކޮޅުން ބަލާ އިރު، މިއީ އެމެރިކާއަށް ހޫނު މޫސުމެވެ. އެހެންކަމުން މެންދުރުގަޑީގައި (ޚައްޞަކޮށް ކެލިފޯނިއާއާއި ޓެކްސާސް ފަދަ ސަރަހައްދުތަކުގައި) ވަރަށް ހޫނުގަދައެވެ. މެޗުތަކުގައި ފެންބޯން ހުސް ވަގުތުކޮޅަކަށް (ހައިޑުރޭޝަން ބުރޭކު) މެދުކަނޑައިލަނީ ވެސް އެހެންވެގެންނެވެ. އެހެންކަމުން މެންދުރުގެ ހޫނުގަދަ ވަގުތުތަކުގައި ކުޅޭ މެޗުތަކުގައި ސަޕޯޓަރުން އަވީގައި އިށީނދެ ތިބުމުގެ ބަދަލުގައި ހިޔާލިބޭ އެތެރޭގެ އެކި ސަރަހައްދުތަކުގައި ކޮޅަށް ތިބުން އިތުރުވާނެތީ، ޓީވީއިން ގޮނޑިތައް ހުސްކޮށް ފެނުން އެކަށީގެންވެއެވެ. ނަމަވެސް، ގުރޫޕު އިސްޓޭޖު ނިމި ނޮކުއައުޓު ބުރާ ހިސާބުން ފެށިގެން މެޗުތަކުގެ ފޯރިގަދަވެ، ދަނޑުތައް މުޅީން ފުރޭނެކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އާދޭހެވެ! ފީފާއިން ބުނާ ގޮތުން ނަމަ، ދެކުން ކޮރެއާއާއި ޗެކު ރިޕަބުލިކު މެޗުން ފެނުނު ހުސް ގޮނޑިތަކަކީ ހަމައެކަނި ޓިކެޓު ނުވިކިގެން ދިމާވި ކަމެއްނޫނެވެ. އެ ކަމުގައި ވަރަށް ގިނަ ސަބަބުތައް އެބަ ހުއްޓެވެ. އެއީ ފީފާއިން ޓިކެޓު ވިއްކާ އަގުތައް ބޮޑުވެގެން ޓިކެޓު ނުވިކިގެން ދިމާވި ކަމެއް ނޫނެވެ. ފީފާއިން ވިއްކައިފައިވާ ޓިކެޓުތައް ބޭނުން ނުކުރެވި ހުރުމާއި، އަދި ދަނޑަށް ވަންނަ ސަޕޯޓަރުން މެޗުގެ ވަގުތުތަކުގައި ދަނޑުގެ އެހެން ސަރަހައްދުތަކަށް ހަރަކާތްތެރިވުމުގެ ނަތީޖާއެކެވެ.
ޓިކެޓުގެ އަގުބޮޑުކަމުން މީހުން ކީ ފާޑުކިޔުންތަކަށް ރައްދުދެއްވައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ މި އަގުތަކަކީ އުތުރު އެމެރިކާގެ މާރުކޭޓާ އެކަށީގެންވާ އަގުތަކެއް ކަމަށެވެ. ނަމަވެސް، މިއީ ކުރިއަށް ހުރި މެޗުތަކުގައި ވެސް ހުއްޓުމެއް ނެތި ބަހުސްތައް ކުރިއަށް ދާނެ މައުޟޫޢެކެވެ.