ad_banner
އެމެރިކާއާއި އީރާނުން ހުކުރުދުވަހު ސޮއިކުރާ އެއްބަސްވުމުގެ މައިގަނޑު ނުކުތާތައް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

16 ޖޫން 2026

އެމެރިކާއާއި އީރާނާ ދެމެދު 15 ހަފުތާއަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ އަސްކަރީ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމަށްޓަކައި، ދެ ގައުމުގެ ދެމެދުގައި ވަގުތީ ސުލްހައިގެ އެއްބަސްވުމެއް (ޓުރަންޕުގެ ބަހުރުވައިން ނަމަ، ސުލްހައިގެ ޑީލެއް) ގާއިމުކުރާން އެއްބަސްވެ، 2026 ޖޫން 14ގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. ފެބްރުއަރީ މަހު 28ގައި ފެށުނު މި ހަމަނުޖެހުންތަކުގެ ސަބަބުން، ކަނޑުދަތުރުފަތުރަށް ވަރަށް މުހިންމު ސަރަހައްދެއްކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

އެހެންކަމުން އެމެރިކާއާއި އީރާނާ ދެމެދު އެކުލަވައިލެވޭ މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދުގެ ހާލަތު، ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ރުޖޫޢަވާނެއެވެ. އަދި ދުރު މުސްތަގުބަލާ ގުޅޭ އެންމެ އުނދަގޫ އަދި ބޮޑެތި މައްސަލަތައް ފަހުގެ މަޝްވަރާތަކަށް ފަސްކޮށްލުމަށް ފަހު، މިހާރު ހިނގަމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ވަނީ ނިންމައިފައެވެ.

އެއްބަސްވުމުގެ މައިގަނޑު އަސާސްތައް

·     ހަމަލާ ބަދަލުކުރުން ހުއްޓައިލުމާއި އަސްކަރީ ހަރަކާތްތައް ނިމުމަކަށް ގެނައުން: ދެ ފަރާތުންވެސް ވަނީ ހުރިހައި ހަމަލާތަކެއް ވަގުތުން އަދި ދާއިމީކޮށް ހުއްޓައިލާނެކަން އިއުލާނުކޮށްފައެވެ. މެދުވެރިއެއްގެ ދައުރު އަދާކުރި ފަރާތްތަކުން ބުނާ ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ މި ނިންމުމުގައި ލުބުނާނު ވެސް ހިމެނެއެވެ.

·     ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުން: ރައީސް ޓުރަންޕު ވަނީ އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކުރުވައިފައި އޮތް ހުރަސްތައް ނިމުމަކަށް ގެނައުމަށް އަމުރުކޮށްފައެވެ. އޭގެ ބަދަލުގައި، އަންނަ ހުކުރު ދުވަހުން ފެށިގެން ވިޔަފާރި އުޅަނދުތަކަށް ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވައިލުމަށް އީރާނުން ވަނީ އެއްބަސްވެފައެވެ. އަދި މައިނުތައް ނައްތައިލުމުގެ މަސައްކަތް ނިމުމަށް ފަހު، އެއް މަސް ދުވަސް ތެރޭގައި ވިޔަފާރި ދަތުރުފަތުރުތައް ހަނގުރާމައިގެ ކުރީން އޮތް މިންވަރަށް ގެނައުމަށް ވަނީ އަމާޒުހިފައިފައެވެ.

·     ރަސްމީކޮށް ސޮއިކުރުން: ޕާކިސްތާނާއި ގަތަރުގެ އިތުރަށް ސަރަހައްދީ އެހެން ގައުމުތަކަކުން އިސްނަގައިގެން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެކުލަވައިލި މި [ފަހުމުނާމާ]ގައި ރަސްމީކޮށް ސޮއިކުރުން އޮންނާނީ މިއަންނަ ހުކުރު ދުވަހު (2026 ޖޫން 19ގައި) ސުވިޒަލޭންޑުގެ ޖެނީވާގައެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޣުޗީ ބައިވެރިވެވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

މުސްތަގުބަލުގެ މަޝްވަރާތަކަށް ފަސްކުރެވުނު ކަންތައްތައް

މި އެއްބަސްވުމަކީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ފަންނީ މަޝްވަރާތަކަށް މަގުފަހިކޮށްދޭ ދާލަމެކެވެ. ސުލްހަ ގާއިމުކުރުމަށް ޓަކައި، އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަންކަން މިވަގުތަށް ވަނީ މަޑުޖައްސައިލައިފައެވެ. މީގެ ތެރޭގައި:-

·     ނިއުކުލިއަރު ޕުރޮގުރާމް: އީރާނުގައި ހުރި މުއްސަނދިކޮށްފައިވާ ހުރިހައި ޔުރޭނިއަމެއް އެގައުމުން ދާއިމީކޮށް ބޭރުކުރުމަށް އެމެރިކާއިން ކުރީން ކުރަމުންދިޔަ ހަރުކަށި ބާރުއެޅުން މިހާރު ދޫކޮށްލައިފައިވާކަމަށް ފެނެއެވެ. އޭގެ ބަދަލުގައި، ކުރިއަށް އޮތް މަޝްވަރާތަކުގައި ބަހުސްކުރެވޭނީ، އީރާނުގައި ހުރި %60އަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް، އެ ގައުމުގެ އެތެރޭގައި ބަހައްޓައިގެން %3.67 އަށް (އާންމު ބޭނުންތަކަށް ބޭނުންކުރާ ފެންވަރަށް) ދަށްކުރުމަށާއި، އެ ކަން މުރާގަބާކުރެވޭނެ ކަށަވަރު ނިޒާމެއް ގާއިމުކުރުމާ މެދުގައެވެ.

·     ދަތިކުރުމުގެ ފިޔަވަޅުތަކާއި ހިފަހައްޓައިފައިވާ ފައިސާ: އެމެރިކާއިން ވަގުތުން ދީފައިވާ ލުޔަކީ އީރާނުގެ ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓުކުރާން 60 ދުވަހުގެ ހުއްދައެއްދިނުމެވެ. އީރާނުން ދައުވާކުރާ ގޮތުގައި ބޭރު ގައުމުތަކުގައި ހިފަހައްޓައިފައިވާ އެ ގައުމުގެ ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރު ދޫކޮށްލުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ. ނަމަވެސް، ދާއިމީކޮށް ދަތިކުރުމުގެ ފިޔަވަޅުތަކުން ފުރިހަމަ ލުޔެއް ލިބުން ބިނާވެގެންވަނީ ކުރިއަށް އޮތް ފަންނީ މަޝްވަރާތައް ކާމިޔާބުވުމެއްގެ މައްޗަށެވެ.

·     މިސައިލު ޕުރޮގުރާމާއި އީރާނަށް ވާގިވެރިވާ ޖަމާޢަތްތައް: މި އެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކު މިސައިލު ޕުރޮގުރާމަށް އެއްވެސް ހުރަހެއް އަޅައިފައެއް ނުވެއެވެ. އަދި ސަރަހައްދީ ފެންވަރުގައި ހަރަކާތްތެރިވާ އަދި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތައް ވަގުތުން އުވައިލުމަކަށް ވެސް މަޖުބޫރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އީރާނުގެ ސަލާމަތީ ކަންކަމުގައި އެ ޖަމާއަތްތަކުގެ ދައުރު ކުރިއަށް ވުރެ ކުޑަވާނެކަމަށް ބެލެވެއެވެ.

މި ފަހުމުނާމާއަށް ހުރި ނުރައްލާއި ބައިނަލްއަގުވާމީ ބަސް:

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާއި ދުނިޔޭގެ އެކި ފަރާތްތަކުން މި އެއްބަސްވުމަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފައެވެ. މިއީ ދުނިޔޭގެ އިގުތިސާދީ ހަމަޖެހުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގަބޫލުކުރާތީއެވެ. ނަމަވެސް، މި އެއްބަސްވުމާ މެދު އަދި ވެސް ބޮޑެތި ޝައްކުތަކެއް އެބަހުއްޓެވެ. މި މަޝްވަރާތަކުގައި އެކަހެރިކޮށްލެވުނު އިޒުރޭލުން ވަނީ މި އެއްބަސްވުމާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޚާއްސަކޮށް ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ ތެރޭގައި ލުބުނާނު ހިމެނުމުން އިޒުރޭލު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމާ އެކު، އެމެރިކާއާއި އީރާނުން ޖެނީވާއަށް ދަތުރުކުރާ އިރު، ސަރަހައްދީ ސިޔާސީ މަސްރަހު އޮތީ ހިތްހަމަޖެހޭ ފަދަ ބިންގަލެއްގެ މަތީގައެއް ނޫނެވެ. އަދި އެމެރިކާއާއި އީރާނުން ސޮއިކުރާން އުޅޭ ފަހުމުނާމާއަކީ އަދިވެސް ވަރަށް ބަލިކަށި، ވަރަށް ޚުޠޫރަތްތެރި އެއްޗެއްކަމަށް ވަނީ ބެލެވިފައެވެ.

 

 

ބައެއް ލަފުޒުގެ މާނަ:

މައިނު      ނ.     (1) ތަންތަން ނުވަތަ އެއްޗެހި ގޮއްވައިލުމަށް ޓަކައި ބޭނުންކުރާ ބޮމެއް. (2) މަޢުދަން ނެގުމަށް ޓަކައި ބިމު އަޑީގައި ކޮނެފައި ހުންނަ ވަޅުވަޅުގަނޑު ނުވަތަ އެ ފަދަ ބިންގަރާސް. mine

ފަހުމުނާމާ    ނ.     ވަކި މަގުސަދުތަކެއް ހާސިލުކުރުމަށްޓަކައި ދެ ފަރާތެއްގެ ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ސޮއިކުރެވޭ ރަސްމީ އެއްބަސްވުމެއް. އާންމު ގޮތެއްގައި މިއީ ކުރިމަގުގައި ގާނޫނީ އިލްތިޒާމަކަށް މަގުފަހިކޮށްދޭ އެއްބަސްވުމެކެވެ. MoU

ޑީލު       ނ.     ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ. deal

ކޮމެންޓު