އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
11 ޖޫން 2026
ބަސްބަހާއި ބަހުރުވައަކީ އިންސާނާއަށް މާތް ﷲ ދެއްވައިފައިވާ އެންމެ މަތިވެރި އެއް ނިޢުމަތެވެ. އެއީ ﷲގެ ކުޅަދުންވަންތަކަމުގެ މަތިވެރި ހެކިތަކުގެ ތެރެއިން ހެތްކެކެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. )وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْ إِنَّ فِي ذَلِكَ لَآيَاتٍ لِّلْعَالِمِينَ( ("އުޑުތަކާއި ބިން ހެއްދެވުމާއި، ތިޔަބައިމީހުންގެ ދޫތަކާއި (އެބަހީ: ތިޔަބައި މީހުންގެ ބަސްތަކާއި ބަހުރުވަތައް) ކުލަތައް ތަފާތުވެފައިވާކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. ހަމަކަށަވަރުން، އެ ކަމުގައި (އެ ފަދަ ކަންތައް) ދަންނަމީހުންނަށް ހެކިތަކެއްވާކަން ކަށަވަރެވެ.") (އައްރޫމް:22)
އަޅުގަނޑުމެންގެފަޚުރުވެރި ދިވެހިބަހަކީވެސް މި ދެންނެވި ފަދައިން އެހެން ބަސްބަހުގެ ޠަބީޢަތާ އެއް ގޮތަށް ހެދިބޮޑުވަމުން ތަރައްޤީވަމުން އަންނަ ބަހެކެވެ. އަދި މި ބަހުން ވާހަކަދައްކާ މުޖުތަމަޢެއް ދިރިއުޅޭ ތަނަކާއި ޙާލަތަކާއި އެ ބަޔެއްގެ ފެންވަރާ ގުޅިގެން އެކި ސަރަޙައްދުތަކުގައި ވެސް ތަފާތުތަކެއް ހުންނަ ބަހެކެވެ. ޖުޣުރާފީ ގޮތުން އެ މުޖުތަމައެއް ދިރިއުޅޭ ތަނަކާއި ދަތުރުފަތުރާއި މުޢާމަލާތުގެ ދުރު ގާތްމިނާއި ތަޢުލީމީ ފެންވަރުގެ ސަބަބުން މި ތަފާތު ބޮޑުވެ ކުޑަވުމަށް މަގުފަހިވަމުން އަންނަ ބަހެކެވެ. މިއީ ދުނިޔޭގެ ހުރިހައި ބަހެއްގެ ވެސް ޠަބީޢަތެވެ. މި ދެންނެވި ތަފާތަށް އަދަބިއްޔާތުގެ ޢިލްމުވެރީން ނުވަތަ ބަސްވާރުން ދީފައިވާ ނަމަކީ ބަހުރުވައެވެ. ބަހުރުވައެއް ނަމަ، ބަސްމަގާއި ވާހަކަދައްކާ ރާގާއި ގޮތާއި ބައެއް ލަފުޒު ތަފާތު ވިޔަސް އެއް ބަހުރުވައެއްގެ ބަޔަކު ދައްކާ ވާހަކަ އަނެއް ބަހުރުވައެއްގެ ބަޔަކަށް ދޭހަވެ އެނގޭނެއެވެ. މި ތަފާތު ބޮޑުވެ އެއް ބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކަށް ނޭނގޭހައި ތަފާތުވެއްޖެ ނަމަ، ލިންގުއިސްޓިކް ނަޒަރުން ބަލާ އިރު އެއީ ވަކި ބަހެއް (ލެންގުއިޖެއް) ކަމަށް އަދަބީ ގޮތުން ބެލެވެއެވެ. ނަމަވެސް އެއީ ވަކި ބަހެއްކަމަށް ކަނޑައެޅޭނީ ސިޔާސީ ބާރު އޮންނަ ފަރާތަކުން އެ ގޮތަށް ނިންމައިފި ނަމައެވެ. ބަހާސާ މެލޭޝިއާއާއި ބަހާސާ އިންޑޮނޭޝިއާއަކީ މީގެ ފުރިހަމަ މިސާލެކެވެ. އަދި ދިވެހި ބަހާއި މަހަލްބަހަކީ ވެސް މީގެ މިސާލެއްކަމުގައި ދެންނެވިދާނެއެވެ.
ދިވެހިރާއްޖޭގައި ވެސް ތަފާތު ބަހުރުވަތައް އެބަ ހުއްޓެވެ. މާލޭ ބަހުރުވަޔާ އަޅައިބަލާ އިރު އުތުރުގެ އަތޮޅުތަކަށް ވުރެ ދެކުނުގެ އަތޮޅުތަކުގައި ބަހުރުވައިގެ ތަފާތު ބޮޑުކަމުގައި ފާހަގަކުރެވެއެވެ. އަދި ލިންގުއިސްޓިކް ނަޒަރުން ބަލާއިރު އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ބަހުރުވައަކީ އަޅުގަނޑުގެ ނަޒަރުގައި ވަކި ބަސްތަކެއްކަމަށާއި އެއީ ހަމަ އެކަނި ބަހުރުވަތަކެއް ނޫންކަމަށް ވެސް ދެންނެވިދާނެއެވެ. ނަމަވެސް ސިޔާސީ ގޮތުން އެ ގޮތަށް ކަނޑަނާޅާތީ އެއީ ވަކި ބަސްތަކެއްކަމުގައި ދެންނެވޭކަށް ނޯންނާނެއެވެ. އެއީ ހަމަ ދިވެހިބަހުގެ މުއްސަނދި ބަހުރުވަތަކެކެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް ކޮންމެ ރަށެއްގައި ވެސް ކޮންމެ އަވަށެއްގައި ވެސް ބަހުރުވަ ތަފާތެވެ. މިއިން ކޮންމެ ބަހުރުވައެއްގައި ވެސް ވަކިޚާއްޞިއްޔަތެއް އޮވެއެވެ. މިއަދު އަޅުގަނޑު މި ބަލައިލަނީ ހައްދުންމަތީ ބަހުރުވައިގެ ޚާއްޞިއްޔަތުގެ މައްޗަށެވެ.
ހައްދުންމަތީ ބަހުރުވައިގެ މައްޗަށް ފުރިހަމަޔަށް އަލިއަޅުވައިލާން ވަރަށް ގިނަ ވަގުތާއި ޢިލްމީ ދިރާސާތައް ބޭނުންވާތީ، ބަހުގެ އެހާ ފުނަށް ނުގޮސް އަޅުގަނޑު ބަޔާންކޮށްލެވޭތޯ ބަލާނީ، މަތިމަތީން އަޅުގަނޑު ހޯދައިލި ހޯދައިލުމުގައި ފާހަގަކުރެވުނު ބައެއް ޚާއްޞިއްޔަތުގެ މައްޗަށެވެ.
އިނބަ:
ގިނަ ބޭފުޅުންނަށް ޤަބޫލުފުޅުކުރެވޭ ގޮތުގައި "އިނބަ"އަކީ މާލެ ބަހުރުވައިގައި ބޭނުންކުރާ "ކަލޭ"ގެ ބަދަލުގައި ހަމަ އެ މާނައިގައި ހައްދުންމަތީ މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ކަމަށް ދެންނެވޭކަށް ނެތެވެ. ޙަޤީޤަތަކީ "އިނބަ" އަކީ މާލޭ ބަހުރުވައިގައި ވެސް ބޭނުންކުރެވުނު އަދި މިހާރު އިހުމާލުކޮށްލުމުގެ ސަބަބުން އެ ބަހުރުވައަށް ފަޤީރުކަމެއް ލިބިފައިވާ ލަފުޒެއްކަމެވެ. އަދި "ކަލޭ" އުފެދިގެންއައީ މާ ފަހުންކަމެވެ. ހަމަ މިފަދައިން "އިނބަ"ގެ މަޤާމު "ކަލޭ"އަށް އަދިވެސް ނުލިބޭކަމެވެ.
އަޅުގަނޑު މި ދެންނެވި ބަހުގެ ހެތްކަކަށް ބޭނުންފުޅުވާ ނަމަ ކުރީގެލިޔުންތަކަށް ކަޅިއެއް އުއްކަވައިލައްވާށެވެ! މިސާލަކަށް "ޒުހުރުލްކަމާލާތި ފީ އަޙުކާމިލް ޢިބާދާތި" (ބޮޑުތަރުތީބު)ގައި "އިބަ ބުނާހުށި" މި ލަފުޒު އެތައް ފަހަރަކު ތަކުރާރުވެފައިވެއެވެ. (ޞަފުޙާ:152)
އެކަކު އަނެކަކާ ވާހަކަދެއްކުމުގައި ބަދަލުނަން ބޭނުންކުރުމަކީ ކޮންމެ ބަހެއްގައި ބޭނުންކުރާ ލަފުޒުތަކެކެވެ. ވާހަކަދައްކާ މީހުން/މީހާއާއި، މުޚާޠަބު ކުރެވޭ މީހުން/މީހާއާއި، އެ މީހަކާ ބެހޭ ގޮތުން ވާހަކަދެކެވޭ މީހުން/މީހާއެވެ. ފުރތަމަ ފަރާތާއި ދެވަނަ ފަރާތާއި ތިންވަނަ ފަރާތެވެ. ދިވެހިބަހުގައި މި ގޮތަށް ބޭނުންކުރެވޭ އެންމެ ޢާންމު ލަފުޒުތަކަކީ އަހަރެން/އަހަރެމެން، ކަލޭ/ކަލޭމެން، އޭނާ/ އެބައިމީހުން މިއީއެވެ. މިއީ ހުތުރު ލަފުޒުތަކެއް ނޫނެވެ. އެކަމަކު ދިވެހިބަހުގެ ޢާންމު ބަހުރުވައިގައި ދެވަނަ ފަރާތަށް ރައްދުކުރެވޭ ބަދަލުނަމަކީ (ކަލޭ/ ކަލޭމެން) އެއީ ބޭއަދަބީ ލަފުޒެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހުތުރުވާންވީ ކީއްވެހޭ މީހަކު ސުވާލުކުރިޔަސް މުޖުތަމަޢުން ފެންނަ ހަގީގަތަކީ މިއީއެވެ.
ކަން ހުރީ މިހެންކަމުގައިވާ އިރު ދެވަނަ ފަރާތަށް ރައްދުކުރެވޭ (ބޭއަދަބީ ނޫން) ބަދަލުނަމެއް ދިވެހިބަހުގައި ވެސް އޮންނާނެކަމަށް ގަބޫލުކުރެވެއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެ ލަފުޒަކީ "އިނބަ"އެވެ. އެންމެ މަތިވެރި ފަރާތްތަކަށް (ކަލާނގެއަށް) ނިސްބަތްކޮށް އިނގިރޭސިބަހުން ކިޔާ "ޔޯރ ލޯރޑް" (Your Lord)ގެ ބަދަލުގައި ދިވެހިބަހުން "އިނބަރަސްކަލާނގެ" ބޭނުންކުރާކަމީ މި ދެންނެވި ބަހުގެ ހެތްކެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ. ކުރީގެ ލިޔުންތަކުގައި "ކަލޭ"ގެ ބަދަލުގައި "އިނބަ" ބޭނުންކޮށްފައި އެބަހުއްޓެވެ. ޒުހުރުލްކަމާލާތި ފީ އަޙުކާމިލް ޢިބާދާތި (ބޮޑުތަރުތީބު) ފަދަ ޢިލްމީ ފޮތްތަކުގައި އަދަބީ ލަފުޒެއްގެ ގޮތުގައި "އިނބަ" ބޭނުންކޮށްފައި އެބަހުއްޓެވެ. އެކަމަކު "ކަލޭ" އާއި "އިނބަ"ގެ ވަރަށް ބޮޑު ތަފާތެއް ހުރިކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ. ސަބަބަކީ އިޙުތިރާމްކުރާ މީހަކަށް ނުވަތަ ފަރާތަކަށް ނިސްބަތްކޮށް "ކަލޭ" ބޭނުންކުރުމަކީ ބޭއަދަބީ ކަމެއް ކަމަށް ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އިރު، "އިނބަ" އަކީ ހައްދުންމަތީ ބަހުރުވައިގައި އިޙުތިރާމާއެކު ބޭނުންކުރެވޭ ކަމެވެ. އެހެންވީމާ އިނގިރޭސިބަހުން ބޭނުންކުރާ "ޔޫ" you))ގެ ބަދަލުގައި ހަމަ އެ މާނައިގައި "އިނބަ" ބޭނުންކުރެވެއެވެ. އެކަމަކު "ޔޫ"ގެ ހުރިހައި މަޤާމެއްގައި "ކަލޭ" ބޭނުން ކުރެވޭނެކަމަކަށް ގިނަ ދިވެހިން ގަބޫލެއްނުކުރެއެވެ. މުޖުތަމަޢުގެ ޙަގީގަތަކީ މިއީއެވެ. އެހެންވީމާ ހިތްހަމަ ނުޖެހުމާ އެކު ވެސް ގަބޫލުކުރާންޖެހޭ ހަގީގަތަކީ ދިވެހިބަހުގައި ދާދި ފަހަކާ ޖެހެންދެން މުޚާޠަބުކުރެވޭ (ދެވަނަ) ބަދަލުނަމެއްގެ ގޮތުގައި "އިނބަ" ބޭނުންކުރެވުނުކަމެވެ. ފަހުން ކޮންމެވެސް ސަބަބުތަކަކާ ހުރެ މި ލަފުޒު ދިވެހިބަހުގެ ބަހުރުވަތަކުން މަޑުމަޑުން އުވިގެން ދިޔައީއެވެ. މި ބޮޑު ބަދަލު އައި އިރު ވެސް މި ލަފުޒު އޭގެ ޙައްޤު މަޤާމުގައި މިއަދު ވެސް އޮތް ހަމައެކަނި ބަހުރުވައަކީ ހައްދުންމަތީ ބަހުރުވައެވެ.
ތިޔަ ހުރިހާ ބޭފުޅުން ވެސް ގަބޫލުކުރައްވާނޭ ފަދައިން ލަފުޒެއްގެ އަސްލު އަޑު ދެމި އޮންނާނީ އެ ލަފުޒެއް މެދުނުކެނޑި އެބަޔަކު ބޭނުންކުރަމުން އަންނަ ވެއްޓެއްގައެވެ. "އިނބަ" މި ލަފުޒަކީ ހައްދުންމަތީގައި އަބަދުވެސް ބޭނުންކުރާ ލަފުޒެކެވެ. މި ލަފުޒު މިއަތޮޅު މީހުން ބޭނުންނުކުރާ ޒަމާނެއް އެނގޭކަށް ނެތެވެ. އެއަޑު އެއް ޖީލުން އަނެއް ޖީލަށް ނަޤުލުވެފައިވަނީ މެދު ކެނޑުމެއް ނެތިއެވެ. "މުތަވާތިރު" ގޮތެއްގައެވެ. އެހެންކަމުން "އިނބަ" މި ލަފުޒު ކިޔަންވީ ރަނގަޅު އަޑު ފެންނާން އޮންނާނީ ނުވަތަ އިވޭނީ ހައްދުންމަތީންކަން އެއީ ޙަޤީޤަތެވެ.
އެކި އަތޮޅުތަކާއި އެކި ރަށްރަށުގައި ބަހުރުވައިގައި ތަފާތު ހުންނަ ފަދައިން ހައްދުންމަތީގައި ވެސް އެއް ރަށާ އަނެއް ރަށުގައި ބަހުރުވައިގައި ތަފާތުތަކެއް ހުރެއެވެ. މި ގޮތުން "އިނބަ" މި ލަފުޒު ވެސް އެކި ރަށް ރަށުގައި ތަފާތު ގޮތްގޮތަށް ބޭނުންކުރެއެވެ. "އިނބަ" ކިޔާ ބަޔަކު އުޅޭ އިރު "އުނބަ" ކިޔާ ބަޔަކު ވެސް އުޅެއެވެ. އަދި "އިނބަގުހުން"، "އިނބޭން"، "އުނބަމެން" ފަދަ ގޮތްގޮތަށް އެކި ޙާލަތްތަކުގައި އެކި ރަށްރަށުގައި ބޭނުންކޮށް އުޅެއެވެ. ފާހަގަކޮށްލާންޖެހޭ ކަމަކީ ޖުމުލައިގައި އެ ލަފުޒު ކޮންމެ ގޮތަކަށް ބޭނުންކުރަމުން އަޔަސް އެއިން ކޮންމެ ޙާލަތެއްގައި ވެސް އެ ލަފުޒުގައި ހުސްނޫނު ބޭނުންކުރާކަމެވެ. މާނައަކީ އެ ލަފުޒު ކިޔަނީ ނޯށަށް އަރުވައިގެންނެވެ.
އަޅުގަނޑުގެ މި ވާހަކައަށް ރައްދުދެއްވުމުގެ ގޮތުން ބައެއް ބޭފުޅުން ވިދާޅުވާނެ ވާހަކައެއް އަޅުގަނޑަށް ވިސްނެއެވެ. ކުރީގެ ލިޔުންތަކުގައި "އިނބަސުވާމީންގެ"، "އިނބަރަސްކަލާނގެ" މި ލަފުޒުތައް ލިޔެފައި ހުންނަނީ "ހުސްނޫނާ ނުލައި "އިބަސުވާމީންގެ" އާއި "އިނބަރަސްކަލާގެ" މި ގޮތަށެވެ. އެހެންވީމާ "އިބަ" އަކީ "އިނބަ"އެއް ނޫނޭ ވިދާޅުވެދާނެއެވެ. ވިދާޅުވެފައި ވެސް އެބަހުއްޓެވެ. އޭގެ ޖަވާބު އަޅުގަނޑަށް ވަރަށް ފަސޭހައެވެ.
ޖަވާބު އަޑުއައްސަވާށެވެ! ތިޔަ ވިދާޅުވާ ދުވަސްވަރު "އަޅުގަނޑު"، "ރަނގަޅު" ފަދަ ލަފުޒުތައް އަދި މި ނޫން ލަފުޒުތައް ވެސް ލިޔެފައި ހުރީ ހުސްނޫނާ ނުލައި "އަޅުގަޑު"، "ރަގަޅު"، "އުގެނުން" މި ގޮތްގޮތަށެވެ. އޭރު ދިވެހިބަހުގެ ގަވާއިދުގައި ހުސްނޫނުގެ ވާހަކައެއް އޭގެ އުޞޫލެއް ވެސް ނެތެވެ. ނަމަވެސް މި ލަފުޒުތައް އޭރު ވެސް ކިޔަނީ ހުސް ނޫނުގެ އަޑާއެކުގައެވެ. އެހެނީ އެ ލަފުޒުތައް ދަންނަ މީހުންނަށް އެ ލަފުޒުތައް ކިޔާންޖެހެނީ ހުސްނޫނާ އެކުގައިކަން އެނގެއެވެ. މިހެން މި ދިމާވީ ކުރީން ވެސް ދެންނެވި ފަދައިން ހުސްނޫނުގެ ގަވާއިދު ތަޢާރުފުވީ މާފަހުގެ ޒަމާނެއްގައިކަމުގައިވުމެވެ. ހުސްނޫނުގެ ވާހަކަ ފުރަތަމަ ދެއްކެވީ ވެސް ޝައިޚު އިބްރާހީމް ރުޝްދީއެވެ. އަދި ނޯށަށް އަރުވައި ކިޔާންޖެހޭ ކޮންމެ ތަނެއްގައި ހުސްނޫނު ލިޔާންޖެހޭނެ ކަމަށް ކަނޑައެޅުއްވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޒަމާނުގައެވެ. އެންހެންވީމާ، ކުރީގެ ދުވަސްވަރު، "އިނބަ" ލިޔުނު އިރު ހުސްނޫނާ ނުލައި، "އިބަ" ލިޔުނު ނަމަވެސް ނަމަވެސް އޭރު އެ ލަފުޒު ކިޔާނީ ހުސްނޫނުގެ އަޑާއެކީގައެވެ.
މި ލަފުޒުގެ އަޑު އެންމެ ރަނގަޅަށް އެނގޭނީ އެންމެ އިހު ޒަމާނުއް ސުރެ މި ލަފުޒު އެ މުޖުތަމަޢެއްގައި އޮތް މުޖުތަމަޢަކަށެވެ. އެއީ ހައްދުންމައްޗެވެ. މި ލަފުޒާ ބެހޭ ގޮތުން ބަހުސްކުރާން އެންމެ ރަނގަޅަށް އެނގޭނީ ހައްދުންމަތީ މީހުންނަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މި ފަދަ ލަފުޒުތައް ރަދީފުކުރެވޭންވާނީ ("ލަފުޒު ފޮތުގައި") ހިމަނާންވާނީ އެ ލަފުޒުގެ އަހުލުވެރީންނާ މަޝްވަރާކުރެވިގެންނެވެ.
ތެދުފުޅެކެވެ! "އިނބަ"އަކީ، އަސްލުގައި ހައްދުންމަތީގެ އަމިއްލަވަންތަ ލަފުޒެއް ނޫނެވެ. މުޅި ރާއްޖޭގެ ލަފުޒެކެވެ. ކުރީގެ ލިޔުންތަކުން މިކަން އެނގެއެވެ. ނަމަވެސް ޒަމާންތައް ގެނައި ބަދަލުތަކާއެކީގައި މި ލަފުޒު ރާއްޖޭގެ ކަންކޮޅުތަކުން އުވި ގޮސް މި ޒަމާނަށް އައި އިރު އެ ލަފުޒު ހަމައެކަނި ބޭނުންކުރަނީ ހައްދުންމަތީގައިކަމަށް ވަނީވެފައެވެ. ވީމާ، އެ ލަފުޒު ދެމި އޮތް ހަމައެކަނި އަތޮޅަކީ ހައްދުންމަތިކަމަށްވާތީ މިއަދު އެ ލަފުޒާ ބެހޭ ގޮތުން އެންމެ ރަނގަޅަށް ވާހަކަދައްކާން އެނގޭނީ ހައްދުންމަތީ މީހުންނަށެވެ.
އާބާފިލި/ އޯބޯފިލި ކުރުފިއްޔަކަށް ބަދަލުކުރުމާއެކު ނޫނު ސުކުނެއް އިތުރުކުރުން:
ޢާންމު އަދަބީ ބަހުރުވައިގައި ވާކަމުގެ ފަހުއަކުރުގައި ޖަހަނީ އާބާފިއްޔެވެ؟ ނުވަތަ އޯބޯފިއްޔެވެ. މިސާލަކަށް: ކާ ތަކެތި، ބޯ އެއްޗިހި މި ފަދަ ގޮތްގޮތަށެވެ. މި ފަދަ ކޮންމެ ތަނެއްގައި ހައްދުންމަތީ ބަހުރުވައިގައި އޮންނަ ބަދަލަކީ އާބާފިލި އަބަފިއްޔަކަށް، އޯބޯފިއްޔެއް ނަމަ އޮބޮފިއްޔަކަށް ބަދަލުކޮށް ފަހަތަށް ނޫނު ސުކުނެއް އިތުރުކުރުމެވެ. (މިސާލަކަށް: ކަން އެއްޗިހި، ބޮން އެއްޗިހި، ލަން ގަމީސް)
މި ހަމައިން ބަލާ އިރު އަޅުގަނޑުމެން މިއަދު ބޯން ބޭނުންކުރާ [ބޮނަކުއާ] (ބޮން އެކުއާ) ފެނަކީ ހައްދުންމަތީ ބަހުރުވައިގެ ލަފުޒަކާއި އިނގިރޭސި ލަފުޒެއް ބޭނުންކޮށްގެން ހަދައިފައިވާ ލަފުޒެކޭ ވެސް ބުނެވިދާނެއެވެ. މާނައަކީ ބޮން ފެނެވެ. ޢާންމު ބަހުރުވައިން ނަމަ ބޯފެނެވެ.
ނަންނަމުގެ ފަހުއަކުރުގައި އޮންނަ އުބުފިލި އަބަފިއްޔަށް ބަދަލުވުން:
ނަންނަމުގެ ފަހު އަކުރުގައި ޢާންމު ގޮތެއްގައި ޢާންމު ބަހުރުވައިގައި އޮންނަނީ އުބުފިއްޔެވެ. ނަމަވެސް ހައްދުންމަތީ ބަހުރުވައިގައި މި ފިލި ބަދަލުވަނީ އަބަފިއްޔަށެވެ.
މިސާލު:
|
ޢާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
އިތުރު ބަޔާން |
|
ފޭރު |
ފޭރަ |
|
|
އަންނާރު |
އަންނާރަ |
|
|
މިއަދު (ނުވަތަ އަދު) |
އަދަ |
ބައެއް ރަށްރަށުގައި "އަދު" ވެސް ބޭނުންކުރެއެވެ. |
|
ކުންނާރު |
ކުންނާރަ |
|
|
އަތަ |
އަތަ |
ޢާންމު ބަހުރުވައިގައި ވެސް މި ނަމުގެ ފަހު އަކުރުގައި ޖަހަނީ އަބަފިލިކަން ފާހަގަކުރެވެއެވެ. |
|
ފެންބޯ ވަޅު |
ފެންބޮން ވަޅަ |
|
|
މަގު |
މަގަ |
|
|
ބިލިމަގު/ބިލަމަގު |
ބިލިމަގަ |
|
|
ބަރަބޯ |
ބަރުބޯ |
ރ ގެ ފިލި ދެ ބަހުރުވައިގައި އޮޅުވައިލައިފައި ވަނީ ކީއްވެ ކަމެއް ނޭނގެއެވެ. |
|
އެނދު |
އެނދަ |
|
|
ކޮނޑު |
ކޮނޑަ |
|
|
ވަޅު |
ވަޅަ |
|
ނަންނަމުގެ ފަހު އަކުރުގައި އޮންނަ އިބިފިލި:
ހައްދުންމަތީ ބަހުރުވައާއި އަދަބީ ބަހުރުވައިގެ އަނެއް ތަފާތަށް ބަލާ އިރު ޢާންމު ބަހުރުވައިގައި ފަހު އަކުރުގައި އިބިފިލިޖެހިފައި ހުންނަ ނަން ހައްދުންމަތީ ބަހުރުވައިގައި ބަދަލުވަނީ ޢާންމު ގޮތެއްގައި ބަދަލުވަނީ އުބުފިއްޔަކަށެވެ.
މިސާލަކަށް:
|
ޢާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
އިތުރު ބަޔާން |
|
ވަޅި |
ވަޅު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
|
މަދިރި |
މަދުރު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
|
ކުނި |
ކުނު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
|
ބުރި |
ބުރު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
|
ހުނި (ކާށިން ގާނާ) |
ހުނު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
|
ކުރި |
ކުރު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
|
މުޅި |
މުޅު |
ނަމަވެސް މާވަށު ބަހުރުވައިގައި ކިޔަނީ އާންމު ބަހުރުވައާ އެއް ގޮތަށެވެ. |
އޫބޫފިއްޔަށް ނިމިފައި ހުންނަ ނަންނަން:
ހައްދުންމަތީ ބަހުރުވައާއި އަދަބީ ބަހުރުވައިގެ އަނެއް ތަފާތަށް ބަލާއިރު ޢާއްމު ބަހުރުވައިގައި ފަހު އަކުރުގައި އޫބޫފިލިޖެހިފައި ހުންނަ ނަން ހައްދުންމަތީ ބަހުރުވައިގައި ޢާއްމު ގޮތެއްގައު ބަދަލުވަނީ ބަދަލުވަނީ އޭބޭފިއްޔަށެވެ.
މިސާލަކަށް:
|
ޢާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
އިތުރު ބަޔާން |
|
ހަނޑޫ |
ހަނޑޭ |
ބައެއް ރަށްރަށުގައި މި ތަފާތެއް ނުހުރެއެވެ. އަދި މި ޒަމާނުގެ ކުދީން ބޭނުން ކުރަނީ ޢާއްމު ބަހުރުވައެވެ. |
|
މަގޫ |
މަގޭ |
ބައެއް ރަށްރަށުގައި މި ތަފާތެއް ނުހުރެއެވެ.
|
|
ވަޅޯ |
ވަޅޭ |
|
|
އަޅޯ |
އަޅޭ |
|
|
ނަގޫ ބަޅު |
ނަގޭ ބަޅަ |
|
|
ކަކޫ |
ކަކޭ |
މަސްދަރުން ނިމުނުކަމެއް އުފައްދާ އިރު ހުންނަ ތަފާތު:
ހައްދުންމަތީ ބަހުރުވައިގައި، މަސްދަރުން ކަން އުފައްދާ އިރު ވެސް ބައެއް ހަމަތައް ހިފެހެއްޓިފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އާންމު މީޔާރު ބަހުރުވައިގައި އިސްތިސްނާތައް ފެންނަކަން ފާހަގަކޮށްލެވެއެވެ. ކިޔައިފި، ލިޔެފި، މިއީ މީގެ މިސާލެކެވެ. ތިރީގައިވާ ތާވަލަށް ބައްލަވާށެވެ!
|
މަސްދަރު |
ނިމުނުކަން |
|
|
އާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
|
|
ކިޔުން |
ކިޔައިފި |
ކިޔައިފި |
|
ލިޔުން |
ލިޔެފި |
ލިޔައިފި |
|
ހިނގުން |
ހިނގައިފި |
ހިނގައިފި |
|
ބުއިން |
ބޮއިފި |
ބޮއިފި |
|
ކެއުން |
ކައިފި |
ކައިފި |
އެއް ނަމެއް ކިޔާ ދޭއްޗަކަށް ތަފާތު ދެ ނަން ބޭނުންކުރުން:
މި ވެސް ހައްދުންމަތީ ބަހުރުވައިގައި ފެންނަ މުއްސަނދި ކަމެކެވެ. ޢާއްމު ބަހުރުވައިގައި މުޅިން ތަފާތު ދޭއްޗަކަށް ހަމަ އެއް ނަމެއް ކިޔާއިރު، ހައްދުންމަތީ ބަހުރުވައިގައި ނަން ތަފާތުކޮށްފައި ހުރެއެވެ.
މިސާލަކަށް:
|
ޢާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
އިތުރު ބަޔާން |
|
މުޑި (ބިމަށް ޖަހާ) |
މުޑު |
ބައެއް ރަށްރަށް ތަފާތެވެ. |
|
މުޑި (ކާށީގައި އޮންނަ) |
މުޑި |
|
|
ހުނި (ކާށީން ގާނާ) |
ހުނު |
|
|
ހުނި (ދުފަން ބޭނުންކުރާ) |
ހުނި |
|
ޖުމުލަތަކުގައި ބައެއް އަކުރު އުނިވުން:
ހައްދުންމަތީ ބަހުރުވައާއި އަދަބީ ބަހުރުވައިގެ ތަފާތަށް ބަލާއިރު ހައްދުންމަތީ ބަހުރުވައިގައި ޖުމުލައިގައި ބައެއް އަކުރު މަދުކަން ފާހަގަކުރެވެއެވެ. އަކުރޭ މިދެންނެވީ ދިވެހިބަހުގެ މައިގަނޑު 8 ބައިގެ ތެރޭގައި ހިމެނޭ (އެ ލަފުޒެއް އަމިއްލައަށް އޮންނައިރު މާނައެއް ދޭހަނުވާ، އެކަމަކު ޖުމުލައެއްގައި އެހެން ލަފުޒަކާ ގުޅިގެން ބޭނުންކުރުމުން ފުރިހަމަ މާނަ ދޭހަވާ) "ގައި"، "ވެސް"، "އާއި" ފަދަ އަކުރުތަކަށެވެ. ބައެއް ޙާލަތްތަކުގައި މިފަދަ އަކުރުތައް ހައްދުންމަތީ ބަހުރުވައިގައި މަދުކަން ފާހަގަކުރެވެއެވެ. މި ގޮތަށް އަކުރު މަދުވުމަކުން ޖުމުލައިން ދޭހަވާ މާނައަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެހެންކަމުން އަނެއްކާ ވެސް ދެންނެވެން އޮތީ މިއީ ވެސް ހައްދުންމަތީ ބަހުރުވައިގައި އޮތް ޚާއްޞިއްޔަތެއްކަމެވެ. އެހެނީ އެންމެ ފުރިހަމަ ޖުމުލައަކީ މަދު ލަފުޒުތަކަކުން ފުރިހަމަ މާނައެއް ދޭހަވާ ޖުމުލައެވެ.
މި ދެންނެވި އެއްޗެއް ބޮޑަށް ސާފުވެވަޑައިގަންނަވާނީ މިސާލެއް ދެންނެވިއްޔާއެވެ.
ޢާއްމު ބަހުރުވަ: މަންމާ! ހަސަން މަގޭ ގައިގައި ޖަހައިފި!
ހައްދުންމަތީ ބަހުރުވަ: އަމާ! ހަސަން މަގައު ޖަހައިފި!
ޢާއްމު ބަހުރުވަ: މި ފޮށީގައި ނެތް އެކައްޗެއް ވެސް!
ހައްދުންމަތީ ބަހުރުވަ: މި ފޮއްޓު ނެތް އެކައްޗެއް ވެސް!
ކަމުގެ ޖިންސް:
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ދުނިޔޭގެ ގިނަ ބަސްބަހުގައި ކަމުގެ ޖިންސެއް ނުހުރެއެވެ. އިނގިރޭސިބަހުގައިވެސް އަދި ދިވެހި ޢާއްމު ބަހުރުވައިގައިވެސް ކަން އޮތީ މިހެންނެވެ. ނަމަވެސް ހައްދުންމަތީ ބަހުރުވައިގައި (ބައެއް ރަށްރަށުގައި) ކަމުގެ ޖިންސް ވެސް އެބަހުއްޓެވެ.
މިސާލަކަށް:
ޢާއްމު ބަހުރުވައިގައި: އޭނާ އެބަ އުޅޭތަ؟ (އަންހެނުންނަށް ވެސް)
ހައްދުންމަތީ ބަހުރުވަ: އެކުއްދާ އެބަ އޮޅެއްވެތެ؟ (އަންހެން)
އެ ސޮރަ އެބަ އޮޅޭތެ؟ (ފިރިހެން)
ވޭވޭ ހުންނަކަން:
ވޭވޭ ހުންނަ ކަމުގައި ޢާއްމު ބަހުރުވައިގައި ނ އީބީ ފިއްޔަށް ނިމިގައި ހުންނަ ހުރިހާ ކަމެއް ހުންނާނީ އޫބޫ ފިއްޔަށެވެ.
މިސާލު:
|
ޢާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
އިތުރު ބަޔާން |
|
ހިނގަނީ |
ހިނގަނޫ |
|
|
ދުވަނީ |
ދުވަނޫ |
|
|
ބުނަނީ |
ބުނަނޫ/ބޮނަނޫ |
|
|
ކަނީ |
ކަނޫ |
|
|
ވާހަކަދައްކަނީ |
ވާހަކަދައްކަނޫ |
|
|
ވިސްނަނީ |
ވިސްނަނޫ |
|
ބަސްކޮށާރު:
ހައްދުންމަތީ ބަހުރުވައިގައި މިއީ ވެސް ފެންނަ މުއްސަނދިކަމެކެވެ. ތަފާތު ކަންކަމަށް އެކި ޙާލަތްތަކުގައި ބޭނުންކުރާ ތަފާތު ލަފުޒުތައް ހުރެއެވެ.
1- އުމުން:
މިއީ ހައްދުންމަތީ މާވަށް ފިޔަވައި މި އަތޮޅު ހުރިހައި ރަށެއްގައި ވެސް އައުމުގެ މާނައިގައި ބޭނުންކުރާ ލަފުޒެކެވެ.
މިސާލަކަށް:
|
ޢާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
|
އެ ކޮޅަށް ގޮސްފައި މިކޮޅަށް އަވަހަށް އަންނައްޗޭ! |
އެކޮޅަށް ގޮހޮފައި އަވަހަށް މިކޮޅަށް އުމައްޔެ! |
|
އަވަހަށް އަންނާތި! |
އަވަހަށް އުމައްޔެ! |
|
އާދޭ! |
އުމައި! |
|
ކަލޭ އަންނާނީ ކޮން އިރަކު؟ |
އިނބަ އުމާނޫ ކޮން އިރަކު |
ނަމަވެސް އައުމުގެ ބައެއް ޙާލަތްތަކުގައި އުމުން ބޭނުމެއް ނުކުރެވެއެވެ.
މިސާލަކަށް:
އައިސްބަލަ! ބުނަންވެގެން އުމައިބަލާށެކޭ ނުބުނެވޭނެއެވެ. ބުނާނީ އަހުބަލަ! ނުވަތަ އަހޯބެލަ! ނުވަތަ އަފޫބެލަ!
2- އެރެދިނުން:
މީހަކަށް އެއްޗެއް ގެންގޮސްދިނުމުގައި މިސާލަކަށް ހަދިޔާއެއް ގެންގޮސްދޭން ބޭނުންކުރާ ލަފުޒަކީ އެރެދިނުން މި ލަފުޒެވެ.
މިސާލަކަށް: މި ކޮތަޅަ އެގެޔަށް އެރެދީބަލަ!
3- ގެންގެރުން/ގެންގަރުން:
އެއްކަމުގަމުން އަތިރިމައްޗަށް އެއްޗެއް ގެންދާން ކިޔާނީ ގެންގެރޭށެވެ. އަތިރިމަތީން (ބަނދަރުމަތީން) އެއްގަމަށް އެއްޗެއް ގެންދާން ބޭނުންކުރާނީ ގެންގަރާށެވެ!
މިސާލަކަށް:
ބޯޓު ފުރުމުގެ ކުރޫން މި ހުރިހައި އެއްޗިހި ގެންގެރޭން ޖެހޭޅަ
މި އޮޅެނޫ ބޯޓުން ގެނައި މުދާ ގެންގަރާށެވެ!
މި ދަންނަވައިލީ ހައްދުންމަތީ ބަހުރުވައިގެ ބައެއް އުޞޫލުތަކެވެ. ދޭދޭ ރަށްރަށުގެ ބަހުރުވައިގައި ތަފާތު ހުންނާތީ މި ދެންނެވި އުޞޫލުތައް ހިނގާނީ އެކި ރަށުގައި އެކި މިންވަރަށްކަން ފާހަގަ ކޮށްލެވެއެވެ.
ބަސްކޮށާރުގައި ނެތް ލަފުޒެއް:
މިހާރު މުވާޞަލާތު ކުރިއަރައިގެން ހުރިހާ ރަށެއް ބަވަނަވަމުން އަންނައިރު ބައެއް ލަފުޒު އުވި އިތުރުވެ އެބަވެއެވެ. ބަހުރުވަ އެބަ ގެއްލެއެވެ. ބައެއް ރަށްރަށުގައި މިހާރު ބޭނުންކުރިޔަސް "ކާކު" މިއީ ހައްދުންމަތީ ބަސްކޮށާރުގައި އޮންނަ ލަފުޒެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންކުރަނީ "ކޮން މީހެއް" މިހެންނެވެ. ބަހުގެ އުޞޫލުތަކަށް ބަލާއިރު މިވެސް މުއްސަނދި ކަމެކެވެ. އެހެނީ "ކާކު" ގިނަ ކުރާނަމަ ބަދަލުވަނީ މީހުންނަށެވެ.
މިސާލަކަށް:
|
އާންމު ބަހުރުވަ |
ހައްދުންމަތީ ބަހުރުވަ |
މިސާލު |
|
ކޮން އެއްޗެއް؟ |
ކޮން އެއްޗެއް؟ |
މިސާލުތަކަށް ބަލާ އިރު ހަގީގަތުގައި ސުވާލުގެ އަކުރަކީ "ކޮން" ކަން އެބަ އެނގެއެވެ. |
|
ކޮން ތަނެއް ؟ |
ކޮން ތަނެއް ؟ |
|
|
ކޮން ބަޔެއް؟ |
ކޮން ބަޔެއް؟ |
|
|
ކާކު؟ |
ކޮން މީހެއް؟ |
ދިވެހި ޢާންމު ބަހުރުވައިގައި ސުވާލުގެ އަކުރު ކަމަށް ކިޔާ "ކާކު" "ކޮންތާކު" "ކިހިނެއް" "ކޮންއިރަކު" "ކީއްވެ" މި ހުރިހާ ލަފުތަކެއްގެ އަޞްލަކީ ވެސް ހަމައެކަނި "ކޮން" ކަން އެބަ އެނގެއެވެ. މި ދަންނަވާ މިސާލުތަކަށް ބައްލަވާށެވެ!
ކިހިނެއް (ކޮން ހެނެއް)
ކީއްވެ (ކޮން ހެނެއްވެ)
ކޮންއިރަކު (ކޮން އިރަކު)
ކޮންތާކު (ކޮން ތާކު)
ކާކު (ކޮން މީހެއް)
ބަހުރުވައާ ބެހޭ ގޮތުން މި ފަދަ ވަރަށް ގިނަ ވާހަކަތައް ހުންނާނެއެވެ. ނަމަވެސް މިހާރުވެސް މިކަމަށް މާ ގިނަ ވަގުތު ހޭދަވެއްޖެއަތީ، މިކަމާމެދު އިތުރަށް ވިސްނައިވަޑައިގަތުމަށް ތިޔަ ބޭފުޅުންނަށް ފުރުޞަތު އަރުވަމުން މި ހިސާބުން ނިންމައިލަމެވެ. (ނިމުނީ)