ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
13 ޖޫން 2026
ބާރަށް މަސްތުވެފައިވާ އެމެރިކާއިން ދަމަހައްޓަމުން އައި، ސުޕަޕަވަރުގެ ބޮޑާކަމާއި، ކިބުރުވެރިކަން އީރާނުން މިވަނީ ފުނޑުފުނޑު ކޮށްލާފައެވެ!
މެދުއިރުމަތީގެ ހޫނުގަދަ ހަނގުރާމައިގެ މައިދާނުން، މި ޒަމާނުގައި ބަޔަކަށް ފެންނާނެ އެންމެ ބޮޑު އަދި އެންމެ ބިރުވެރި ޙަޤީޤަތް މި ވަނީ ފެންމަތިވެފައެވެ. ބާރުގެ މަސްތުގައި ލޯމަރައިލައިގެން އެމެރިކާއިން ފެށި މި ހަނގުރާމައިގައި، އެމެރިކާ މިހާރު އޮތީ ނުރައްކާތެރި، ދަތި އުނދަގޫ ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައެވެ. އެ ވަޅުގަނޑުން އަރައިގަނެވޭނެ ގޮތެއް އަދި އެމެރިކާއަކަށް ނުފެނެއެވެ. ދުނިޔޭގައި މިހައި ތަނަށް އަޅައިފައިވާ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާއި، އިޤުތިސާދީ ކާރިސާގެ ތެރޭގައި 48 އަހަރު ވަންދެން އޮތް އީރާނު މި ވަނީ އެކަތައިގެ ބާރެއްގެ ގޮތުގައި ނުކުމެ، ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ ބާރު ފުނޑުފުނޑުކޮށްލައިފައެވެ.
މި ހަނގުރާމައިގައި އީރާނަށް އިތުރަށް ގެއްލޭނޭ އެއްވެސް އެއްޗެއް ނެތް ނަމަވެސް އެމެރިކާއަށް މި ވަނީ ހުރިހައި ކަމެއް ވެސް ދަތިވެފައެވެ. [ހަތަރުއުދަރެސް ފެނުޖެހިފައެވެ.] އީރާނާ އެކު އެއްބަސްވުމެއް ހަދާން އުޅޭކަން، މިހައި ތަނަށް ސާޅީސް ފަހަރު އެމެރިކާގެ ރައީސް ޓުރަންޕު ވަނީ އިޢުލާނުކޮށްފައެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް އަލުން އަނެއްކާވެސް ހަނގުރާމަ ފަށައެވެ. އެމެރިކާ ވަނީ މީގެ ކުރީންވެސް މަޝްވަރާގެ މޭޒުމަތީން ފިލައި ރައްކާވެފައެވެ. މިފަހަރު ވެސް ދިމާވެގެން މިއުޅެނީ ހަމަ އެ ފަދަ ގޮތެކެވެ. މިހާރު އަނެއްކާ ވެސް އީރާނަށް ބޮން އެޅުމަށް ފަހު، ވޮޝިންޓަނުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނަށް ފިއްތުންތައް ކުރިމަތިކުރާން ފެށިއެވެ. ނަމަވެސް މިހާރު މި ވަނީ އެއް ކަމެއް ޔަގީންވެފައެވެ. އެއީ، އެ ސަރަހައްދުގެ ޙާލަތު އެއްވެސް ޔަގީންކަމެއް ނެތި ދެމިއޮތުމާއި އަދި، އެއްބަސްވުމަކަށް އާދެވުނު ނަމަވެސް އެމެރިކާގެ ވަޢުދުތަކާ މެދު އިތުރަށް ބަރޯސާނުކުރެވުމެވެ.
އެމެރިކާގެ އިގުތިސާދާއި، ޕެންޓަގަންގެ ތަދުބީރުތަކަށް ގުޑުން އަރުވައިލި، މި ހަނގުރާމައިގެ ނުރައްކާތެރި ތަފާސް ހިސާބުތަކަށް ބަލައިލަމާ ހިނގާށެވެ.
އެމެރިކާގެ 'ސްޓެލްތު ޓެކްނޮލޮޖީ'ގެ ޖަނާޒާއާއި، ލިބުނު ގެއްލުންތަކުގެ ހިސާބުތަކަށް ރިޢާޔަތްކުރާ އިރު، ހަނގުރާމަ ފެށުނު ފަހުން، އެމެރިކާގެ ތާރީޚުގައި މީގެ ކުރީން ލިބިފައި ނުވާ ފަދަ ބޮޑެތި ގެއްލުންތަކެއް އެ ސަރަޙައްދުން ވަނީ ލިބިފައެވެ.
ހަލާކުވެފައިވާ ފަޔަރ ޖެޓުތަކާއި ޑުރޯނުތަކަށް ބަލާ އިރު، އީރާނުގެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމާއި، އެންޓި އެއާރކުރާފުޓު މިސައިލުތަކުން ވަނީ އެމެރިކާގެ އެންމެ ޒަމާނީ 42އަށް ވުރެ ގިނަ ފައިޓަރު ޖެޓުތަކާއި، އެންމެ އަގުބޮޑު ޖާސޫސީ އަދި ހަނގުރާމައިގެ ޑުރޯނުތައް ވައްޓައިލައިފައެވެ. ރާޑަރަށް ވެސް ނާރާނެކަމަށް، އެމެރިކާއިން ބުނާ ސުޓެލްތު ފަންނިއްޔާތުގެ ޖަނާޒާ، އީރާނުން އެ ދަނީ ބާއްވަމުންނެވެ.
އެމެރިކާގެ ހަތިޔާރުގެ ކޮށާރު މި ވަނީ ގާތްގަޑަކަށް ހުސްވެފައެވެ. ހަނގުރާމައިގެ ބާރުގަދަކަން މިހައި ތަނަށް ލިބިފައިވާ ވާޤިޢާތަކުން ވަޒަންކުރެވެއެވެ. އެ ގޮތުން، ޕެންޓަގަންގެ ސުމާޓު ބޮމާއި، ގައިޑެޑު މިސައިލުތައް ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. އަދި، އެމެރިކާގެ ހަތިޔާރު އުފައްދާ ކާރުޚާނާތަކަށް، ޕެންޓަގަނުން ކުރާ ޕްރެޝަރު ވަނީ އިތުރުވެފައެވެ.
މެދުއިރުމަތީގައި އެމެރިކާއިން ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތައް އީރާނުން ވަނީ ހަލާކުކޮށްލައިފައެވެ. އީރާނާއި އެ ޤައުމުގެ ބައިވެރީން ވަނީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ވިއްސަށް ވުރެ ގިނަ އަސްކަރީ މަރުކަޒު ބިމާ ހަމަކޮށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުން އެމެރިކާއަށް ދީފައެވެ.
އެ ސަރަހައްދުގައި، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ވިއުގަތައް ހުރީ ކޮންކޮން ތަނެއްގައިހެއްޔެވެ؟ އެމެރިކާގެ ބޮޑެތި އަސްކަރީ މަރުކަޒުތައް ބޭނުންކޮށްގެން އެމެރިކާއިން ބޭނުންވީ އީރާނު ވަށައިލުމަށެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި 50،000އަށް ވުރެ ގިނަ ސިފައިން އެބަތިއްބެވެ.
ޤަޠަރުގެ އަލްޢުދައިދު ވައިގެ ސިފައިންގެ މަރުކަޒަކީ މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އެންމެ ބޮޑު ވައިގެ ސިފައިންގެ މަރުކަޒެވެ.
ބަހުރެއިންގައި ޤާއިމުކޮށްފައިވާ ކަނޑުގެ ސިފައިންގެ މަރުކަޒަކީ އެމެރިކާގެ ފަސްވަނަ ފްލީޓް މައި މަރުކަޒެވެ. އެމެރިކާއިން އުޅުނީ، ކަނޑުގެ ސިފައިންގެ އެ މަރުކަޒު ބޭނުންކޮށްގެން ކަނޑު މަގުން އީރާނު ޙިޞާރުކުރާށެވެ.
ކުވައިތުގެ ޢަރީފުޖާނު އަސްކަރީ މަރުކަޒަކީ، އެމެރިކާ އަސްކަރިއްޔާގެ އެތައް ހާސް ސިފައިންނާއި، ހަނގުރާމައިގައި ބޭނުންކުރާ ބޮޑެތި ވެހިކަލްތައް ބަހައްޓައިފައިވާ ބާރުގަދަ މަރުކަޒެކެވެ.
ޢަރަބި ޢިމާރާތުގެ އައްޡިފުރާ ވައިގެ މަރުކަޒަކީ، އެމެރިކާގެ ފައިޓަރު ޖެޓުތަކުގެ މަރުކަޒެކެވެ. އެ މަރުކަޒުން، އެއް ތަނުން އަނެއް ތަނަށް ފައިޓަރު ޖެޓުތައް ފޮނުވައިލެވެއެވެ.
ޢިރާޤާއި ސީރިއާގައި ޤާއިމުކޮށްފައިވާ، ކޭންޕު ވިކުޓަރީއާއި، އައިން އަލްއަސަދު، އަދި އައްތަންފު ފަދަ މަރުކަޒުތަކަކީ، މެދުނުކެނޑި އީރާނުގެ މިސައިލުތަކާއި ޑުރޯނުތަކުގެ އަމާޒުތަކަށް ވެފައިވާ ތަންތަނެވެ.
އިގުތިސާދީ ގެއްލުންތަކުގެ ސަބަބުން އެމެރިކާއަށާއި، ދުނިޔެއަށް ލިބެމުން މި ދަނީ ކިހައި ވަރެއްގެ ގެއްލުންތަކެއްހެއްޔެވެ؟
ފާއިތުވި 100 ވަރަކަށް ދުވަހުގެ ތެރޭގައި އީރާނަށް ބޮންއަޅައިގެން އެމެރިކާއަށް ހާސިލުވީ އެއްވެސް ކަމެއް ނެތެވެ. ދެން އިތުރަށް ބޮން އަޅައިގެން ޙާޞިލުކުރެވޭނޭ ވަކި އިތުރު ކަމެއް އެބަ އޮތްހެއްޔެވެ؟ އެކަމަކު، އެ ޙަމަލާތަކުގެ ސަބަބުން ދުނިޔޭގެ އިޤުތިޞާދު ޔަޤީނުން ވެސް ހަލާކުވާނެއެވެ.
އެމެރިކާގެ ޙިއްޞާގެ ބާޒާރު މި ވަނީ ދުވަހަކު ނުވެއްޓޭހާ މިންވަރަށް ދަށަށް ވެއްޓިފައެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައީސް ޓުރަންޕު އަލުން ހަނގުރާމަ އިޢުލާނުކުރުމާ އެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި ހިމެނޭ އެސް އެންޑް ޕީ 500ގެ ކުންފުނިތަކުގެ ޙިއްޞާއިން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެއް ޓުރިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ.
ތެލުގެ އަގު މި ވަނީ ހިފެހެއްޓުމެއް ނެތި މަތިވެފައެވެ. ހުރުމުޒު ކަނޑުއޮޅީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މި ވަނީ އިންތިހާއަށް މަތިވެފައެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގައި މި ވަނީ ލާދައިގެ އާ ޠޫފާނެއް އުފެދިފައެވެ.
މި ހަނގުރާމަ ފެށުނު ފަހުން، މެރިން އިންޝުއަރެންސްގެ އަގުތައް މި ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ. ފާރިސީ ޚަލީޖުން ދަތުރުކުރާ އާގުބޯޓުފަހަރުގެ އިންޝުއަރެންސް ޚަރަދުތައް 400 އިންސައްތަ މަތިވެ، ދުނިޔޭގެ ވިޔަފާރި މި ވަނީ ދުވަހަކު ނުވެއްޓޭހައި މިންވަރަށް ދަށަށް ވެއްޓިފައެވެ.
މި ހަނގުރާމައިގައި، މަރުވި މީހުންނާއި، އަދި އަނިޔާވި މީހުންނަށް ބަލާ އިރު، މިހައި ތަނަށް ހިނގި ހަމަނުޖެހުންތަކާއި، އަސްކަރީ މަރުކަޒުތަކަށް ދެވުނު މިސައިލު ހަމަލާތަކާއި، ހެލިކޮޕުޓަރުތަކާއި، މަތިންދާބޯޓުތައް ވެއްޓުމުގައި ދެފަރާތުގެ އެތައް ސަތޭކަ ސިފައިންނާއި، އެހެން އެތައް ބަޔަކު މަރުވެފައިވާކަމަށް ލަފާކުރެވެއެވެ. އަދި ދެ ފަރާތުން އެތައް ސަތޭކަ ބަޔަކު ޒަޚަމުވެފައިވާ އިރު، ކަނޑުގެ ސަރަޙައްދުގައި އާންމު މަސްވެރީން ވެސް މި ހަނގުރާމައިގެ ޝިކާރައަކަށް ވެފައެވެ.
އެމެރިކާއިން މިފަހަރު މި ވަދެވުނީ ކޮޅުބެދިފައިވާ ނުރައްކާތެރި އަދި އެހައިމެ އަނދިރި ގޯޅިގަނޑަކަށެވެ. ކުރިއަށް ދެވޭކަށް ނެތެވެ. އަދި ފަހަތަށް އެނބުރި ދެވޭކަށް ވެސް ނެތެވެ. އެމެރިކާގެ ބާރުގެ ބޮޑާކަން ފުނޑުފުނޑުވެގެން ދިއުމަށް ފަހު، ދުނިޔެ މިހާރު ބަލަމުންދަނީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށްވެފައިވާ އީރާނު ބަލިނުކުރެވޭފަދަ ބާރަކަށް ވެފައިވަނީ ކިހިނެއްތޯއެވެ.
ސުވާލަކީ، އެމެރިކާއަށް ދުވަހަކު ވެސް މި ވަޅުގަނޑުން ރައްކާތެރިކަމާ އެކު އަރައިގަނެވޭނެހެއްޔެވެ؟ ނުވަތަ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސަރުކާރު ވެއްޓޭނީހެއްޔެވެ؟
ބައެއް ލަފުޒުގެ މާނަ:
ހަތަރުއުދަރެސް ފެނުޖެހުން މ. (1) ކަމަކާމެދު ފިކުރުކޮށްކޮށް ގޮތެއް ނުފެނުން. (2) ހިކިފަސްތަނެއް ފެންނާން ނެތުން.
ވިއުގަ ނ. މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު.
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. (2) ހިކުމަތް.
ލާދަ ނ. ފައިސާގެ އަގު ދަށަށްދާ ދިއުމުން މުދަލުގެ އަގު ބޮޑުވުން.