ad_banner
ޤިޔާމަތްދުވަހުން މީސްތަކުންގެ ޙާލުއަޙްވާލު (5)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

12 ޖޫން 2026

(2026 ޖޫން 8ގެ އަދަދާ ގުޅޭ)

1- ކީރިތި ޤުރްއާން ކިޔަވާ މީހާއަށް އެކަމުގައި ހެވާއި ލާބަޔާއި ބަރަކާތް ވެއެވެ. އެއީ ﷲއާ އެކަލާނގެ އަޅާ ގުޅުވައިދޭ ވައުފަށެކެވެ. އެކަމުގައި ނަފްސުގެ ހިތްހަމަޖެހުން ވެއެވެ.އެކަމުގައި މަތިވެރި ސަވާބުވެއެވެ. ޤިޔާމަތްދުވަހުގެ ނަޖާވުން ވެއެވެ.ސިޙްރުވެރީންގެ ނުބައި ރޭވުންތަކާއި މަޅިތަކުން ސަލާމަތްވުން ވެއެވެ.ބަޤަރާ ސޫރަތާއި އާލުޢިމްރާން ސޫރަތަކީ މި ކަމަށް ޚާއްޞަ ދެ ސޫރަތެވެ.މި ޙަދީސްފުޅުގައި ލޮބުވެތި ރަސޫލާ صلَّى اللهُ عليهِ وسلَّم އެކަލޭގެފާނުގެ އުންމަތަށް ހިތްވަރުދެއްވަނީ ޤުރްއާން ކިޔެވުން ގިނަކުރުމަށެވެ. އެ ކަން އާދަކޮށް ކުރުމަށެވެ. ހަމައެކަނި ރަމަޟާންމަސް އައުމަކުންނޫނެވެ. ރަސޫލާ صلَّى اللهُ عليهِ وسلَّم ޚަބަރުދެއްވާ ގޮތުގައި ޤިޔާމަތްދުވަހުން ކީރިތި ޤުރްއާން  މީސްތަކުންނަށް ފެންނާނެ ފަދަ ގޮތަކަށް ﷲ ސޫރަކޮށްދެއްވާނެއެވެ. އެއީ ޤުރްއާނުގެ ސަވާބު ސިފަކޮށްދެއްވުމެކެވެ.އިންސާނާގެ ޢަމަލުތައް މީޒާނަށް ލެވި ކިރޭ ފަދަ އެއްޗަކަށް ބަދަލުކުރައްވަވާ ގޮތަށެވެ. މި ސަވާބުތައް ތަފާތު ސޫރަސޫރައިގައި ހަށިކޮށްދެއްވުމުން އޭއްޗެހި ﷲގެ ޙަޟްރަތުގައި އޭނާގެ ދިފާޢުގައި ވަކާލަތުކުރާނެއެވެ. އޭނާއަށް ފާފަފުއްސަވާދެއްވުމަށް ދަންނަވާނެއެވެ. އޭނާ ނަރަކައިން މިންޖުކޮށްދެއްވުމަށް ދަންނަވާނެއެވެ. އޭނާ ސުވަރުގެ ވައްދަވާދެއްވުމަށް ދަންނަވާނެއެވެ. ނުވަތަ ސުވަރުގޭގައި އޭނާގެ ދަރަޖަ މަތިވެރިކޮށްދެއްވުމަށް ދަންނަވާނެއެވެ.ރަސޫލާ صلَّى اللهُ عليهِ وسلَّم ގެ މި ބަސްފުޅުގައި ވަކި ސޫރަތެއް ކިޔެވުމަށް ތަކްރާރުކުރައްވާ ޙަދީސްކުރައްވައިފައިވެއެވެ. މި ދެ ސޫރަތް ކިޔަވާ މީހުންނަށް ޤިޔާމަތްދުވަހުން މިދެ ސޫރަތް ޝަފާޢަތްތެރިވާނެތީއެވެ. މި ދެ ސޫރަތަށް ޒަހުރާވައިނީގެ ނަން ދެއްވައިފައިވަނީ މި ދެ ސޫރަތުގައި ލަފުޒުލްޖަލާލަތި "ﷲ"އާއި އިސްލާމްދީނުގެ ޙުކުންތައް އައިސްފައިވާލެއް ގިނަކަމުންނެވެ. މި ދެ ސޫރަތުގެ ސަބަބުން ޤިޔާމަތްދުވަހުން އަލިކަން ލިބޭނޭތީއެވެ. ކީރިތި ޤުރްއާނުގެ ކޮންމެ ސޫރަތަކީ ވެސް زَهْراءُއެކެވެ. ﷲގެ ކަލާމްފުޅަކީ ނޫރެއްކަމުގައިވާތީއެވެ.  ބަޤަރާ ސޫރަތާއި އާލުޢިމްރާން ސޫރަތުގެ ވާހަކަ ތަކުރާރުކުރައްވައިފައި މި ވަނީ މި ދެ ސޫރަތުގެ މަޤާމުގެ މަތިވެރިކަން ބަޔާންކޮށްދެއްވުމަށް ޓަކައެވެ. ޤިޔާމަތްދުވަހުން މި ދެ ސޫރަތް ޤިޔާމަތްދުވަހުގެ ހޫނުކަމުން ރައްކައުތރިކޮށްދޭ ދެ ވިލާގަނޑުގެ ގޮތުގައި ބައްޓަންކޮށް ދެއްވާނެއެވެ.  ނުވަތަ ބޯހިޔާކޮށްދޭ އެއްޗެއްކަމުގައި ލައްވާނެއެވެ. އެއަށް ފަހު އެކަލޭގެފާނު އަންގަވަނީ އޭގައި ހިފެހެއްޓުމަށެވެ. މުރާދަކީ ބަޤަރާ ސޫރަތްކިޔެވުމުގައި ދެމިހުންނާށެވެ! އެ ސޫރަތް ކިޔެވުން ހުއްޓައިނުލާށެވެ! ދެން އެކަލޭގެފާނު މި ޚަބަރުދެއްވަނީ ސިޙުރުވެރީންނަށް މި ސޫރަތް ނުކިޔެވޭނެކަމަށެވެ. މި ސޫރަތް ކިޔަވާ މީހާއަށް މާތް ﷲ ދެއްވަވާ ރައްކައުތެރިކަން އެމީހުންނަށް ފޫއަޅުވައިނުލެވޭނޭތީއެވެ.

2- ޤުރްއާން ޤިޔާމަތްދުވަހުން ބައްދަލުކުރުން. ކައުރަސޫލާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((إنَّ القُرآنَ يَلْقى صاحبَه يومَ القيامةِ حين ينشَقُّ عنه قبْرُه كالرَّجُلِ الشَّاحبِ، يقولُ: هل تَعْرِفُني؟ فيقولُ له: ما أعرَفُك، فيقولُ: أنا صاحِبُك؛ القُرآنُ الَّذي أظمأْتُك في الهواجرِ ، وأسهرْتُ ليلَك، وإنَّ كلَّ تاجرٍ من وراءِ تِجارَتِه، وأنت اليومَ من وراءِ كلِّ تجارةٍ، قال: فيُعْطى المُلكَ بيَمينِه، والخُلدَ بشمالِه، ويُوضَعُ على رأسِه تاجُ الوقارِ ، ويُكْسَى والداهُ حُلَّتَينِ لا يقومُ لهما أهلُ الدُّنيا، فيقولانِ: بما كُسِينا هذا؟ فيُقال: بأخْذِ ولدِكما القُرآنَ. ثمَّ يُقال: اقرَأْ واصعَدْ في دَرَجِ الجنَّةِ وغُرَفِها، فهو في صُعودٍ ما دام يقرَأُ هذًّا كان أو ترتيلًا.  - ޤިޔާމަތްދުވަހުން ޤުރްއާން އޭގެ ސާހިބާ ކަށްވަޅުން ތެދުވާއިރު ބަލިމީހެއް ގޮތުގައި އައިސް އޭނާއާ ބައްދަލުކުރާނެއެވެ. އޭނާ ބުނާނެއެވެ. މަށަކީ ކާކުކަން އެނގިއްޖެހެއްޔެވެ؟ އޭނާ ބުނާނެއެވެ. ތިޔައީ ކާކުކަމެއް ނޭނގުނެވެ. އެހިނދު  އޭނާ ބުނާނެއެވެ. މަށަކީ މެންދުރު އަވިބާރު ވަގުތުގައި ތިބާ ކަރުހިއްކުވި ޤުރްއާނެވެ. މެންދަމުވަގުތުގައި ތިބާގެ ނިދި ނަގައިލި ޤުރްއާނެވެ. ކޮންމެ ވިޔަފާރިވެރިއެއްގެ ފަހަތުގައި އޭނާގެ ވިޔަފާރި ވެއެވެ.މިއަދު ތިބާ ތިޔަހުރީ އެ ހުރިހާ ވިޔަފާރިތަކެއްގެ ފަހަތުގައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ފަހެ ޤުރްއާނު އޭނާގެ ކަނާތަށް މިލްކުވެރިކަން އަދި ވާތަށް ދިރިހުރުން ލައިދޭނެއެވެ. އަދި އޭނާގެ ބޮލުގައި ޢިއްޒަތްތެރިކަމުގެ ތާޖު އަޅުވައި އޭނާގެ  މައިންބަފައިން ދެ ފޭރާމުގެ ހެދުމުން ހެދުން ލައްވާދޭނެއެވެ. އެއީ ދުނިޔޭގެ އެއްވެސް މީހަކަށް އަގުކޮށް ވަޒަންކުރަން އެނގޭނޭ ކަމެއްނޫނެވެ. އޭނާގެ ބައްޕައާއި މަންމަ ބުނާނެއެވެ. އަހުރެމެންގެ ގައިގައި މި ގޮތަށް ފޭރާން ލެވުނީކީއްވެގެން ހެއްޔެވެ؟ ފހެ ޖަވާބުގައި ބުނެވޭނެއެވެ. ތިބާގެ ދަރިފުޅު ޤުރްއާން ހިތުސްކޮށްފައިވާތީއެވެ. އެއަށްފަހު ބުނެވޭނެއެވެ. ތިބާ ޤުރްއާން ކިޔަވަމުން ސުވަރުގޭގެ ހަރުފަތްތަކުންނާއި ކޮޓަރިތަކުގެ ތެރެއިން މައްޗަށް އަރަމުންދާށެވެ. އޭނާ ޙަދަރުކޮށް ވިޔަސް ތަރުތީލުކޮށް ވިޔަސް ކިޔަވަމުންދާހައި އިރަކު އޭނާ ހުންނާނީ މައްޗަށް އަރައަރައެވެ.))

މާތް އަޚުލާޤާއި ޢަމަލުތައް

މީހުންގެ ކިބައިގައި ހުންނަ އަޚުލާޤީ ބައެއް ސިފަތަކާއި މީހުންކުރާ ބައެއް ޢަމަލުތަކަކީ އެކަމުގެ ސަވާބަށް ޚާއްޞަ އިމްތިޔާޒެއް ލިބިގެންވާ ކަންތައްތަކެކެވެ.

1- އަޚުލާޤީ ސިފަތަކުގެ ތެރޭގައި ހިތްތިރިކަމާއި ތަވާޟުޢުވެރިކަން ވެއެވެ. ރަސޫލާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((مَنْ تركَ اللِّباسَ تَواضُعًا للهِ، وهو يَقْدِرُ عليهِ، دعاهُ اللهُ يومَ القيامةِ على رؤوسِ الخَلائِقِ حتى يُخَيِّرَهُ من أَيِّ حُلَلِ الإيمانِ شاءَ يَلْبَسُها - އަގުބޮޑު ފޭރާންލުމުގެ ތަނަވަސްކަން ލިބިހުރެ  ﷲ ތަޢާލާގެ ވަޖްހުފުޅަށް ޓަކައި ހިތްތިރިކޮށް ތަވާޟުޢުވެރިވުމުގެ ގޮތުން އެ ހެދުން ނުލި މީހާ އެންމެންގެ ތެރޭގައި ހުށްޓާ  މާތްﷲ ޤިޔާމަތްދުވަހުން އޭނާއަށް ގޮވައިލައްވާ އީމާންކަމުގެ ފޭރާންތަކުގެ ތެރެއިން އޭނާ ބޭނުން ފޭރާމެއް އިޚުތިޔާރުކުރުމަށް އަންގަވާނެއެވެ.)) އޭނާ ދުނިޔެ މަތީގައި މިކަންކުރީ ﷲގެ ވަޖްހުފުޅަށް ޓަކައެވެ.ހިތްނިޔަތް ޚާލިޞްކޮށްގެންނެވެ.މި ކަން އޭނާއާ އޭނާގެ ވެރިރަސްކަލަނގެއާ ދެމެދުގައިވާ ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ.މިއީ ސުވަރުގެ ވަނުމުގެ ކުރިންނެވެ.މި ކަމުގެ ސަބަބުން އޭނާއަށް ބޮޑު ބިރުވެރިކަމުން އަމާންކަން ލިބިގެންދާނެއެވެ. ޤިޔާމަތްދުވަހުގެ ހޫނުކަމުން ސަލާމަތްކަންލިބޭނެއެވެ. ﷲގެ ހިޔާވަހިކަމުގެ ހުރެވޭނެއެވެ.

2- ބަންގި ގޮވާމީހުންނަކީ (މުއައްޛިނުން) ޤިޔާމަތްދުވަހުން ޚާއްޞަ ބަޔެކެވެ. އެއީ ވަގުތަށް ފަރުވާ ބަހައްޓައިގެން ވަގުތުންވަގުތަށް ބަންގިގޮވާ މީހުންނެވެ. ކައު އިތުރު ނަބިއްޔާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((المُؤذِّنونَ أطولُ النّاسِ أعناقًا يومَ القيامةِ  ޤިޔާމަތްދުވަހުން އެންމެ ކަރު ދިގު މީހުންނަކީ ބަންގިގޮވާމީހުންނެވެ.)) ޢިލްމުވެރިން ވިދާޅުވާ ގޮތުގައި "ކަރު ދިގު"ގެ މާނައަކީ މާތްﷲ އެމީހުންނަށް ދެއްވާ ސަވާބު ގިނަކަމުން އޭއްޗެހިތައް ދުށުމަށް ޝައުޤުވެރިވެފައިވާ މިންވަރުގެ ބޮޑު ކަމެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤިޔާމަތްދުވަހުގައި ހޫނު ގަދަވެ އޮހޮރޭ ދަލުން ބައެއް މީހުން ޣަރަޤުވެގެންދާއިރު އިސްކޮޅު ދިގުވާން ބޭނުންވާނެއެވެ. މިއީ އިސްކޮޅު ދިގު ވާހަކައެވެ. ބަންގިގޮވާ މީހުން މި ދަލުގައި ޣަރަޤުނުވާނެތެވެ. ޢަރަބިބަހަށް ބަލާއިރު "ކަރުދިގު" މި ޢިބަރާތުގެ މާނައަކީ ޤަދަރުވެރިއެވެ. ބަންގިގޮވާ މީހަކީ ﷲގެ ޙަޟްރަތުގައި ޤަދަރުވެރި މީހެކެވެ. އެކަމުގެ މާތްކަމާ ބެހޭ ގޮތުން ރަސޫލާގެ އެތައް ބަސްފުޅުތަކެއް ވެއެވެ.އޭގެ ތެރޭގައި މި އަންނަ ބަސްފުޅުތައް  ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލްޚުދްރީގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.ނަބިއްޔާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((لا يَسْمَعُ مَدى صَوْتِ المُؤَذِّنِ، جِنٌّ ولا إنْسٌ ولا شيءٌ، إلّا شَهِدَ له يَومَ القِيامَةِ  - ބަންގިގޮވާ  މީހާގެ އަޑު ފޯރާ ހިސާބުގައިވާ ކޮންމެ ޖިންނިއެއް ވެސް ، ކޮންމެ އިންސިއެއް ވެސް އަދި ކޮންމެ އެއްޗެއް ވެސް ޤިޔާމަތް ދުވަހުން އޭނާއަށް އެކަމަށް ހެކިބަސްނުދޭނެ އެއްޗެއް ނުވާނެތެވެ.)) މާތް ﷲ ރުއްސުންލެއްވި އަލްބަރާއު ބުނު  ޢާޒިބުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((المؤذِّنُ يُغفَرُ لهُ مدى صوتِه، ولهُ مثلُ أجرِ مَن صلّى معَه  - ބަންގި ގޮވާ މީހާގެ އަޑު ފޯރިހައި ހިސާބަކުން އޭނާއަށް ފާފަފުއްސެވޭނެއެވެ.އަދި އޭނާއާއެކު ނަމާދު ކުރި އެންމެތަކުންނަށް ލިބޭ  ސަވާބާ  އެއްވަރަށް އޭނާއަށް ސަވާބު ލިބޭނެއެވެ.)) ބަންގިގޮވާ މީހުންގެ ދަރަޖައާއި މަޤާމާ ބެހޭ ގޮތުން ނަބިއްޔާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((ثلاثةٌ على كُثبانِ المسكِ يومَ القيامةِ :عبدٌ أدّى حقَّ اللهِ وحقَّ مواليه ورجلٌ أمَّ قومًا وهم به راضون ورجلٌ يُنادي بالصَّلواتِ الخمسِ في كلِّ يومٍ وليلةٍ  - ޤިޔާމަތްދުވަހުން ތިން މީހަކު ކަސްތޫރީގެ ފަރުބަދަތައް މަތީގައި ވާނެއެވެ. އެއީ ﷲގެ ޙައްޤުތައް އަދާކުރި އަޅާއާއި އޭނާގެ ސާހިބާގެ ޙައްޤުތައް އަދާކުރި އަޅުމީހާއާއި އެބައިމީހުންގެ ރުހުމުގައި އެބައިމީހުންގެ ވެރިކަމަށް އިސްވި މީހާއާއި  ކޮންމެ ރެއަކާއިދުވާލު ފަސްފަހަރު ނަމާދަށް  ބަންގި ގޮވި މީހާއެވެ.))

3- މުއުމިނަކާ ކުރިމަތިވި މުޞީބާތަކުން ސަލާމަތްކޮށްދިނުން. މި ފަދަ މުޞީބާތްތައް މާއްދީ ކަމަކަށް ވެސް އަދި މާނަވީ ކަމަކަށް ވެސް ވެދާނެއެވެ. މިއީ ޤިޔާމަތްދުވަހުން ﷲގެ ޚާއްޞަ ޢިނާޔަތް ލިބޭނޭ ކަމެކެވެ. ކައު ރަސޫލާ صلَّى اللهُ عليهِ وسلَّم ޙަދީސްކުރެއްވިއެވެ. ((مَن نَفَّسَ عن مُؤْمِنٍ كُرْبَةً مِن كُرَبِ الدُّنْيا، نَفَّسَ اللَّهُ عنْه كُرْبَةً مِن كُرَبِ يَومِ القِيامَةِ، وَمَن يَسَّرَ على مُعْسِرٍ، يَسَّرَ اللَّهُ عليه في الدُّنْيا والآخِرَةِ، وَمَن سَتَرَ مُسْلِمًا، سَتَرَهُ اللَّهُ في الدُّنْيا والآخِرَةِ   -  މުއުމިނެއްގެ ކިބައިން ދުނިޔޭގެ މުޞީބާތްތަކުން މުޞީބާތެއް ދުރަށްލައިދިން މީހާގެ ކިބައިން މާތްﷲ  ޤިޔާމަތްދުވަހުގެ މުޞީބާތްތަކުން މުޞީބާތެއް ދުރަށްލައިދެއްވާނެއެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން  މީހާއަށް މާތް ﷲ ދުނިޔެއާއި އާޚިރަތުގައި ލުއިކޮށްދެއްވާނެއެވެ.އަދި މުސްލިމަކު ނިވާކޮށްދިން މީހާ މާތް ﷲ  ދުނިޔެއާއި އާޚިރަތުގައި ނިވާކުރައްވާ ރައްކައުތެރިކުރައްވާނެއެވެ.)) މި ބަސްފުޅުގައި ނިވާކުރުމުގެ މާނައިގެ ތެރޭގައި އުނުއޮރިޔާން ނިވާކޮށްދިނުމާއި އޭނާ ފަޟީޙަތްނުކޮށް ބޭޒާރުނުކުރުން  ފަދަ މާނަވީ އަދި މާއްދީ ކަންކަން ހިމެނޭނެއެވެ.

ޤިޔާމަތްދުވަހުން ކައްސައިލުންތައް ވަރަށް ގިނަވާނެއެވެ.

(ނުނިމޭ)

ކޮމެންޓު