އަބާ މުޙަންމަދު
11 ޖޫން 2026
ގަލްފު ސަރަހައްދާއި މެދުއިރުމަތީގެ މަސްރަޙު މި ދުވަސްވަރު ވަނީ ފާއިތުވި އަހަރުތަކުގައި ނުދެކޭ ފަދަ ނުރައްކާތެރި ފައްތަރަކަށް ގޮސްފައެވެ. އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެބްރުވަރީ 28ގައި [އޮޕަރޭޝަން އެޕިކް ފިޔުރީ]ގެ ނަމުގައި ފެށި ވަރުގަދަ އަސްކަރީ ހަރަކާތްތަކަށް ފަހު، ސަރަހައްދީ ރައްކާތެރިކަމާއި ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުތައް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. ގިނަ ގައުމުތަކުގައި މުދަލާއި ޚިދުމަތުގެ އަގުވަނީ އިންތިހާއަށް އުފުލިފައެވެ. ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކެއްގެ ސަބަބުން ދިވެހި ރައްޔިތުންނަށް މި ކަމުގެ ސީދާ ނޭދެވޭ އަސަރުތައް އަދި ތަޖުރިބާކުރާން ޖެހިފައި ނެތަސް ދުނިޔޭގެ ޙާލަތު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.
ލިބެމުންދާ އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، ދާދިފަހުން ޕާކިސްތާނާއި ޗައިނާ މެދުވެރިވެގެން ފެށި މަޝްވަރާތައް ކޮޅެއްގައި ނުޖެހި އަލުން ވަނީ ހަމަލާތައް ބަދަލުކުރަން ފަށައިފައެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓުރޯލު ދަމަހައްޓާން އީރާނުން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ޖޫން 8ވަނަ ދުވަހު އޮމާންގެ އައްސޭރިފަށާ ކައިރީން ދަތުރުކުރަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ އޭއެޗް-64 އެޕާޗޭ ހެލިކޮޕްޓަރެއް އީރާނުގެ ޑުރޯނު ހަމަލާއަކުން ވަނީ ވައްޓައިލައިފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އީރާނުން މީގެ [އަގު ދައްކަންޖެހޭނެ]ކަމަށް ބުނެ، އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ރައްދުގައި ވައިގެ ހަމަލާތަކެއްދޭން އަމުރުކޮށްފައެވެ.
މި ކަން މި ހެން ހިނގަމުންދާ އިރު، އީރާނަށް ތާއީދުކުރާ ސަރަހައްދީ އެކިއެކި ޖަމާއަތްތަކުން ވެސް ދަނީ މި ހަމަނުޖެހުމުގެ ތެރެއަށް ވަންނަމުންނެވެ.
އިސްރާއީލުން ބެއިރޫތުގައި ހުންނަ ހިޒުބުﷲގެ ޑްރޯން މަރުކަޒަކަށް އިޒުރޭލުން ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވައިލައިފައެވެ. މީގެ ތެރެއިން ގިނަ ޙަމަލާތައް ކާމިޔާބުކަމާ އެކު އޭގެ އަމާޒަށް ވާސިލުވެފައިވާތީ އިޒުރޭލަށް ވަނީ ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައެވެ. އިޒުރޭލަށް ލިބޭ ގެއްލުންތައް ވަންހަނާކުރާން ހަރުކަށި ގާނޫނީ ފިޔަވަޅުތަކެއް އަޅައިފައި ވިޔަސް އެ މީހުންނަށް ލިބޭ ހުރިހައި ގެއްލުންތަކެއް ވަންހަނާއެއް ނުކުރެވެއެވެ. މި ޙަމަލާތަކުގެ ރައްދުގައި އިސްރާއީލުން ވެސް ގެންދަނީ އީރާނުގެ އެތެރޭގައި ހުރި މިސައިލާއި ޑުރޯނު އުފައްދާ ކާރުޚާނާތަކަށް ބޮންއަޅަމުންނެވެ.
އަނެއްކޮޅުން ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ހޫޘީން ވަނީ އާކޮށްފައެވެ. މީގެ އިތުރަށް އިސްރާއީލުގެ ވެރިރަށް ތައްލު އަބީބާއި އީލާތު ސިޓީއަށް އަމާޒުކޮށް ހޫޘީން ފޮނުވައިލި މިސައިލުތަކެއް އިސްރާއީލުގެ ދިފާއީ ނިޒާމު ބޭނުންކޮށްގެން ވައްޓައިލައިފައިވާކަމަށް އިސްރާއީލުން ބުނެއެވެ. އޭގެ ތެރެއިން އެއް މިސައިލު ސުޢޫދީ ޢަރަބިއްޔާގެ ސަރަހައްދަށް ވެއްޓިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، މުދާ އުފުލާ އާގުބޯޓުފަހަރު ދަތުރުކުރުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ގިނަ ކުންފުނިތަކަކުން މިހާރު ހުރުމުޒު ކަނޑުއޮޅި ދޫކޮށް އެހެން މަގުތަކުން ދަތުރުކުރާން ވަނީ ފަށައިފައެވެ. މި ކަމުގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް ވަނީ އުފުލިފައެވެ.
މި ނުރައްކާތެރި ދަނޑިވަޅުގައި، އދ.ގެ ސަލާމަތީ މަޖިލީހުން ދަނީ ކޮލަމްބިއާގެ ރިޔާސަތުގެ ދަށުން ޚާއްޞަ ބައްދަލުވުމެއް ބާއްވައި، ސިޔާސީ ހައްލެއް ހޯދުމަށާއި ސަރަހައްދީ ހަނގުރާމައަކަށް މި ކަން ބަދަލުވިޔަނުދީ ހިފެހެއްޓުމަށް ބާރުއަޅަމުންނެވެ. ނަމަވެސް އެމެރިކާއާއި އީރާނާއި ދެ ފަރާތުގެ ދޫނުދިނުމާއި ބަދަލުހިފުމުގެ ރޫހުގެ ސަބަބުން މަސްރަޙު އަދިވެސް އޮތީ ނޭވާ ހިފަހައްޓައިލާންޖެހޭ ފަދަ ޚުޠޫރަތްތެރި ޙަލަތެއްގައެވެ. އެހެންކަމުން މި ހަމަނުޖެހުންގަނޑު ނިމޭނެ އިރެއް އަދި ނިމޭނެ ގޮތެއް އޮތީ ނޭނގުމެއްގެ ތެރޭގައެވެ.