އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
10 ޖޫން 2026
ކީރިތި ޤުރްއާނުގައި ވާ ކޮންމެ އަކުރެއް ބޭއްވެވިފައި ވަނީ ވަރަށް ހަރުދަނާ މީޒާނަކަށެވެ. ތަވާޒުނަކަށެވެ. އެއިން އަކުރެއް ފަސް ވިޔަސް އަދި އިސް ވިޔަސް މި ތަވާޒުނު ގެއްލިގެންދާނެއެވެ. ﷲ U އެކަލާނގެ ބަރަކާތްތެރި ފޮތް ފައްޓަވައިފައި ވަނީ އަލިފުބާގެ 28 އަކުރުގެ ތެރެއިން 2ވަނަ އަކުރު ކަމުގައިވާ الباء އިންނެވެ. އެއީ ވަރަށް ބޮޑު ޙިކުމަތަކަށް ޓަކައެވެ. އެކަލާނގެ ކީރިތި ފޮތް ޤުރްއާން ފަށްޓަވައފައިވާ ދެވަނަ އަކުރަކީ السينއެވެ. އެއީ ވަރަށް ބޮޑު ތަދުބީރެކެވެ. ތިންވަނަ އަކުރަކީ الميمއެވެ. އެއީ ކީރިތި ޤުރްއާނުގެ ތަފާސްހިސާބުގެ ބިނާގެ ކުރިބޯށްޓެވެ. ކޮންމެ އަކުރެއްވެސް އެ އޮންނަންވާ ތަނުން އިސްވެގެން ވެސް އަދި ފަސްވެގެން ވެސް ނުވާނެއެވެ. ކޮންމެ އަކުރެއް ވެސް ތަކުރާރުކުރެވިފައިވަނީ ވަކި މިންވަރަކަށެވެ. އިތުރުވެގެން އުނިވެގެން ނުވެއެވެ.
މި އަންނަ ފަރުދާތަކުގައި ޤުރްއާނުގެ އަކުރުތަކުގެ ތަރްތީބާއި މިއަކުރުތަކުގެ ވަނަތަކުގެ މަލަތައް ހާމަކުރެވޭތޯ މަސައްކަތްކުރާނަމެވެ. މާތް ﷲގެ ތައުފީޤާ އެކުގައެވެ.
سورة الفاتحة ގައި އަލިފުބާގެ އަކުރުތަކުގެ ތެރެއިން 21 އަކުރެއް ވެއެވެ. މި އަކުރުތައް ޖުމްލަ 143 ފަހަރު ތަކުރާރުވެފައި ވެއެވެ.
މިއަކުރުތައް މި ސޫރަތުގެ ބެހިފައިވާ ގޮތާ މެދު ވިސްނައިލަމާހިނގާށެވެ!
بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)
- މި ސޫރަތް ފެށޭކޮޅުން ބަލާއިރު 7ވަނަ އަކުރަކީ الهاء އެވެ. އެއީ ފުރަތަމަ އާޔަތުގައި އައިސްފައިވާ ލަފުޒުލްޖަލާލަތި (ﷲ)ގެ ފަހު އަކުރެވެ.
- 14 ވަނަ އަކުރަކީ (7+7) الألف އެވެ. މިއީ ފުރަތަމަ އާޔަތުގެ ނިމޭ ކަލިމަ (الرحيم)ގެ ފަހު ކަލިމައިގެ ފުރަތަމަ އަކުރެވެ.
- 21ވަނަ އަކުރަކީ (7 + 7 + 7) اللَّام އެވެ. އެއީ ދެވަނަ އާޔަތުގެ ފުރަތަމަ ކަލިމައިގެ ދެވަނަ އަކުރެވެ.
ފުރަތަމަ ތިން އަކުރުގެ ޝަޚްޞިއްޔަތާމެދު ވިސްނައިލަމާ ހިނގާށެވެ!
7އާއި 7ގެ ގުނަތައް ހިމެނޭ ތިން އަކުރަކީ ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތަކެވެ.
މި ތިން އަކުރުގެ ވަނައަށް ބަލާއިރު މި އަކުރުތަކުގެ ތަރްތީބީ ވަނަތައް ލަފުޒުލްޖަލާލަތި (ﷲ)ގެ އަކުރުތަކުގެ ވަނަތަކާ އެއްގޮތްކަން ފާހަގަކުރެވެއެވެ.
- އަކުރު الألف އައިސްވަނީ "الرحيم" މިކަލިމައިގެ ފުރަތަމަ އަކުރުގައެވެ.އެއީ ލަފުޒުލްޖަލާލަތި ( ﷲ ) މި ލަފުޒުގެ ފުރަތަމަ އަކުރެވެ.
- އަކުރު اللَّام އައިސްފައިވަނީ "الحمد" މި ކަލިމައިގެ ދެވަނަ އަކުރުގައެވެ. އެއީ ލަފުޒުލްޖަލާލަތި ( ﷲ ) މި ލަފުޒުގެ ދެވަނަ އަކުރެވެ.
އެއް ކިޔާނެއްގެ ތަފާތު އެތައް ބައްޓަންތަކެއް ރިވެތި ނިޒާމަކަށް އަތުރައިލެވިފައިވާ ގޮތް ނިކަން ދެކެބަލާށެވެ!
މިހާ ފުރިހަމަކޮށް މި ނިޒާމު އެކުލައިލީ ކޮންފަރާތަކުން ހެއްޔެވެ؟
އިންސާނަކަށް ކިތަންމެ ވަރަށް ޢިލްމު ލިބިފައި ވިޔަސް ކިތަންމެ ވަރަށް ވަގުތު ލިބިފައިވިޔަސް ކީރިތި ޤުރްއާނުގެ އަކުރުތައް މި ގޮތަށް މި ރިވެތިކަމާއި ފަށުވިކަމާއެކު ގަތައެއް ނުލެވޭނެއެވެ.ކީރިތި ޤުރްއާނުގައިވާ 330 ހާސް އަކުރު ، އަކުރަކުން އަކުރަކުން، އާޔަތަކުން އާޔަތަކުން ، ސޫރަތަކުން ސޫރަތަކުން މި ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަމާއެކު ގަތައިލެވިދާނެ ހެއްޔެވެ؟
މާތް ﷲ އިންސީންނަށާއި ޖިންނީންނަށް ގޮންޖައްސަވައިފައިވާ ގޮތަށް ނިކަން ބަލައިބަލާށެވެ! އެކަލާނގެ ވަޙީކުރެއްވިއެވެ.
وَإِنْ كُنتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُم مِنْ دُوْنِ اللَّهِ إِنْ كُنْتُمْ صَادِقِيْنَ -البقرة: 23 - ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ!
މި ގޮންޖެއްސެވުމުގެ މިންވަރު ތިބާއަށް ތަސައްވުރުކުރެވޭހެއްޔެވެ؟ އެންމެންނަށް ގޮންޖައްސަވާ ވަޙީކުރެއްވިއެވެ.
قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لَا يَأْتُوْنَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيْرًا - الإسراء : 88- ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީ ނަމަވެސްމެއެވެ.
ކުރިއަށް ދަތުރު
بِسْمِ اللَّهِ الرَّحْمَنِ الرَّحِيْمِ (1) الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ (2) الرَّحْمَنِ الرَّحِيْمِ (3) مَالِكِ يَوْمِ الدِّيْنِ (4) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِيْنُ (5) اِهْدِنَا الصِّرَاطَ الْمُسْتَقِيْمَ (6) صِرَاطَ الَّذِيْنَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوْبِ عَلَيْهِمْ وَلَا الضَّالِّيْنَ (7)
سورة الفاتحة ގައި ހިމެނޭ އެހެން އަކުރުތަކާއިގެން ދަތުރު ކުރިއަށް ގެންދަމާ ހިނގާށެވެ!
- 28ވަނަ އަކުރަކީ (7 × 4) الراء އެވެ. އެއީ ދެވަނަ އާޔަތުގެ ފުރަތަމަ ކަލިމައިގެ ފުރަތަމަ އަކުރެވެ.
- 35ވަނަ އަކުރަކީ (7 × 5) الميمއެވެ. އެއީ ދެވަނަ އާޔަތުގެ "العالمين" މި ކަލިމައިގެ 6 ވަނައަކުރެވެ.
- 42 ވަނއަކުރަކީ ( 7 × 6) الميم އެވެ. އެއީ ތިންވަނަ އާޔަތުގެ"الرحمن" މި ކަލިމައިގެ 5 ވަނައަކުރެވެ.
- 49 ވަނަ އަކުރަކީ (7 × 7) الميم އެވެ. އެއީ ތިންވަނަ އާޔަތުގެ "الرحيم" މި ކަލިމައިގެ 6 ވަނަ އަކުރެވެ.
- 56 ވަނަ އަކުރަކީ ( 7 × 8) الميم އެވެ. އެއީ ހަތަރުވަނަ އާޔަތުގެ "يوم" މި ކަލިމައިގެ ތިންވަނަ އަކުރެވެ.
- 63 ވަނަ އަކުރަކީ (7 × 9) الياء އެވެ. އެއީ ފަސްވަނަ އާޔަތުގެ ފުރަތަމަ ކަލިމަ "إياك" ގެ ދެވަނަ އަކުރެވެ.
- 70 ވަނަ އަކުރަކީ ( 7 × 10) الواو އެވެ. އެއީ ފަސްވަނަ އާޔަތުގެ ތިންވަނަ ކަލިމައެވެ.
- 77 ވަނަ އަކުރަކީ ( 7 × 11) التاء އެވެ. އެއީ ފަސްވަނަ އާޔަތުގެ"نستعين" މި ކަލިމައިގެ ތިންވަނަ އަކުރެވެ.
- 84 ވަނަ އަކުރަކީ ( 7 × 12 ) النون އެވެ. އެއީ ހަވަނަ އާޔަތުގެ "اهدنا" މި ކަލިމައިގެ ހަތރުވަނަ އަކުރެވެ.
- 91 ވަނަ އަކުރަކީ ( 7 × 13 ) الطاء އެވެ. އެއީ ހަވަނަ އާޔަތުގެ "الصراط" މި ކަލިމައިގެ ހަވަނަ އަކުރެވެ.
- 98 ވަނަ އަކުރަކި ( 7 × 14 ) الياءއެވެ. އެއީ ހަވަނަ އާޔަތުގެ "المستقيم" މި ކަލިމައިގެ ހަތްވަނަ އަކުރެވެ.
- 105 ވަނަ އަކުރަކީ ( 7 × 15 ) اللَّامއެވެ. އެއީ ހަތްވަނަ އާޔަތުގެ"الذين" މި ކަލިމައިގެ ދެވަނަ އަކުރެވެ.
- 112 ވަނަ އަކުރަކި ( 7 × 16 ) الميم އެވެ. އެއީ ހަތްވަނަ އާޔަތުގެ "أنعمت" މި ކަލިމައިގެ ހަތަރުވަނަ އަކުރެވެ.
- 119ވަނަ އަކުރަކީ ( 7 × 17 ) އަކީ الغين އެވެ. އެއީ ހަތްވަނަ އާޔަތުގެ "غير" މި ކަލިމައިގެ ފުރަތަމަ އަކުރެވެ.
- 126 ވަނަ އަކުރަކީ (7 × 18) الضاد އެވެ. އެއީ ހަތްވަނަ އާޔަތުގެ "المغضوب" މި ކަލިމައިގެ ފަސްވަނަ އަކުރެވެ.
- 133 ވަނަ އަކުރަކީ (7 × 19) الميم އެވެ. އެއީ ހަތްވަނަ އާޔަތުގެ "عليهم" މި ކަލިމައިގެ ފަސްވަނަ އަކުރެވެ.
- 140 ވަނަ އަކުރަކީ (7 × 20) ދެވަނަ الألف އެވެ. އެއީ ހަތްވަނަ އާޔަތުގެ "الضالين" މި ކަލިމައިގެ ހަތަރުވަނަ އަކުރެވެ.
އަޖައިބުވެ އަންތަރީސްވާންވީ ކަމެއް ނޫންހެއްޔެވެ. ހަތް އާޔަތް އޮންނަ މި ސޫރަތުގައި 7 އާއި 7 ގެ ގުނައިގެ އަދަދުތައް ތަކުރާރުވެފައިވާ ގޮތާ މެދު ހައިރާނެއް ނުވަންހެއްޔެވެ.
ކުރުކޮށްލުމުގެ ގޮތުން މި އަކުރުތަކުން ލަފުޒުލްޖަލާލަތި "ﷲ" މިކަލިމައިގެ އަކުރުތަކަށް ބަލާލަމާ ހިނގާށެވެ! އެއީ (الألف އާއި اللَّام އާއި الهاء) އެވެ.
ލަފުޒުލްޖަލާލަތި "اللَّه" ގެ އަކުރުތައް سورة الفاتحة ގައި ފަސް ތަނެއްގައި 7 އާއި 7 ގުނައިގެ އަދަދުތަކުން ތަކުރާރުވެފައިވެއެވެ. އެއީ :-
- 7 ވަނަ އަކުރަކީ الهاءއެވެ.އެއީ އެންމެ ފުރަތަމަ އާޔަތުގައި އައިސްފައިވާ ލަފުޒުލްޖަލާލަތި " ﷲ " ގެ އެންމެ ފަހު އަކުރެވެ.
- 14 ވަނަ އަކުރަކީ (7+7) الألف އެވެ. އެއި ފުރަތަމަ އާޔަތުގެ އެންމެ ފަހު ކަލިމަ الرحيم މި އިސްމުފުޅުގެ ފުރަތަމަ އަކުރެވެ.
- 21ވަނަ އަކުރަކީ (7+7+7) اللَّام އެވެ.އެއީ ދެވަނަ އާޔަތުގެ ފުރަތަމަ ކަލިމައިގެ ދެވަނަ އަކުރެވެ.
- 105 ވަނަ އަކުރަކީ (7 × 15) اللَّام އެވެ.އެއީ ހަތްވަނަ އާޔަތުގެ ދެވަނަ ކަލިމަ "الذين" ގެ ދެވަނަ އަކުރެވެ.
- 140 ވަނަ އަކުރަކީ (7 × 20) ދެވަނަ الألفއެވެ. އެއި ހަތްވަނަ އާޔަތުގެ އެންމެ ފަހު ކަލިމަ "الضالين" ގެ ހަތަރުވަނަ އަކުރެވެ.
ވިސްނައިލާށެވެ!
سورة الفاتحة ގައި ހިމެނޭ ލަފުޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް އޮތް ފަސް ތަނުގެ ޖުމްލައަކީ 7 + 14 + 21 + 105 + 140 = 287 އެވެ. މި އަދަދަކީ 41 × 7
41 އަކީ މުޤައްޠަޢާތު އަކުރުތަކުގައި ލަފުޒުލްޖަލާލަތި " ﷲ " ގެ އަކުރުތައް ތަކުރާރުވެފައިވާ އަދަދެވެ.
( ނުނިމޭ)
ބައެއް ލަފުޒުގެ މާނަ:
މީޒާން ނ. (1) ކިރައި ވަޒަންކުރަން ބޭނުންކުރާ އެއްޗެއް. (2) ތިލަފަތް. (3) ހަމަހަމަ. scale (4) އިންސާފު.justice
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. Balance
ތަދުބީރު ނ. (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން.plan (2) ޙިކުމަތް. wisdom