އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
9 ޖޫން 2026
ތައްލުއަބީބަށް އިއްޔެރޭ އީރާނުން ޙަމަލާދީފައި
2026 ފެބްރުއަރީ 28ގައި އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭން ފެށި ވަރުގަދަ ޙަމަލާތަކަށް ފަހު، މެދުއިރުމަތީގެ މަސްރަޙު ވަނީ އިންތިހާއަށް ނުތަނަވަސްވެފައެވެ. އެޕްރީލް މަހު ޕާކިސްތާނު މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން ބޮޑެތި ކުރިމަތިލުންތަކެއް ހުއްޓިފައި އޮތް ނަމަވެސް، ފަހުގެ ހާދިސާތަކާ ގުޅިގެން މި ސުލްހަ ވަނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ.
މި ވޭތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި އިސްރާއީލާއި އީރާނާ ދެމެދު އަނެއްކާވެސް ވަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރެވިފައެވެ. މީގެ ކުރީން އިޒުރޭލަށް ނުލިބޭ ފަދަ މާއްދީ ގެއްލުންތަކެއްވަނީ ލިބިފައެވެ. މި ގެއްލުންތައް ސިއްރުކުރާން އިޒުރޭލާއި އެމެރިކާއިން މަސައްކަތްކުރި ނަމަވެސް މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން އިޒުރޭލަށް ލިބުނު ބޮޑެތި ގެއްލުންތައް ހާމަވެއެވެ. މި ފަހަރުގެ ޙަމަލާތައް އަމާޒުވީ ހަމައެކަނި ވެރިރަށް ތައްލުއަބީބަކަށް ނޫނެވެ. ސިނާޢީ ރަށެއްކަމަށްވާ ހައިފާއަށާއި ބޮޑެތި އެހެން ބައެއް ސިޓީތަކަށް ވެސް ވަނީ އެ މީހުން ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ހަނގުރާމައިގެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ކަނޑާއިގެންނެއް ނުދެއެވެ. ގިނަ ރައްޔިތުން ތިބީ ބިންގަރާސްތަކުގައި ހާސްކަންމަތީގައެވެ.
ލުބުނާނުގައި ޙަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އުތުރު ސަރަހައްދަށް ދިން ރޮކެޓް ޙަމަލާތަކަކާ ގުޅިގެން، އިސްރާއީލުން ވެސް ވަނީ ލުބުނާނުގެ ބެއިރޫތަށް ރޮކެޓު ޙަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
މި ޙަމަލާތައް އީރާނުން ސިފަކުރީ ސުލްހައިގެ އެއްބަސްވުމާ ޚިލާފުވުމެއްގެ ގޮތުގައެވެ. އެހެންކަމުންއީރާނުން ވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް މިސައިލުގެ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އީރާނުން މުޅިން އަލަށް ބޭނުންކުރާން ފެށި ޖެޓު އިންޖީނުއެޅި ޑުރޯނުތަކެއް ވެސް މި ފަހަރު ޙަމަލާދިނުމުގައި އީރާނުން ބޭނުންކުރިއެވެ. ނަމަވެސް، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް ނުދިއުމަށްޓަކައި އީރާނުން މިހާރު ވަނީ އަސްކަރީ ހަރަކާތްތައް މަޑުޖައްސައިލައިފައިވާކަން އިޢުލާންކޮށްފައެވެ.
މި މައްސަލައިގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދުނިޔޭގެ ވިޔަފާރިއާއި ތެލުގެ ސަޕްލައަށް އޮތް ހުރަހެވެ. އެހެންކަމުން އީރާނުން ބަންދުކޮށްފައިވާ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއިން ދަނީ ބާރު އަޅަމުންނެވެ. އަދި އަންގާރަ ދުވަހު އެމެރިކާގެ ގަޑީން 10 ޖަހާ އިރަށް ކަނޑުއޮޅި ނުހުޅުވައިފި ނަމަ، ވަރުގަދަ ޙަމަލާތަކެއް އީރާނަށް ދޭނެކަމުގެ އިންޒާރު ޓުރަންޕު ވަނީ ދީފައެވެ. ނަމަވެސް އީރާނުން މި ފަދަ އިންޒާރުތަކަކަށް ބޯލަނބާނެކަމަކަށް ނުފެނެއެވެ. ފާޅުގައި އީރާނުން ބުނަމުން ގެންދަނީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް ދެކެ އެ މީހުން ބިރުނުގަންނަކަމަށާއި، އީރާނުން އޮތީ އިޒުރޭލާއި އެމެރިކާއިން ދޭ ކޮންމެ ޙަމަލާއަކަށް ރައްދުދޭން ފުރިހަމައަށް ތައްޔާރުވެގެންކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި "ދާއިމީ އެއްބަސްވުމަކަށް" ނާދެވޭނީސް އީރާނުގެ މައްޗަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށެވެ. ކުޑަވެސް ލުޔެއް ނުލިބޭނެކަމަށެވެ.
އީރާނުން ބުނަމުން ގެންދަނީ ލުބުނާނަށް ދޭ ޙަމަލާތައް މުޅިން ހުއްޓައިނުލަނީސް ހުރުމުޒު ކަނޑުއޮޅި ހުޅުވައި، ނިއުކުލިއަރު މަޝްވަރާތަކުގައި އީރަނަކުން ބައިވެރިއެއްނުވާނެކަމަށެވެ.
އީރާނަށް ޓުރަންޕު އިންޒާރުދެމުން ގެންދާ އިރު، އަނެއްކޮޅުން ޓުރަންޕު ގެންދަނީ މަސްރަޙު ފިނިކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. ޚަބަރުތައް ބުނާ ގޮތުން، ޓުރަންޕު ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅައި، އީރާނަށް ދެން އިތުރަށް ރައްދު ޙަމަލާތަކެއް ނުދޭން އެދިފައެވެ. ނަމަވެސް ނަތަންޔާހޫ ބުނެފައިވަނީ، މިހާރު ޙަމަލާތައް މަޑުޖެހިފައި އޮތް ނަމަވެސް، އީރާނުން އިތުރު ކަމެއް ކޮށްފިނަމަ "ގަދަފަދަ ބާރަކާ އެކު" އީރާނަށް ރައްއްދުދޭނެ ކަމަށެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި، މިހާރު އޮތް ސުލްހައަކީ ވަރަށް ނާޒުކު ސުލްހައެކެވެ. ޖަޒުބާތުގައި ޓުރަންޕާއި ނަތަންޔާހޫ ކޮށްލާ ކަމަކުން މުޅިދުނިޔެ ނުތަނަވަސްކަމެއްގެ ތެރެއަށް ވަދެ، މުޅި ސަރަޙައްދު އަލުން ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ބިރު އެބަ އޮތެވެ. އަދި ތިންވަނަ ބޮޑު ހަނގުރާމަކަށް ގޮސްގެންނޫނީ މި ހަމަނުޖެހުންތަކުން ދެން އަރައެއްނުގަނެވޭނެއެވެ.