އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
8 ޖޫން 2026
ދިވެހިރާއްޖޭގެ އިސްކޫލުތަކުން ނުކުންނަ ދަރިވަރުން އެންމެ މަތީ ދަރަޖައިގައި ފާސްވެ ދުނިޔޭގެ ފެންވަރުގައި ވަނަތައް ހޯދައެވެ. ހުރިހައި މާއްދާއަކުން ދުނިޔޭން [އެއްވަނަ] ހޯދާ ދަރިވަރުން ވެސް އެހާ ގިނައެވެ. އުފާކުރުން ހައްގު ކަމެކެވެ. އެ ނަތީޖާ ހޯދި ހުރިހައި ދަރިވަރުންނަށާއި އެ ނަތީޖާގެ މަސްލަޙަތުވެރީންނަށް އުފަލާ އެކު ތަހުނިޔާ ދަންނަވަމެވެ. ނަމަވެސް ތަޢުލީމު ލިބިފައިވާ ތަހުޒީބު މުޖުތަމަޢަކުން ފެންނާންޖެހޭ ރީތި ސިފަތަކާއި ސުލޫކާއި ހުނަރުވެރިކަން ދިވެހި މުޖުތަމަޢުން ފެންނަލެއް މަދޭ ދެންނެވުމަކީ ހަގީގަތާ ޚިލާފަށް ދެންނެވޭ އެއްޗަކަށް ނުވާނެއެވެ. ކުށެއް ނެތި، އަމިއްލަ މާދަރީބަހުން ވާހަކަދައްކައި ލިޔެކިޔައި ހަދާން އެނގޭ މީހުން ފެންނަލެއް ހާދަހާ މަދެވެ. އަދި މި ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި މިއީ ގިނަ ބަޔަކު ލަދުވެތިވާ ކަމެއް ވެސް ނޫނެވެ. ރާއްޖޭގެ [ނިޒާމުގެ ތެރެއިން] ފެންނަ ލިޔުންތަކާއި އިވޭ ބަސްމަގުން މި ކަން ސާފުވެއެވެ. އެންމެން ވެސް ތުންފިއްތަނީ މީޑީއާއަށެވެ. ނުވަތަ ފެންނަ ލިޔުންތަކަށެވެ. އެހެންނަމަވެސް މި ލިޔުންތައް ލިޔެ، ވާހަކަތައްދައްކައި މި ހަދަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމުން [ފާސްވެގެން] ނުކުންނަ [ކުދީން] ނޫންތޯއެވެ؟ މީޑީއާއާއި އެހެން ތަންތާނގައި [ބަސްކިޔާން] މި ތިބެނީ މި ނިޒާމުން އަޅުގަނޑުމެން [ބިންނަ މޭވާ] ނޫންތޯއެވެ؟ އެހެންކަމަށްވާ އިރު، މިއީ މީޑިއާ ނުވަތަ ވަކިވަކި ފަރުދުންނަށް ފާޑުކިޔައިލައިގެން ފަރުޖެއްސޭ ވަރަށް ވުރެ މާ ފުޅާ ދާއިރާއެއްގެ ކަމެއް ނޫންތޯއެވެ؟ މިއީ އަޅުގަނޑުގެ ހިތުގައި އެނބުރޭ ޝުޢޫރުތަކެކެވެ.
އާދޭހެވެ! ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11ވަނަ މާއްދާގައި ކަނޑައަޅައިފައިވަނީ ދިވެހިރާއްޖޭގެ ދައުލަތުގެ ރަސްމީ ބަހަކީ ދިވެހިބަސްކަމަށެވެ. މީގެ އިތުރަށް ޤާނޫނު ނަންބަރު: 2011/09 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ ދަށުން ދައުލަތުގެ ހުރިހައި މުއައްސަސާތަކެއްގެ ރަސްމީ މުޢާމަލާތްތަކާއި، ޝަރީޢަތުގެ މަޖިލިސްތައް ހިންގާންޖެހެނީ ދިވެހިބަހުންނެވެ. އަދި ޤާނޫނު ނަންބަރު: 68/2ޖ. (އޮފިޝަލްކަންތައް ޗެޕްޓަރ 2)ގެ ދަށުން ވެސް (ކޮންމެހެން ބޭރު ބަހަކުން މުޢާމަލާތުކުރާން ލާޒިމު ޙާލަތެއްގައި ނޫނީ) ރާއްޖޭގެ ރަސްމީ އެންމެހައި މުޢާމަލާތްތައް ކުރާންޖެހެނީ ދިވެހިބަހުންނެވެ. ނަމަވެސް، ޤާނޫނީ މި ބާރުވެރިކަމާ ދިމާ އިދިކޮޅަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައި އޮތުމަކީ މިއަދު އުފެދިފައިވާ އެންމެ ބޮޑު ސިޔާސީ އަދި އިޖުތިމާޢީ ފުށުއެރުމޭ ދަންނަވައިފި ނަމަ، އަޅުގަނޑު ދެކެ ކޯފާވާނެ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެކަން ކަށަވަރެވެ. ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހިބަސްކަމަށް ގާނޫނުއަސާސީއާއި އެތައް ގާނޫނަކުން ކަނޑައަޅައިފައި ވިޔަސް ދިވެހިރާއްޖޭގައި ދިވެހިބަހުން ކިޔަވައިދޭ (މީޑިއަމް އޮފް އިންސްޓުރަކުޝަން) އެންމެ ސުކޫލެއް ވެސް ނެތް ވާހަކަ މި ދަންނަވަނީ ލަދުވެތިކަމާ އެކުގައެވެ. މިއީ ގައުމިއްޔަތުގެ ވާހަކަ ދައްކައި، ގައުމީ ނަޒަރަކުން ކަންކަމާ މެދު ވިސްނާ ބަޔަކަށް ނުތަނަވަސްކަން ގެނުވާ ކަމަކަށް ނުވޭތޯއެވެ؟ ޚާއްޞަކޮށް، މަތީތަޢުލީމުގައި ގާނޫނު ކިޔަވައިދީ، ޤާނޫނީ ވަކީލުން ތަމްރީނުކުރުމާއި، ކޯޓުތަކުގައި ވަކާލާތުކުރުމާ ދެމެދު އޮތް ފަރަގަކީ މިއަދު ފުންކޮށް ވިސްނައިލާންޖެހިފައިވާ މައްސަލައެއް ނޫންތޯއެވެ؟ ނަމަވެސް މި ކަމާ ވިސްނަނީ ކޮން ބަޔެއްތޯއެވެ؟
ރާއްޖޭގައި ދިވެހިބަހުން މަތީ ތަޢުލީމުގެ މަރުޙަލާގައި، ޚާއްޞަކޮށް ޤާނޫނީ ދާއިރާގައި ދިވެހިބަހުން ކިޔަވައިދޭން، ކަމާ ބެހޭ އިދާރާތަކުން ފަސްޖެހެއެވެ. މާލީ އަދި ފަންނީ ސަބަބުތަކާ ހުރެކަމަށް ބުނެއެވެ. އަދި ޢިލްމީ ފޮތްތައް ދިވެހިބަހުން ނުހުންނަކަމުގެ ބަހަނާގައެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމުގެ ނަމުގައެވެ. މި ކަންކަން ސަބަބަކަށް ހަދައިގެން މަތީ ތަޢުލީމުގެ ބޮޑުބައި ބައްޓަންވެފައިވަނީ އިނގިރޭސި ބަހަށެވެ. ނަމަވެސް ބޭނުންވެއްޖެ ނަމަ، އެ ބުނާ ހުރިހައި މާއްދާއެއްގެ ފޮތްތައް ދިވެހިބަހުން ލިޔެ، ނުވަތަ ބޭރުބަސްބަހުން ހުންނަ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ ގާބިލުކަން ދިވެހިބަހަށް، ދިވެހީންނަށް، ނެތީތޯއެވެ؟ ނޫނެވެ. ބޭނުންނުވަނީއެވެ. ބޭނުންވެއްޖެ ނަމަ، ދާދި ފަސޭހައިން އެ ކަންކަން ކުރެވޭކަން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ދާދި ފަހުން އެ ވަނީ ސާބިތުކޮށްދެއްވައިފައެވެ. އިސްލާމީ އެންމެ މުހިންމު މަރުޖާތަކުގެ ތެރެއިން ދެ މަރުޖާއެއްކަމަށްވާ [އައްސިޔާސަތުއްޝަރުޢިއްޔާ ފީ އިޞްލާހިއްރާޢީ ވައްރަޢިއްޔާ]އާއި [އައްޠުރުޤުލްޙުކުމިއްޔާ ފިއްސިޔާސަތުއްޝަރުޢިއްޔާ] އެ ވަނީ ދިވެހިބަހުން ތަރުޖަމާކޮށް ޝާއިޢުކުރައްވައިފައެވެ. މި ފަދަ ކަންކަން މަތީތަޢުލީމާ ބެހޭ ވުޒާރާއަށް ވެސް ނުވަތަ އެހެން މުއައްސަސާތަކަށް ވެސް ބޭނުންފުޅުވެއްޖެ ނަމަ ކުރެއްވޭނެއެވެ. ނަމަވެސް ފޮތް ނެތްކަމަށް ބުނެ، ނުވަތަ ބައިނަލްއަގުވާމީ މިންގަނޑަށް ފައްތާންކަމަށް ބުނެ އެ ކަމުގެ ބަހަނާގައި މަތީ ތަޢުލީމުގެ ބޮޑު ބައި، އަދި ގާތްގަނޑަކަށް މުޅި ތަޢުލީމީ ނިޒާމު ބައްޓަންކޮށްފައިވަނީ އިނގިރޭސިބަހަށެވެ.
ދެން ދިމާވަނީ ކޮން މައްސަލައެކަމާ މެދު ވިސްނައިވަޑައިގަތީންތޯއެވެ؟ މި ނިޒާމުން ނުކުންނަ ގާނޫނީ ވަކީލު، ރާއްޖޭގެ ކޯޓެއްގެ ކުރިމައްޗަށް ހުށަހެޅޭ އިރު، އޭނާ ކުރާންޖެހޭ ބޭކާރު މަސައްކަތްތަކެއް އެބަ ހުރެއެވެ. އެއީ:-
1. އޭނާއަށް އިނގިރޭސިބަހުން އުނގަންނައިދިން ޤާނޫނީ މަފުހޫމުތައް (legal concepts) ދިވެހިބަހަށް ތަރުޖަމާކުރުން.
2. ދިވެހިބަހުގެ އަޑުތަކާއި، ބަސްމަގާއި، އިޞްޠިލާޙުތައް ބޭނުންކޮށްގެން ކޯޓުގައި ހުއްޖަތް ބިނާކުރުން.
3. ދިވެހި ޤާނޫނުތަކާއި ކޯޓުތަކުގެ ނިންމުންތައް (precedents) ދިވެހިބަހުން މާނަކުރުން.
މި ވާހަކަ މިހެން ދައްކާތީ އަޅުގަނޑާ ދިމާއަށް ލައްކަ އެތިވަރު ގޮވާނެ ބޭފުޅުން ތިއްބަވާނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް މި ދެންނެވި އުސޫލު މިއީ ހަމަޖެހޭ އުޞޫލެއްތޯއެވެ؟ އެއް ބަހަކުން ކިޔަވައިދީފައި، ކިޔަވައިދިން ބަސް ނޫން މުޅީން އެހެން ބަހަކުން ފަންނީ އެކިއެކި މަސައްކަތްތައް ކުރާން މަޖުބޫރުކުރުމަކީ އުނގަންނައިދިނުމުގެ ޢިލްމު (ސައިންސް އޮފް ޓީޗިންގ)އާ ވެސް ޚިލާފު ކަމެއްނޫންތޯއެވެ؟
މިއީ މިއަދު ކުއްލިއަކަށް އުފަންވެގެން އުޅޭ މައްސަލައެއް ނޫނެވެ. މި މައްސަލަ މިހެން އޮންނަތާ ހައެއްކަ ދަހަރު ވެއްޖެއެވެ. މި މައްސަލައިގެ އަސްލަކީ ޒަމާނުއްސުރެ، ދައުލަތުގެ ސިޔާސަތުތަކުގެ މެދުގައި އޮންނާން ޖެހޭ ގުޅުންތެރިކަން ނެތުމެވެ. އެއް ކޮޅުން ރައްޔިތުންގެ މަޖިލީހުން ދިވެހިބަސް ޙިމާޔަތްކުރާން ގާނޫނުއަސާސީއާއި ޤާނޫނުތައް ފާސްކުރާ އިރު، އަނެއް ކޮޅުން ތަޢުލީމީ ވުޒާރާތަކާއި ޔުނިވަރސިޓީތަކުން ދިވެހިބަހުން ފަންނީ މާއްދާތައް ތައްޔާރުކުރުމަށް ނުވަތަ ކިޔަވައިދޭން ބޭނުންވާ ވަސީލަތްތައް (ޢިލްމީ ދިރާސާތަކާއި ބަސްދިރުވުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ކިޔަވައިދޭނެ ފޮތްތައް) އުފެއްދުމުގައި އިހުމާލުވަނީއެވެ. ފަހަތު ފަޔަށް ބުރަވަނީއެވެ.
ޤާނޫނީ ވަކީލުކަން ދިވެހިބަހުން ކިޔަވައިދޭން ބާރުނާޅާ ސަބަބެއްކަމަށް ބުނަނީ ދިވެހިބަހުން ހުރި މަރުޖާތައް (ޙަވާލާ ފޮތްތައް) މަދުވުމެވެ. ނަމަވެސް، މިއީ "ކުކުޅުތޯ ދޮށީ، ބިސްތޯ ދޮށީ" ބުނެ ކުރާ ފަދަ ބާތިލު ބަހުސެކެވެ. ކިޔަވައިދޭން ފަށައިގަނެގެން މެނުވީ ބަހުގެ ތެރެއަށް ޤާނޫނީ އަދަބިއްޔާތު ވަދެ، މުއްސަނދިވެގެންނެއް ނުދާނެކަން އެންމެންނަށް ވެސް އެނގޭނެއެވެ. އަދި މި ކަން ކުރާނެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ނެތީކީއެއް ވެސް ނޫނެވެ. އިސްލާމީ ވުޒާރާއިން ބޮޑެތި ފޮތްތައް ތަރުޖަމާކުރައްވާ ފަދައިން އެހެން އިދާރާތަކުން ވެސް އެކި ބަސްބަހުގެ ފޮތްތައް ތަރުޖަމާކުރެއްވުމުގެ ގާބިލުކަން ނުހުންނާނެތޯއެވެ؟ އެހެން ފޮތްތައް ލިޔާނެ ޢިލްމުވެރީން ނެތީތޯއެވެ؟ އެބަ ތިއްބެވިއެވެ. ވީމާ މިއީ ބޭކާރު ބަހުސެކެވެ.
މި ދެންނެވި އިދާރީ އަދި ގާނޫނީ ފުށުއެރުމުގެ އެންމެ ބޮޑު ގެއްލުމެއް ލިބެނީ އާންމު ފަރުދުންނަށެވެ. މި ކަމުގެ ސަބަބުން ޢަދާލަތަށް ހުރަސްއެޅޭކަން ދެނެވަޑައިގަންނަވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ! ދެނެވަޑައިގަތަސް އެ ކަމަށް އިޢުތިރާފުވާން ކެރިވަޑައިގަންނަވާ ކިތައް ބޭފުޅުން އެބަ ތިއްބެވިތޯއެވެ؟ މި ގޮތުން ދިމާވާނެ ބައެއް މައްސަލަތައް ދަންނަވައިލަންތޯއެވެ؟
1. ބަހުގެ އޮޅުންބޮޅުން: އިނގިރޭސިބަހުން ވިސްނައިފައި ދިވެހިބަހުން ވަކާލާތުކުރާން އުޅުމުގެ ތެރޭގައި ޤާނޫނީ ސައްހަ މާނަ ގެއްލިގެންދިޔުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.
2. ފެންވަރު ދަށްވުން: ކޯޓުތަކަށް ހުށަހެޅޭ ބައެއް ލިޔެކިޔުންތަކުގެ ބަސްމަގު ހުންނަ ގޮތުން، މައްސަލައިގެ އަސްލު ވިސްނައިގަންނާން ފަނޑިޔާރުންނަށް އުނދަގޫފުޅުވެ، ޝަރީޢަތްތައް ދިގުލައިގެން ދިޔުމުގެ ފުރުޞަތު އޮންނާނެއެވެ.
3. ބަހުގެ ބާރު ކެނޑުން: ޢިލްމީ، ޤާނޫނީ ދާއިރާ ފަދަ ނުފޫޒުގަދަ ދާއިރާއެއްގައި ދިވެހިބަސް އެކަށީގެންވާ ގޮތެއްގައި ބޭނުންނުކުރެވުމަކީ ބަހުގެ ދިރިއޮތުމަށް އޮތް ނުރައްކަލެކެވެ.
4. ދިވެހި ޤައުމިއްޔަތަށް ހުރި ނުރައްކާ: ދިވެހިބަހަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ދިވެހި ގައުމިއްޔަތަށް ކުރިމަތިވާ ނުރައްކަލެކެވެ. ދިވެހިބަސް ޙިމާޔަތްކޮށްގެން ނޫނީ ދިވެހި ސަގާފަތާއި ދިވެހި ޤައުމީ ތަރިކައާއި ތާރީޚު ޙިމާޔަތެއް ނުކުރެވޭނެއެވެ. ދިވެހިބަސް ނެތިދިޔުމަކީ ދިވެހި ޤައުމިއްޔަތު ނެތިދިއުމެވެ.
މައުޟޫޢާ މާ ބޮޑު ގުޅުމެއް ނެތަސް އެހެން ވާހަކައެއް ދަންނަވައިލަންތޯއެވެ؟ އަޅުގަނޑުމެން އިނގިރޭސި ވިލާތުގެ [ކޮމަން ލޯ] (އާންމު ގާނޫނުތައް) ކިޔަވައިވިދާޅުވެގެން ވަޑައިގަންނަވާ ބޭފުޅުންނަށް، ޤާޟީކަން ދޭކަށް ޖެހިލުމެއްނުވެއެވެ. ނަމަވެސް ކޮމަން ލޯއަކީ އެއީ ޤާނޫނެއް ނޫނެވެ. އެއީ ޣައިރު މުސްލިމު ގައުމެއްގައި އެކި ޝަރީޢަތްތައް ހިންގައިފައިވާ ގޮތެވެ. މިއިން އެއްވެސް ޝަރީޢަތެއްގައި ޙަޟާނާތުގެ މައްސަލައެއް، ތަރިކާއިގެ މައްސަލައެއް، ޒިނޭގެ މައްސަލައެއް ނޯންނާނެއެވެ. މި ފަދަ އިސްލާމީ ޤަޟިއްޔާތަކުގެ ކަންކަން ނޭނގި އިސްލާމީ ޤައުމެއްގައި ޢަދުލަށް ޝަރީޢަތްކުރެވޭނެކަމަށް ޤަބޫލުކުރައްވާނަންތޯއެވެ؟ ހަގީގަތުގައި އިނގިރޭސި ކޮމަން ލޯއަށް ވުރެ، ސައްތައިން ސައްތަ މި ފަދަ އިސްލާމީ ޤައުމެއްގައި [އައްޠުރުޤުލްޙުކުމިއްޔާ] ކިޔަވައިދިނުން މާ އައުލާކަމަށް އަޅުގަނޑު ދެކެމެވެ. އެއީ [އިސްލާމީ ކޮމަން ލޯ]ކަމަށް ބެލިއްޔާ ވާނީ ކީއްތޯއެވެ؟ މި ހާރު މި މުހިންމު ފޮތް ދިވެހިބަހަށް ތަރުޖަމާކުރެވިފައި ވެސް އެބަ އޮތް ނޫންތޯއެވެ! ވީމާ، ކިޔަވައިދޭނެ ފޮތެއް ނެތްކަމުގެ ބަހަނާއެއް ވެސް ދެއްކޭކަށް ނެތްތާއެވެ! މި ފޮތް ކިޔަވައި ނުދިނަސް [ޝަރީޢަތާއި ޤާނޫނު]ގެ ބައެއް ކުއްލިއްޔާތަކުގައި [އައްސިޔާސަތުއްޝަރުޢިއްޔާ]، މާއްދާއެއްގެ ގޮތުގައި ކިޔަވައިދެވޭކަމަށް މަޢުލޫމާތު ލިބިފައިވާތީ މި ކަމާ އުފާކުރަމެވެ. ވީމާ، [އައްޠުރުޤުލްޙުކުމިއްޔާ] ވެސް ކިޔަވައިދޭންވީ ނޫންތޯއެވެ؟
އަދި ވެސް މައުޟޫޢުގެ ހަވާސާގެ ވާހަކައެއް ދަންނަވައިލާނަމެވެ. ދިވެހިރާއްޖޭގައި ދިވެހީންނަށް ދިވެހި ތާރީޚާއި އާދަކާދައާއި ސަގާފަތާއި ތިމާވެއްޓާއި ޖޯގުރަފީއާއި ކަނޑުގެ ދިރުންތަކާއި މި ފަދަ ބައިތައް ހިމެނޭ މާއްދާތައް، (މިސާލަކަށް: އިޖުތިމާޢިއްޔާތު، ކަނޑުގެ ދިރުންތަކުގެ ޢިލްމު ފަދަ މާއްދާތައް) ދިވެހި މާހައުލު ނުދަންނަ ބޭރު ބަޔަކަށް ދިވެހިބަސް ނޫން ބަހަކުން ކިޔަވައިދެވޭނެކަމަށް ގަބޫލުކޮށްލައިގެން ތިބޭ ތިބުން އަޅެ މިއީ ފާޑެއްގެ ހަލީސާއަކަށް ނުވޭތޯއެވެ؟
މި ހިސާބުން އަނެއްކާ ވެސް އަސްލު މަޢުޟޫޢަށް އެބުރިލާނަމެވެ.
ފުރަތަމަ، ބަހާއި ޤައުމިއްޔަތާ ދެމެދު ހުންނަ ވަރުގަދަ ގުޅުމުގެ މިސާލެއް ދަންނަވައިލަންތޯއެވެ؟ ފަލަސްޠީނުގެ އަމިއްލަ ބިމުގައި، އިނގިރޭސިވިލާތުގެ އެހީގައި، ގާނޫނާ ޚިލާފަށް އިޒުރޭލޭ ކިޔާ ދައުލަތެއްގެ ނަމުގައި ކިޔާނެއް އުފެއްދި އިރު، ހީބްރޫބަހަކީ، ދުނިޔޭގެ އެއްވެސް ގައުމެއްގައި މާ އާންމު ބަހެއް ނޫނެވެ. އާންމު މުޢާމަލާތުގައި ބޭނުންކޮށް އުޅުނު ބަހެއް ނޫނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އެ ބަސް އޮތީ [މަރުވެފައެވެ.] ޔަހޫދީ ބައެއް މުޖުތަޢުތަކުގައި ހިސާބަކަށް ބޭނުންނުކުރާ ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް އިޒުރޭލުގެ ސަހުޔޫނީން ގަބޫލުކުރީ، އެ މީހުން ގަވާއިދާ ޚިލާފަށް ދުނިޔޭގެ އެތަންމިތަނުން މީހުން އެއްކޮށްގެން އުފެއްދި [ދައުލަތް] ދެމެހެއްޓުމަށް ޓަކައި ޤައުމިއްޔަތެއް، ޤައުމީ ރޫޙެއް، އުފައްދައި އާލާކުރާން ޖެހޭނެކަމަށެވެ. މި ކަމަށް ޓަކައި ގައުމީ ބަހެއް އޮންނާން ޖެހޭނެކަމަށެވެ. އެހެންކަމުން އެ މީހުން އެންމެ އިސްކަމެއްދީގެން ކުރިކަމަކީ ޙީބްރޫ ބަސް ދިރުވައި އާލާކުރީއެވެ. އެ ބަހުން ޢިލްމީ ފޮތްތައް ތަރުޖަމާކޮށް ޝާއިޢުކުރީއެވެ. އިސްކޫލުތަކާއި ކޮލެޖުތަކަށާއި ޔުނިވަރުސިޓީތަކަށް ބޭނުންވާނެ ހުރިހައި މަރުޖާތަކެއް ހީބްރޫބަހުން ލިޔުނީއެވެ. ނުވަތަ ތަރުޖަމާކުރީއެވެ. ނަތީޖާއެއްގެ ގޮތުން މިއަދު ސައެންސާއި ފަންނިއްޔާތުގައި އިޒުރޭލުމީހުން ބޭނުންކުރަނީ އެ މީހުންގެ ޤައުމީ ބަހެވެ. ސަރުކާރުގެ އިދާރިއްޔަތާއި ތަޢުލީމާއި ވިޔަފާރިއާއި އާންމު ދިރިއުޅުމުގައި ބޭނުންކުރަނީ ޙީބްރޫއެވެ. މިއީ ދިވެހިބަސް ފަދައިން އެހެން އެއްވެސް ގައުމެއްގައި ބޭނުންކުރާ ބަހެއް ނޫނެވެ. ނަމަވެސް އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި ދިރިއުޅޭ ޔަހޫދީ މުޖުތަމަޢުތަކުގައި އެ މީހުންގެ ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ޓަކައި ޙީބްރޫބަސް ދަސްކޮށް ބޭނުންކުރެއެވެ. މި ކަން މިހެން ވެފައިވާ އިރު، މިއަދު ވެސް ދިރިދެމި އޮތް މުއްސަނދި ދިވެހިބަސް ކުރިއަރުވައި އެ ބަހުން ޢިލްމީ ފޮތްތައް ތަރުޖަމާކޮށް، ލިޔެ، އުފެއްދުމަކީ މާ ފަސޭހަކަމަކަށް ނުވާނެތޯއެވެ؟ ވާނެއެވެ. ނަމަވެސް ޤާނޫނުތަކާއި ސިޔާސަތުތައް ތަންފީޒުކުރައްވާން ތިއްބަވާ ގިނަ ބޭފުޅުންގެ ހިއްޕުޅުގައި ޤައުމީ ރޫޙު އުފެދިފައިވާ ލެއް ކުޑައީއެވެ. ކޯފާ ވިޔަސް ހަގީގަތަކީ މިއީއެވެ.
ދިވެހިބަހުން ކިޔަވައިދޭ ސްކޫލެއް ނުވަތަ ޝަރުޢީ އަދި ޤާނޫނީ ފެކަލްޓީއެއް ނެތި، ހަމައެކަނި ޝަރީޢަތުގެ މަޖިލީހުގައި ދިވެހިބަސް ލާޒިމުކުރުމަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ކަމެއްކަމަކަށް އަޅުގަނޑު އުޅެއުޅެ ވެސް ނުވިސްނުނެވެ. މިއީ ސިޔާސަތުތަކުގައި ހުރި ވަރަށް ބޮޑު ދެކޮޅުނުޖެހުމެކެވެ.
މި ކަން ޙައްލުކުރުމަށްޓަކައި ދައުލަތުގެ ބަހުގެ ސިޔާސަތާއި ތަޢުލީމީ ސިޔާސަތު އެއްސް މިޞްރާބަކަށް ގެންނާންޖެހެއެވެ. އިސްލާމީ ޝަރީޢާއާއި ޤާނޫނު، އަދި ވަކީން ޚާއްޞަކޮށް ޤާނޫނީ ވަކީލުކަން ދިވެހިބަހުން ކިޔަވައިދެވޭނެ މަންހަޖުތައް އެކުލަވައިލައި، މި ދާއިރައަށް ބޭނުންވާ ފޮތްތައް ދިވެހިބަހުން ލިޔެ، މި ބާވަތުގެ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް، ބަހުގެ އިޞްޠިލާޙުތައް ތަރައްޤީކުރުމަކީ [ކޮންމެވެސް ބަޔަކު] އަދާކުރާންޖެހޭ ޤައުމީ ވާޖިބެކެވެ. ދިވެހިބަސް ދިރުވައި އާލާކުރުމަށް ޓަކައި، ދިވެހި ޤައުމިއްޔަތު އޭގެ ހައްޤު މަޤާމަށް ގެނައުމަށް ޓަކައި، ކުރާން އޮތް އެންމެ މުހިންމު މަސައްކަތަކީ މިއީއެވެ. ބަހަކީ ހަމައެކަނި ވާހަކަދައްކައިލާން ގެންގުޅޭ އާލަތެއް ނޫނެވެ. އެއީ ޢަދާލަތު ޤާއިމުކުރުމުގެ އެންމެ މުހިންމު ބަހާއެވެ. އެ ކަމުގެ އަސާސެވެ. އެއީ މުޅި ޤައުމިއްޔަތުގެ މައި ތަނބެވެ. ޤައުމީ ބަސް ކުރިއަރުވައިގެން ނޫނީ ވަޠަނިއްޔަތު (ނުވަތަ އަޅުގަނޑުމެން މި ކިޔާ ޤައުމިއްޔަތު) ކުރިއަރުވާނެ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް ގަބޫލެއްނުކުރެވެއެވެ.
ބައެއް ލަފުޒުގެ މާނަ
ހަލީސާ ނ. (1) މުނިފޫހިފިލުވުމުގެ ހަރަކާތް. (2) މަޖާ. joke
ކިޔާނު ނ. (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް. entity
އާލާކުރުން މ. ކަމެއް ނުވަތަ އެއްޗެއް އަލުން އައުކޮށް ދިރުވުން.
އިސްކަންދިނުން މ. ވަކި ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ކަމަކަށް ނުވަތަ މީހަކަށް އެންމެ މުހިންމުކަންދިނުން. prioritize
ވަޠަނިއްޔަތު ނ. އެ މީހެއްގެ ވަޠަނުކަމަށްވާ ޤައުމާ މެދު އެ މީހެއްގެ ހިތުގައި އުފެދިފައިވާ އާދަޔާޚިލާފު ލޯތްބާއި ވަފާތެރިކަމާއި އިޚުލާޞްތެރިކަމާއި ޤައުމުގެ މަސްލަހަތު އިސްކުރުމުގެ ޝުޢޫރު. patriotism
ދަހަރު ނ. ދިހަ އަހަރު. decade
ގައުމިއްޔަތު ނ. (1) ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރު.nationalism (2) ޤައުމުވަންތަކަން. (3) ވަކި ޤައުމަކަށް ނިސްބަތްވާ ނިސްބަތްވުން.
ގައުމީ ނއ. (1) ގައުމަށް ނިސްބަތްވާ. (2) ގައުމުގެ. national