ad_banner
ދުނިޔޭގެ ކަނޑޫފާތަކާ އެކު، މާވަށު ކަނޑޫފާ ވެސް އަލުން އިޢާދަވުމުގެ ބޮޑު އުންމީދެއް!!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

7 ޖޫން 2026

ގިނަ ބަޔަކަށް ފާހަގަ ނުކުރެވުނަސް ކަނޑޫފާތަކަކީ ނުވަތަ މި ބާވަތުގެ ކުޅިތަކަކީ ތޫފާންތަކުން އެތައް މިލިއަން ބަޔަކު ރައްކާތެރިކޮށްދީ، ދުނިޔެ ހޫނުކުރާ ގޭސްތައް ގިނަ އަދަދަކަށް ދަމައިގަންނަ ތަންތަނެވެ. މި ފަދަ ތަންތަން ގިނައިން ހުންނާނީ ރަށްރަށުގެ އައްސޭރިފަށުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ އައްސޭރިފަށުގައި ހުންނަ މި ފަދަ ކަނޑޫފާތައް އަލުން ދިރި އާލާވަމުން އަންނަކަމަށް ދުނިޔޭގެ ސައެންސްވެރީން ހާމަކުރުމަކީ ދުނިޔެއަށް ހަމަ ގައިމު ވެސް ހިތްހަމަޖެހުމެއް ލިބޭނެ ކަމެކެވެ.

މަސް ވެރިކަމަށާއި ގެދޮރު އެޅުމުގެ ބޭނުމަށް ޓަކައި މި ގަސްތައް ކަނޑަމުން ދިއުމުގެ ސަބަބުން، އެތައް ދަހަރެއް ވަންދެން މި ކަނޑޫފާތައް ދިޔައީ ހަލުވިކަމާ އެކު މަދުވަމުންނެވެ.

ނަމަވެސް، އާ ދިރާސާއަކުން ދައްކާ ގޮތުގައި 2010ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ކަނޑޫފާތައް ހަލާކުވާ މިންވަރަށް ވުރެ، އަލުން އުފެދޭ މިންވަރު ވަނީ އިތުރުވެފައެވެ. މިއީ ގާނޫނީ ރައްކާތެރިކަން ވަރުގަދަވުމާއި، 2004ވަނަ އަހަރުގެ އިންޑިއާ ކަނޑުގެ ސުނާމީ ފަދަ ކާރިސާތަކާ ގުޅިގެން، ކަނޑޫފާތަކުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިވުމުގެ ސަބަބުން އައި ބަދަލެއްކަމަށް މުޙައްލިލުން ލަފާކުރެއެވެ.

(ފޮޓޯ ކްރެޑިޓް: ބީބީސީ)

ދިރާސާވެރީން ބުނާ ގޮތުގައި މީގެ އެންމެ މުހިންމު ސަބަބަކީ، އިންސާނުން މި ގަސްތައް ކެނޑުން ހުއްޓައިލުމުން، އަމިއްލައަށް ގުދުރަތީ ގޮތުން އަލުން އުފެދުމުގެ އާދަޔާ ޚިލާފު ގާބިލުކަމެއް މި ފަދަ ކަނޑޫފާތަކަށް ލިބިގެންވުމެވެ.

ކަނޑޫފާތަކަކީ ތިމާވެށީގެ ގޮތުން ދުނިޔޭގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހި އެ ކަމާ މާ ބޮޑު ސަމާލުކަމެއް ނުދެވި އޮތް ތިމާވެށީގެ އެއް އުންސުރެވެ.

އެއްގަމުގައި ހުންނަ ބޯ ޖަންގަލިތަކާއި ބާލުތަކަށް ވުރެ ފަސް ގުނަ އިތުރަށް ކާބަން ޑައިއޮކްސައިޑް މި ފާތަކުން ރައްކާކޮށްދޭކަމަށް މި ކަމާ ބެހޭ ޢިލްމުވެރީން ވިދާޅުވެއެވެ. މީގެ އިތުރަށް އޭގެ ބާރުގަދަ މޫތަކުގެ ސަބަބުން ރާޅުތަކުގެ ބާރު ދަށްކޮށްދީ، ތޫފާނުގެ ސަބަބުން އަރާ ރާޅުތަކާއި ސުނާމީތަކުން އައްސޭރިފަށުގެ އާބާދީތައް ރައްކާތެރިކޮށްދެއެވެ. އަދި ޖައްވު ހޫނުވާ މިންވަރު ކުޑަކޮށްދެއެވެ.

(ފޮޓޯ ކްރެޑިޓް: ބީބީސީ)

ހަމަ މި ފަދައިން މި މޫތަކަކީ ގިނަ ބާވަތްތަކުގެ މަސްމަހާމެއްސާއި ކަނޑުގެ އެހެނިހެން ދިރުންތައް ބޮޑުވުމަށް އެންމެ ފުރިހަމަ ވާސައެވެ. އެ ތަކެތި ޝިކާރަކުރާ ސޫފިތަކުން ސަލާމަތްކޮށްދީ، ބޭނުންވާ ވަރަށް މި ފަދަ ފާތަކުން ކާނާ ފޯރުކޮށްދެއެވެ.

ނަމަވެސް، ވޭތުވެ ދިޔަ ގަރުނުގައި މަސް ގެންގުޅޭ ކޮށިތައް އިތުރުވުމާއި، ދަނޑުވެރިކަމާއި، އައްސޭރިފަށުގެ ރަށްތަކާއި ބާޒާރުތައް ބޮޑުވުމުގެ ސަބަބުންނާއި މި ކަނޑޫފާތަކުގެ މުހިންމުކަން އާންމުނަށް ވިސްނައިދެވިފައި ނެތުމުގެ ސަބަބުން ކަނޑޫފާތަކުން ގަސްތައް ކަނޑައި އެ ތަންތަން ނައްތައިލަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ތިމާވެއްޓަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވިއެވެ.

1980 ގެ އަހަރުތަކުން ފެށިގެން 2010އާ ހަމައަށް، އޭޝިއާއާއި އެފުރިކާއާއި އެމެރިކާ ބައްރުގައި 12،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ކަނޑޫފާތަކުން ގަސްކަނޑައި  ނުވަތަ ކަނޑުފާތައް ހަލާކުކޮށްލައިފައިވެއެވެ. މިއީ ޖެމެއިކާ (Jamaica) ވަރުގެ ބޮޑު ސަރަހައްދެކެވެ.

ނަމަވެސް، އާ ދިރާސާއިން ދައްކާ ގޮތުގައި، ޚާއްސަކޮށް ވޭތުވެ ދިޔަ ދަހަރުގެ ތެރޭގައި މި މިސްރާބު ވަނީ މުޅިން ބަދަލުވެފައެވެ. 1980ގެ އަހަރުތަކުން ފެށިގެން މުޅީން ހަލާކުވެ، އާނުކުރެވި ހުރި ސަރަހައްދުގެ ޖުމްލަ މިހާރު ވަނީ ގާތްގަނޑަކަށް 849 އަކަކިލޯމީޓަރަށް ދަށްކުރެވިފައެވެ.

ވޭތުވެދިޔަ ދަހަރުގެ ތެރޭގައި ކުރެވުނު އާލާކުރުމުގެ މަސައްކަތްތަކުގެ ސަބަބުން ހަލާކުވެފައިވާ ފާތައް އަލުން ދިރުވުމަށް އެހީތެރިވެދީފައިވެއެވެ. އެހެންނަމަވެސް، އެންމެ ބޮޑު ބަދަލެއް އައީ ގަސް ކެނޑުން މަދުވުމާ ގުޅިގެން ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ގުދުރަތީ ގޮތުން ކަނޑޫފާތައް ފެތުރިގެން ދިއުމުންނެވެ.

މީގެ ސަބަބުން، ކަނޑޫފާ އެންމެ ގިނައިން ހުންނަ ދެ ގައުމުކަމަށްވާ އިންޑޮނޭޝިއާއާއި މެލޭޝިއާގައި ކަނޑޫފާތަކުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓި، މިޔަންމާރ (ކުރީގެ ބަރުމާ)ގައި ވަނީ ކަނޑޫފާތައް އިތުރުވާން ފަށައިފައެވެ.

އިންޑޮނޭޝިޔާ ކައިރީގައި 2004ވަނަ އަހަރު އުފެދުނު ބާރުގަދަ ސުނާމީއަށް ފަހު، ކަނޑޫފާތަކުގެ މުހިންމުކަމާ މެދު މީހުން ދެކޭ ގޮތް ބަދަލުވުމުގައި އެ ހާދިސާ ބޮޑު ދައުރެއް އަދާކޮށްފައިވާކަމަށް ދިރާސާވެރީން ލަފާކުރެއެވެ. އަދި މަސް ގެންގުޅޭ ކުޅިތައް ހެދުމަށާއި މަސްވެރިކަމާއި ދަތުރުފަތުރަށް ބޭނުންވާ ރިއްދަނޑިއާއި ފަށަން ކަނޑުލަށް ޓަކައި ގަސްތައް ކެނޑުން މިހާރު ވަނީ މަޑުޖެހިފައެވެ. އެއީ އެ ފަދަ މުހުތާދުތައް މިހާރު ނެތީތީއެވެ.

ބައެއް ރަށްރަށުގައި ކަނޑޫފާ ހެދިފައި ހުއްޓެވެ. އަދި ސުނާމީއަށް ފަހު ވެސް އެ ރަށްރަށް ވަރަށް ރަނގަޅަށް ހިމާޔަތް ކުރެވިފައި އެބަ އޮތެވެ. އެހެންކަމުން، ކަނޑޫފާތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ މެދު އާންމުންގެ ހޭލުންތެރިކަން އެ ކަމުގެ ސަބަބުން އިތުރުވެގެންދިޔަކަމަށް އެމެރިކާގެ ޓިއުލޭން ޔުނިވަރސިޓީގެ އިސް ބޭފުޅެއްކަމަށްވާ ޑރ. ޜެން ޜަންގް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ވަރަށް ގިނަ ކަނޑުފާތައް ހުރެއެވެ. ދެކުނުގައި މި ފަދަ ކަނޑޫފާތައް ވަރަށް މަދެވެ. ދެކުނުގައި އެންމެ ބޮޑު ކަނޑޫފަލެއް އޮތް އެއް ރަށަކީ ހައްދުންމަތީ މާވަށެވެ. ލ. އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި މި ފަދަ ފާތައް ހުއްޓަސް އެ ތަންތާނގައި ހެދިފައި ހުރީ ރަނޑުލާއި ބޮޑަވަކި ކަހަލަ، ކަނޑޫ ޢާއިލާގެ އެހެން ގަސްގަހެވެ. ނަމަވެސް މިއިން ކޮންމެ ބާވަތަކީ ވެސް ތިމާވެއްޓަށް ޓަކައި އާލާކޮށް ދަމަހައްޓާން ޖެހޭ ބާވަތްތަކެކެވެ.

ހައްދުންމަތީ މާވަށުގައި އޮތީ ބޮޑު ކަނޑޫފަލެއްކަމަށްވާތީ، އެ ތަނަކީ ރާއްޖެއަށް ކުރިމަތިވި ތަދު ޒަމާންތަކުގައި ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމަށް ޓަކައި ބޭނުންކުރި ކާނާގެ މުހިންމު ބާވަތެކެވެ. އެއީ ފެނު ކައްކައިގެން، މައިގަނޑު ކެއުމެއްގެ ގޮތުގައްޔާއި، ބޯކިބާއަޅައިގެން ކައިބޮއި ހެދި މުހިންމު ބާވަތެކެވެ. ނަމަވެސް އެ ތަންތާނގެ ހަގީގީ ބޭނުމާއި މުހިންމުކަން ވެރީންނާއި ރައްޔިތުންނަށް ވެސް އޭރު ވިސްނިފައި ނުވާތީ، 1980ގެ ފަހުކޮޅަށް އައި އިރު، މުޅި ކަނޑޫފާ އޮތީ ގަސްތައް ކަނޑައި ހުސްކޮށްލެވިފައިވާ ކިލާގަނޑެއްގެ ގޮތުގައެވެ. ފަހުން އެ [ކިލާގަނޑު] ބޭނުންކުރަމުން އައީ އަލައާއި އެ ބާވަތުގެ ގަސްތައް އިންދައިހައްދާ [ދަނޑުބިމެއް]ގެ ގޮތުގައެވެ. ނަމަވެސް މާވަށު ކަނޑޫފަލަކީ އެ ރަށުގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ މުހިންމު ތަރިކައެވެ. މާވަށުގެ ނަން ނިސްބަތްވަނީ ވެސް ކަނޑުލުގެ ބާވަތެއްކަމަށްވާ [މާވަޓާ]އަށެވެ. އެހެންކަމުން މިއީ ގައުމީ އަދި ސަގާފީ ތަރިކައެކެވެ. 

މި ހަގީގަތްތައް މިއަދުގެ ވެރީންނާއި ރައްޔިތުންނަށް ގަބޫލުކުރެވި ކަނޑޫފާ އަލުން އިޢާދަކުރުމުގެ މުހިންމު މަސައްކަތްތަކެއް މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރައްޔިތުން ގުޅިގެން މިހާރު ކުރަމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެ ކަމާ އުފާވެގެން މި ލިޔުން ލިޔެލާ ހިތްވީއެވެ. މާވަށުގެ ވެރީންނާއި ރައްޔިތުންނަށް އަބަދުވެސް ހެޔޮ ވިސްނުން ދެއްވައި ހެޔޮ ގޮތް އިރާދަކުރައްވާށިއެވެ! އާމީން! (ގިނަ މަޢުލޫމާތު: ބީބީސީ،  މައި ފޮޓޯ: މާވަށު ކައުންސިލުގެ އެފްބީ ޕޭޖު، އެހެން ފޮޓޯތައް: ބީބީސީ)

 

ބައެއް ލަފުޒުގެ މާނަ:

ބާލު        ނ.    (1) އެއް ވައްތަރެއްގެ ގިނަ ގަސްތަކެއް ހެދިފައިވާ ތަން. (2) އެއް ވައްތަރެއްގެ ގިނަ ގަސްތަކެއް ތަރުތީބުން ހައްދައިފައިވާ ތަން. 

އުންސުރު     ނ.    އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ.

ވާސަ       ނ.    (1) ދިރިއުޅޭ ވެށި. (2) ދިރިއުޅޭ ތަން. (3) އިންސާނުން ނުވަތަ ދިރުން ހުރި އެހެން އެއްޗެއް އުފެދޭ، ނުވަތަ އުފެދިގެން ދިރިއުޅޭ، ނުވަތަ އުފެދިގެން އާލާވަމުންދާ ވެށި.

ފާ         ނ.    ކަނޑޫ، ރަނޑޫ ނުވަތަ ކުއްޅަވައް ހެދިފައި ހުންނަ ތަންތަން. (ފައު)

ދަހަރު       ނ.    ދިހަ އަހަރު

ޖަންގަލި     ނ.    ތަރުތީބެއްނެތި ބޯކޮށް ގަސްގަހާގެހި ހެދިފައިވާ ބިޔަ ސަރަޙައްދު.

ކޮމެންޓު