އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 ޖޫން 2026
(އެންމެ ތާޒާ)
އީރާނުގެ އިސްލާމީ އިންގިލާބުގެ ލަޝްކަރު އައި.އާރް.ޖީ.ސީއިން މިއަދު ބުނެފައިވާ ގޮތުގައި އެމެރިކާއިން އީރާނުގެ ދެ ޖަޒީރާއެއްގައި ހުރި ރާޑަރު ނިޒާމުތަކަށާއި ތެލުގެ މަރުކަޒުތަކަށް ދިން ޙަމަލާގެ ރައްދުގައި އެ ލަސްކަރުން ވަނީ ސަރަހައްދުގައި ހުރި އެ ގައުމުގެ [ދުޝްމަނުންގެ މަރުކަޒުތަކަށް] ވައިގެ ދިފާއީ މިސައިލްތަކުން ހަމަލާދީފައެވެ. އީރާނުން މި އިޝާރާތްކުރަނީ ބަޙުރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށެވެ. މި ކަން ހާމަކޮށްފައިވަނީ އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ނެރުނު ރަސްމީ ބަޔާނެއްގައެވެ.
ގަލްފުގެ އަވަށްޓެރި ގައުމުތައްކަމަށްވާ ކުވެއިތާއި ބަހުރޭނަށް އީރާނުން ހަތް މިސައިލެއް ފޮނުވައިލައިފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ އެއްބަސްވެފައެވެ. ހަމަ މިއާ އެކު މީގެ ތެރެއިން އެއްވެސް މިސައިލެއް އޭގެ އަމާޒަށް ވާސިލްވެފައިނުވާކަމަށް އެ މީހުން ބުނެއެވެ. ނަމަވެސް މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކަށް ބަލާ އިރު، އެމެރިކާއިން ހަދަނީ ދޮގުކަން އެނގެއެވެ. އަދި ކުވައިތާއި ބަޙުރައިނުން ވަނީ ޙަމަލާތަކުގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒުވިކަމަށް އިޢުތިރާފުވެފައެވެ.
މީގެ ކުރީން އެމެރިކާއިން ބުނެފައިވަނީ، ހުރުމުޒު ކަނޑުއޮޅިއާ ދިމާއަށް ދަތުރުކުރަމުންދިޔަ އީރާނުގެ ހަތަރު ޑުރޯނެއް އެމެރިކާގެ ސިފައިން ވައްޓައިލައިފައިވާނެކަމަށެވެ. އަދި އީރާނުގެ ދެކުނު އައްސޭރީގައިވާ ގަޝަމް ޖަޒީރާއަށާއި ޚުރުގު ޖަޒީރާގައި ހުރި އީރާނުގެ އައްސޭރި ރާޑަރުތަކަށް ހަމަލާދީފައިވާނޭކަމަށް ވެސް ބުނެފައިވެއެވެ. އީރާނުން ކުވައިތާއި ބަހުރައިނުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދިނީ މި ޢުދުވާނުގެ ރައްދުގައެވެ.
އީރާނުގެ ކަނޑުގެ ސިފައިން އިއްޔެ (ހުކުރު ދުވަހު) ރިޕޯޓުކޮށްފައިވާ ގޮތުގައި، ޢުމާން ކަނޑުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް [އިންޒާރުގެ ބަޑީގެ ހަމަލާތަކެއް] ފޮނުވައިލައިފައިވާނެއެވެ. އެއީ އެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާގެ މަނަވަރުތަކުން އުނދަގޫކުރަމުންދާތީކަމަށް އީރާނުން ބުނެއެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ މަރުކަޒީ ބާރު (ސެންޓްކޮމް)އިން މި ވާހަކަ ދޮގުކުރިއެވެ.
އަނެއްކޮޅުން ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި ހުކުރު ދުވަހު ލުބުނާނުގެ ދެކުނުގައިވާ ޒިބްދީނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދަނީ ދިފާޢީ މަސައްކަތްތެރިއަކު ހިމެނޭހެން ފަސް މީހުން ވަނީ ޝަހީދުވެފައެވެ. އަދި ލުބުނާނުގެ ރަސްމީ ފަރާތްތަކާ އެކު ބަޑީގެ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް އާދެވިފައިވީ ނަމަވެސް، އިސްރާއިލުން އެ އެއްބަސްވުމަކަށް އިޙުތިރާމެއް ނުކުރެއެވެ. އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން އެޅި ބޮންތަކުގެ ސަބަބުން މުޅި ގައުމުން މަދުވެގެން 12 ވަރަކަށް މީހުން ވަނީ ޝަހީދުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާ އިރު، ލުބުނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މާރިޗު 2އިން ފެށިގެން އިސްރާއީލުން އެ ގައުމަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 3،558އަށް އަރައިފައެވެ. އަދި 10،870 މީހުން ވަނީ ޒަޚަމުވެފައެވެ.
އިސްރާއީލުން ލުބުނާނަށް ދެމުން ގެންދާ ޢުދުވާނު ކުރިއަށްދާ އިރު ފަލަސްޠީނަށް ދެމުންގެންދާ ޙަމަލާތަކަށް ވެސް ނިމުމެއް ނުގެނެއެވެ. އިސްރާއީލުގެ ސިފައިން ވަނީ، އެ މީހުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ކާރަކަށް ބަޑީން ހަމަލާދީ، ހަތް މަހުގެ ތުއްތު ކުއްޖަކު ޝަހީދުކޮށްލައިފައެވެ. ފަލަސްޠީނުގެ މި ތުއްތުކުއްޖާފުޅުގެ މައިންބަފައިން ވެސް ވަނީ ޒަޚަމުކޮށްލައިފައެވެ. ހަމާސް ޖަމާއަތުން ބުނި ގޮތުގައި މި ލޭއޮހޮރުވުމުން ހާމަވަނީ ފަލަސްތީނު ރައްޔިތުންގެ ދިރިތިބުމަށް އިސްރާއީލުން ކުރާ [ނަފުރަތާއި] އެ މީހުންގެ ކުރިމަތީގައި ފަލަސްތީނުގެ ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތްކަމެވެ. މި ހުރިހައި ކަމެއް މިހެން ހިނގަމުން މި ދަނީ ދުނިޔޭގެ ސުލްޙައަށް ޓަކައި މަސައްކަތްކުރާކަމަށް ބުނާ އދ.ގެ ހުރިހައި ގައުމުތަކެއްގެ ލޯތަކުގެ ކުރިމަތީގައެވެ. މިއަދުގެ ދުނިޔެއަކީ ހަމައެއް އިންސާފެއް ނެތް ދުނިޔެއެއްކަމަށް މުސްތަގުބަލުގެ ތާރީޚު ހެކިވާނެއެވެ. (މަޢުލޫމާތު: އަލްޖަޒީރާ)