އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
6 ޖޫން 2026
ގަލްފު ސަރަޙައްދުގެ މަސްރަޙު މިހާރު އޮތީ ފަހުގެ ތާރީޚެއްގައި ނުދެކޭ ފަދަ ނުރައްކާތެރި ފައްތަރެއްގައެވެ. 2026 ފެބްރުވަރީ 28ގައި އެމެރިކާއާއި އިޒުރޭލުން (ގުޅިގެން) "އޮޕަރޭޝަން އެޕިކް ފިއުރީ"ގެ ނަމުގައި އިރާނަށް ދޭން ފެށި ވަރުގަދަ ވައިގެ ޙަމަލާތަކާ އެކު ފެށުނު މި ހަނގުރާމަ، މިހާރު ބަދަލުވެފައިވަނީ މުޅި ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ބޮޑު ކާރިސާއަކަށެވެ.
އިޒުރޭލުގެ ލާއިންސާނީ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އެދުމުގެ މަތީން އޭނާ ރުއްސާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕުގެ އަމުރަށް ދޭންފެށި މި ބޭއިންސާފު އަނިޔާވެރި ޙަމަލާތަކުގެ ފުރަތަމަ ބުރުގައި އިރާނުގެ ރޫޙާނީ އިސްވާރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީއާއި ސަރުކާރުގެ ގިނަ ޢަދަދެއްގެ އިސް ވެރީންތަކެއް ވަނީ ޝަހީދުކޮށްލައިފައެވެ. މި އަނިޔާވެރި ބޭއިންސާފު ޙަމަލާއަށް ރައްދުދިނުމުގެ ގޮތުން އިރާނުން ވަނީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، އިޒުރޭލަށާއި، އެމެރިކާއަށް ވާގިވެރިވާ ގަލްފުގެ ބައެއް ޤައުމުތަކުގެ ތެޔޮ ވަސީލަތްތަކަށް ސަތޭކަޔަށް ވުރެ ގިނަ މިސައިލާއި ޑުރޯނުން ޙަމަލާދީ ގިނަ ތަންތަން ހަލާކުކޮށްލައިފައެވެ.
މި ކުރިމަތިލުމުގައި އިރާނުން ބޭނުންކުރި އެންމެ ވަރުގަދަ އިސްތިރާޖީ ހަތިޔާރަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 25 އިންސައްތަ ހިއްސާކުރާ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމެވެ. އިރާނުގެ އިންގިލާބީ ސިފައިން (IRGC)ގެ ފައުޖުތަކުން އެ ސަރަޙައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޙަމަލާދީ، ކަނޑުގެ މައިނުތައް އަތުރައިލުމާ ގުޅިގެން މުޅި ދުނިޔެއަށް ހަކަތައިގެ ބޮޑު މުޞީބާތެއް ކުރިމަތިވެ ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
މަސްރަޙު ފިނިކުރުމަށްޓަކައި ޕާކިސްތާނު މެދުވެރިވެގެން 2026 އެޕުރީލު 8ގައި ދެ ހަފުތާގެ މުއްދަތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވައިލެވުނެވެ. ނަމަވެސް، ހުރުމުޒު ކަނޑުއޮޅި އާންމުކޮށް ހުޅުވައިލުމަށް އިރާނުން އިންކާރުކުރުމުގެ ސަބަބުންނާއި، ޕާކިސްތާނުގައި ކުރިއަށްދިޔަ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން މަސްރަޙު އަލުން ގޯސްވިއެވެ.
އީރާނުން ހުރުމުޒުކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމުގެ ރައްދުގައި އެމެރިކާއިން ވަނީ 13 އެޕްރީލްއިން ފެށިގެން އިރާނުގެ ބަނދަރުތައް ހިސާރުކޮށް، އަސްކަރީ ގޮތުން ބަންދުކޮށްފައެވެ. ނަމަވެސް އީރާނުން އެމެރިކާގެ ބޯޓުފަހަރަށް ނޭނގި ތެޔޮ ބޭރުކުރަމުން ގެންދެއެވެ. އެހެންކަމުން މިހާރު ގަލްފުގައި ދެ ބަންދުކުރުމެއް ތަންފީޒުކުރަމުން ގެންދާ ޙާލަތުގައެވެ. އެއީ:
· އިރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން.
· އެމެރިކާއިން އިރާނުގެ ބަނދަރުތަކަށް މުދަލާއި ތެޔޮ ބޭރުނުކުރެވޭ ގޮތަށް ހިސާރުކޮށްފައި އޮތް އޮތުން.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލައިފައި އޮތް އޮތުން ވަކި މުއްދަތެއް ނެތް ގޮތަށް ދަންމައިލައިފައެވެ. ނަމަވެސް، މިއީ ހަގީގީ ސުލްޙައެއް ނޫނެވެ. ދެ ފަރާތުން ވެސް ތިބީ ދޫނުދޭން ހަތިޔާރާއެކު ތައްޔާރަށެވެ. އެމެރިކާއިން ބުނަމުންދަނީ އިރާނުން ފުރިހަމައަށް އަމާންދީ ކަނޑުއޮޅި ހުޅުވަންދެން އީރާނުގެ ބަނދަރުތައް ހިސާރުކޮށްފައި އޮތް އޮތުން ދަމަހައްޓާނެކަމަށެވެ. އިރާނުން ބުނަނީ ގައުމީ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށެވެ. އެހެންކަމުން މިހާރު ވެސް ދޭތެރެދޭތެރެއިން ޙަމަލާތައް ބަދަލުކުރަމުން އެބަ ގެންދެއެވެ. ދާދިފަހުން އެމެރިކާއިން ވަނީ، ކުވައިތާއި ބަހުރައިނުގެ ބިން ބޭނުންކޮށްގެން އީރާނުގެ ތެލުގެ މައި ރަށްކަމަށްވާ ޚަރުޤު ޖަޒީރާއަށް މިސައިލު ޙަމަލާތަކެއްދީފައެވެ. މި ޙަމަލާތަކުގެ ރައްދުގައި އީރާނުންވަނީ ބަހުރައިނާއި ކުވައިތުގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ޙަމަލާދީ އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އެމެރިކާއަކުން ވެސް އަދި އީރާނަކުން ވެސް މި ހަނގުރާމަ ކުރިއަށް ގެންދާކަށް ބޭނުމެއްނުވެއެވެ. މި ހަނގުރާމަ ހުއްޓައިލާން ނޭދެނީ އިޒުރޭލުންނެވެ. ހަނގުރާމަ ހުއްޓައިލާން އެމެރިކާއާއި އީރާނުން ބޭނުންވިޔަސް ބަލިވީކަމަށް ގަބޫލުކޮށް އެއްވެސް ފަރާތަކުން ހަނގުރާމަ ހުއްޓާކަށް ގަސްތެއްނުކުރެއެވެ. އީރާނަކީ އެމެރިކާއާއި އިޒުރޭލުން ކުރީން ހީކުރި ފަދަ [ބަލިކަށި] ގައުމެއް ނޫނެވެ. އެ މީހުން ބުނަނީ، އަބަދުވެސް ތިބޭނީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއެއްގެ ރައްދުދޭން ތައްޔާރަށްކަމަށެވެ.
މި ބޭކާރު ހަނގުރާމައިގެ ސަބަބުން މިހާތަނަށް ދެފަރާތުން ވެސް ސިފައިންނާއި އާންމުންގެ އެތައް ހާސް ބަޔަކު މަރުވެ، މުޅި މެދުއިރުމަތީގެ ހަމަޖެހުމަށް ވަނީ ބުރޫ އަރައިފައެވެ. އެކުވެރި ޢަރަބު އިމާރާތުން މިހާރުވަނީ ޢަރަބި ގައުމުތަކާ ދުރަށް ޖެހި އިޒުރޭލާ ގާތް ގުޅެއް އުފައްދައިފައެވެ. އޫއޭއީއިންވަނީ އޯޕެކުން ރަސްމީ ގޮތުން ވަކިވެފައެވެ. އަދި އިޒުރޭލަށް މާލީ ގޮތުން އެތައް ގިނަ އެހީތަކެއް ވެދީފައެވެ. މީގެ ބަދަލުގައި އިޒުރޭލުން ވެސް ވަނީ ޔޫއޭއީއަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޔޫއޭއީއިން ބުނާ ގޮތުގައި ޢަރަބި ގައުމުތަކަށް ވުރެ، އިޒުރޭލުން އެ މީހުންނަށް ބޮޑަށް ވެސް ހެޔޮއެދެއެވެ.
ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި، މި ހަމަނުޖެހުންތަކުގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް އަލުން ބޮޑު ހަނގުރާމައެއް ނުރައްކާ ދުނިޔެއަށް ވަނީ އިތުރުފައެވެ. ބައެއް މުޙައްލިލުން ބުނާ ގޮތުގައި ތިންވަނަ ބޮޑުހަނގުރާމަ އިޢުލާނުކުރާނީ ޓުރަންޕެވެ.