އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
5 ޖޫން 2026
އިސްރާއީލަށް ޖަރުމަނުވިލާތުން ކުރާ ތާއީދުގެ ސަބަބުން އެ ގައުމަށް މުހިންމު ވޯޓުތަކެއް ގެއްލިފައި ހުރެދާނެކަމަށް ޚާރިޖީ ވަޒީރު ޔޯހަން ވެޑެފުލް ވިދާޅުވަމުން ގެންދަވަނިކޮށް، ބުދަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީސް (އދސމ)ގެ ދާއިމީ ނޫން ގޮނޑިއެއް ކާމިޔާބުކުރުމަށް ޖަރުމަނުން ކުރި މަސައްކަތް ލަދުވެތި ގޮތަކަށް ނާކާމިޔާބުވީ ކީއްވެގެންހެއްޔެވެ؟ މި ކަމާ، ރޫސީވިލާތާ ގުޅުމެއް އެބަ އޮތްހެއްޔެވެ؟ މި ކަމާ ބެހޭ ގޮތުން މުޙައްލިލުން ވިދާޅުވަނީ ކީކޭހެއްޔެވެ؟
އދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނެނީ 15 މެންބަރުންނެވެ. އޭގެ ތެރޭގައި ދާއިމީ ފަސް މެންބަރުންނާއި، (ދެ އަހަރު ދުވަހުގެ ދައުރަކަށް އިންތިޚާބުކުރާ) ދާއިމީ ނޫން 10 މެންބަރުން ހިމެނެއެވެ. [ހުޅަނގު ޔޫރަޕާއި އެހެނިހެން ގައުމުތައް] ހިމެނޭ ގުރޫޕަށް ކަނޑައެޅިފައިވާ ދެ ގޮނޑިއަށް ވާދަކުރީ ޖަރުމަނުވިލާތާއި އޮސްޓްރިއާއާއި ޕޯޗުގަލުންނެވެ. މި ދެ ގޮނޑި ކާމިޔާބުކުރީ އޮސްޓްރިއާއާއި ޕޯޗުގަލެވެ. ނާކާމިޔާބު ލިބުނީ އދ.އަށް ދެވަނައަށް އެންމެ ގިނައިން އެހީދޭ ޖަރުމަނުވިލާތަށެވެ.
ދެ މެންބަރަކު ހޮވާން އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުން ޖަރުމަނުވިލާތަށް ލިބުނީ 104 ވޯޓެވެ. މިއީ އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަށްވުރެ 23 ވޯޓު މަދު އަދަދެކެވެ.
މިއީ ވޭތުވެ ދިޔަ އެތައް ދަހަރެއްގެ ތެރޭގައި، ކޮންމެ އަށް އަހަރަކުން އެއް ފަހަރު ހުޅަނގު ޔޫރަޕުގެ ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއް ކާމިޔާބުކުރަމުން އައި ޖަރުމަނަށް، ސަލާމަތީ މަޖިލީހުގެ ދައުރުވާ ގޮނޑިއެއް ކާމިޔާބުނުކުރެވި ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. މި ނާކާމިޔާބީއާ ގުޅިގެން ޖަރުމަނުން ވަނީ ލަދުގެންފައެވެ. އަދި މި ނާކާމިޔާބީއާ ކުރިމަތިވި ސަބަބު ވެސް އޮޅުވައިލާން އެ މީހުން އެބަ މަސައްކަތްކުރެއެވެ.
ޖަރުމަނުވިލާތަށް މި ކަމުގައި ތާއީދު ހޯއްދެވުމަށް ޓަކައި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު، ވެޑެފުލް މި ދިޔަ ހަފުތާގައި ނިއުޔޯކަށް ދަތުރުކުރައްވައި، އދ.ގައި ތިއްބަވާ ގާތްގަނޑަކަށް 80 ވަޒީރުންނާއި ސަފީރުންނާ ބައްދަލުކުރައްވައިފައިވެއެވެ. އަދި މި ދިޔަ ހޯމަ ދުވަހު ހަވީރު ޚާއްސަ ހަފުލާއެއް ވެސް ބޭއްވިކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް ވޯޓުގެ ނަތީޖާ ލިބުމާ އެކު، (ލިބުނު ނާކާމިޔާބީގެ ސަބަބުން،) ޔޫރަޕާއި ދުނިޔޭގެ މަސްރަހުގައި ޖަރުމަނުގެ ނުފޫޒު އަލުން އިއާދަކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގަތް ޗާންސެލަރ ފްރީޑްރިކް މާރޒަށް ގައުމުގެ އެތެރެއިން ވަގުތުން ފާޑުކިޔުންތައް އަމާޒުވާން ފެށިއެވެ.
ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ އޮލްޓަނޭޓިވް ފޮރ ޖަރމަނީ(AfD) ގެ ކޯ-ލީޑަރު އެލިސް ވެއިޑެލް މި ނަތީޖާ ސިފަކުރެއްވީ [ލަދުވެތިކަމެއް]ގެ ގޮތުގައެވެ. އަދި ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ބަރުލަމާނީ ގްރޫޕްގެ ޚާރިޖީ ސިޔާސަތާ ބެހޭ ތަރުޖަމާނު އަދިސް އަހްމެތޮވިޗް ވިދާޅުވީ، މި ވޯޓަކީ [ބައިނަލްއަގުވާމީ ގޮތުން 'ޖަރުމަނު' ބަލައިގަންނަ މިންވަރު ވަޒަންކޮށްދޭ މިންގަނޑެއް]ކަމަށެވެ.
ޖަރުމަނުގެ ޚާރިޖީ ވަޒީރު މި ނާކާމިޔާބީ ބޮޑަށް އެޅުއްވީ ރޫސީވިލާތުގެ ބޮލުގައެވެ. ވެޑެފުލް ނޫސްވެރީންނަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، [ވަކި ކަންތައްތަކެއްގައި އަޅުގަނޑުމެން އަބަދުވެސް ސާފު ސިޔާސަތެއް ގެންގުޅެން]ކަމަށާއި [މިއީ މެންބަރު ހުރިހައި ގައުމުތަކަކުން ބަލައިގަންނަ ސިޔާސަތުތަކެއް ނޫން]ކަމަށެވެ. އަދި އޭނާ ވަރަށް ބާރުލައްވައި ވިދާޅުވީ ޖަރުމަނުވިލާތާ ދެކޮޅަށް ރަޝިޔާއިން މަސައްކަތް ކުރިކަމީ [ސިއްރެއް ނޫން]ކަމަށެވެ.
[ޔޫކްރޭނަށް އަޅުގަނޑުމެން ސާބިތުކަމާ އެކު ދޭ ތާއީދު އެބައޮތް. ރަޝިޔާއިން ބޭނުމެއް ނުވޭ ސަލާމަތީ މަޖިލީހުގައި އެ ތާއީދުގެ އަޑު އިވޭކަށެއް.] އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިސްރާއީލަށް ޖަރުމަނުން ކުރާ ތާއީދުގެ ސަބަބުން މި ކަމުގައި ހުރަސްއެޅިފައި ހުރެދާނެ ކަމަށް ވެސް ވެޑެފުލް އެއްބަސްވެވަޑައިގަތެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ހިންގި ނާޒީ ހޮލޮކާސްޓްގެ ހިޔަލުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި ޖަރުމަނުން އަބަދުވެސް އިސްރާއީލަށް ޚާއްސަ ޒިންމާއެއް އުފުލަންޖެހޭނެކަމަށް ގަބޫލުކުރާކުރުމަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ، [މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި އިސްރާއީލަށް ތާއީދުކުރުމަކީ ޖަރުމަނުގެ ޚާއްސަ ޒިންމާއެއްކަމަށް ދުށުމުގެ ސަބަބުން ވެސް ވޯޓުތަކެއް ގެއްލިފައި ހުރެދާނެ]ކަމަށެވެ.
ޖަރުމަނުން ވަންހަނާކުރާ ހަގީގީ ސަބަބަކީ ކޮބާ؟
ޖަރުމަނުން ޔޫކްރެއިނަށް ކުރާ ތާއީދުގެ ސަބަބުން މި ވޯޓަށް ނޭދެވޭ އަސަރެއްކުރިކަމަށް ބުނާ ބުނުންތައް ގިނަ މުހައްލިލުން ދޮގުކުރައްވައެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ވިދާޅުވަނީ، އިސްރާއީލަށް ޖަރުމަނު ސަރުކާރުން ދެމުންގެންދާ އެއްބާރުލުމާއި ކުރާ ތާއީދާ މެދު، ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރި ދެކޮޅުވެރިކަމަކީ މި ނަތީޖާ ނުކުތުމަށް މެދުވެރިވި މައިގަނޑު ސަބަބުކަމަށެވެ.
ކުއިންސީ އިންސްޓިޓިއުޓް ފޮރ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ އިދާރީ ނާއިބުރައީސް ޓްރިޓާ ޕާސީ ވިދާޅުވެފައި ވެއެވެ. [މިކަމުގައި [ފުރަތަމަ] ހަގީގަތް ސާފުކޮށްލަމާ ހިންގަވާ! ޖަރުމަނުން ޔޫކްރެއިނަށް ކުރާ ތާއީދާ މިކަމާ އެއްވެސް ގުޅުމެއް ނެތް. ޖަރުމަނުގެ މައްޗަށް ކުރިހޯދި ޕޯޗުގަލާއި އޮސްޓްރިއާއަކީ ވެސް ޖަރުމަނުވިލާތާ އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ޔޫކުރޭނަށް ތާއީދުކުރާ ދެ ގައުމު.]
[މި ކަމުގެ ހުރިހައި ވެސް ގުޅުމެއް ވަނީ، އިސްރާއީލުން ހިންގަމުންދާ ނަސްލުހޭދުގެ ލާދީނީ އަމަލުތަކަށް ޖަރުމަނުން ދޭ ތާއީދަށް. އަދި އިސްރާއީލުގެ ހައްގުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ގާނޫނުތައް މުގުރައިލުމަށް ޖަރުމަނު ސަރުކާރުން ތައްޔާރަށް އޮތް މިންވަރާ [މި ކަމާ މާ ގުޅުން ބޮޑު].] [އިސްރާއީލުގެ ޖަރީމާތަކަށް ޖަރުމަނުން ކަނު ލޮލަކުން ކުރި ތާއީދުގެ ސަބަބުން، އދ.ގެ ސަލާމަތީ މަޖިލީހުން އެ ގައުމަށް ލިބޭން އޮތް ގޮނޑި ގެއްލުނީ. އެއީ ހަމަ އެ ކަން ވާން ވެސް ޖެހޭނެ ގޮތް.]
ޕާސީ އިތުރަށް ވިދާޅުވި ގޮތުގައި، ޖަރުމަނަކީ އދ.އަށް ދެވަނައަށް އެންމެ ގިނައިން މާލީ އެހީތެރިކަން ފޯރުކޮށްދޭ ގައުމަށް ވެފައި، 'ޕެކްޓް އޮފް ދަ ފިއުޗަރ' އެކުލަވައިލުމުގެ މަޝްވަރާތަކުގައި އިސްދައުރެއް އަދާކުރި ގައުމެއް ނަމަވެސް، ފަހަކަށް އައިސް އެ ގައުމުން ގެންގުޅޭ ޚާރިޖީ ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި އެ ގައުމަށް އޮތް ގަދަރާއި އިޙުތިރާމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.
[އދ.ގެ ސަލާމަތީ މަޖިލީހުގެ އިންތިޚާބީ ގޮނޑިއަށް ވާދަކޮށް، ޖަރުމަނު ބަލިވުމުން އަހަރެން ކުޑަކޮށް ވެސް ހައިރާނެއް ނުވޭ... އުންމީދުކުރަނީ މި ކަމުގެ ސަބަބުން ޖަރުމަނުން އެ މީހުންގެ ސިޔާސަތުތަކާ މެދު ފުންކޮށް ވިސްނާނެކަމަށް.]
އދ.ގެ ހިއުމަން ރައިޓްސް ހައި ކޮމިޝަނަރުގެ އޮފީހުގެ ނިއުޔޯކް ގޮފީގެ ކުރީގެ ޑިރެކްޓަރު ކްރެއިގް މޮޚައިބަރް ވެސް ވަނީ މި ނާކާމިޔާބީއަކީ އިސްރާއީލަށް ޓަކައި ފަލަސްތީނާ މެދު ޖަރުމަނުން ގެންގުޅޭ ހަރުކަށި ވިސްނުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައިފައެވެ.
އޭނާ ވިދާޅުވިއެވެ. [މިއަދު އދ.ގެ އާންމު މަޖިލީހުން ފެނުނު އިންސާފުގެ ނާދިރު ދަނޑިވަޅެއްގައި، ޖަރުމަނަށް ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ގެއްލިފައި.]
[ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ އަމަލުތަކަށާއި އީރާނާ ދެކޮޅަށް ހިންގާ އުދުވާންތަކަށް ޖަރުމަނުން ދޭ ލަދުވެތި ތާއީދުގެ އިތުރަށް، ޖަރުމަނުގެ އެތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންނަށް ކުރިމަތިކުރާ ފިއްތުންތަކާއި ފަލަސްތީނަށް ތާއިދުކުރާ މީހުންނާ ދެކޮޅަށް އަޅާ ހަރުކަށި ފިޔަވަޅުތަކަކީ، އދ.އިން ޖަރުމަނަށް މި ފަދަ ހިތްދަތި ނާކާމިޔާބީއެއް ކުރިމަތިކުރުވި މައިގަނޑު ސަބަބުކަން ދުނިޔެއަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް.]
އޮކްޓޯބަރު 2023ގައި އިސްރާއީލުން ގައްޒާއަށް ދޭން ފެށި އުދުވާނީ ހަމަލާތަކަށްފަހު، ޖަރުމަނުން ވަނީ ފަލަސްތީނާ ދެކޮޅަށް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. ފަލަސްތީނަށް ތާއީދުކޮށް ޖަރުމަނުގައި ބާއްވަމުންދިޔަ މުޒާހަރާތައް ބާރުގެ ބޭޏުންކޮށްގެން ހުއްޓުވައި، އެ ކަމުގައި އުޅުނު ބައެއް އެކުޓިވިސްޓުން ގައުމުން ބޭރުކޮށްލުމަށް އަމުރުކޮށްފައެވެ. މި ކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ޖަރުމަނަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޖަރުމަނުގެ ބޭއިންސާފުކަމާއި ހަމައެއް ނެތްކަން ދުނިޔެއަށް ވަނީ ހާމަވެފައެވެ. އަދި މިހާރު އެއްވެސް ހައްގުން ކަމަކާ ނުލައި އެމެރިކާއާއި އިޒުރޭލުން އީރާނަށް ދެމުން ގެންދާ އަނިޔާވެރި ޢުދުވާނީ ޙަމަލާތަކުގައި، ޖަރުމަނުން އެއްވެސް ހިފެހެއްޓުމެއް ނެތި އިޒުރޭލަށް ގެންދަނީ ތާއީދުކުރަމުންނެވެ.
މިއަދު އިޒުރޭލާއި އެމެރިކާގެ އަނިޔާވެރިކަމާއި ބޭއިންސާފުކަން ދުނިޔެއަކަށް ސިއްރެއްނުވެއެވެ. އެހެންކަމުން ޖަރުމަނުވިލާތަށް މި ފަހަރު އދ.ގެ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަކީ ޖަރުމަނުގެ މި ދޯހަޅި ބޭއިންސާފު ސިޔާސަތުގެ ސަބަބުން ލިބުނު ނާކާމިޔާބީއެކެވެ. އެ ކަމަކާ ރޫސީވިލާތަކާ އެއްވެސް ގުޅުމެއް ނެތެވެ.