ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
4 ޖޫން 2026
ވަރަށް އިތުބާރުކުރެވޭ ފަރާތަކުން، އެމެރިކާއާއި އިޒުރޭލާ ބެހޭ ނުރައްކާތެރި މަޢުލޫމާތެއް ދާދި ފަހުން ވަނީ ލީކުކޮށްލައިފައެވެ. އެ މަޢުލުމާތަކީ، އެމެރިކާއާއި އިޒުރޭލު ގުޅިގެން ވަރަށް އަވަހަށް އީރާނަށް އެޓޮމް ބޮމުގެ ޙަމަލާއެއްދޭނެ ކަމަށް، ރަސްމީ ފަރާތަކުން ހާމަކުރި މަޢުލޫމާތެކެވެ. ގަލްފު ސަރަޙައްދަށް ސިފައިން ފޮނުވުމާއި، ތެޔޮ ޓޭންކަރުތައް ގޮއްވައިލުމާއި، އަދި މިސައިލު ޙަމަލާތަކަކީ ހަމައެކަނި އޭގެ މުގައްދިމާއެކެވެ. އަސްލު ތަބާހީ އަންނާނީ އެ ޙަމަލާގެ ފަހުންނެވެ. އަދި އޭގެފަހުން ދުނިޔޭގައި، ވަކީން ޚާއްޞަކޮށް މެދުއިރުމަތީގައި ވަރަށް ބޮޑެތި މުޞީބާތްތަކެއް ފެށިގެން ހިނގައިދާނެކަމަށް ބެލެވެއެވެ. މި މަޢުލޫމާތަކީ އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއާ ގުޅުން ހުރި ޖަމާޢަތެއް ކަމަށްވާ، "ޕެޓްރިއޮޓިކް ވިޝަން އޮގަނައިޒޭޝަން"ގެ ކުރީގެ އޮފިޝަލެއް ކަމަށްވާ މުޙައްމަދު ސަފާ އެ މަގާމުގައި ހުންނަވައިގެން ހާމަކުރައްވައިފައިވާ މަޢުލޫމާތެކެވެ. މި މަޢުލޫމާތު ލީކު ކޮށްލެއްވުމަށް ފަހު، އޭނާ ވަނީ ވަގުތުން މަޤާމުން އިސްތިޢުފާދެއްވައިފައެވެ.
އެންމެ ހައިރާންވާންޖެހޭ ކަމަކީ، އެ މަޢުލޫމާތު ލީކުކޮށްލިތާ މަދު ގަޑިތަކެއްގެ ތެރޭގައި، އެމެރިކާއިން ވަނީ އީރާނުގެ އިސްފަހާނަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައިކަމެވެ. އެ ޙަމަލާތަކުގައި، އެމެރިކާއިން ވަނީ ސްޓެލްތު ބޮންއަޅާ ބޯޓްތަކެއް ބޭނުންކޮށްގެން، ބަންކަރުތައް ގޮއްވައިލާން ބޭނުންކުރާ 900 ކިލޯގްރާމުގެ ބާރުގަދަ ބޮންތައް ބޭނުންކޮށްފައިވެއެވެ. އެ ޙަމަލާގެ އަމާޒަކީ، އީރާނުގެ ނިއުކުލިއަރު މަރުކަޒުތައް ހަލާކުކޮށްލައި، އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމު ހުއްޓުމަކަށް ގެނައުމެވެ. އެމެރިކާއާއި އިޒުރޭލު ގުޅިގެން "އޮޕަރޭޝަން އެޕިކު ފިއުރީ" ގެ ނަމުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާތާ 97 ދުވަސް ވެއްޖެއެވެ. އެއްވެސް ބަޔަކަށް ނޭނގޭ ކަމަކީ އެ ހަނގުރާމަ މިހާރު އެ ދަނީ، މުޅީން އެހެން މަރުހަލާއަކާ ދިމާއަށްކަމެވެ. އެ މަރުހަލާގައި، އެމެރިކާއިން ރާވައިފައިވަނީ އީރާނުން ފައްކާކޮށްފައިވާ 400 ކިލޯގެ ޔުރޭނިއަމް އަތުލައިގަންނާށެވެ. އެ ކަމަށް ޓަކައި، އެމެރިކާއިން ވަނީ، އީރާނަށް 50،000 ސިފައިންގެ ފައުޖެއް ފޮނުވާން ނިންމައިފައެވެ. އެމެރިކާއިން، އީރާނަށް އެ ފައުޖު ފޮނުވައިފި ނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، އެމެރިކާގެ ފައުޖުގެ ދެބައިކުޅަ އެއްބައި މީހުން، އީރާނުން ފަނާކޮށްލާނެއެވެ. އޭގެފަހުން، އެމެރިކާ ފަދަ ޝައިޠާނީ ދައުލަތަކުން، އަދި ޓުރަންޕު ކަހަލަ ހަމަ ގަބޫލުނުކުރާ ވެރިޔަކު، އެ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވުމުން ހިމޭނުން ހުންނާނެހެއްޔެވެ؟ ހަމަ ޔަޤީނުން ވެސް ޓުރަންޕު ހިމޭނަކުން ނުހުންނާނެއެވެ. ޢާލަމީ ތިންވަނަ ބޮޑު ހަނގުރާމަ، ޓުރަންޕު އިޢުލާނުކުރާނެއެވެ. އެ ކަމަށްޓަކައި އެމެރިކާއާއި އިޒުރޭލުގެ އަސްކަރިއްޔާ ވަނީ އެއްކޮށްލެވިފައެވެ.
މި ހުރިހައި ޚަބަރުތަކެއް ފެންމަތިވަމުންދާ އިރުވެސް، އީރާނުން ކަހެރުވަކެކޭ ވެސް ހިތަކަށް ނާރައެވެ. އަދި، އެ ކަމާ މެދު އީރާނުން އެއްވެސް ވަރަކަށް ބިރުން އުޅޭހެން ހިއެއްނުވެއެވެ. އީރާނާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދަނީ ދެވެމުންނެވެ. އެކަމަކު، އީރާނުން ބުނަނީ އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެކަމަށާއި، އަދި ކެރިގެން އެމެރިކާއާ ކުރިމަތިލައި ހަނގުރާމަކުރާނެކަމަށެވެ.
އަނެއްކޮޅުން އިންޑިއާއިން ވެސް ވަރަށް ނުރައްކާތެރި ރޭވުންތަކެއް ރާވަމުންދާކަމަށް ޚަބަރު ލިބެއެވެ. އަސްކަރިއްޔާގެ އިސްވެރީންގެ ބައްދަލުވުންތައް ބޭއްވުމުގެ އިތުރަށް، އިންޑިއާގެ އަސްކަރިއްޔާގެ އާރމީ ޗީފް، ބޮޑެތި ފައްޅިތަކަށް ޒިޔާރަތްކޮށް ގެރިކަލާނގެ ކިބައިން [ބަރަކާތް ހޯދަމުން]ދާކަމުގެ ޚަބަރުތަކެއް ވަނީ ތިލަވެފައެވެ. އިންޑިއާއިން ވަނީ ޕާކިސްތާނާ ދެކޮޅަށް [ސިންދޫރު އޮޕަރޭޝަން 2] ފައްޓާނެކަމުގެ އިންޒާރުދީފައެވެ.
ކުރިއަށް އޮތީ، ވަރަށް ނުރައްކާތެރި ދުވަސްކޮޅެކެވެ. ދާދިއަވަހަށް ތިންވަނަ ބޮޑުހަނގުރާމަ ޓުރަންޕު އިޢޫލާނުކުރުމަކީ ވެސް އެކަށީގެންނުވާ ކަމެއްނޫނެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.