ad_banner
ރާއްޖޭގެ އިގުތިޞާދީ ޙާލަތު ރަނގަޅުވަމުން އަންނަކަމަށް ދުނިޔެ ހެކިވުން

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

4 ޖޫން 2026

މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މި ދުވަސްވަރު ވެސް ރާއްޖޭގެ އިގުތިސާދު ހަމަ މަގުގައި ހިފެހެއްޓުމާ އެކު ފިޗުން ރާއްޖެއަށް ދީފައި އޮތް ކުރެޑިޓު ރޭޓިންގ މަތިކުރިކުރުމަކީ ރާއްޖޭގެ އިގުތިސާދާ މެދު ރައްޔިތުންނަށް ހިސާބަކަށް ހިތްހަމަޖެހުން ލިބުނު ކަމެކެވެ.

ޕިޗު ރޭޓިންގްސް (Fitch Ratings)އަކީ ދުނިޔޭގެ ގައުމުތަކާއި، ބޮޑެތި ކުންފުނިތަކުގެ މާލީ އަދި އިގުތިޞާދީ ހާލަތު ދިރާސާކޮށް، ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު (ކުރެޑިޓު ރޭޓިންގ) ކަނޑައަޅައިދޭ ދުނިޔޭގެ އެންމެ ބޮޑު ކުރެޑިޓު ރޭޓިންގް އެޖެންސީގެ ތެރެއިން އެއް އެޖެންސީއެވެ. މި ފެންވަރުގެ ތިން އެޖެންސީއެއް ދުނިޔޭގައި ހުރެއެވެ. މި އެޖެންސީގެ މައި އޮފީސްތައް ހުންނަނީ އެމެރިކާގެ ނިއު ޔޯކު ސިޓީގައްޔާއި އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

ޕިޗުން، ގައުމެއްގެ އިގުތިސާދީ ޙާލަތު ދިރާސާކޮށް ކުރެޑިޓު ރޭޓިންގ ކަނޑައެޅުމަކީ ދަރަނި ދޫކުރާ އިދާރާތަކަށާއި ބޭރުގެ ޖަމުޢިއްޔާތަކަށާއި ރާއްޖޭގައި ވުނަކުރާން ޝައުގުވެރިވާ ފަރާތްތަކަށް އިތުބާރު ލިއްބައިދޭ ކަމެކެވެ. މި ސަބަބަށް ޓަކައި ދިވެހިރާއްޖެއިން ފިޗު ރޭޓިންގގައި ބައިވެރިވެ ޕިޗު ރޭޓިންގްސްއިން ދިވެހިރާއްޖޭގެ އިގުތިޞާދީ ހާލަތު ފުރަތަމަ ފަހަރަށް ރޭޓުކޮށް، ރޭޓިންގެއް ނެރެފައިވަނީ 2017ވަނަ އަހަރުގެ މޭ މަހު 15ވަނަ ދުވަހުއެވެ.

އެ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރަށް ދީފައިވަނީ "B+" ރޭޓިންގެކެވެ. ބީ ޕްލަސްއަކީ ވަރަށް ރަނގަޅު މިންގަނޑެކެވެ. ގައުމުގެ އިގުތިސާދީ ޙާލަތު ކުރިއަރަމުން އަންނަކަމާއި ރަނގަޅު މަގުގައި ހުރިކަން ދައްކައިދޭ ނިޝާނެކެވެ.

ދިވެހިރާއްޖެއަށް 2017ވަނަ އަހަރުން ފެށިގެން ފިޗު ރޭޓިންގްސް (Fitch Ratings)އިން ދެމުން އައިސްފައިވާ ކުރެޑިޓު ރޭޓިންގތަކުގެ ތާރީޚަށް ބަލާ އިރު، އިޤްތިޞާދީ އަދި މާލީ ޙާލަތަށް އައި ބަދަލުތަކާ ގުޅިގެން ރޭޓިންގަށް އެކި ފަހަރު މަތީން ބަދަލުތައް އައިސްފައިވެއެވެ.

މި ގޮތުން ބަލާ އިރު، 2017ވަނަ އަހަރު މޭ މަހު ފުރަތަމަ ފަހަރަށް ދިން ކުރެޑިޓު ރޭޓު، 2018އާއި 2019ގައި ވެސް "B+" ގައި ހިފެހެއްޓިފައި އޮތްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ރާއްޖޭގެ އިގުތިޞާދީ ދުވެލި މަޑުޖެހި އިގުތިޞާދު ދަށަށް ދާކަން ފާހަގަކޮށް 2020ވަނަ އަހަރު މާރިޗު މަހު ކުރެޑިޓު ރޭޓިންގ ފިޗުން "B"އަށް ދަށްކުރިއެވެ.

ދިވެހިރާއްޖޭގެ އިގުތިސާދުގެ ނާޒުކުކަމާ އެކު، ދަރަނި ބޮޑުވުމުން 2020ވަނަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި އަނެއްކާ ވެސް ކުރެޑިޓު ރޭޓިންގ ދަށްކުރިއެވެ. އެ ފަހަރުގެ ރޭޓިންގއަކީ "CCC"އެވެ. ނަމަވެސް 2021ވަނަ އަހަރު ފަތުރުވެރިކަން ރަނގަޅުވުމާ އެކު ރާއްޖޭގެ އިގުތިޞާދަށް އުންމީދެއް ލިބިގެން "B-"އަށް ކުރެޑިޓު ރޭޓިންގ އިތުރުކުރިއެވެ. މި ރޭޓިންގ 2022އާއި 2023ގައި ވެސް ދެމެހެއްޓިއެވެ. ނަމަވެސް 2024 ޖޫންގައި މި ރޭޓިންގ "CCC+"އަށް ދަށްކުރިއެވެ. އަދި ދަރަނި ދެއްކުމުގައި ހުރި ގޮންޖެހުންތައް ފިޗުން ދިރާސާކުރުމަށް ފަހު، 2024 އޮގަސްޓުގައި އިތުރަށް ދަށްކޮށް "CC"ގެ ރޭޓިންގއެއް ދިނެވެ. އަދި މި މިންގަނޑާއި ރާއްޖޭގެ އިގުތިސާދީ ޙާލަތު އަލުން މުރާޖާކުރުމަށް ފަހު، 2025 ޖޫންގައި ވެސް ހަމަ އެ މިންގަނޑުގައި ހިފެހެއްޓިއެވެ.

ނަމަވެސް ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގުތިޞާދީ ޙާލަތު މުރާޖާކުރުމަށް ފަހު، އަންނަނިވި ކަންތައްތައް [ފިޗު ރޭޓިންގ]އަށް ސާބިތުވުމާ އެކު އަނެއްކާ، އިއްޔެ (2026 ޖޫން 02ގައި) މި ވަނީ ރާއްޖެއަށް ދީފައިވާ ރޭޓިންގ މަތިކޮށްފައެވެ. 

ފިޗުން ރާއްޖޭގެ ރޭޓިންގް މަތިކުރުމުގައި ފާހަގަކުރި ރަނގަޅު ކަންތައްތަކަކީ:

1.  ސުކޫކު ދެއްކުން:  2026 އޭޕްރީލް މަހު ދައްކާން އޮތް 500 މިލިއަން ޑޮލަރުގެ ސުކޫކު، ދައްކާންޖެހޭ މުއްދަތުގައި ސަރުކާރުން ކާމިޔާބުކަމާއެކު ދައްކައި ޚަލާޞްކުރުމުން، ދަރަނި ނުދެއްކިދާނެކަމުގެ ހިރާސް ނެތިގެންދިޔުން.

2.  އިޞްލާޙީ ފިޔަވަޅުތައް: އާމްދަނީ އިތުރުކުރުމަށް ޓަކައި ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ބޭރު ފައިސާ ލިބޭނެ މަގުތައް އިތުރަށް ތަނަވަސްވުން.

3.  ބޭރުގެ އެހީތެރިކަން: އެކުވެރި ގައުމުތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ބޭރުގެ ދަރަނިތައް ދެއްކުމަށް ހުރި ހުރަސްތަކަށް ލުއި ލިބުން.

މި ސަބަބުތައް މިހެން ހުރުމާ އެކު ރާއްޖޭގެ އިގުތިޞާދީ ޙާލަތު ރަނގަޅުވަމުން އަންނަކަން [ފިޗު ރޭޓިންގ]އަށް ކަށަވަރުވެފައިވާތީއާއި، މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަމާ އެކު ވެސް ރައްޔިތުންނަށް ލިބިދޭ ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ އިގުތިސާދު ކުރިއަރުވައިފައިވާތީ މި މި ދިޔަ އަހަރު އޮތް ރޭޓިންގަށް ވުރެ މި އަހަރު ދިން ރޭޓިންގ މި ވަނީ މަތިކޮށްފައެވެ.

ކުރެޑިޓު ރޭޓިންގ 'CC' އަށް ބަދަލުވުމަކީ ޤައުމުގެ ބޭރުގެ ދަރަނި ދެއްކުމުގެ ޤާބިލުކަމަށް ހުރި ހުރަސްތަކާއި، ބޭރު ފައިސާގެ ރިޒާވަށް އައިސްފައިވާ ލޮޅުންތަކާ ގުޅިގެން ދޭ ރޭޓިންގއެކެވެ. 'CC'ގައި ހުރުމުން ދޭހަކޮށްދެނީ ދަރަނި ނުދެއްކިދާނެ ފުރުޞަތު (ގައުމު ބަނގުރޫޓުވެދާނެކަމުގެ ހިރާސް) ބޮޑުވެފައިވާ ކަމެވެ.

[ފިޗު ރޭޓިންގްސް]އިން 2026 ޖޫން 3ވަނަ ދުވަހު ދިވެހިރާއްޖޭގެ ކުރެޑިޓު ރޭޓިންގް ވަނީ 'CCC'އަށް މަތިކޮށްފައެވެ. މީގެ ކުރިން އޮތީ 'CC'ގައެވެ. އަލްޙަމްދު ލިﷲއެވެ.

ނަމަވެސް، ކުރީ ސަރުކާރުން ނަގައިފައިވާ މާލީ ދަރަނި ބޮޑުވުމުގެ ސަބަބުން އިގުތިސާދީ ނާޒުކުކަން އަދިވެސް ފިލައިގެން ނުދާކަން ފިޗުން ފާހަގަކުރެއެވެ. ނަމަވެސް ސަރުކާރުގެ މާލީ ސިޔާސަތަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދު ކުރިއަރަމުން އަންނަކަން ފިޗުން ފާހަގަކުރާކަމީ ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެވެ.

[ފިޗު ރޭޓިންގްސް]އިން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާ އެކު ވެސް، މެދު ރާސްތާގައި ރާއްޖޭގެ އިގުތިސާދު ބާރުމިނެއްގައި ކުރިއަރާނެއެވެ. ފިޗުގެ އެންމެ ފަހުގެ ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމާއި، އާ ރިސޯޓުތަކަށް ކުރެވޭ ވުނަތަކުގެ އިތުރަށް، ފަތުރުވެރިކަމުގެ ބިނާރަށް ގެނެވޭ ތަރައްގީއާ އެކު ރާއްޖޭގެ އިގުތިސާދީ ދުވެލި މެދު ރާސްތާގައި ވަރުގަދަވާނެއެވެ.

ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާއި، ދަތުރުފަތުރަށް ދިމާވާ ހުރަސްތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މި ދުވަސްވަރު އިގުތިސާދަށް ބައެއް ގޮންޖެހުންތައް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު، 4.5 އިންސައްތައަށް ކުރިއަރާނެކަމަށް ވެސް ފިޗުން ލަފާކުރެއެވެ. މި އައި ހެޔޮ ބަދަލަށް ޓަކައި މާތް ﷲއަށް ޙަމްދުކުރަމެވެ. އަދި އިގުތިޞާދީ އަދި މާލީ ދާއިރާގައި ބުރަ މަސައްކަތްތަކެއް ކުރައްވާ ހުރިހާ ދިވެހީންނަށާއި ދިވެހި ސަރުކާރަށް ތަހުނިޔާ ދަންނަވަމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހިރާސް     ނ.    ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. (2) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (3) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. risk

ބިނާރު      ނ.    ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure

ވުނަ       ނ.    ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ. investment

ކޮމެންޓު