އަބާ މުޙަންމަދު
2 ޖޫން 2026
އީރާނާއި އެމެރިކާގެ މެދުގައި އޮތް ނުތަނަވަސްކަމާއި، ކުރިމަތިވެދާނެ ބޮޑު ހަނގުރާމައެއްގެ މުސްތަގުބަލާ މެދު ދުނިޔޭގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ތަފާތު ގޮތްގޮތަށް ލަފާކުރެއެވެ. މި ކަމުގައި ދެން ވެދާނެކަމަށް ބެލެވޭ މައިގަނޑު ޙާލަތްތަކަށް ބަލާ އިރު، އެންމެ ބޮޑަށް ލަފާކުރެވެނީ ދެ ޤައުމުން ސީދާ ބޮޑު ހަނގުރާމައަކަށް ދިއުމުގެ ބަދަލުގައި، މިހާރު ވެސް ހިނގަމުންދާ ނުސީދާ ހަނގުރާމަ ފުޅާކުރުމެވެ.
އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ދޭ ޙަމަލާތައް ހުއްޓައިނުލާ ނަމަ، މެދުއިރުމަތީގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާޢަތްތައްކަމަށްވާ ހިޒުބުاللهއާއި ޙަމާސާއި ޙޫޘީން ފަދަ ޖަމާޢަތްތައް މެދުވެރިކޮށް އެމެރިކާގެ މަޞްލަޙަތުތަކަށާއި އިސްރާއީލަށް ޙަމަލާދިނުން އިތުރުކޮށްފާނެއެވެ.
މީގެ ބަދަލުގައި އެމެރިކާއިން ބަލާނީ، އީރާނަށް ސީދާ ޙަމަލާދިނުމުގެ ބަދަލުގައި، ކުރީން މި ދެންނެވި ޖަމާޢަތްތަކަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ދިނުމާއި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށްކަމަށް ލަފާކުރެވެއެވެ.
ނަމަވެސް ހަނގުރާމައިގެ މިސްރާބު ކުއްލިއަކަށް ބަދަލުވެ، އެމެރިކާއާއި އީރާނާ ދެ ޤައުމުގެ ދެމެދުގައި ސީދާ އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެ ހާލަތްތަކެއް ވެސް އެބަހުއްޓެވެ.
މިސާލަކަށް: އީރާނުން ނިއުކްލިއަރު ހަތިޔާރު އުފެއްދުމާ ދާދި ގާތަށް ހިނގައްޖެ ނަމަ، އެމެރިކާ ނުވަތަ އިސްރާއީލުން އީރާނުގެ ނިއުކުލިއަރު މަރުކަޒުތަކަށް ސީދާ ޙަމަލާދިނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މި ފަދަ ޙަމަލާއެއް އެމެރިކާއިން ނުވަތަ އިޒުރޭލުން ދީފިނަމަ، އީރާނުން މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދީ، ހުރުމުޒު ކަނޑުއޮޅި ވަރުގަދައަށް ބަންދުކޮށް ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރުވައިލާނެއެވެ.
ޒަމާނީ ހަނގުރާމައިގެ އުކުޅުތަކަށް ބަލާ އިރު، ދެ ޤައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ މުހިންމު ވަސީލަތްތަކަށް ސައިބަރު ޙަމަލާތައްދިނުން އިތުރުކޮށްފާނެއެވެ. މި ފަދަ ޙަމަލާތަކުގެ ތެރޭގައި ބޭންކިންގ ނިޒާމުތަކަށާއި، ކަރަންޓާއި ފެނުގެ ވިއުގަތަކަށް ގެއްލުންދޭން މަސައްކަތްކުރާނެއެވެ.
އެހެން ނަޒަރަކުން ބަލާ އިރު، އެމެރިކާއިން މި ފަދަ ހަނގުރާމައެއްގައި ގޮތް ދޫކޮށް، ސިފައިން ބޭލުން ނުވަތަ ހަނގުރާމަ ހުއްޓައިލުން އެއީ ތާރީޚަށް ބަލާއިރު ވެފައި ހުރި އަދި ވެދާނެ ކަންކަމެވެ. ނަމަވެސް، މި ފަދަ ފިޔަވަޅެއްއަޅާނީ، ވަރަށް ގިނަ ސަބަބުތަކާއި މަސްލަހަތުތަކެއްގެ މައްޗަށް ބިނާކޮށްގެންނެވެ.
އެމެރިކާއިން ގޮތް ދޫކޮށްފާނެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ސަބަބުތަކެވެ.
· ހަނގުރާމަ ދިގުލައިގެން ގޮސް، ޚަރަދުތައް އިތުރުވެ، ގިނަ އަދަދެއްގެ ސިފައިން މަރުވާން ފެށުމުން އެ ގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ. އެހެންކަމުން ހަނގުރާމަ އެކީއެކަށް ހުއްޓައިލައި ހަނގުރާމައިގެ މައިދާން ދޫކޮށް އެމެރިކާއިން ހިނގައިދާނެއެވެ.
· އެމެރިކާގެ ރައްޔިތުން ފުޅާ ދާއިރާއެއްގައި ހަނގުރާމައާ ދެކޮޅަށް ތެދުވުމާއި، ގާނޫނު ހަދާ މަޖިލީހުން ހަނގުރާމައަށް ބަޖެޓު ދިނުން ހުއްޓައިލުން ފަދަ ކަންކަމަކީ ސަރުކާރަށް ފަހަތަށް ޖެހެން މަޖުބޫރުވެދާނެ ބައެއް ސަބަބުތަކެކެވެ.
· ވިއެޓްނާމް ހަނގުރާމައާއި ދާދިފަހުން އަފުޣާނިސްތާނުން އެމެރިކާ ސިފައިން ބޭލި ބޭލުމަކީ، ކަނޑައެޅިގެން ބޭނުންވި އަސްކަރީ ލަނޑުދަނޑިތައް ހާސިލުނުވި ނަމަވެސް، މަޖުބޫރީ ހާލަތްތަކާ ހުރެ ގޮތް ދޫކޮށްލާން އެމެރިކާއަށް ޖެހުނު މުހިންމު މިސާލުތަކެކެވެ.
· އަނެއްކޮޅުން، އެމެރިކާގެ ސިޔާސީ އަދި އިސްތިރާޖީ މަސްލަހަތު ސީދާ ގުޅިފައިވާ ސަރަހައްދުތަކުގައި ނުވަތަ އެ ގައުމުގެ އަބުރާއި ނުފޫޒު ދެމެހެއްޓުމަށްޓަކައި، ފަސޭހައިން ގޮތް ދޫނުކޮށް ހަނގުރާމަ ދިގުދަންމައިލުމަކީ ވެސް އެމެރިކާގެ ސިޔާސަތު ބައްޓަންކޮށްފާނެ ގޮތެވެ.
އާދޭހެވެ! އެމެރިކާއިން މި ހަނގުރާމައިގައި ގޮތްދޫކުރުމާއި ނުކުރުން ބިނާވާނީ އެ ގޮތަށް ޢަމަލުކުރުމުން އެމެރިކާގެ މަސްލަޙަތަށް އޮތް ފައިދާއާއި ގެއްލުމުގެ މައްޗަށެވެ.
އީރާނާއި އެމެރިކާގެ ދެމެދުގައި އޮތް މައްސަލައަކީ އެތައް އަހަރެއްވީ، ސިޔާސީ، އިގްތިސާ އަދި ފިކުރީ ގޮތުން ފުންމިނެއް ނޭނގޭ ވަރުގެ ބޮޑު ދެބަސްވުމެކެވެ. އެހެންކަމުން، އީރާނުން އެ މީހުންގެ ސިޔާސަތުތައް މުޅިން ދޫކޮށްލައި، އެމެރިކާ ބުނާ ގޮތަށް އެއްބަސްވެގެން މި ހަނގުރާމަ ނުވަތަ ނުތަނަވަސްކަން މުޅީން ހައްލުވުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ.
މީގެ މައިގަނޑު ސަބަބުތަކަށް ބަލާއިރު:
· އީރާނުގެ މިހާރުގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވަނީ ހުޅަނގުގެ (ޚާއްޞަކޮށް އެމެރިކާގެ) ނުފޫޒަށް ބޯނުލެނބުމުގެ މައްޗަށެވެ. އެމެރިކާގެ ހުރިހައި ޝަރުތުތަކަކަށް ބޯލެނބުމަކީ އީރާނުގެ ސަރުކާރުގެ އަމިއްލަ ފަލްސަފާއާއި އެ ގައުމުގެ ޝަރަފަށް ލިބޭނެ ބޮޑު އުނިކަމެއްގެ ގޮތުގައި އެ ގައުމުން ދެކެއެވެ.
· މެދުއިރުމަތީގައި އޮތް އީރާނުގެ ނުފޫޒާއި، އެ ގައުމަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކަށް (މިސާލަކަށް ހިޒުބުاللهއާއި ޙަމާސް ފަދަ ޖަމާއަތްތަކަށް) އެހީވުން ހުއްޓައިލުމަކީ ނުވަތަ އެ ޖަމާޢަތްތައް ދޫކޮށްލުމަކީ އީރާނުގެ ސަރަހައްދީ ރައްކާތެރިކަމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއްކަމަށް އެ މީހުން ގަބޫލުކުރެއެވެ.
· 2015ވަނަ އަހަރު ވީ ނިއުކްލިއާ އެއްބަސްވުމުން އެއްވެސް މަގުބޫލު ސަބަބެއް ނެތި، އެމެރިކާ އަމިއްލައަށް ވަކިވި ވަކިވުމަކީ، އެމެރިކާއާއެކު ކުރެވޭ އެއްބަސްވުންތަކަށް އީރާނުން ކުރާ އިތުބާރު ކުޑަވާން ދިމާވި މައިގަނޑު ސަބަބެވެ. އެހެންކަމުން އީރާނުގެ މަސްލަޙަތަށް ގެއްލުންވެދާނެ ފަދަ ޝަރުޠަކަށް އެއްބަސްވެގެން ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް ހެދުމަކީ ވަރަށް ދުރު ކަމެކެވެ.
ކަން އޮތީ މި ހެންކަމަށްވީ ނަމަ ވެސް، އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ދާޚިލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ ނަމަ، މުޅީން ބޯލެނބުމުގެ ބަދަލުގައި، ދެ ފަރާތަށް ވެސް ފައިދާވާނެ ފަދަ ވަގުތީ އެއްބަސްވުންތަކަކަށް ނުވަތަ ޑިޕުލޮމެޓިކު ހައްލުތަކަކަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. މިއީ އެމެރިކާއިން އަބަދުވެސް މަސައްކަތްކުރާ އަމާޒެކެވެ.
އާދޭހެވެ! އީރާނުން "އަމާންދީ" އެމެރިކާ ބުނާހައި ގޮތެއް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ. ބޮޑަށް ބެލެވެނީ، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ދެންވެސް ކުރިއަށްދާނީ ހުއްޓުމެއްނެތް ސިޔާސީ އަދި އަސްކަރީ "ވާދަވެރިކަމެއްގެ" ގޮތުގައިކަމަށެވެ.
އެއްވެސް ޝައްކެއް ނެތެވެ! އެމެރިކާއާއި އީރާނާ ދެ ޤައުމުން ކުރެ އެއްވެސް ޤައުމަކުން ސީދާ "ބޮޑު ހަނގުރާމައަކަށް" ދާން ބޭނުމެއް ނުވެއެވެ. ސަބަބަކީ އޭގެ ގެއްލުން އެ ދެ ގައުމަށް ވެސް އަދި މުޅި ދުނިޔޭގެ އިގުތިސާދަށް ކުރާނެތީއެވެ. ނަމަވެސް، އެމެރިކާއާއި އިޒުރޭލުން ހަދާ ކުޑަކުޑަ ގޯހަކުން ސަރަޙައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އަބަދު ވެސް އޮވެއެވެ. މި ކަން މި ގޮތަށް ކުރުވުމަށް ޓަކައި އިޒުރޭލުން އަބަދުވެސް އޮންނާނީ އެމެރިކާގެ ނަގުލަށް ފިތަފިތައެވެ.
ދެ ލަފުޒެއްގެ މާނަ:
ނަގުލަށް ފިތުން މ. (މަޖާޒު) އެހެންބަޔެއްގެ ދެކެ ރު\ލިއެރުވުން.
ނިމުތުކުރުން މ. (1) ލަފާކުރުން ނުވަތަ އަންދާޒާކުރުން. (2) މުސްތަގުބަލުގައި ކަންކަން ވާނެ ގޮތް ލަފާކޮށްފައި ބުނުން. މި ގޮތަށް ބުނަނީ ޣައިބު އެނގޭތީއެއް ނޫނެވެ. ތަޖުރިބާގެ އަލީގައި އެ ގޮތަށް ލަފާކޮށްފައެވެ. ބައެއް ފަހަރު ލަފާދިމާވެދާނެއެވެ. ނުވެވެސް ހިނގައިދާނެއެވެ.