އަލްއުސްތާޒު ޝުކުރުﷲ ޝަކީލު
1 ޖޫން 2026
[ހަލޯ ބްރޯ. ކޮބާ!؟ ހިނގާ ކޮފީއަކަށް . . .] މިއީ އެ ދުވަހުގެ ހަނދާނެވެ. އަބަދުމެ އެކުގައި ވަގުތު ހޭދަކުޅައުމަށް ހިތު ނިޔަތްގަނެ، އެތައް ދުވަހެއް ކުރީން ނުވަތަ އެތައް އަހަރެއްގެ ކުރީން ގުޅިގެން އުޅުނު ރަޙުމަތްތެރީންގެ ވާހަކަ ހުރި ގޮތެވެ. މިއަދު އެ ރަޙުމަތްތެރިޔާގެ ހަމައެކަނި ވާހަކައަކަށްވެފައިވަނީ، މަގުމަތިން ފެނުމުން "ހަލޯ"، "ހައި" ބުނުމެވެ. ނުވަތަ ލުއި ހިނިތުންވުމަކާ އެކު ދެ ބުމަ އެއް ފަހަރާ މައްޗަށް އަރުވައިލުމެވެ. މިއީ ވަކި ފަރުދަކަށް އަމާޒުކުރި ވާހަކައެއް ނޫނެވެ. މަގާލުގެ އަސްލު މައުޟޫޢަށް ދިޔުމުގެ ކުރީން ދުނިޔަވީ ޙަޤީޤަތެއް ހާމަކޮށްލާ ހިތްވީއެވެ.
މިތުރުންނަކީ ތިމާއަށް އެންމެ އިޚުލާޞްތެރިކަމަށް ދެކި ތިބޭ، ތިމާއަށް ޓަކައި އެ ފަރާތްތަކުގެ ހިތުގައި ޚާއްޞަ ލޯތްބަކާއި ޤަދަރެއް އިސްތިޤްރާރުވެފައިވާ ބަޔެކެވެ. މިތުރެއްގެ ދަރަޖަ މީހަކަށް ދެވެނީ އެ ދެ މީހުންގެ ދެމެދުގައި އުފެދޭ ގުޅުމެއްގެ ތެރެއިންނެވެ. އެ [ގުޅުމުގެ ބިނާ] އާބާދުކުރުވަނީ [އިތުބާރުގެ ތަނބު]ތަކުންނެވެ. މި ދެންނެވުނު އިތުބާރުގެ ތަނބުތައް ބަރާބަރަށް އާބަތުރަ ނުފިލުވޭ ނަމަ އެ ތަނބުތައް ބައުވެއެވެ. ރެނދުލައެވެ. އަދި އެ ތަނބުތައް ވެއްޓި އެ [ގުޅުމުގެ ބިނާ] މުޅީން އިންދިރާސްވާ ފަހަރު ވެސް އާދެއެވެ.
މިތުރުންގެ ގުޅުމުގެ އަސްލުކަމަށްވާ އިތުބާރުގެ ތަނބުތަކުގައި ރެނދުލުމަށް މެދުވެރިވާ ސަބަބުތަކެއް އެބަ ހުއްޓެވެ. މި ދަންނަވަނީ އެއްވެސް ޙާލެއްގައި މި ސަބަބުތަކުގެ ލަފާކަމުގެ ވާހަކައެއް ނޫނެވެ. އެހެނަސް މީހާގެ މާލީ ނުވަތަ ސިޔާސީ ބާރުވެރިކަން ބަލިކަށިވުން ނުވަތަ ކަންކަމުގައި ވިސްނުން ގެންގުޅޭ ގޮތް ކުއްލިއަކަށް ތަފާތުވުމަކީ، އިތުބާރުގެ ތަނބުގައި ރެނދު އެޅުމަށް މަގުފަހިވެދާނޭ ކަންކަމެވެ. މީގެ އިތުރަށް، ވަގުތާއި ޙާލަތުގެ މަޖުބޫރީ ޒަރޫރަތުގެ ސަބަބުން ވެސް ބައެއް ގުޅުންތައް ހީނަރުވެ ނުވަތަ ނިމުކަށް އަތުވެދާނެއެވެ.
މި މައުޟޫޢުގައި [މިތުރުން]ކަމަށް ބުނެފައި އެވަނީ ހަމައެކަނި ރައްޓެހި ރަޙުމަތްރިންނަށް އެކަނި އަމާޒުކުރެވިގެނެއް ނޫނެވެ. ޢާއިލީ ގުޅުންތައް ވެސް ހިމެނޭ ގޮތުންނެވެ. ތެދުފުޅެކެވެ. ޢާއިލީ ގުޅުން ކެނޑިދާނޭކަމާ މެދު ދެބަސްވުމެއް ނެތެވެ. އެހެނަސް ޢާއިލީ ގުޅުމުގެ ބަދަހިކަން ނެތި ހިނގައިދާނޭކަން އެންމެން ވެސް ދަންނަމުއެވެ. އިސްވެ ބަޔާންކުރި ސަބަބުތަކަކާ ހުރެއެވެ. ނުވަތަ ޢާއިލާގެ މެންބަރުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބުންނެވެ. ނާއިންސާފުގެ ސަބަބުންނެވެ. ނުވަތަ އެ ނޫން ވެސް ކޮންމެވެސް ސަބަބަކާ ހުރެއެވެ.
ކޮންމެ ސަބަބަކާ ހުރެ ގުޅުމެއް ނިމިދިޔަކަމަށްވީ ނަމަވެސް ނުވަތަ އެ ގުޅުމެއްގެ ބަދަހިކަން ނެތި ދިޔަކަމަށްވީ ނަމަވެސް ވިސްނާންވީ ނުކުތާއެއްވެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަގުހުރި އިރުޝާދެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރައްވަނީ ((مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ؛ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ)) މި ފަދައިންނެވެ. މާނައީ: ([ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާ ހެޔޮ ބަސް ބުނާހުށިކަމެވެ. ނޫންނަމަ ހަނު ހުންނަހުށިކަމެވެ!])
އަދުގެ ޙާލަތަށް ވިސްނަވާށެވެ! ދުނިޔެވީ މަންޒަރުގައި ތިބާ ތިޔަ ޖައްސަނީ އިސްވެ ބަޔާންކުރެވުނު ނަބަވީ ދަރުސުން އުނގަންނަވައިދެއްވި ކުލަތޯއެވެ؟ އަނެކާއާ އޮންނަ ގުޅުން ހީނަރުވާ ފަހަރުތަކުގައި ނުވަތަ މެދުވެރިވާ ކޮންމެވެސް ސަބަބަކާ ހުރެ އެ ގުޅުން ކެނޑި [މިތުރުން]ގެ ލަޤަބު ކެނޑޭ ޙާލަތްތަކުގައި، ތިބާގެ [އިހުގެ މިތުރާ]އަށް ތަޢުރީފުކުރެއްވުމުގައި އަވަދިނެތިވި ތިބާގެ ދުލުން، އިހުގެ އެ މިތުރާއާ މެދު ހަތުރުވެރިކަމުގެ ބަސްތައް ނުވަތަ ޝުޢޫރުތައް ފާޅުނުކުރައްވަންތޯއެވެ؟ ޖަވާބަކީ [އާނއެކޭ]ކަމަށްވާ ނަމަ އުފަލުގެ އިންތިހާއެވެ. ތަޢުރީފުގެ ޖިޒީގެ މާބޮނޑި ތިބާއަށް ބަރުތީލައެވެ. އިއްޔެގައި ތިބާގެ މިތުރާއާ ދިމާއަށް، ހަތުރުންނާ މެދު ރައްދުކުރާ ފަދަ ބަސްތަކުން މުޚާޠަބުނުކުރާށެވެ!
ދެ ލަފުޒެއްގެ މާނަ:
ބިނާ ނ. (1) ރާނައި ހިޔާކޮށްފައި ހުންނަ ތަންތަން. (2) ޢިމާރާތް.
އިންދިރާސްވުން މ. (1) ނެތިދިޔުން. (2) ވީރާނާވުން. (3) ބާވެ ހަލާކުވުން.