އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
31 މޭ 2026
އެއީ އާދައިގެ މަތީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވެހި ގިމަތަ ފުރި ބާރުވެފައި އޮތް ދުވަހެކެވެ. މާލެއިން އެކި އަތޮޅުތަކަށް ޗުއްޓީއަށް ދާން ފުރާން އައިސް ތިބި ފަތުރުވެރީންނާއި ދިވެހީން އޮތީ ތޮއްޖެހިފައެވެ. ލ. އަތޮޅުގެ ޒުވާނެއްކަމަށްވާ ސާޖިދާއި އޭނާގެ ގުރޫޕު ވެސް ކައްދުވަށް ދާން އެ ވަގުތު ތިއްބެވެ. އެ މީހުން ކައްދުވަށް ދާން ހަމަޖެހިފައި އޮތް އުދުހުން ވަނީ ހިސާބަކަށް ފަސްވެފައެވެ. ސާޖިދު އިނީ އޭނާގެ ރަޙުމަތްތެރިޔަކާ ފޯނުން ވާހަކަދައްކާށެވެ. ދަތުރުމަތީގައި ކައިބޮއި ހަދާނެ އެއްޗެއްގެ ވާހަކަ އެ ވަގުތު ދެކެވެމުންދިޔައެވެ.
[އާނ! ބޮން އެއްޗެހި ވެސް ހުންނާޅަ ފޮއްޓު ބައިވަރަ. ތިން ދޮހަޔަށް މަދަ ނުވަން ވަރަށް ހުންނާޅަ!] ސާޖިދު ފޯނުން ވަރަށް ހަމަޖެހިލައިފައި ބުންޏެވެ.
[އަތްދަބަހަށް ބޮން އެއްޗެހި ލައިގެން ބޯއްޓަކަށް ނޭރޭޅަ. އެހެންވޫމާ އިނބަ ކިހިނެއް ބޮން އެއްޗެހި ގެންނާނޫ؟ މި ކޮޅުން ގަންނާން ވޫތެ؟]
”އަތްދަބަހަކަށް ނުލެވޭޅަ؟ އެކަމަކު އިނބަ އެއްޗެއް ގަންނާކަށް ކަމެއް ނެތް.] ސާޖިދު ވާހަކަދެއްކިއެވެ. [މަ ހުންނާނޫ ބޮން އެއްޗިއްސާއި މި ނޫނަސް ދަތުރަށް ބޭނުންވަން އެ ކަހަލަ ސާމާނު ފޮއްޓަށް ލައިފައި. ބޮން އެއްޗެހި ހުންނާޅަ ވަންވަރަށް!]
ސާޖިދަށް ނޭނގުނު ކަމަކީ، އޭނާގެ ފަހަތުގައި ސެކިއުރިޓީ ބަލަހައްޓާން ހުރި ފުލުސް އޮފިސަރަކަށް މި އަޑު އިވުނު ކަމެވެ. މާލެއަށް އުފަން ފުލުސް އޮފިސަރަށް "ބޮން އެއްޗެހި" މި ލަފުޒުގެ އަޑުއިވުނީ ވަރަށް ސީރިއަސް ވާހަކައެއްގެ ގޮތުގައެވެ. އެ ފުލުސް އޮފިސަރުގެ ލޯ ބޮޑުވެ، ހިތް ތެޅިގަތެވެ. އެއަރުޕޯޓެއްގެ ތެރޭގައި، އޭނާގެ ލަގެޖުގައި [ބޮން] (ފަދަ ގޮވާ ތަކެތި) ހުރި ވާހަކަ ދެއްކުމަކީ ގާނޫނީ ގޮތުން ކަނޑައެޅިގެން މަނާ ކަމެކެވެ. ޖިނާއީ ބޮޑު ކުށެކެވެ.
[ހުއްޓައިލާ! ހަމަ މިހާރު ފޯނު ބާއްވާ!] ފުލުސް މީހާ ހަރުކަށި އަޑަކުން ބުންޏެވެ.
ސާޖިދު ސިހިފައި ފަސްއެނބުރި ބަލައިލި އިރު، ތިން ހަތަރު ފުލުހުން އައިސް އޭނާ ވަށައިލައިފިއެވެ. [ކޮބާ ބޮން އެއްޗެހި؟ ކޮން ދަބަހެއްގަ ހުރީ؟] ފުލުހުންގެ ކޮމާންޑަރު ސުވާލުކުރިއެވެ.
[އެ ކަހަލަ ހުރިހައި އެއްޗެއް ހުންނާނޫ ފޮއްޓު. އަތްދަބަހަކު ނުހުންނާޅަ އެ ކަހަލަ އެއްވެސް އެއްޗެއް.] ސާޖިދު ބިރުން ހަލާކުވާ ވަރުވިއެވެ. އޭނާ ދެންމެ ރަށުބަހުން ދެއްކި ވާހަކައިގެ ރެކޯޑިންގާ އެކު، އޭނާ ވަގުތުން ހައްޔަރުކޮށްގެން ފުލުހުންގެ މަރުކަޒަށް ގެންދެވުނެވެ. މުޅި އެއަރުޕޯޓު ސަމާލުކަމަށް އައެވެ.
ފުލުހުންގެ ތަހުގީގު ކޮޓަރީ (އިންޓަރޮގޭޝަން ރޫމް)ގައި ސާޖިދު އިނީ ދާހިއްލައި ފޯވެފައެވެ. ވެގެން އުޅޭ ގޮތެއް ސާފެއްނުވެއެވެ. ސުވާލުކުރާން އިނީ މާލެއަށް ނިސްބަތްވާ އިސް އޮފިސަރެކެވެ.
[ތިމާގެ އަމިއްލަ ދަބަހަށް ބޮން އެއްޗެހި އަޅައިގެން ބޯޓަށް އަރާން އުޅުނީ ކީއްކުރަން؟] އޮފިސަރު ހަރުކަށިކަމާ އެކު، ސުވާލުކުރިއެވެ.
[ބޮން އެއްޗެހި ލޫ ފޮއްޓަށް.] ރަށުބަހުން ވަހަކަދައްކަމުން ސާޖިދު އޮޅުންފިލުވައިދިނެވެ. [އަތް ދަބަހަށް ލައިގެން އެ ކަހަލަ އެއްޗެހި ނުގެންދެވޭކަން އެނގޭ، އިނގޭތޯ!]
ސާޖިދު މި ބުނި އެއްޗަކުން ފުލުސް އޮފިސަރު ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ. [ކަލޭ ކޮން ތާކުންހޭ ބޮން ހޯދީ؟]
ފުލުން އޮފިސަރު މި ކުރި ސުވާލުން، މި ވެގެން އުޅޭ ގޮތް ސާޖިދަށް ކުއްލިއަކަށް ވިސްނިއްޖެއެވެ. އޭނާ ބޯ ހޫރައިލައިފައި ހޭން ފެށިއެވެ. ކުރީން ބިރުގެންފައި ހުރެވުނު ވަރުންނާއި ވީ ގޮތް ވިސްނުމުން އޭނާއަށް ހެވުނީއެވެ.
[ސީރިއަސް މައްސަލައެއްގައި ތިޔަ ހެނީ ކީއްވެ؟] އޮފިސަރު ރުޅިގަދަވިއެވެ.
[ސަރ! އަޅުގަނޑު މިއީ ހައްދުންމަތީ މީހެއް.] ސާޖިދު ކިޔައިދޭން ފެށިއެވެ. [އަޅުގަނޑުމެން ރަށު ބަހުން 'ބޯ އެއްޗެހި' ނުވަތަ ޖޫހާއި ފެނަށް ކިޔަނީ 'ބޮން އެއްޗެހި.' އަޅުގަނޑު ފޯނުން މި ދެއްކީ ލ. އަތޮޅަށް ގޮސް ޕިކުނިކު ދާއިރު ބޯންވެގެން އެނަރޖީ ޑުރިންކާއި ކޯކު ފަދަ ތަކެތި ބާވަތްތައް ގަތް ވާހަކަ! 'ބޮމެއްގެ ވާހަކައެއް ނޫން!]
އެ ވަގުތު ކޮޓަރިއަށް ވަން ލ. އަތޮޅަށް އުފަން އެހެން ފުލުހަކަށް މި އަޑުއިވިގެން ހީނލައިފައި ބުންޏެވެ. [ސާރ، އެއީ ތެދެއް. ލ. އަތޮޅު މީހުން 'ބޯން' އުޅޭ އެއްޗިއްސަށް ކިޔާނީ 'ބޮން އެއްޗެހި'. ބޯ އެއްޗެއްސެއް ނޫން ކިޔާނީ. ވާކަމުގެ ހާލަތުގައި ހުރިހައި ދަމާ ފިއްޔަށް ހުންނަ ލަފުޒުތައް ބަދަލުވަނީ ކުރުފިއްޔާ އެކު ނޫނުސުކުނަކަށް. މިސާލަކަށް: ކާއެއްޗެހި = ކަންއެއްޗިހި، ބޯފެން = ބޮންފެން، ދާ ތަންތަން = ދަން ތަންތަން، ލާ ހެދުން = ލަން ހެދުން، މި ގޮތްގޮތަށް.]
ތަހުގީގުކުރާން އިން އޮފިސަރު ހައިރާންވެ އަންތަރީސްވިއެވެ. އޭނާ ސާޖިދުގެ ލަގެޖު ފާސްކުރި އިރު އެއިން ފެނުނީ އެނަރޖީ ޑުރިންކު ކޭހަކާއި، ދެތިން ކޯކު ދަޅަކާއި ފެންފުޅިއެކެވެ.
ރާއްޖޭގެ އަތޮޅެއްގެ ބަހުރުވައިގައި ބޭނުންކުރި އެންމެ ލަފުޒެއްގެ މާނައިގައި އެރި އޮޅުމަކުން މުޅި އެއަރޕޯޓުގެ ޚިދުމަތް ސުމަކަށް ދުއްވައިލައި، މަސައްކަތްތައް ހުއްޓުވި ހާދިސާ ނިމުނީ އެންމެންގެ ހިނިގަނޑަކުންނެވެ. ފުލުހުން ސާޖިދުގެ ކިބައިން މާފަށް އެދުނެވެ. އަދި ސާޖިދު ދޫކޮށްލަމުން ފުލުސް މީހާ ހިނިތުންވުމަކާ އެކު ބުންޏެވެ.
]މި ފަހަރު ދޫކޮށްލާނަން. އެކަމަކު ދެން ފަހަރަކުން އެއަރުޕޯޓަށް އަންނަ އިރު، 'ބޮން އެއްޗެހި' ބޯން ނޫޅެ، 'ބޯ އެއްޗެހި' ބޯން އުޅޭތި![ އޭރު ސާޖިދު ދަތުރުކުރާން ހަމަޖެހިފައި އޮތް މަތީންދާބޯޓުގެ އުދުހުން ވަނީ އެނާއާ ނުލައި ފުރިހަމަކޮށްފައެވެ. ނަމަވެސް ފުލުހުން މެދުވެރިވެގެން ދެން ޖެހިގެން އޮތް އުދުހުމުން އޭނާއަށް ޖާގަލިބުނެވެ.