ad_banner
ކުރު ވާހަކަ: ޖަންގަލީން ފިލާން ދުވި އެތް

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

7 ޖޫން 2026

އެއް ދުވަހަކު، ޖަންގަލީގެ ތެރެއިން ނީލަގެރިއެތެއް ދުވެ ފިލާން ދަނިކޮށް ބުޅަލަށް ފެނިގެން އެތް ހުއްޓުވައިފައި އެއްސެވެ. [ރަހުމަތްތެރިޔާއެވެ! ތިޔަހައި ބާރަށް ކަލޭ ތިޔަ ދުވަނީ، އަނެއްކާ ކީއްވީހެއްޔެވެ؟]

ޖަވާބުގައި އެތް ބުންޏެވެ. [ރަހުމަތްތެރި ބުޅަލާއެވެ! ޖަންގަލީގެ ސިންގާ ރަސްގެފާނުގެ އެންމެ ފަހުގެ އަމުރުފުޅުގެ ވާހަކަ ކަލޭ ނާހަމުހެއްޔެވެ؟]

އެ ވާހަކަ ނާހަމޭ އެތުގެ ރަހުމަތްތެރި ބުޅާ ބުނުމުން، ބުޅަލަށް އެ ކަން އެތް ސާފުކޮށްދިނެވެ. [ޖަންގަލީގެ ގާނޫނުނުގައި ކެއުމުގެ ބޭނުމުގައި ނޫން ގޮތަކަށް ޖަނަވާރުން ނުމަރާން ކުރީން އޮވޭ ނޫންހެއްޔެވެ؟ މި ކަން މިހާރު އިސްލާހުކޮށްފިއެވެ. ސިންގާ ރަސްގެފާނުގެ އައުވާނުންގެ އެދުމުގެ މަތީންނެވެ. މި ކަމުގައި އިސްނަގައިގެން އުޅުނީ ހިޔަޅެވެ. މި އާ އިސްލާހު ގެނެސް، ހިޔަޅު ނިންމީ ޖަންގަލީގައި އުޅޭ ހުރިހައި ޖިރާފުތައް މަރައި ނެތިކޮށްލުމަށެވެ.]

ބުޅާ ހައިރާންވެފައި ބުންޏެވެ. [އެކަމުގައި ކަލެއަށް އޮތީ އަޅެ ފަހެ ކޮން ނުރައްކަލެއްހެއްޔެވެ؟ ތިޔަ ގާނޫނުގެ ހުރިހައި ނުރައްކަލެއް ވެސް އޮތީ ޖިރާފުންނަށް ނޫންހެއްޔެވެ؟ ކަލެއަކީ އެތެއް ނޫންހެއްޔެވެ! އެހެންވީމާ، އެކަމާ ކަލޭ ކަންބޮޑުވެ، ފިލާން ދުވާންވީ ކީއްވެހެއްޔެވެ؟]

ޖަވާބުގައި އެތް ބުންޏެވެ! [ތިޔާ ބުނީ ހަމަ ވަރަށް ވެސް ރަނގަޅު ވާހަކައެވެ. ނަމަވެސް، ކަލެއަށް ވެސް އެނގޭނޭ ފަދައިން ސިންގާ ރަސްގެފާނު މިއަދު އޮންނެވީ މުސްކުޅިފުޅުވެ ވިސްނުންފުޅު ކޮށިވެފައެވެ. ރަސްގެފާނަށް މިހާރު ވާ ގޮތަކީ ކަމަކާ ދޭތެރޭ ކުޑަކޮށް ވެސް ވިސްނައިވަޑައިގެން ފިކުރުފުޅުކޮށްލައްވައިފި ނަމަ ހަމަ ކީރިތިކުރެއްވެނީއެވެ. ރަސްގެފާނުގެ ބައެއް އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، މިހާރު، ރަސްގެފާނުގެ ހަމަ ބުއްދިފުޅު ވެސް ފިލައި ހިނގައްޖެއެވެ. މި ދަނޑިވަޅު ބަލައި ރަސްގެފާނުގެ ފަރާތްޕުޅުން އަމުރުފުޅުތައް ނެރެނީ ރަސްގެފާނާއި މާ ގާތް ކަމެއް މިހާރު ބަހައްޓަމުންގެންދާ ހިޔަޅޭ މީހުން ބުނާތީ އަހަމެވެ. މިހާރުގެ ހަގީގީ ރަސްކަލަކީ ހިޔަޅެވެ.

ކޮންމެ އަކަސް ރަސްގެފާނުގެ އަމުރުފުޅު އެކުލެވިގެންވީ އާ ގާނޫނު ކިޔައި އެ އަމުރުފުޅު ތަންފީޒުކުރުމުގެ މަސައްކަތް ހިޔަޅު ބަޔަކާ ހަވާލުކޮށްފިއެވެ. އެ ކަން އޭނާ ހަވާލުކުރީ ހިމާރުންގެ ބައިގަނޑަކާއެވެ. ކަލެއަށް ވެސް އެނގޭނޭ ފަދައިން މި ހިމާރުންގެ ބައިގަނޑަކީ ލިޔާން ކިޔާން ވެސް ރަނގަޅަށް ނޭނގޭ ބައިގަނޑެކެވެ. އަދި އެއްޗެއް ކިޔަސް، އެ ކިޔާ އެއްޗެއް، އެވެރިންނަކަށް ރަނގަޅަކަށް ނުވެސް ވިސްނޭނޭ ބައިގަނޑެކެވެ. އެންމެ ފަހުން، ރޯދަކުރުކުރުމުގެ ގޮތުން އަހަރުމެން ހަފުތާއަކު އެއްދުވަހު ބޭއްވި ހެއްވާ ވާހަކަ ދެއްކުމުގެ މަޖުލިހުގައި ކަންތައްވީ ގޮތް ކަލެއަށް ވެސް އެނގޭ ނޫންހެއްޔެވެ؟ ފުރަތަމަ ހަފުތާގައި މުސަޅު ކިޔައިދިން ހެއްވާ ވާހަކަވީ ކިހާ މަޖާ ވާހަކައަކަށްހެއްޔެވެ؟ ދެން، އެ ވާހަކަ އަޑުއަހައި ހުރިހާ ޖަނަވާރުތައް ކިހާ ވަރަކަށް ހީނހެދިހެއްޔެވެ؟ ނަމަވެސް، ހިމާރުންގެ ބައިގަނޑު ހަނުތިބީއެއް ނޫންހެއްޔެވެ؟ ދެން، އެއް ހަފުތާ ފަހުން، ހިމާރުންތައް ހޭން ފެށި ނޫންހެއްޔެވެ!؟

އަމިއްލަ ބޮލެއް ނެތް މިވަރުގެ ބަޔަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެނޫން ހެއްޔެވެ؟ ރަސްގެފާނުގެ އަރިސް ހިޔަޅު ހިމާރުންގެ ބައިގަނޑަކާ މި ކަން ހަވާލުކުރީ ވެސް ހަމަ މިހެން ވެގެންނެވެ. ހިޔަޅު އެދޭ ގޮތަށް އެބައިގަނޑު ކަންތައް ކުރާނެތީއެވެ. އެތަކާ ޖިރާފަކާ ވެސް ވަކިކުރާކަށް އެ ބައިގަނޑަކަށް ނޭނގޭނެއެވެ. ދެން އެޔެއް މިޔެއް ނުބަލައި ޖެހުނު އެއްޗެއް ހިފައި، ގަޔަށް ބޮލަށް އަރައި އަނިޔާކޮށް ގަތުލުއާންމެއް ވެސް ހިންގައިލައިފާނެއެވެ. ޖިރާފޭ ހީކޮށް އެއްތައް ވެސް މަރާން ފަށައިފާނެއެވެ. އެހެންވެ، އަހަރެން ގަސްދުކުރީ އަހަރެންގެ ޖާނައިގެން މި ޖަންގަލީން އަވަހަށް ނިކުމެގެން ދިޔުމަށެވެ. ކަލޭ ވެސް ވިސްނައިލުން ބުއްދިވެރިއެވެ. ހިމާރަށް، ބުޅަލާއި ޖިރާފު ވެސް ވަކިކުރާން ނޭނގިދާނެތާއެވެ!

 

ލަފުޒެއްގެ މާނަ:

ނީލަގެރި އެތް      ނ.    ވަރުގަދަ ބޮޑެތި އެތް. (2) ހިންދުސްތާނުގެ "ނީލްގިރީ"އެވެ ކިޔާ ރަށުގެ އެތް. elephant

ކޮމެންޓު