ad_banner
ކުރު ވާހަކަ: އަލިހަކާ

އަސްމާ އަބޫބަކުރު

14 ޖޫން 2026

ދުނިޔެ ފޮތިކުރުމުގައި އިންސާނުން ވަރެއް ނެތެވެ. އެހައިމެ ކުޅަދާނަވެފައި ބުއްދީގެ ބޭނުން ހިފައެވެ. މީގެ ކުރީގައި އިންސާނުން އުޅުނީ ބިން ހުސްކޮށް ގެދޮރު އެޅުމުގައެވެ. މިހާރު އެ ދަނީ ޖައްވު ހުސްކުރަމުންނެވެ. މަތިމައްޗަށް ނަގާ އުސް ޢިމާރާތްތަކުންނެވެ. ނިހާމު އިމާރާތްތަކަށް ބަލަމުން ސައިކަލު ދުއްވަމުން ދިޔައެވެ. މަޑު ދުވެލީގައެވެ. އުސްވަމުންދާ ޢިމާރާތްތަކާ މެދު ޚިޔާލުކުރަމުންނެވެ. ކުއްލިއަކަށް ބާރަށް އައި ސައިކަލަކުން ޖެހި ނިހާމު އެކުސިޑެންޓު ވެއްޖެއެވެ.

އެކުސިޑެންޓުން މާބޮޑުވަރެއް ފެންނަ ފެނުމުން ނިހާމަކަށް ނުވެއެވެ. ނަމަވެސް އޭނާގެ މިޒާޖަށް ބަދަލުތަކެއް އަންނާން ފަށައިފިއެވެ. ބޭރަށް ނިކުންނާން ބިރުގަނެއެވެ. އެކަނި ތަނަކަށް ދާން ބިރުގަނެއެވެ. ސައިކަލަށް އަރާން ބިރުގަނެއެވެ. ސައިކަލު ފަހަތަށް އަރާން ވެސް އުޅެނީ ބިރުންނެވެ. ނިހާމު އުޅޭ ގޮތުން ޢާއިލާ އެންމެން ކަންބޮޑުވެއްޖެއެވެ. ކޮންމެ ނަމާދަކަށް ފަހު މަންމައާއި ބައްޕަގެ ކަމަކީ ނިހާމު އަލުން ކުރީގެ ދިރިއުޅުމަށް އާދޭތޯ ކުރާ ދުޢާތަކެވެ.

އެންމެ ފަހުން ނިހާމު ގޮވައިގެން ދުވަސްކޮޅަކު މާހައުލު ބަދަލު ކޮށްލުމުގެ ގޮތުން މަންމައާއި ބައްޕަ ރަށަކަށް ދަތުރު ފެށިއެވެ. އެއީ، ހިތްފަސޭހަ ކުޑަ ރަށެކެވެ. ގިނަ ބަޔަކު އުޅެނީ ފައިމަގުގައެވެ. ފަސް މިނިޓުން ހިނގައިފައި ނުދެވޭ އެއްވެސް ތަނެއް ނޯވެއެވެ. އެ ރަށުގައި ދެތިން ދުވަސްވާ އިރަށް ނިހާމަށް ހެޔޮ ބަދަލުތަކެއް އަންނާން ފެށިއެވެ. އެކަނި ބޭރަށް ނިކުމެ ރަށުތެރޭގައި ހިނގައި އުޅޭން ފަށައިފިއެވެ.

އެކްސިޑެންޓްގެ ކުރީގައި ނިހާމު ހުރީ ޔުނިވަރސިޓީ ތަޢުލީމް ފުރިހަމަކޮށްފައެވެ. އެ ރަށުގައި ކުޑަ ވިޔަފާރިއެއް ފެށުމުގެ ޚިޔާލު ނިހާމަށް ދިނީ އެ މީހުން ތިބޭ ގޭގެ ދައްތައާއި ބޭބެއެވެ. އޭރު އެ ރަށުގައި ހުރީ ކުޑަކުޑަ އެންމެ ފިހާރައެކެވެ. ރަށު މީހުން ވިޔަފާރިކުރާން ދަނީ ކައިރި ރަށްރަށަށެވެ. ނިހާމުގެ މައިންބަފައިންގެ އެއްބާރުލުމާ އެކު ވިޔަފާރިއެއް އެ ރަށުގައި ފެށިއެވެ. އަދި ކުދީންނަށް ޓިއުޝަން ދޭން ވެސް ފަށައިފިއެވެ.

ނިހާމު ފިހާރައިގައި އިން ވަގުތަކު ރަނާއަށް އެ ފިހާރައަށް އައެވެ. ރަނާގަތީ ހެދުމަކާއި ބޫޓެކެވެ.

"ނެތްތަ ޑިސްކައުންޓެއް؟" ރަނާ ކައުންޓަރުގައި އިން ނިހާމު ގާތު އަހައިލިއެވެ.

"ކިހައި ވަރެއްގެ ޑިސްކައުންޓެއް ބޭނުމީ؟" ނިހާމު ހިނިތުންވުމާ އެކު އަހައިލިއެވެ. އެ ދުވަހަށް ފަހު ރަނާއާއި ނިހާމުގެ ޙަޔާތުން އައު ސަފްހާއެއް ހުޅުވުނެވެ. ރަށުތެރޭގައި އެންމެ ހިނގާ ވާހަކައަކަށް އެ ވާހަކަ ވެއްޖެއެވެ. އެ ކަމާ ރަނާ ކަންބޮޑުވެއެވެ.

ރަށުގައި އަނގަގަދަކޮށް އުޅޭ ޒޫނާއާއި ސާރާއަށް ރަނާއާއި ނިހާމު ވާހަކަދައްކާން ހުއްޓައި ފެނުނެވެ. އެކަމާ ރަނާ ބިރުގަތެވެ.

"ދެން ތިޔަ ރަނާއަކަށް ނުކިޔެވޭނެ. ހަދާން އުޅޭ ޑިގުރީ ކޯސް ވެސް ނޭނގެ ނިމޭނެކަމެއް." ޒޫނާ ބުންޏެވެ. އަދި އެ ދެމީހުން ފާޑަކަށް ބަލަމުން ދަނިކޮށް ރަނާއަށް ފެނުނެވެ.

"އެ މީހުން ދައްކާނެ ފާޑުފާޑު ވާހަކަ" ރަނާ ބުންޏެވެ. ނިހާމު އެތައް ވާހަކައެއް ދައްކައިގެން ރަނާއަށް ވިސްނައިދިނެވެ.

"އަހަރެމެންނަކީ ކުޑަކުދީންނެއް ނޫން. އަނެއްކާ ވާހަކަދައްކާން މިތިބެނީ އެންމެންނަށް ވެސް ފެންނަ ހިސާބުގައި. މީހަކު ކިޔާ އެއްޗަކަށް ކީއްވެ ބިރުގަންނާންވީ؟" އެ ދުވަހަށް ފަހު ނިހާމު ފިހާރަ ނިންމައިފައި ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅަކަށް ރަނާގެ ގެއަށް ދާން ފަށައިފިއެވެ. އެ ކަން ރަނާގެ މަންމައަށް ވަރަށް ބޮޑުކަމަކަށް ވެއްޖެއެވެ.

"ސަލީމް. އަންހެން ދަރީން ބޮޑުވީމާ ވީހާ އަވަހަކަށް މީހަކާ ދެވާން އުޅޭން ވީއްޔޭ. ރަނާއަކަށް ވެސް ދެނެއް ނުކިޔެވޭނެ" ރަނާގެ މަންމަ ބުންޏެވެ. ރަނާގެ ބައްޕައަކީ މަންމަ ވިސްނާ ގޮތާ މުޅީން ތަފާތުކޮށް ވިސްނާ މީހެކެވެ. އަންހެން ދަރިއެއް ފިރިހެން ދަރިއެއްގެ ތަފާތެއް އޮންނާންވާނެކަމަކަށް ސަލީމު ނުދެކެއެވެ.

ނިހާމު އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށް މީސްމީޑިއާ ބޭނުން ކުރުމާ ގުޅޭ ތަމްރީނު ޕުރޮގުރާމެއް ހިންގާން ފެށިއެވެ. އެއީ ތަރުހީބުލިބުނު ޕުރޮގުރާމެކެވެ. އޭގެ ފަހުން ހިންގީ ފޯނަށް ކުދީން ދެވިހިފުމުން ލިބޭ ގެއްލުންތައް ކިޔައިދީ ބެލެނިވެރީން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމެކެވެ. އެ ޕުރޮގުރާމްތައް ވައިގައި ހިފުމާއެކު ރަށުތެރޭގައި ނިހާމުގެ ގަދަރު އުފުލިއްޖެއެވެ.

"މިއަދު ވެސް ގެއަކަށް ސަޔަށް ދާން ޖެހުނީ؟ "ނިހާމު ހައިރާން ވެގެން ދައްތަ ގާތު އެހިއެވެ. އެ ރަށުގައި އޮންނަ އާދަކާދައިގެ މަތީން ރަށުން ބޭރުން އަންނަ މީހުންގެ ތެރެއިން އެ ބަޔަކު ހިތްހަމަ ޖެހޭ މީހަކު އަތުވެއްޖިއްޔާ ގޭގެއިން ދައުވަތު ފޮނުވައެވެ. މީރު އެއްޗެހި ހަދައިފައި އެ މީހަކަށް ނޫނީ އެ ބަޔަކަށް ކާންދެއެވެ. ނިހާމަށް އެ ކަންވީ މަޖަލަކަށެވެ. މިހާރު އެ ރަށުގެ އެންމެންނާ ނިހާމު ރައްޓެއްސެވެ.

އެ ރަށުން ނިހާމަށް ގިނައިން ފެނުނީ ރަނގަޅު ކަންކަމެވެ. އެންމެން އެކުވެރިއެވެ. ރަށުގައި ޢާއިލާއަކަށް ދިމާވާ ހިތާމަވެރި އަދި އުފާވެރި ހާދިސާއެއްގައި ވެސް އެންމެން ބައިވެރިވެއެވެ. ރަށް އެހާ ސާފުތާހިރެވެ. އެކަމަކު ކުޑަކުދީންނަށް ފޯނު ދިނުން މަދުވިއެވެ. ނަމަވެސް ބޮޑެތި މީހުން ގިނަ ވަގުތު ފޯނުގައި ވަގުތު ހޭދަކުރެއެވެ. ނިހާމަށް މަޢުލޫމާތު ލިބުނު ގޮތުގައި އަންހެނުން އާންމުކޮށް ފޯނު ހިފައިގެން ގިނަވަގުތު ތިބެއެވެ. ކުދީންނަށް ދޭސަމާލުކަން ކުޑައެވެ.

ރަނާ ވެސް އެތައް ދުވަހަކު ނިހާމު ގާތުގައި ރަނާގޭގައި އެންމެން ތިބެނީ ފޯނު ހިފައިގެންކަމުގައި ބުނެއެވެ. ރަނާއާއި ނިހާމު އަތިރިމައްޗަށް ހިނގައިލާން ދާ ފަހަރަކު ވެސް ޖޯލިފަތިތަކުގައި ވެސް މީހުން ތިބެއެވެ. އެކަމަކު ކޮންމެ މީހަކު ވެސް އިންނަނީ ފޯނާ ކުޅޭށެވެ.

"ފޯނާ ކުޅުން ހުއްޓުވާނެ ހައްލެއް ވެސް އެބަ ހޯދަންޖެހޭ." ނިހާމު އެއް ދުވަހަކު ބުންޏެވެ. އަތިރިމަތީގައި ވާހަކަދައްކާން ތިބެފައި އިރުއޮއްސުމުން ގެއަށް ދިޔައީ ޖެހިގެން އަންނަ ދުވަހު ވެސް އަތިރިމަތީން ބައްދަލުވާން ނިހާމު ބުނެފައެވެ.

އޭގެ އަނެއް ދުވަހު ހަވީރު ރަނާ އަތިރިމަތީގައި އެކަނިއިނދެ އެތައް އިރެއްވީއިރު ވެސް ނިހާމެއް ނާދެއެވެ. ޚަބަރެއް ވެސް ނުވެއެވެ. ފޯނަށް ވެސް ނުގުޅެއެވެ. އެންމެ ފަހުން ރަނާ ގެއަށް ދިޔައީ މާޔޫސްވެ ހުރެއެވެ. ނިހާމަށް ކަމެއްވީބާއޭ ރަނާ އެތައް ފަހަރަކު ހިތަށް އެރިއެވެ.

ފިހާރައަށް ދިޔަ އިރު، ފިހާރަ ހުރީ ބަންދުކޮށްފައެވެ. އަނެއްކާ އެނބުރި ގެއަށް އައިސް ނިހާމާ ގުޅޭތޯ މަސައްކަތްކުރާން ފެށިއެވެ. އެ ފޯނު އޮތީ ނިއްވައިލައިފަޔޭ ބުނެއެވެ. ހަދާނެ ގޮތް ހުސްވެގެން ރަނާ އެކުވެރި ސަމްހާއަށް ގުޅިއެވެ.

"ސަމްހާ. ވަރަށް ބޮޑު ކަމަކު ކިޔާން ވެއްޖެ." ރަނާ ކުރު ގޮތަކަށް، ވެގެން އުޅޭ ގޮތް ސަމްހާއަށް ކިޔައިދިނެވެ. ސަމްހާ ވެސް ނިހާމަށް ވީ ގޮތެއް ބަލާން އެ ގެއަށް ވެސް ދިޔައެވެ. އެ ގޭ ދައްތަ ގާތުގައި ސަމްހާ އެހުމުން ރަށުގައި ނެތްކަމުގައި ބުންޏެވެ. ރަނާއަށް ނިހާމުގެ އެއްވެސް ޚަބަރެއް އެއްވެސް މީހެއްގެ ފަރާތުން ވެސް ނޭނގުނެވެ. ކުއްލިއަކަށް އެ ގޮތަށް މީހުން ގެއްލޭހެއްޔޭ ރަނާގެ ހިތަށްއެރިއެވެ. 

ރަނާ ދެރަވެގެން ރޯން އޮންނާތީ، މަންމަ ކަންބޮޑުވެއްޖެއެވެ. ސަމްހާއާއި ޝައިނާ ގެނެސް ރަނާއާ އެކު ވަގުތު ހޭދަކުރާން ބުންޏެވެ.

"ނިހާމުގެ ޚަބަރެއް ނޫހަކުން ވެސް ނުފެނޭ. އެގޭ ދައްތަމެން ވެސް ފުލުހުންނަށް ވެސް ނާންގަނީ ކަންނޭގެ." ރަނާ ދެރަވެގެން ސަމްހާއާއި ޝައިނާ ގާތު އެ ވާހަކަދައްކަމުން ގެންދިޔައެވެ. ރަނާގެ ރައްޓެހީން ރަނާ ގޮވައިގެން ބޭރަށް ނިކުމެގެން ގެންދިޔައީ އަތިރިމައްޗަށެވެ. އެ ތަނަށް ގެންދިޔުމުން މާބޮޑަށް ރަނާ ދެރަވެ ހިތުގައި ޖެހުނެވެ. އެއީ އެތައް ހަނދާންތަކެއް އެ ތަނުގައި ފޮރުވާފައިވާ ތަނެވެ.

އޭގެ ދެ ދުވަސްފަހުން ރަނާއަށް ނުދަންނަ ނަންބަރަކުން ގުޅިއެވެ. ރަނާ ފޯނެއް ނުނަގައެވެ. ނުދަންނަ މީހުންނާ ވާހަކަދައްކާން ބޭނުންނުވާތީއޭ ބުނެއެވެ. އެއީ ކާކު ނަމުގައި އޮތް ނަންބަރެއްތޯ ރަނާ ޗެކުކުރިއެވެ. އަންލިސްޓަށް ނަންބަރެކޭ ބުނެ އަންނަ މެސެޖުން އިތުރަށް ހިތްހަމަނުޖެހުނެވެ. ނިހާމު ނެތި ދިޔަ އެންމެ ހަތަރު ދުވަހަކީ ރަނާއަށް ލައްކަ ދުވަހެވެ. ރަނގަޅަކަށް ނުކެވެއެވެ. ރަނގަޅަށް ނުނިދެއެވެ. ޚިޔާލުކުރުމުގައި ރޭގަނޑުގެ އެތައް ވަގުތެއް ހޭދަވެގެން ދެއެވެ.

ރަށުގެ އާދަކާދަ އޮންނަ ގޮތުން އަންހެން ކުއްޖާ ގެއަށް ފިރިހެން ކުއްޖާ ކައިވެންޏަށް އެދި އަންނާނީ ޢާއިލާ އެކީގައެވެ. ނިހާމު މަންމައާއި ބައްޕަ ގޮވައިގެން ރަނާގެ ރަށަށް އަތުވެއްޖެއެވެ. ރަނާގެ ގެއާހަމައަށް ދިޔައިރު ގޭ އެންމެންނަށް ވެސް އެކަން އެނގެއެވެ. ނޭނގެނީ ރަނާއަށް އެކަންޏެވެ. ސަމްހާއާއި ޝައިނާއަށް ވެސް ވެގެން އުޅޭ ގޮތް އެނގެއެވެ. ރަނާ ގާތުގައި ނުބުނީއެވެ. 

ނިހާމު ގެއަށް މަންމައާއި ބައްޕައާ އެކުގައި އައީ ރަނާގެ ކައިވެންޏަށް އެދޭށެވެ. އެންމެން ސިޓިންގ ރޫމްގައި ބައިތިއްބައިފައި ރަނާ މަންމަ ގޮސް ރަނާއާ ބައްދަލުކުރާން ބަޔަކު ތިބި ވާހަކަ ބުންޏެވެ. ރަނާ ކޮޓަރީން ނިކުންނަން އުޅުމުން ސަމްހާ ރަނާ ހިފެހެއްޓިއެވެ.

"ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލާބަލަ. މިހާރު ރަނާގެ ރީތި މޫނު ތިހުރީ މިލައިފައި. އެހެން މީހުންނަށް ނިހާމު ނެތިގެން ތިޔަ މޫނު މިލައިފައި ހުރިކަން އެނގޭކަށް ނުވާނެ. އަވަހަށް މޫނު ރީތިކޮށްލައިފައި ލިޕުސްޓިކު އުނގުޅައިގެން ނިކުންނާނީ."  ސަމްހާއާ އެކު ރަނާ ނިކުތީ ކުޑަކޮށް މޭކަޕު ކޮށްގެންނެވެ. ސިޓިންގރޫމަށް ރަނާ ނިކުތްއިރު ނިހާމު ފެންނާކަށްނެތެވެ. ރަނާ ހައިރާން ވެގެން އަވަސް ނަޒަރަކުން އެކި ދިމަދިމާއަށް ކަޅި ހިންގައިލިއެވެ. އެންމެން ތިބި އިރު ނިހާމެއް ނެތެވެ. އެންމެންގެ މޫނުމަތީން ވެސް ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ރަނާގެ ހިތް ތެޅިގަތެވެ. ޔަގީނުން ވެސް ނިހާމަށް ކަމެއް ވެއްޖެއެވެ. އެ ވަގުތު ރަނާގެ ލޮލުން ކަރުނަ ފައިބާން ފެށިއެވެ. އެ ވަގުތު އައި ނައި ތަނެއް ނޭނގި ނިހާމު ކުއްލިއަކަށް ހުއްޓުނީ ރަނާގެ ކުރިމަތީގައެވެ.

ރަނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ނިހާމު ކަންތައް ކުރި ގޮތުންނެވެ. ރަނާ ބޭނުންވީ އެ ވަގުތު ނިހާމުގެ ގައިގައި ތަޅައިގަންނާށެވެ. އެންމެން ކުރިމަތީގައި ކުރެވޭނެ ކަމެއް ނެތެވެ. ނިހާމު އެ ވަގުތު މަޢާފަށް އެދިފައި ކައިވެންޏަށް އެދުނެވެ. ރަނާ ލަދުން ގޮސް ހަދާނެ ގޮތެއް ނޭނގިފައި ހުއްޓެވެ. އެންމެން ހޭންފެށި އަޑަށް ރަނާ އެންމެންނާ ދިމާއަށް ކަޅިއަޅައިގަތެވެ. އެ ވަގުތު އެއީ އެންމެން އެއްބައިވެގެން ރޭވި ރޭވުމެއްކަން ނިހާމު ކިޔައިދިނެވެ. ނިހާމު ދުވަހަކު ވެސް ރަނާއަށް ނުގެއްލޭނެކަމުގައި ވަޢުދުވިއެވެ.

އެ ކުޑަކުޑަ ރަށަށް ޢީދު އައި ކަހަލައެވެ. އެ ފަދަ އުފާވެރި ވަގުތު އެންމެން އެކީގައި އުފާފާޅުކުރެއެވެ. ކާވެނީގެ ހުރިހައި ކަމެއް ކުރީ ރަށުގެ ރައްޔިތުންނެވެ. ނިހާމަށް މިއީ އަލަށް ފެންނަ ކަންކަމެވެ. ނިހާމު އެ ރަށުގައި އާބާދުވީ ޢުމުރަށެވެ. ރަނާ ދެކެ ވެވުނު ލޯބީގެ ސަބަބުންނެވެ. (ނިމުނީ)

 

ބައެއް ލަފުޒުގެ މާނަ

އަލިހަކާ     ނ.    ލޯބިlove .

މީސްމީޑީއާ   ނ.    ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. Social media

ދެވިހިފުން    މ.    ކަމެއް ހުއްޓައިނުލެވޭ ވަރަށް އެ ކަމަކާ މެދު ޝައުޤުވެރިކަން އުފެދުން.

ކޮމެންޓު