އަސްމާ އަބޫބަކުރު
7 ޖޫން 2026
އެންބިއުލާންސަށް ގުޅީ ކާކުބާއެވެ!؟ އަނާ ވެއްޓުނީ ކޮޓަރިތެރެއަށްކަން ހަނދާވިއެވެ. އޭރު އެކަކު ވެސް އެތާކު ނެތެވެ. ފޯނު ނެގީ ކޮންމެވެސް މީހަކަށް ގުޅާށެވެ. އެކަމަކު ފޯނުން އެއްވެސް މީހަކަށް ގުޅުނުކަމެއް ހަނދާނެއް ނުވެއެވެ. ލޯހުޅުވައިލެވުނު އިރު އޮތީ އެންބިއުލަންސްގައެވެ. ގެންދަނީ ހޮސްޕިޓަލަށްކަން އެނގުނީ އެ ދައްކާ ވާހަކައިންނެވެ.
ކަމެއް ޖެހުނީމާ ގުޅައިލެވޭނީ އެ މީހަކަށް އަޅައިލާ އަދި އެމީހެއްގެ ވާހަކަ އަޑުއަހާ މީހަކަށެވެ. ޙަޔާތުގައި ދިމާވާ ހާދިސާތަކަކީ އެންމެންނާ ހިއްސާކުރެވޭ ވާހަކަތަކެއް ނޫނެވެ. އަނާގެ ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގެ ވާހަކަ އަޑުއަހާނެ މީހަކީ އޮފީހުގައި އުޅޭ ޒިޔާދެވެ. އަނާއަށް ގޭގައި ދިމާވާ ކޮންމެ ކަމެއްގެ ވާހަކަ ޒިޔާދާ ހިއްސާކުރެވެނީ އެހެންވެގެންނެވެ.
އަނާ އޮފީހަށްއައިސް މޭޒުކައިރީ އިށީންނި ތަނާ ރީތި ގޮތަކަށް ފަތްޖަހައިފައިވާ ކަރުދާސްކޮޅެއް ފެނުނެވެ. އެ ކަރުދާސްކޮޅުގައިވާ ޢިބާރާތް ކިޔައިލުމުން ހިތަށް އުފާވެރިކަން އާދެއެވެ. ސިފަކުރެވެނީ ޒިޔާދުކުރާ ކަމެއްގެ ގޮތުގައެވެ. ޢާންމުކޮށް ޒިޔާދު ފެންނަ އިރު ދައްކާނީ އޮފީހުގެ ވާހަކައެވެ. ކަރުދާސްކޮޅުގައި އޮންނަ ޢިބާރާތަކީ އޭނާގެ ހިތުގެ އަޑެވެ. އެ އަޑެއް އޮފީހުގެ ތެރޭގައި އުޅޭއިރަކު ނީވެއެވެ. އަނާ ވެސް އެއްޗެކޭ ނުބުނެއެވެ. ކޮންމެ ދުވަހަކު ލޯބީގެ މެސެޖެއް ކިޔާން ލިބެއެވެ.
އަނާ ޚިޔާލީ ދުނިޔޭގައި އިނދެ ކަރުދާސްކޮޅުތަކުގައިވާ ޢިބާރާތްތައް ކިޔަމުން ގެންދެއެވެ. މަސްދުވަސްވީ އިރު އަނާއަށް ފާހަގަވީ އެއީ ސިޓީއެއްގެ ޖުމްލަތަކެއްގެ ގޮތުގައެވެ. ލޯބީގެ އަސަރުގަދަ ސިޓީއެކެވެ. އެންމެ ފަހު ޖުމްލައިގައި އަނާ ބޭނުންވާ ނަމަ، ބައްދަލްކޮށްލުމަށް އެދިފައިވެއެވެ. އަނާ ހުރީ އެ ދުވަހެއްގެ އިންތިޒާރުގައެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރެވެމުން ދިޔައީ އަނާގެ ހިތުގައި ވެސް ހިނގާ ލޯބީގެ ޝޫޢޫރުތައް ފާޅުކުރެވޭނެ ދުވަހަކަށެވެ.
ހިތުގައިވާ ނުތަނަވަސް ކަމާ އެކު ވެސް ކަނޑައެޅިފައިވާ ތަނަށް އަނާ ދިޔައެވެ. އެ ވަގުތު ފުރަގަސްދީގެން މޫދާ ދިމާއަށް ބަލާން އެ ހުރީ ހަމަ އަނާގެ ހިތުގައިވާ ފަދައިން ޒިޔާދުކަމަށް އަނާއަށް ލަފާކުރެވުނެވެ. ކައިރިވީ ވަރަކަށް ހިތްތެޅުން އިތުރުވާން ފެށިއެވެ. ހިތްވަރުކޮށްލައިފައި ގޮސް ކުރިމައްޗަށް އަރަމުން ޒިޔާދަށް ގޮވައިލާން އަނގަ ހުޅުވައިލުމާ އެކު އަޑު ވެސް ކަރުގައި ތާށިވި ކަހަލައެވެ. ކުރިމަތީގައި ހުރީ ރާޝިދެވެ. ޒިޔާދެއް ނޫނެވެ. އޮފީހުގެ އެހެން ސެކްޝަނެއްގައި މަސައްކަތްކުރާ ރާޝިދަކީ އަނާއާ މާބޮޑަށް ވާހަކަ ވެސް ދައްކާ މީހެއްނޫނެވެ. އެކަމަކު އެ ވަގުތު އަނާގެ ހިތުގައި އޮތީ ރާޝިދުގެ ރީތި ޢިބާރާތްތަކެވެ. ފޮނި މީރުކަމެއް ލިބުނު ބަސްތަކެވެ. ހިތުގައި ބިންވަޅު ނެގިފައިވަނީ ޒިޔާދުގެ ސޫރައެވެ.
"އަނާ! މިތަނަށް އައިސްދިނީތީ ޝުކުރިއްޔާ! އަނާ ދެކެ އަހަންނަށް ލޯބި ވެވިއްޖެ." އަނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދުއްވައިގަނެގެން ދާންވީބާއޭ ވެސް ހިތަށް އެރިއެވެ. އެކަމަކު ދެފައި ހުރީ ތަތްވެފައެވެ. ދުއްވައި ނުގަނެވުނު ތާނގައި ބަހެއް ވެސް ނުބުނެ އެތައް އިރަކު ހުރެވުނެވެ. އެންމެ ފަހުން ރާޝިދުގެ ހުށަހެޅުމަށް އެއްބަސް ވެވިއްޖެއެވެ. އެ ހިސާބުން އަނެއްކާ އަނާއަށް އިތުރަށް އުނދަގޫވާން ފެށިއެވެ.
އޮފީހުގައި އިންނަ އިރު ޒިޔާދު ފެންނަ ވަރުންނެވެ. އަސް އެހެން މީހަކަށެވެ. ލަގަން އެހެން މީހަކަށެވެ. އަނާގެ އިތަށް އެރިއެވެ. ހަދާނެ ގޮތަކާ މެދު ވިސްނައިވިސްނައި ބޯހަލާކުވާ ވަރު ވެއްޖެއެވެ. އެންމެފަހުން ޒިޔާދާ އެކީ މެންދުރު ކެއަމަކަށް ދިޔަ ދުވަހު ހަ މަސް ދުވަހަށް އެހެން ރަށަކަށް ދާ ވާހަކަ ޒިޔާދު ބުންޏެވެ. ޒިޔާދު ވާހަކަދައްކަނީ ވަރަށް ގާތް އެކުވެރިއަކާ ދައްކާ އުސޫލުންނެވެ. އެކަމަކު ކޮންމެ ލަފުޒަކުން އަނާ ނަގާ މާނަ ތަފާތެވެ. ޒިޔާދު ލޯބީން އުޅޭހެން އަނާއަށް ހީވެއެވެ. އެކަމަކު ޒިޔާދު އެ ކަހަލަ ވާހަކައެއް ނުދައްކައެވެ.
ދަޢުވަތު ކާޑު ގެނެސް އަނާއަތަށް ދިން ދުވަހު ހުއްޓުން އަރައިފައި އަނާއަށް އިނދެވުނެވެ. އެ ތަން ޒިޔާދަށް ފެނުނެވެ. ނުފެނުނީ އަނާ މޭޒުގައި އޮތް ކާޑެވެ. އަނާ އިން ގޮތުން ޒިޔާދު އެ މޭޒާ ދިމާއަށް ހިނގައިގަތެވެ. އެ ވަގުތު އަނާ އެ ކާޑު ކީބޯޑު ދަށަށްލިއެވެ. ޒިޔާދު އައިސް އަނާއާ ވާހަކަދައްކާން ފެށިއެވެ. އަނާގެ މޫޑު ރަނގަޅުވާން ފެށީ އެ ހިސާބުންނެވެ.
"މާދަމާ އަހަރެން ފުރަން. އަނާ ދެކެ އަހަރެން ވަރަށް......." ޒިޔާދަށް ބުނެވުނީ އެހިސާބަށެވެ.
"މާ ލަސްވެއްޖެ" އަނާ ބުނި ޖުމްލައިން ޒިޔާދަށް ހައިރާންކަން ލިބުނެވެ. އަނާ ގޮސްވަނީ ފާޚާނާއަށެވެ. އެކަނި ހުރެ އެތައް އިރަކު ރުޔެވެ. ޒިޔާދު މި ހުރިހައި ދުވަހު ނުބުނެ ރައްޓެއްސަކު ފަދައިން އުޅުނީ ކީއްވެހެއްޔެވެ؟ އަމިއްލަ ނަފްސު ވެސް ކުށްވެރިކުރެވުނެވެ. ރޮމުންރޮމުން އަނާގެ ހިތަށް އެރިއެވެ.
"ކީއްވެ އަހަރެން ޒިޔާދު ގާތު އެވާހަކަ ނުބުނީ. އެހެން ނަމަ މިއަދު ރޯކަށް ނުޖެހުނީސް." ޒިޔާދު ފުރައިގެން ދިޔައީއެވެ. އަނާއާއި ރާޝިދުގެ ކާވެނި ކުރެވިއްޖެއެވެ. އެކަމަކު ރާޝިދު ދެކެ އަނާއަށް ލޯތްބެއް ނުވެވުނެވެ. ކުދިކުދި ކަންތައްތަކުގައި ދެ މީހުން ވެސް ހިތްހަމަ ނުޖެހޭން ފެށިއެވެ. ކުދި ޒުވާބު ކުރެވޭ ވަރު ގިނަވިއެވެ. އެކަކު އަނެކަކު ކުށްވެރިކުރާން ފެށުނެވެ.
އެކީގައި ތަންތަނަށް ދެވޭކަމަކަށް ނުވެއެވެ. ރާޝިދު ދާން ބުނާ އިރު އަނާ ބިޒީވެއެވެ. އަނާ ދާން ބުނާ ފަހަރަކު ރާޝިދު ބިޒީވެއެވެ. އެކަހަލަ ކުދިކަންތަކުން ފެށޭ ޒުވާބު ބޮޑުވާން ފެށިއެވެ. އަނާ އެހެން އޮފީހަކަށް ބަދަލުވިއެވެ. ދުވަސްކޮޅަކު ހިތްހަމަޖެހިގެން އުޅެވުނެވެ. އެކަމަކު ޒިޔާދު މަތީން ހަނދާންވަނީ މާބޮޑަށެވެ. ޒިޔާދު ވެސް ދިރިއުޅުމެއް ފަށައިފިއެވެ. އެކަމަކު ދޭތެރެއަކުން އޮފީހުގައި ހުރެފައި އަނާއަށް ގުޅައިލައެވެ. އަނާ ވެސް ގުޅައެވެ. ހިތުގައި އޮތް އެއްޗެއް ފޮރުވައި ފަސްއެޅިއެވެ. ރައްޓެހީންގެ ގޮތުގައި ދޭތެރެއަކުން ޙާލު ބަލައިލާން ގުޅާ ގުޅުމުގައި ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކުރެވެއެވެ.
އަނާއާއި ޒިޔާދަށް ނޭނގުނީ ފަސްއަޅާ ފޮރުވި ލޯބީގައި މަޑުމަޑުން ކުރިފަޅަމުން ދިޔަކަމެވެ. އެކަކު އަނެކަކު ހާލު ބެލުމުގެ ނަމުގައި ގުޅައިގެން ވާހަކަ ދައްކާން ފެށީ ކުޑަ ހިނދުކޮޅަކަށެވެ. އެކަމަކު ކުރިފަޅައި ހެދިގަތް ލޯބީގެ ސަބަބުން ގުޅުން ބަދަހިވެ ކޯލު ދިގުވާން ފެށީއެވެ. އެ ކަމުގެ ސަބަބުން އަނާ މަޑުމަޑުން ރާޝިދާ ދުރުވާން ފެށިއެވެ. ޖެހޭ ޒައްރެއްގެ ކުދި މައްސަލަތައް ބިޔަ ފަރުބަދައަށް ބަދަލުވާން ފެށީއެވެ. އެންމެ ފަހުން ކަމަކާ ޒުވާބު ހިނގުމުން ރާޝިދު އަތް އިސްކޮށް އަނާ ވަރިކުރިއެވެ.
އަނާ ހޮސްޕިޓަލަށް ގެންދިޔައީ ޒިޔާދެވެ. ހަތަރު ވަރަކަށް ގަޑިއިރު ހޮސްޕިޓަލްގައި ބޭއްވުމަށް ފަހު، ގެއަށް ދޫކޮށްލިއެވެ. އަނާ ގެންގޮސް ގެއަށްލައިފައި ޒިޔާދު ދިޔައީއެވެ. ހިތުގައި ފޮރުވައިގެން ގެންގުޅުނު ލޯބި ފާޅުކުރީ އެ ދުވަހުއެވެ. އަނާގެ ޢާއިލާއިން ވެސް ޒިޔާދަށް ރުހުންދިނެވެ.
އޭގެ ހަތަރުމަސް ފަހުން އަނާއާއި ޒިޔާދުގެ ކާވެނި ކުރެވުނެވެ. ދެ އަތްނބަށެވެ. އަނާއަށް ދެން ވެސް ހަމަޖެހިގެން އުޅެވޭ ގޮތެއް ނުވެއެވެ. ޒިޔާދުގެ ދޮށީ އަނބި އަނާ ގާތަށް ދާކަން އެނގޭތީ ޖައްސާ މައްސަލަތަކުންނެވެ. ޒިޔާދު އެދުނީ ދުވަސްކޮޅަކު ކެތްތެރިވުމަށެވެ. ދިރިއުޅުމަށް މަޑުމަޑުން ހަމަޖެހުން ލިބޭނެއެވެ. ފުރަތަމަކޮޅު ކޮންމެ ދިރިއުޅުމަކަށް އެހެން ހިއްސާދާރަކު އައުމުން ވާނެ އުނދަގޫ ހުންނާނެއެވެ. އަނާއަށް ވެސް އެއީ ގަބޫލުކުރެވޭ ވާހަކަތަކަށް ވިއެވެ.
އަނާގެ ކައިވެންޏަށް އަހަރު ފުރުނު ދުވަހު އެ ކަން ފާހަގަކުރާން ބޭނުންވީ ކޮންމެ ވެސް ތާކަށް ދާށެވެ. އެ ދުވަހު ކޮޓަރި ސާފުކުރަމުން ދިޔަ ވަގުތު އަލަމާރި ތެރެއިން ރާޝިދު ދިން ކަރުދާސްކޮޅުތައް ފެނުނެވެ. އަނާ އެ ގެނެސް އެނދުމަތީ އަތުރަމުން ގެންދިޔައީ އޭގައިވާ ޢިބާރާތްތައް ކިޔައިލުމަށެވެ. އެ ކަރުދާސްކޮޅުތައް އެއްކޮށް ނިމުނުތަނާހެން ޒިޔާދު އައިސް ކޮޓަރި ދޮރުމައްޗަށް އެރިއެވެ. އަނާ ކުރާމަސައްކަތް ފެނުމުން ހިތުގައި ފޮނި އިޙްސާސެއް އުފެދުނެވެ.
ދުރުގައި ހުރެގެން އެ މެސެޖުތައް ޒިޔާދު ކިޔާންފެށިއެވެ.
"ކިހިނެއް ޒިޔާދަށް މި ޢިބާރާތްތައް އެނގުނީ؟"
"އަހަރެން ކޮންމެ ދުވަހަކު ބާއްވާ މެސެޖުތަކޭތީ.؟
އަނާއަށް އޮޅިއްޖެއެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ އަނާ ވިސްނާން ފެށިއެވެ. އެންމެ ފަހުން ރާޝިދާ ބައްދަލުކުރާން ލިބުނު މެސެޖު ވާހަކަ ޒިޔާދު ގާތުގައި އަނާ އެހިއެވެ. އެއީ ވެސް ޒިޔާދު ބޭއްވި ކަރުދާސްކޮޅެއްހެއްޔެވެ؟
ކަންތައްތައް ސާފުވީ އެ ހިސާބުނެނެވެ. ޙަޤީގަތުގައި ވެސް ކޮންމެ ދުވަހަކު މެސެޖު ފޮނުވީ ޒިޔާދެވެ. ބައްދަލުކުރާން ގަޑިކީ ދުވަހު އެ މެސެޖު ބޭއްވީ ރާޝިދެވެ. އެ ހިސާބުން އަނާއަށް އޮޅި ކައިވެންޏަށް އެއްބަސްވީއެވެ. ޒިޔާދާށް ލޯބިވާ ވާހަކަ ބުނެވުނެ ދުވަހަކީ ރާޝިދު ގެނެސް ކާޑު ބޭއްވި ދުވަސްކަމަށް އަނާ ބުންޏެވެ. މި ޒަމާނުގައި ފޯނަށް މެސެޖު ފޮނުވާންވެގެން ޒިޔާދު ވެސް ރާޝިދު ވެސް ފަންވަތުގައި ލޯބީގެ މެސެޖު ލިޔުނު ޒަމާނާ އެއް ގޮތަށް ކަންކުރުމުން އޮޅޭނެތާއެވެ.
އެރޭ އަނާއާ ޒިޔާދު އެނިވަރސަރީ ފާހަގަކުރީ ގޭގެ ކޮޓަރީގައެވެ. ލައިޓް ނިވައިލައި ދިއްލައިފައި ހުރި އުއްބައްތީގެ ފަނޑު އަލިކަމުގައެވެ. ދެ ހިތެއްގައި ޙަޤީޤީ ލޯބި އުފެދިއްޖެ ނަމަ އެތައް އަހަރެއް ވިޔަސް އެ ލޯބި މަތީން ހަނދާނެއް ނުނެތޭނެއެވެ. ޒިޔާދުގެ ދޮށީ އަނބި ޖައްސާ ދަންމަޅިތަކުން ޒިޔާދު ސަލާމަތްވެގެން އަނާގެ ގާތަށް މިހާރު ބަރާބަރަށް އާދެއެވެ.
ޒިޔާދު ކެތްތެރިވާށޭ ބުނި ދުވަހުން ފެށިގެން އަނާ ދިޔައީ ޒިޔާދު ދޮށީ އަނބި ގޭގައި ހުންނަ ވަގުތުތަކުގައި ނުގުޅައިވޭތޯ ބަލަމުންނެވެ. ކަމަކު ގުޅާން ޖެހުނަސް އެ ކަމަށް ވަރަށް ވިސްނައެވެ. ޒިޔާދު ބުނިހެން އެ ކައިވެންޏަށް ދުވަސްތަކެއް ވުމުން ދޮށީ އަނބި ނަސްރާ ވެސް ހަމައަކަށް އެޅޭން ފެށިއެވެ. ޒިޔާދު ދެއްކި އެތައް ވާހަކަ ތަކެއްގެ ސަބަބުން ދެ އަނބީންނަށް ވެސް އެއް ވަރަށް ވަގުތު ދޭން ޖެހޭނެކަމަށް ނަސްރާ ގަބޫލުކުރިއެވެ.
އެއް ގޭގައި ކައްކާ އެއްޗެހި އަނެއްގެއަށް ފޮނުވުމުގެ އާދަ ވެސް ފެށުނެވެ. އެ ހިސާބުން އަނާގެ ދިރިއުޅުމަށް ވެސް ބަހާރު މޫސުން އަތުވެއްޖެއެވެ. އަނާއަށް ކުއްޖަކު ލިބުނު އިރު ނަސްރާއަށް ދެކުދީން ލިބިއްޖެއެވެ. ނަސްރާގެ ދޮށީ ދަރިފުޅު އަނާގެ ގާތަށް ފޮނުވާންފެށީ އަނާއަށް ކުއްޖަކު ލިބުނު ދުވަހުން ފެށިގެންނެވެ. ޒިޔާދު ދަރިފުޅަށް ކިޔައިދިން ގޮތުގައި އޭނާގެ ދެ މަންމަ ހުންނާނެއެވެ. އަނާއަކީ ކުޑަމަންމަކަމުގައި ބުނެދިނެވެ. އަދި ކޮއްކޮ ދެކެ ލޯބިވާންވާނެކަމުގައި ބުނުމުން ނީޝްގެ އަތުން ހިތެއް ހަދައިފައި އަނާއަށް ދެއްކިއެވެ. މިއަދު އަނާއާއި ޒިޔާދު ދެއްކީ ދެހިތެއް ލޯބީގެ ގުޅުމުން ގުޅިއްޖެ ނަމަ، އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަމެވެ. (ނިމުނީ)