އަސްމާ އަބޫބަކުރު
24 މޭ 2026
ލޯބީގެ ވައްތަރުތައް އެހާގިނަކަން އެނގުނީ އަދި ކިރިޔާއެވެ. އަހަރެން ފިރިމީހާ އަހަރެންދެކެވާ ލޯތްބަކީ ކޮބައިކަމެއް އޭރަކު ނޭނގެއެވެ. ގެރި ލޯބި، ގިރިޓީ ލޯބި، ކަނު ލޯބި، ތަނު ލޯބި، އަދި ރަންގު ލޯބި މީ ހުސް ވައްތަރު ވައްތަރުގެ ލޯތްބެވެ. ޤާޒީ އެ ދުވަހު ބުނި ޖުމްލައާއި ހާޝިމް އަނބި ގަބޫލުކޮށްފީމޭ ބުނި ޖުމްލަ ވެސް މިއަދާ ހަމައަށް ވެސް އަހަރެންގެ ކަންފަތުގައި ހަރުލައިފައިވެއެވެ. ރާއްޖޭގައި ކުރެވޭ ކާވެނިތަކުގެ ތެރެއިން ދެ ފަރާތުގެ ޢާއިލާގެ ނުރުހުމުގައި ކުރެވޭ ކާވެނި މަދެއްނޫނެވެ. އަހަރެމެންނަކީ އޭގެ މިސާލެކެވެ. އޭރު ވެވިފައި ހުރި ކަނު ލޯތްބެއްގެ ސަބަބުން މިއަދު އަހަރެމެން މި ތިބީ ދެ ޢާއިލާއިން ވެސް ބާކީވެފައެވެ.
]ހާދަ ވަރަކަށް ތިބަލަނީ. އަހަރެން ލަދުގަނޭ ތިވަރަށް ހާޝިމް ބަލާތީ.[ އަހަރެން ލަދުގަހު ފަތެއްހެން ލަދުރަކިކަމާ އެކު އިސްޖަހައިލަމުން ބުނީމެވެ.
[ނާޒިއާ ދިމާއަށް ބެލިވަރަކަށް އަހަރެންގެ ހިތުގައި ލޯބި އިތުރުވަމުންދޭ. ނާޒިއާ، ހާދަ ރީއްޗޭ. ހިތިފަތުބުމަޔާއި، ތިކަޅުކަން ގަދަ ކަލިރަވަޔާ، ކޫރުމެއް ނެތް އޮމާންމޫނު ފެނި އަހަރެން މޮޔަކޮށްލައިފި.] ކައިވެނީގެ ފުރަތަމަ ރޭ ހާޝިމްގެ ދުލުން ބުނަމުން ދިޔަ ބަސްތައް އަހަރެންގެ ހިތްތަޅުވަމުން ލޯބީގެ ފޮނި ވިންދުޖަހަމުން ދިޔައެވެ. ދެ ޢާއިލާގެ ނުރުހުން ލިބުނުކަމުގައި ވިއަސް އަހަރެން ހުރީ ހާދަ އުފަލުންނެވެ. އަހަރެންގެ ފިރިމީހާ އަހަރެންނާ އެކުގައި ވާހައި ހިނދަކު އަހަރެން އުޅޭނީ އުފަލުންކަމުގައި ބުނަމެވެ. އެކަމަކު އެއީ އެދުވަހެވެ.
ދެ މީހުން ވަޒީފާގައި އުޅޭތީ ލިބޭ ފައިސާއިން ތަނުގެ ކުލި ދައްކައިފައި ވެސް އެންމެ ރަނގަޅަށް އުޅެވެއެވެ. ކޮންމެ ރެއަކު ދެމީހުން އެކީގައި ބޭރުން ކައިގެން ބުރުޖަހައިލުމަކީ އާދައަކަށް ވިއެވެ. ވަރަށް ވެސް އުފާވެރި ދުވަސްކޮޅެކެވެ. އެހެންވެކަންނޭގެއެވެ. ދެ އަހަރު ފާއިތުވީ އިރުވެސް ދެ މީހުން އުޅުނީ މާމުއި ހަނދުގައެވެ. ޢާއިލާއާ ދުރުގައި އުޅޭން ޖެހުމުން ޢާއިލީ މައްސަލަތަކާ ދުރުގައި އުޅެވޭތީ އަހަރެމެން އުޅުނީ ވަރަށް ހަމަޖެހިގެންނެވެ. ކައިވެނީގެ ދެވަނަ އަހަރު އެނިވަރސަރީ ފާހަގަކުރީ ވެސް ރިޒޯޓެއްގެ މޫދު ކައިރީގައެވެ.
"ހާޝިމް. އަހަންނަށް ހީވަނީ... އަހަރެން" ޖުމްލަ ނުނިމެނީސް އާޝިމް ހުރީ އަހަރެން އުރައިލައިގެންނެވެ. އެ ހިސާބުން ވެސް އޭނާޔަށް އަހަރެން ބުނާން އުޅޭ ޖުމްލައެއް އެނގިއްޖެއެވެ. މާލެގޮސް ފުރަތަމަ ކުރިކަމަކީ އެ ކަން ޔަގީންކުރުމެވެ. ކިޓްގައި ދެރޮނގު ރަތްކުލައިން ފެވުނު އިރު ދެ މީހުން ވެސް ތިބީ އެއަށް ބަލަހައްޓައިގެންނެވެ. އަނެއްކާ އަނެއް ޢީދު އަތުވެއްޖެއެވެ. ދެ މީހުން އެކުގައި އުފާ ފާޅުކުރީ އަމިއްލަ ދުނިޔޭގައެވެ.
ހާޝިމްގެ އެހީތެރިކަން ބޭނުންވި ވަގުތު އެހީތެރިކަން ލިބެމުން ދިޔައެވެ. އެ ދުވަސްވަރު އަހަރެން އަބަދު ހޮޑުލައިފައި ހެނދުނު ތެދުވަން އުނދަގޫވުމުން ހާޝިމް ބޭނުންވީ އަހަރެން ވަޒީފާއިން ވަކިވުމަށެވެ. އެއީ މިވަގުތު އަހަންނަށް އެންމެ ރަނގަޅު ގޮތެވެ. އަހަރެން އެ ކަން ގަބޫލުކޮށް ވަޒީފާއިން ވަކިވާން ސިޓީ ފޮނުވުމުން އޮފީހުގެ ގިނަ ކުދީން އެކަމާ ދެރަވެގެން އުޅުނެވެ. އެ ދުވަސްކޮޅު އެކީގައި މަސައްކަތްކުރި ކުދީން އާދަކޮށް ގުޅައި ހާލުބަލައި ހަދައެވެ. ކަމެއް ބޭނުންވެއްޖެ ނަމަ އެ ކަމެއް ބުނާށޭ ވެސް ބުނެއެވެ. ހަގީގީ ރައްޓެހީންނަކީ އެއީއެވެ. އަހަރެން ކަމެއް ބުނެފި ނަމަ އެ ކަމެއް ވީ އެންމެ އަވަހަށް އެ މީހުން ކޮށްދެއެވެ. އަހަރެންގެ ހާލަތު އެނގޭތީއާ ވެސް އެކު ކަންނޭނގެއެވެ.
އަހަރެމެންގެ ދަރިފުޅު ވިހޭދުވަހު ފިރިމީހާގެ އިތުރުން އޮފީސް ރައްޓެހީން އައެވެ. ނަމަވެސް ލޮލާ ދުރުވުމަކީ ހިތާ ދުރުވުން ކަމަށް ބުނާ ފަދައިން މަޑުމަޑުން ދުރުވަމުން ގޮސް އެ މީހުންނާ އޮތް ގުޅުން ވެސް ކެނޑުނީއެވެ. ދަރިފުޅުގެ ކަންތަކާ ގޭގެ މަސައްކަތާ ހެދި މީހަކަށް ގުޅައިލާނެ ވަގުތެއް ނުލިބޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދަރިފުޅު ވިހޭފަހުން ހާޝިމް ވެސް މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. ކުރީން އުޅުނު ގޮތާ ހާދަ ތަފާތުވެއްޖެއެވެ. ދަރިފުޅަށް އަހަރުވީ އިރު ކުރީން އުޅުނު ގޮތްގަނޑު ކެނޑިއްޖެއެވެ. ލޯބީގެ ބަސްތަކުން އަބަދު ވާހަކަ ދައްކާމީހާ ބަދަލުވެއްޖެއެވެ. މޫނުމަތީން ފޫހިކަން ފެންނާން ފެށީއެވެ. ސަބަބަކީ ކުރީންދޭ ވަރަށް ހާޝިމަށް ވަގުތު ނުދެވުމެވެ. ހިތުގައި މިހާރު ރަޙުމެއް ކުލުނެއް ވެސް ނެތް ކަހަލައެވެ. ފިރިހެނުން ބޭނުންވަނީ އެމީޙުންގެ ފަހަތުގައި އަބަދު އަންހެނުން ތިބުމެވެ. ދަރީން ލިބުނީމާ އެ ކުދީންނަށް ވަގުތު ހުސްކުރާން ޖެހޭނެކަން އެނގޭން ވާނެއެވެ. އެކަމަކު އެ ގޮތަކަށް އެ ކަމެއް ނުވިއެވެ.
ދަރިފުޅަށް ފަސް އަހަރުވީ އިރު އެއް ފުރާޅެއްގެ ދަށުގައި ދިރިއުޅޭ ދެ ބީރައްޓެހީންނަށްވެ ނިމިއްޖެއެވެ. ކުރީގައި އޮތް ގުޅުން ކެނޑިއްޖެއެވެ. ދަރިފުޅު ގޮވައިގެން ހުރިހާ ކަމެއް އެކަނި މާއެކަނި ބަލަހައްޓާން ޖެހިއްޖެއެވެ. ގޭގެ ކުލި ދައްކާތީއޭކިޔައިފައި އެއްވެސް ފައިސާއެއް ވެސް ހާޝިމް މިހާރުނުދެއެވެ.
މީގެ ދެ ހަފުތާކުރީން ވަރަށް ގާތް ރައްޓެއްސަކު ގުޅައިފައި އޭނާގެ ދަރިފުޅުގެ ޕާޓީއަށް ދާން އާދޭސްކުރުމުން އަހަރެން އެއްބަސްވީ އަހަރެންގެ ދަރިފުޅަށް ޓަކައެވެ. މިހެން ތަނަކަށް ނުގޮސް އަބަދު ގޭގައި ތިބޭތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ.
[މަންމާ. މިހެދުން ތަންކޮޅެއް ރީތި.] އަހަރެން ހެދުންތަކަށް ބަލަހައްޓައިގެން އިންދައި ނީޝް އައިސް އެހެން ބުނުމުން އެ ދުވަހު ލީ އެ ހެދުމެވެ.
ޕާޓީ ބާއްވާ ހޯލާހަމައަށް ކައިރީވީ އިރު އަމިއްލަ ލޮލުން ކަރުނަ އަންނާން ފަށައިފިއެވެ. އަހަރެންގެ ޙާލަތު ފެނިފައެވެ. އެ ޕާޓީއަށް ވަންނަނީ ހާދަ ރީތި ހެދުންތައް ލައިފައިތިބި އަތްމަތި ތަނަވަސް މީހުންނެވެ. އަހަރެން ކަހަލަ މީހަކު އެ ތަނަށް ވަދެއްޖެ ނަމަ އެންމެންގެ ލޯ އަމާޒު ވާނީ އަހަރެންގެ ސިފައަކަށް ނޫނެވެ. ލައިފައިވާ ބައު ހެދުމަށެވެ. އެ ދުވަހު އަހަރެން ގެއަށް އައިސް ވަނުމާ އެކު ރޯން ފެށުނެވެ. ދަރިފުޅަށް ވެސް މިހާރު ވާނުވާ އެނގެއެވެ. އަހަރެން ހެދުންތަކުގެ ތެރެއިން އެންމެ ރީތިކޮށް އޮތް ހެދުން ދެއްކީ ވެސް ދަރިފުޅެވެ.
އެތައް ގޮތަކަށް ވިސްނުމަށް ފަހު އަހަރެން އެކައުންޓްގައި ސޭވްކޮށްފައި ހުރި މަދު ފައިސާ ކޮޅުން ފަހާފޮށްޓެން ގަނެ ފަހާން ފެށީއެވެ. ކުރީން ގޭގައި އުޅުނު އިރު ކޮންމެ ވެސް ވަރަކަށް ފަތިޖަހާން އެނގެއެވެ. އަމިއްލައަށް ހެދުމެއް ކަނޑައިގެން ދުވަހަކު ވެސް ނުފަހަމެވެ. ދެން ފެށީ ޔޫޓިއުބް ބަލާށެވެ. އެއިން ވަރަށް ރީތި ގޮތްގޮތަށް ހެދުން ފަހާތަން ފެންނާތީ އެ ގޮތްގޮތަށް ފަހާން ދަސްކުރީއެވެ. ފުރަތަމަ ފެހީ ނީޝްގެ ހެދުމެކެވެ. ސްކޫލްގައި އޮތް ސްޓޭޖް ޙަރަކާތަކަށެވެ. އެ ހެދުން ވަރަށް ގިނަ ބަޔަކަށް ކަމުގޮސްގެން ކާކުފެހި ހެދުމެއްތޯ އަހާން ފެށިއެވެ.
ފިރިމީހާ ގާތުގައި ފައިސާއަށް ސަލާން ޖެހުމަކީ އަންހެނެއްގެ އެންމެ ނިކަމެތިކަން އިޙްސާސްވާ ވަގުތެވެ. އަހަރެން ކިތަންމެ ފަހަރަކު އެކަނި އޮވެ ރޮމެވެ. ގެއަށް ބޭނުންވާ އެއްޗެހި ގަންނަން އެދުމުން ހާޝިމް ގާތަށް ރުޅި އަންނާތީއެވެ. ފަހައިގެން އެއްޗެއްލިބެން ފެށުމުން އެވަރަށް ނިކަމެތިވާކަށް ނުޖެހޭނެއެވެ. ފައިސާއަށް އެދޭ ކޮންމެ ފަހަރަކު ފިރިމީހާ މަތި ހަށި ނަގައިފައި އެއީ ގަހުގައި އަޅާ އެއްޗެއްހޭ ބުނެލާ އިރު އަހަރެން ހިތަށް ހާދަ އަސަރެއްކުރެއެވެ. ނަސީބު ކަންދިމާކުރި ގޮތުން ފަހާން އެއްޗެހި ލިބޭން ފެށިއެވެ. އަތްމަތި ތަނަވަސް ވާން ފެށީ އެ ހިސާބުންނެވެ. ގެއަށް ހާޝިމް ނުކުރާ ކިތަންމެ ޚަރަދެއް އަހަރެން ކުރަމެވެ. ދަރިފުޅަށް ބޭނުންވާ ސާމާނު ހޯދައިދެވެއެވެ. އެ ހިސާބުން އަނެއްކާ އަހަރެން ގޯސްވެއްޖެއެވެ. ކަރަންޓު ބިލު ބޮޑުވާތީއެވެ. ކަރަންޓު ބިލުގެ އެއްބައި އަހަރެން ދައްކާނެ ކަމަށް ބުނީމެވެ. އެކަމަކު އެއްބަހެއް ނުވިއެވެ. ފެހުން ހުއްޓާލަން ޖެހުނީއެވެ.
ހާޝިމް ގެއަށް ޚަރަދުނުކޮށް ހިލޭ އަންހެނުންނަށް ޚަރަދުކުރާ ވާހަކަ އެކި މީސްމީހުންގެ ތުންތުން މަތީން އިވޭން ފެށިއެވެ. އަންހެން ކުދީން ގޮވައިގެން ގެސްޓްހައުސްތަކަށް ގޮސް އެ ކުދީންނަށް ޚަރަދުކުރެވެއެވެ. އަހަރެމެން ދެމައިންނަށް ޚަރަދުކުރާންވީމާއި އަތުގައި ލާރި ހުންނަކަމަކަށް ނުވެއެވެ. މިހާރު ދަރިފުޅަށް ތޭރަ އަހަރުވީއެވެ. ގޭތެރޭގެ މާހައުލު އޮންނަ ގޮތް އެ ދަރިފުޅަށް އެނގޭން ފަށައިފިއެވެ. އޭނާގެ އިންޓަވަލަށް އެއްޗެއް ގަންނާކަން ވެސް ފައިސާއެއް ނުދެއެވެ. އެކަމާ ނީޝް ކިތަންމެ ފަހަރަކު ޝަކުވާކުރެއެވެ.
"މަންމާ. އެހެން ތަނަކަށް ހިނގާބަލަ. ބައްޕަ ކީއްވެތަ އަބަދު މަންމައަށް އެއްޗެހި ކިޔަނީ؟" ދަރިފުޅަށް ދެމަފިރިން ދެމެދުގައި ހިނގާ މައްސަލަތައް އެނގޭން ބޭނުން ނުވިއަސް އެނގެއެވެ. ނީޝްއާ ވެސް ހާޝިމް އަނގައިން ބުނަނީ މަދު ފަހަރަކުއެވެ. ގަހަށް ނެތް ލޯބި ފަތަކަށް ނުހުންނާނެތާއެވެ. އަތްމަތި ދަތިވެ ހަދާނެ ގޮތް ހުސްވާ ހިސާބަށް ހިނގައްޖެއެވެ. އެކުވެރިއަކާ އަނެއްކާ ވެސް ވާހަކަ ދައްކައިލައިފީމެވެ. އޭނާގެ ޚިޔާލަކީ ހެދިކާ ހެދުމެވެ. އޭރުން ދަރިފުޅުގެ އިންޓަވަލަށް ވެސް އެއްޗެއް ލިބޭނެތީއެވެ.
އެކަމަށް މާބޮޑު ޚަރަދު ނުގޮސް ރަނގަޅު އާމްދަނީއެއް ލިބެން ފަށައިފިއެވެ. ހާޝިމަށް އެ ކަން އެނގުނީ ގޭސް ފުޅި ހުސްވުމުންނެވެ.
"މިދިޔަ މަހު ގެނައި ފުޅިއެއް އެހާ އަވަހަށް ހުސްވީ؟" ހާޝިމް ގާތަށް ރުޅިއައިސްގެން އެތައް އެއްޗެއް ގޮވައިފިއެވެ. ގޭސްފުޅީގެ އަގުދައްކާނަމޭ ބުނީމައި ވެސް އެކަމާ އެއްބަހެއް ނުވިއެވެ. ހާޝިމަކީ ކޮން ކަހަލަ މީހެއްބާއެވެ؟ ޚަރަދުކުރާން ބޭނުން ނުވާ ތާނގައި އަހަރެން ގޭގައި އިނދެ މަސައްކަތެއް ކުރިޔަ ދެނީކީ ނޫނެވެ. އޭނާ އަހަންނާ މެދު އޮތީ ކޮންކަހަލަ ޢަދާވާތްތެރިކަމެއްބާއެވެ. އަހަރެން މީ އޭނާގެ އަނބިމީހާއެވެ. އަހަރެންގެ ސިފަ ފެންނައިރަށް އޭނާ މޭނުބައިކުރާހާ ބަދަލެއް އަދިވެސް އަހަންނަކަށް ނާދެއެވެ. ކައްކައިފައި ކާން ބަރާބަރަށް ބަހައްޓަމެވެ. އެއްޗެހި ދޮވެ އިސްތިރިކުރަމެވެ. ގޭތެރެ ސާފުކޮށް ތަރުތީބުކުރަމެވެ. އެކަމަކު އެއްކަލަ ހާޝިމް ބަދަލުވެއްޖެއެވެ. މީ ކޮންކަހަލަ ކަމެއްކަން އަހަންނަކަށް ނޭނގުނެވެ. އަންހެން ކުދީންގެ ކުޅިވަރު ފެށިއްޖެ މީހަކަށް ދެން ބަދަލެއް ނާންނާނެކަން އެނގިއްޖެއެވެ. ހާޝިމް ބޭނުންވަނީ އަހަންނަށް ދަތިކުރާށެވެ. މިއަދު އަހަރެން އޭނާކައިރިން ވަކިވެގެން ގޮސް ވަންނާނެ ތަނެއް ނެތެވެ. އެހެންނަމަ މިހެން ނުވެސް އުޅޭނަމެވެ.
މާލެއަށް ބޭސްފަރުވާއަށް އަންނަ މީހުން އެއީ އޭނާގެ ބަލިފައެވެ. ގެސްޓްހައުސް ވިޔަފާރިއާއެކު އޭނާ އެކުރަން ފެށި ވިޔަފާރިން ސަލާމަތެއް ނުވާނެއެވެ. ރީތި ކުއްޖަކު ފެންނައިރަށް ގެސްޓްހައުސް ބޮސްގެ ދީލަތިކަން ދައްކައެވެ. އެކުދީންނަށް ރޫމް ހިލޭ ދީގެން އެތައް އަންހެން ކުދީންނެއްގެ ބޮލަށް އެރިއްޖެއެވެ. އޭނާގެ ރަންގު ލޯބީގައި ދަޅައިގައި ކުދީން ޖައްސައިގެން ކާވެނިކުރާނެކަމަށް ބުނެއެވެ. ބައެއްކުދީންނަށް އެނގޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ.
އަހަރެން ވެސް މިހުރީ އެ ކުދީން ފަދައިން ހަދާނެ ގޮތެއް ނެތި އޭނާގެ މުށުތެރޭގައެވެ. ދާނެ ތަނެއް ނެތެވެ. ޢާއިލާއާ ދެކޮޅަށް ކުރި ކާވެނީގެ ސަބަބުން ރަށަށް ދިޔަސް ވަންނާނެ ގެދޮރެއްނެތެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބާރެއް ނެތެވެ. ހެދިކާހެދުން ވެސް ހުއްޓައިލާން ޖެހުނެވެ. އަންހެނަކު ނިކަމެތިކުރާނެ އެންމެ ބޮޑަށް އޭނާ އަހަރެން ނިކަމެތި ކޮށްފިއެވެ. އަހަރެން މައިންބަފައިން ނުގަބޫލުގައި ހާޝިމާ ކާވެނިކުރީ ވެވުނު ކަނު ލޯތްބެއްގެ ސަބަބުންކަން މިހާރު އެނގެއެވެ. ހާޝިމްގެ ރަންގު ލޯބީގައި އަހަރެން ފަދައިން އެތައް އަންހެން ކުދީންނެއް ޖެހިއްޖެއެވެ. އެއިން އެއްވެސް ކުއްޖަކާ ކާވެއްޏެއް ނުކުރެއެވެ. ދަޅަދައްކައިގެން މިއަދު އުޅެވިދާނެއެވެ. އަދި ދުވަސް އެބަ އޮތެވެ. އަހަރެން މި ގޮތުގައި ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވަންދެން ކެތްކުރާނަމެވެ. (ނިމުނީ)