ad_banner
ލޯތްބަށް ޓަކައި

އަސްމާ އަބޫބަކުރު

17 މޭ 2026

[ކޮފީތަށި] ކެފޭއަކީ ގިނަ ބަޔަކު ދަންނަ މަޝްހޫރުތަނެކެވެ. އެ ކެފޭ މަޝްހޫރުވެފައި ވަނީ [އިނގުރު ސައި] ކެފޭގެ ނަމުންނެވެ. ގިނަ ބަޔަކު އެ ކެފޭއަށް ދަނީ ހަމަ އެކަނި މީރު ސައިތަށްޓެއް ބޯލުމަށެވެ. ވިއްސާރަ ދުވަހެއް ނަމަ، އެ ތަން އޮންނާނީ ޢާންމުކޮށް ފުރިފައެވެ. ގިނަ ބަޔަކު އޮފީސް ނިންމައިފައި ދަމުން ވެސް ސައިތަށްޓެއް ހިފައިގެން ބޭރަށް ނިކުމެ ގޯތިތެރޭގައި ހުންނަ ބެންޗުގައި އިށީނދެ ތިބެގެން ސައިތަށި ބޯ މަންޒަރު ޢާންމުކޮށް ފެނެއެވެ. އެ ކެފޭގެ ވެރިމީހާ ޙަސަންފުޅަކީ ކަސްޓަމަރުންނަށް އެތައް ފަސޭހަތަކެއް ގެނެސްދޭ މީހެކެވެ. މި ފަހަކަށް އައިސް ކިޔޫގައި ނުޖެހި ސައި ލިބޭ ގޮތަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސައިދީފައި ހުރެއެވެ.

ލައިބާ ކޮންމެ ދުވަހަކު ވެސް އެއް ފަހަރު އެތަނުން އިނގުރު ސައިތަށްޓެއް ބޯން އާދެއެވެ. ފިހާރައިގައި އުޅޭ ކުދީންނާ އެކު ކޮންމެ ދުވަހަކު ހަވީރު ފިހާރަ ބަންދުކޮށްފައި ދަމުން ސައިތަށްޓެއް ގަނެގެން ބޮމުންދާން މިހާރު ވަނީ އާދައަކަށް ވެފައެވެ. ކުރީން އެންމެން ވެސް ބޮނީ ކޮފީއެވެ. އެކަމަކު ކޮފީތަށި ކެފޭގެ ސައިގެ ސަބަބުން ގިނަ ބަޔަކު ސައިބޯން އާދަކޮށްފިއެވެ.

[ޙަސަންފުޅުބޭ. މި ތަނަށް ކިޔަންވީ ސައިތަށި ނޫންތަ؟] ޒައިންމެންގެ ގުރޫޕު އޮފީސް ނިންމައިފައި ދަމުން ސައިބޯން ތިއްބައި ޙަސަންފުޅުބޭ ފެނިގެން ބުންޏެވެ. 

[ތިޔައީ ދިވެހީން އާދަކާދަޔާ އެއް ގޮތަށް ކިޔައިފައިވާ ނަމެކޭ؟] ޙަސަންފުޅުބޭ އެ ބުނި އެއްޗެއް ޒައިންމެންގެ ގްރޫޕްގަތިބި ކުދީންނަކަށް ފަހުމެއް ނުވިއެވެ. 

[ކޮއްކޮމެންނޭ. ދިވެހީން ކުރުމަސް ކިޔަނީ ދިގު މަހަކަށް. ދުވާރު ކިޔަނީ ހިނގާ ތަނަށް. އެ ގޮތަށް ކޮފީތަށި ތިޔަ އޮތީ ސައިތަށްޓަކަށް ވެފައި.] ޙަސަންފުޅުބެގެ އަނގަޔަކުން ނާރާނެއެވެ. އެހާމެ މަޖާ، މީހުންނާ ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ. ޙަސަންފުޅުބެ ބޭނުންވާ އެއްޗެއް ބުނެފައި ހިނގައިދާނެއެވެ. މީހުންނަށް ވަރަށް ހެޔޮ މީހެއްގެ ގޮތުގައި ފެންނަ ޙަސަންފުޅުބޭ ކޮންމެ ދުވަހަކު ގިނަ ވަގުތު ހޭދަކުރާނީ ކެފޭގައެވެ. 

ޒައިން ޢާންމުކޮށް އަންނާން ފެށި ފަހުން، އެއް ދުވަހަކު އޮފީހުގެ މަސައްކަތް ނިމުނީ ހަވީރު ފަހެއް ޖެހި ފަހުންނެވެ. އެ ދުވަހު އެންމެން ގެއަށް ހިނގައްޖެއެވެ. އެކަނިވިޔަސް [ކޮފީތަށީ]ން ލިބޭ މީރު ސައިތަށި މަތީން ހަނދާނެއް ނުނެތެއެވެ. އެ ތަނަށް ގޮސް ވަން އިރު އެކަނި މާއެކަނި ބެންޗުކައިރީގައި އިން ފަންމިންޏެއް ކަހަލަ އަންހެން ކުއްޖެއް ފެނިއްޖެއެވެ. އޭރު ވެސް އެތެރޭގައި ވަރަށްގިނަ މީހުން ތިއްބެވެ. ޒައިން އައިސް ސައިތަށްޓެއް އަޅައިގެން ބޭރަށް ނިކުމެ އަންހެން ކުއްޖާއިން ބެންޗުގައި ޖައްސައިލިއެވެ. ނުދަންނަ ދެ މީހުން ބެންޗުގައި ތިބެ ސައިތަށި ބޮމުން ގެންދިޔައިރު ޒައިން ދިޔައީ ސިއްރުސިއްރުން އެ އަންހެން ކުއްޖާގެ ޙަރަކާތްތަކަށް ބަލަމުންނެވެ. ފޯނާ ކުޅެން އަންހެން ކުއްޖާ އިސްޖައިގެން އިނދެ ސައިތަށި ބޮމުން ދިޔައިރު ބައެއްފަހަރު ފޯނަށް ހިނިތުންވެލައެވެ. ޒައިނަށް އެ ފަތްމިނި ކަމުދިޔަ ވަރުން ވާހަކަދައްކާން ބޭނުންވެފައި އިންދައި އަންހެން ކުއްޖާ ތެދުވެގެން ހިނގައްޖެއެވެ. ޒައިނަށް ކުރީން ފެނިފައިނުވާ އެ ރީތި އަންހެން ކުއްޖާ ފެނުމުން ހިތަށް ވާން ފެށި ގޮތެއް ބުނެދޭކަށް ނޭނގެއެވެ. 

އޭގެފަހުން އޮފީސް ނިންމައިފައި ގެއަށް ގޮސް ހަވީރު ފަހެއްގެ ފަހުން ކޮންމެ ދުވަހަކު ދެވަނަ އަދި ތިންވަނަ ސައިތަށި ބޯން ވެސް ބޭނުން ވެއްޖެއެވެ. ހަފުތާއެއް ފާއިތުވެ ދިޔަ ފަހުން އަނެއްކާ ވެސް އެ ކުއްޖާ ފެނުނެވެ. މި ފަހަރު ޒައިން ހިނިތުންވެލިއެވެ. ރައްދުގައި އެކުއްޖާ ވެސް ހިނިތުންވުމެއް ދިނެވެ. އެ ހިސާބުން ޒައިންގެ ހިތް އުފަލުން ނަށައިގަތެވެ. އެކަމަކު އަންހެން ކުއްޖާ އައީ އެކަންޏެއް ނޫނެވެ. ފުރުޞަތެއް ލިބޭތޯ ބަލަބަލައި ހުރި ޒައިނަށް ފުރުސަތެއް ލިބުނީ އެތައް ދުވަހެއްގެ ފަހުންނެވެ. އަންހެންކުއްޖާ އެކަނި އައި ދުވަހެއްގައި ޒައިން ސައިބޮއިގެން ކެފޭ ތެރެއިން ނިކުންނަމުން އަންހެން ކުއްޖާ އިން ބެންޗުގެ މޭޒުމަތީގައި ކަރުދާސްކޮޅެއް ބޭއްވިއެވެ.

ލައިބާ އެކަރުދާސްކޮޅު ހުޅުވައިލި އިރު އޮތީ އެންމެ ޖުމްލައެކެވެ. [ބައެއް ޚާއްޞަ ހިތްތަކަކީ ލޯތްބަށް ކަނޑައެޅިފައިވާ ހިތްތަކެކެވެ.] ޖުމްލައިގެ ތިރީގައި ނަންޖަހާފައި އޮތެވެ. އެ ދުވަހު ލައިބާ ސައިބޮއިގެން ތަންކޮޅަކަށްހިނގައިލި ތަނާ ޒައިން ހުއްޓިހުއްޓައި ފެނުނެވެ. އެ ހިސާބާ އަރައި ހަމަވެފައި ލައިބާ ސުވާލުކޮށްލިއެވެ.

[ބައެއް ހިތްތަކަކީ ކޮބާ؟] އޭރު ލައިބާ ވެސް ހުރީ ޒައިނާ ވާހަކަ ދައްކާން ބޭނުންވެފައެވެ. އެ ހިތުގައި ވެސް ޒައިންއަށް ޚާއްޞަކަމެއް އޮތެވެ. 

[މީ އެންޑް ޔޫ.] ޒައިން އެހެން ބުނެފައި އެކީގައި ހިނގައިލާން ދެވިދާނެހޭ އެހެމުން ލައިބާ އެއްބަސްވިއެވެ. ހިނގައިލުމުގެ ތެރޭގައި ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. އޮފީސް ދަތުރެއްގައި ކިޔަވަން ވަރަށްއަވަހަށް ޒައިން ފުރަން ހަމަޖެހިފައިވާކަން ވެސް ލައިބާއަށް އެނގުނެވެ. އެދުވަހަށްފަހު ދެމީހުން ފޯނުން އެތައް ވާހަކައެއް ދެކެވިއްޖެއެވެ.

]ޒައިން ބޭރަށް ދިޔައިމަ އަހަރެން ހާދަ އެކަނިވާނޭ.[ ލައިބާ ފޯނުން ދެއްކި ވާހަކައިގެ ތެރެއިން ދެރަވެފައި ބުންޏެވެ.

]ދެ ލޯބިވެރީން ދުރަށް ދާން ޖެހިދާނެ. ލޯބީގެ ވިންދު ޖަހާ ހިތެއް ދުރެއް ނުވާނެ.[

ޖެހިގެން އައި ދުވަހު ޒައިން ފުރައިގެން ދިޔައީ ލައިބާއަށް އެތައް ވަޢުދުތަކެއްވެފައެވެ. ކިޔަވައި ނިމިގެން އަންނަންދެން މަޑުކުރާން ވަޢުދުކުރުވައިފައެވެ. ކެތްތެރިވާން ލައިބާއަށް އެތައް ނަސޭހަތެއް ދީފައެވެ. ލައިބާ ވެސް ޒައިން ކިބައިން އެދުނީ ބޭރު ގައުމަކަށް ދިޔަސް ލައިބާން މަތީން ހަނދާންކުރުމަށެވެ. ޒައިންއަށް އިންތިޒާރުކުރާނެކަމަށް ލައިބާ ބުންޏެވެ.

ޒައިން ބޭރުގައި ކިޔަވާން ހުރިކަމުގައިވިޔަސް ފުރަތަމަ ކޮޅު ދެ މީހުން ކޮންމެ ރެއަކު ވާހަކަ ދައްކައެވެ. ނަމަވެސް ފަހުން ޒައިން ބިޒީވެ، ގުޅުންތައް މަދުވެދިޔައެވެ. ލައިބާ އެ ކަމާ ހިތާމަކުރެއެވެ. ރައްޓެހީން ގާތު ޒައިން ނުގުޅާތީ ދެރަވާ ވާހަކަ އެތައް ފަހަރަކު ބުނެއެވެ. އޭނާ ކެތްތެރިވެ ހުންނަނީ ޒައިން ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ.

އެ ދުވަސްވަރު ލައިބާގެ ބައްޕަ ބަލިވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރިއެވެ. ގިނަ ވަގުތު ހޮސްޕިޓަލްގައި އުޅެން ޖެހިފައިވުމުން ޒައިނާ މެދު ވިސްނައި ރޯނެ ވަގުތެއް މިހާރަކު ލައިބާއަކަށް ވެސް ނުލިބެއެވެ. މަހެއްހައި ދުވަހު ބައްޕަ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ލައިބާ ހުރީ ހަމައަކަށް އެޅިފައެވެ. ކުރީން ޒައިން ނުގުޅާތީ އެ ވީ ދެރަ މިހާރަކު ނުވެއެވެ. އެކަމަކު އެކަނިވާ ކޮންމެ ފަހަރަކު ޒައިންގެ ހަނދާންތައް އާވެއެވެ. އެ ވާނީ ޒައިން މާބޮޑަށް ބިޒީ ވެގެންކަމުގައި ލައިބާގެ ހިތަށް ވިސްނައިދިނެވެ.

އަހަރު ދުވަސް ފާއިތުވެ ދިޔަ އިރު ޒައިނަށް ލައިބާއާ ވާހަކަ ދެކެވުނީ ދެތިން ފަހަރުއެވެ. މެސެޖެއްކޮށްލާނެ ވަގުތެއް ވެސް ނުވާކަމަށް ޒައިން އެންމެ ފަހުން ގުޅި ފަހަރު ބުންޏެވެ.

ލައިބާގެ އެކުވެރީން ލައިބާއަށް އެހެން މީހަކު ހޯދާން ނަސޭޙަތްދިނެވެ. އެކަމަކު ލައިބާއަށް ޒައިން ދެކެ ވެވުނު ލޯބީގެ ސަބަބުން އެކަމެއް ނުކުރެވުނެވެ. ކުރިއަށް ވުރެ ބޮޑަށް ލައިބާ ހިކިއްޖެއެވެ. ފަހަކަށް އައިސް މާބޮޑަށް ކާހިތް ނުވަނީއެވެ. ރައްޓެހީން ދެއްކި ވާހަކައަށް ލައިބާ އަޅައިނުލާތީ މިހާރު އެއްވެސް ރައްޓެއްސަކު ލައިބާ ގާތުގައި ޒައިންގެ ވާހަކައެއް ވެސް ނާހައެވެ.

ވަރަށް ވިއްސާރަ ދުވަހެކެވެ. ހެނދުނުން ފެށިގެން ވެހެން ފެށިވާރޭ ހުއްޓައި ނުލައެވެ. ފިހާރަ ބަންދުކޮށްފައި ހުރިހައި އެކުވެރީން ސައިބޯން ދިޔަ އިރު ލައިބާ ސައިބޯކަށް މިއަދު ނުދިޔައެވެ. އެހެން ނޫނީ އެ ކެފޭއަށް ނުވަންނަ ދުވަހެއް ނުދާނެއެވެ.

[ކީއްވެ ސައިބޯން ނުދާން ތިއުޅެނީ.] ޒީނާ އެހެން އެހުމުން ލައިބާ އެބަ އަންނަމޭ ކިޔާފައި ދިޔައީއެވެ. ލައިބާ އެ ދުވަހު ދިޔައީ ދައްތަގެ ގެއަށެވެ. އޭރު ވެސް ހިމަފޮދު ވާރޭވެހެއެވެ. ދައްތަ ގެއަށް ގޮސް ލައިބާ ހުންނަ ގެއަށް ދިޔަ މަގުމަތީގައި ސައިތަށްޓެއް ބޯހިތްވެގެން ކެފޭއަށް ހިނގައްޖެއެވެ. އޭރު ގަޑިން ހަގަޑި ބައިވަނީއެވެ. މަޣުރިބު ނަމާދު ވަގުތާ ދިމާވުމުން ކެފޭގައި ދެ މީހަކު ފިޔަވައި ތަން އޮތީ ހުސްކޮށެވެ. ލައިބާ ސައިތަށްޓެއް ހިފައި އެތެރޭގެ މޭޒެއްކައިރީގައި އިށީނެވެ. އެ ވަގުތު ލައިބާއަށް ފެނުނީ ޒައިން އައިސް ވަންނަނިކޮށެވެ. އެކަމަކު ޒައިންގެ ފަހަތުގައި އަންހެން ކުއްޖަކު ހުއްޓައި ފެނުނެވެ.

ލައިބާ ވީދެރައިން ތެދުވެގެން އެ ތަނުން ނިކުމެގެން ދާން އުޅެނިކޮށް އަންހެން ކުއްޖާ ކޮންމެވެސް އެއްޗެއް ބުނުމާއެކު ޒައިން ހޭން ފެށި ތަން ވެސް ލައިބާއަށް ފެނުނެވެ. ލައިބާ އިސްޖަހައިގެން އެ ތަން ނުފެންނަކަމަށް ހަދައިގެން އިނެވެ. ސައިތަށްޓެއް ހިފައިގެން ޒައިން ކެފޭއިން ބޭރުގެ ބެންޗަށް ނިކުތެވެ. ވާރޭވެހުން ހުއްޓިފައިވާ ވަގުތެއްވީމައެވެ. ލައިބާ ބަދިގެ ފަރާތު ދޮރުން ނިކުމެގެން ގެއަށް ހިނގައްޖެއެވެ.

ޙަސަންފުޅުބެއަށް ދެންމެ ހިނގި ކަންތައް ވަރަށް ރަނގަޅަށް ފެނުނެވެ. ޙަސަންފުޅުބޭ ގޮސް ޒައިންގާތުގައި ސުވާލުކުރިއެވެ.

[ޒައިނާ އެކީގައި އެ އައީ ޒައިންގެ ކާކު؟]  ޙަސަން ފުޅުބޭ ކުރި ސުވާލަށް ޒައިން ޖަވާބެއް ނުދެއެވެ. ބަލަހައްޓައިގެން އިނީއެވެ.

[ބޭރަށް ކިޔަވަން ގޮސް މީހަކާ ވެސް އިނީދޯ؟] ޙަސަންފުޅުބޭ އެހެން ބުނުމުން ޒައިން ގާތަށް ހިނިއަތުވެއްޖެއެވެ. އެއީ ދަންނަ މީހެއް ވެސް ނޫނޭ ބުނީ ފާޑަކަށް ރަކިވެފައި އިނދެގެންނެވެ.

ލައިބާގެ ގޭގެ ދޮރުގައި ޓަކިޖަހާ އަޑަށް ގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ކުރިމަތީގައި ޒައިން ހުއްޓެވެ. ލައިބާ ދެލޯ ހުރި ރަތްވެފައެވެ. ރޮއިފައި ހުރިކަން އެނގެއެވެ.

[ސަޕްރައިޒް ދޭން ވެގެން އަސްލު އަންގައިނުލައި މިއައީ. ކޮންކަމަކާ ތިޔަ ރޮނީ؟] ލައިބާ އަނގަޔަކުން ނުބުނެއެވެ. ހިތްހަމަ ނުޖެހިފައި ހުރިކަން ޒައިންއަށް އެނގިއްޖެއެވެ. ވާނީ ވެސް އެހެންތާއެވެ. ހިނގައިބަލަ ބޭރަށް ވާހަކަ ދައްކައިލާން. 

[ޒައިންގެ ވައިފު ކައިރިއަށް ދޭ. އަހަރެން މީ އެއްވެސް މީހެއް ނޫނެއްނު. ކިހާ ދުވަހެއް ގުޅައި ވެސް ނުލާތާ. މެސެޖެއް ނުކުރާތާ ފޮނުވާ މެސެޖަކަށް ރިޕްލައި ވެސް ކުރެވެނީއެއް ނޫން.] ލައިބާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެކަމަކު ޒައިން އެ ވަގުތު ލައިބާއަށް އާދޭސްކޮށްގެން ބޭރަށް ގޮސް ކިޔަވާން އުޅުނު ދުވަސްތަކުގެ ވާހަކަ ކިޔައިދިނެވެ. [ކޮފީތަށި]ން މިއަދު އަންހެން ކުއްޖަކާ އެކީގައި ފެނުނު ވާހަކަ ބުނުމުން އެއީ އެ ތަނަށް ކޮފީ ބޯން އައި ކުއްޖެއްކަމަށް ޒައިން އޮޅުން ފިލުވައިދިނެވެ. އެ ކުއްޖާ ނުވެސް ދަންނަކަމާއި އޭނާ އަތުން ކޮފީ ބަންޑުން ދިޔައިމާ ވާހަކަދެކެވުނުކަމަށް ޒައިން ބުންޏެވެ.

މި ފަދަ ޒަމާނެއްގައި ކޮންމެވެސް ގޮތަކުން ޚަބަރެއް ވާންޖެހޭނެކަމަށް ޒައިން ވެސް އެއްބަސްވިއެވެ. އެކަމަކު ފަހު ހަތަރު ވަރަކަށް މަހު އެއް ގޮތަކަށް ވެސް ނުގުޅިދިޔަ ސަބަބު ޒައިން ކިޔައިދިނެވެ.

ޒައިން އައީ ކާވެނީގެ ކާޑު ނިހާއީކުރާންކަމުގައި ބުނުމުން ލައިބާ މުޅިން ހަމަޖެހުނެވެ. ލޯތްބަށް ޓަކައި ލައިބާ އިންތިޒާރުކުރީތީ ޒައިން ހުރީ އުފަލުންނެވެ. (ނިމުނީ)

 

ލަފުޒެއްގެ މާނަ:

ނިހާއީ      ނއ.   ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final

ކޮމެންޓު
ކޮމެންޓުތައް
ފާތުން
17 މޭ 2026 21:47
ކޮފީތަށި ތިޔައީ ރިސޯޓެއްގައި ހުންނަ ރެސްޓޯރަންޓެއްތަ؟ ވަރަށް ވައްތަރު. އަސްލު ފޮޓޯއެއްތަ؟ ވާހަކަ ކަމުދޭ.