ad_banner
ކުރުވާހަކަ: ފަނޑުވުމަށް ފަހު ފޮޅުނު ލޯބި

އަސްމާ އަބޫބަކުރު

21 ޖޫން 2026

މޭޒުމައްޗަށް އެޅުނު ސައިތައްޓަށް ބަލަހައްޓައިގެން އިންއިރު، ޒަމްރާގެ ހިތުގައިވީ ފުން ހިތާމައެވެ. ކުރިމަތީގައި އޭނާގެ ފިރިމީހާ ނާސިހު އިނެވެ. އެކަމަކު އެ ދެ މީހުންގެ ދެމެދުގައި އޮތް ބީރައްޓެހިކަމުން، ތަނަށް ވެރިވެފައިވަނީ ގަނޑުފެން ފަދަ ފިނިކަމެކެވެ. އެއީ ލޯބި ނެތް ދިރިއުޅުމެއްގެ އެންމެ ފުރަތަމަ އަދި އެންމެ ހިތްދަތި މަންޒަރެވެ.

[މި ގޮތަކަށް އަބަދަކު ނޫޅެވޭނެ. ކޮންމެ ދުވަހަކު ދިރިހުރި މައްޔިތެއްހެން އުޅުމަކީ ހާދަ ހިތްދަތި ކަމެކޭ.] ޒަމްރާ ދެއްކި ވާހަކަތައް އަޑުއަހާން އިން އެކުވެރިޔާ ނައިނާ ކަންބޮޑުވިއެވެ.

[ކޮންމެ ވެސް އެކަކު އިސްނަގައިގެން ތިޔަ ވާހަކަ ދައްކާން ވެއްޖެ ޒަމްރާ. ދެމަފިރީންގެ ގޮތުގައި އަބަދު ތިޔަ ހެނެއް ނޫޅެވޭނެ.]

"ކިހައި ވަރަކަށް މިވާހަކަ ދެއްކިއްޖެ. ނުވި ބަދަލެއް. ނާސިހު ބޭނުމެއްނުވޭ ބަދަލުވާކަށެއް. އޭނާ ހިތުން އެ އެޅެނީ ވަރަށް ރަނގަޅަށް. ޚަރަދުކުރާ އިރު އަތްނބަކަށް ކުރެވޭނީ ކޮން ޝަކުވާއެއް؟ އިތުރަށް ވެސް ބޭނުންވާ ކޮންމެ އެއްޗެއް ގަންނަން ނާސިހު ފައިސާދޭ." ޒަމްރާ ރޮމުން ކިޔައިދިނެވެ.

[ކޯޓުން ވެސް ބަލަނީ ޚަރަދުކުރޭތޯ. އެ ކަން ކުރަންޏާ އެހުރީ ރަނގަޅަށް. އިތުރަށް ދައްކާނެ ވާހަކައެއް ނޯވޭ.]

[ތިކަން މަށަށް ވެސް އެނގޭ. ހުރިހައި ކަމެއް ކޮށްދޭކަން ވެސް. ތިޔަ ދިރިއުޅުމުގައި މަދީ ހަމައެކަނި ލޯބިކަން އެނގޭ. އެހެންވެއޭ މި ބުނަނީ ޒަމްރާ ވިއަސް ވާހަކަދައްކާށޭ އަދި ވެސް.] އެ ދުވަހު ޒަމްރާ ގެއަށްދިޔައީ އެންމެ ފަހު ފަހަރަށް ނާސިހާ ވާހަކަދައްކާން ތައްޔާރުވެގެންނެވެ. އެކަމަކު ވާހަކަދައްކާނެ ފުރުސަތު ލިބުނަސް އެ ވާހަކައަށް ވުރެ ނާސިހަށް މުހިންމުވީ މެޗެވެ. ވޯލްޑުކަޕުގެ މެޗު ބަލާ ގަޑީގައި އަންހެނުންގެ ހާސަރު އަޑުއަހާކަށް ނާސިހަކަށް މުހިންމެއް ނޫނެވެ. ޒަމްރާއަށް އިތުރަށް ފޫހިކަން ގެނުވީ ނާސިހުގެ އަމަލުތަކެވެ.

ޒަމްރާއާއި ނާސިހުގެ ކައިވެންޏަށް ފަސް އަހަރު ފުރުނު އިރު، އެ ދިރިއުޅުމުން ކުރީގެ ކުލަތައް ވަނީ ފޭދިފައެވެ. ކައިވެނީގެ ކުރީކޮޅު އެކަކު އަނެކަކަށް ޓަކައި ހިތުގައި އޮތް އިންތިހާ ލޯތްބާއި ކެތްތެރިކަމެއް މިއަދަކު ނެތެވެ. ވަގުތުތައް ފާއިތުވަމުން ދިޔަ ވަރަކަށް، ދެ މީހުންގެ ދެމެދުގައި އޮތް ގާތްކަން ބަދަލުވީ ފުން ހިމޭންކަމަކަށެވެ. އެއީ އެއް ފުރާޅެއްގެ ދަށުގައި އުޅޭ، ނަމަވެސް އެކަކު އަނެކަކަށް ނުފެންނަ ދެ ބީރައްޓެހީންނެވެ. އެއަށް ވުރެ މުހިންމީ އަތުގައި އޮންނަ ކުޑަ ޑިވައިސްއެވެ.

އާދައިގެ މަތީން ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. މޭޒުމަތީގައި ތަފާތު މީރު ފާޑުފާޑުގެ ކާތަކެތި ހުއްޓެވެ. ނަމަވެސް އެއްވެސް ދިރުމެއް ނެތެވެ. ނާސިހު އިނީ އެއް އަތުން އޫ ހިފަހައްޓައިގެން، އަނެއް އަތުން ފޯނާ ކުޅޭށެވެ. ޒަމްރާ ވެސް އިސްއުފުލައިލުމެއް ނެތި ފޯނުގެ އިސްކްރީނަށް ބަލަހައްޓައިގެން އިނދެ ކަނީއެވެ. ކާކޮޓަރި ތެރެއަށް ވެރިވެފައިވަނީ ސަމްސަލާއި ތަށި ޖެހޭ އަޑު އެކަންޏެވެ. ކައިވެނި ރޫޅޭ ހިސާބުގައިވާ މި ދެމަފިރީން، އަޅައިލުމެއް ނެތް ދިރިއުޅުމުން ދެ މީހުން ވެސް ތިބީ އިންތިހާއަށް ފޫހިވެފައެވެ. އެމީހަކާ އެމީހެކެވެ. ގެއަށް ވަންނަ ހިސާބުން ފޯނަށް ވުރެ މުހިންމު އެއްޗެއް އެ އިން މީހަކަށް ނޯވެއެވެ.

މި އެކަނިވެރިކަމުގެ ތެރެއިން، ދެ މީހުންނަށް ވެސް ހިތްހަމަޖެހުން ހޯދާން ފެށުނީ މީސް މީޑިއާއިންނެވެ. މީގެ ތިން މަސް ކުރިން، ޒަމްރާ ހެދި ފޭކު އެކައުންޓަކުން އޭނާއަށް ދިމާވީ "ޝާނިހު" ކިޔާ މީހަކާއެވެ. ހަމަ އެގޮތަށް، ނާސިހު ވެސް އޭނާގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލާން ފޭކު އެކައުންޓެއް ހަދައިގެން "ޒުމް" ކިޔާ ކުއްޖަކާ ވާހަކަދައްކާން ފެށިއެވެ.

އަޖައިބަކީ، އަމިއްލަ ބައިވެރިޔާގެ ކިބައިން ނުލިބުނު ސަމާލުކަމާއި އަޅައިލުން ފޯނުގެ އަނެއް ކޮޅުން މި ލިބޭ ބީރައްޓެހިޔާގެ ކިބައިން ލިބޭން ފެށުމެވެ. [ޝާނިހު]އަކީ ޒުމް ދައްކާ ކޮންމެ ވާހަކައެއް ވަރަށް ކެތްތެރިކަމާ އެކު އަޑުއަހާ، އަދި އޭނާއަށް ހިތްވަރުދޭ މީހެކެވެ. އަނބިމީހާގެ އަޑަށް ވުރެ އެ ދައްކާ ކުރު ފޮނި ވާހަކަތަކުގައި ހިތްގައިމުކަމެއް ހުންނާތީއެވެ. އަދި [ޒުމް]އަކީ ޝާނިހުގެ ވަޒީފާގެ ބުރަކަމާއި، އޭނާގެ ހިތުގެ ރިހުންތައް އެންމެ ފުރިހަމައަށް ދަންނަ ކުއްޖާއެވެ. ޝާނިހު ބުރަކޮށް އުޅޭތީ ޒުމްގެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަން ހާމަނުކޮށް، ޕްރޮފައިލް ފޮޓޯއެއް ނެތް އެ ދެ އެކައުންޓުން ދެކެވުނު ވާހަކަތަކުން، އެއީ ތިމާގެ ހިތުގެ ވިންދު ދަންނަ ހަމައެކަނި އިންސާނާކަމަށް ދެ މީހުންނަށް ވެސް ގަބޫލުކުރެވުނެވެ. އެ ސިއްރު ގުޅުމަށް ދެ މީހުންގެ ހިތް ޖެހިއްޖެއެވެ.

މިހާރު ޒަމްރާ ވެސް ޝަކުވާއެއް ނުކުރެއެވެ. ނާސިހު ވެސް ޝަކުވާއެއް ނުކުރެއެވެ. ދެ މީހުން ވެސް މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. ރައްޓެހީންނަށް ވެސް އެ ކަން ފާހަގަވެއެވެ. ނައިނާ ގާތަށް ގޮސް ވެސް ޒަމްރާ ހިތްދަތިވެގެން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެއަށް ވުރެ މާބޮޑަށް ހިތްވަނީ ހަމަޖެހިފައެވެ.

ދުވަސްތައް ވޭތުވަމުން ގޮސް، އެކަކު އަނެކަކަށް އޮތް ޝައުގުވެރިކަން ބޮޑުވެއްޖެއެވެ. ދެކިލާ ހިތްވެއްޖެއެވެ. ފޮޓޯއެއް ފޮނުވުމަށް ވުރެ އެކަކު އަނެކަކާ ބައްދަލުކޮށްލާން ބޭނުންވެއްޖެއެވެ. އެންމެ ފަހުން ޒަމްރާ ވެސް ބައްދަލުކުރާން އެއްބަސްވިއެވެ. އިތުރަށް ކެތްތެރިވާނެ ހިތްވަރެއް ނެތެވެ. އެއަށް ވުރެ އަލަށް އުފެދުނު ލޯބި މާވަރުގަދަވެފައި ހިތްގައިމެވެ. ބުރާސްފަތި ދުވަހެއްގެ ރޭގަނޑު އަށެއް ޖަހާ އިރު، ރަށުގެ ރީތި، ހިތްފަސޭހަ ރެސްޓޯރެންޓެއްގެ ކަނެއްގައި ހުރި މޭޒެއް ދެމީހުން ކަނޑައެޅިއެވެ.

އޮފީސް ނިންމައިލައިފައި ގެއަށް އައި ގޮތަށް ޒަމްރާ ވަނީ ފާޚާނާއަށެވެ. އޭރު ގަޑިން ހަތެއްޖަހަނީއެވެ. ފެންވަރާލައިގެން ނިކުމެ، ލޯގަނޑު ކުރިމަތީގައި ހުއްޓުނު އިރު އަމިއްލަ ހިތް ނުހަނު ބާރަށް ތެޅެމުން ދިޔައެވެ. ކައިވެނީގެ ފަހުން އަމިއްލަ ސިފައަށް ސަމާލުކަން ނުދެވޭތާ ކިތަންމެ ދުވަހެކެވެ. މިއަދު ޒަމްރާ ބޭނުންވީ އެންމެ ފުރިހަމައަށް ރީތިވާށެވެ.

އަލަމާރި ހުޅުވައިލުމަށް ފަހު، އޭނާ ނެގީ ހަށިގަނޑަށް ހެޔޮވަރު ކަޅުކުލައިގެ ރީތި މެކުސީއެކެވެ. އެ ހެދުމުގައި ހުރި ލޭސް ފަރުމާތަކުން އޭނާގެ ދޮން ހަންގަނޑު އިތުރަށް ރީތިވެފައި ދޮންކަމެއް ގެނުވައެވެ. އިސްތަށިގަނޑުގައި ރީތިކޮށް ފުނާއަޅައި ކޮނޑުމަތީން ފަހަތަށް ދޫކޮށްލިއެވެ. ތުންފަތުގައި ޖައްސާލި މަޑު ފިޔާތޮށިކުލައިގެ ލިޕުސްޓިކާއި، ލޮލުގައި އަޅައިލި އަނދުނުގެ ސަބަބުން އޭނާގެ މޫނުމައްޗަށް މީގެ އަހަރުތަކެއް ކުރީގެ ދިރުން އަލުން ވެރިވިއެވެ. އެންމެ ފަހު ކަމަކަށް، މޭޒުމަތީގައި ހުރި މީރުވަސްދުވާ ސެންޓުފުޅިން ކުޑަ އެތިކޮޅެއް ޖަހައިލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލި އިރު، ޒަމްރާގެ ކޮލަށް ރަތްކަން ވެރިވީ ހިތުގައިވީ ނުތަނަވަސްކަމާއި އިންތިޒާރުގެ ވަގުތު ދިގުކަމުންނެވެ. މިރޭ ޒަމްރާއަށް ގަޑި ބެލުނީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. ކޮންމެ ސިކުންތެއް ގަޑިއަކަށް ވުރެ ދިގުހެން ހީވެއެވެ.

އޭރު ވެސް އެނދުގައި އޮށޯވެގެން ނާސިހު އޮތެވެ. އޭނާ އޮތީ ފޯނުން އިސްކުރޯލުކޮށްލަކޮށްލައެވެ. އެންމެ ކުޑަމިނުން އަނބިމީހާ ދަނީ ކޮންތާކަށްތޯ ވެސް އަހައިނުލައެވެ.

ރެސްޓޯރެންޓުގެ ފަނޑު އަލީގެ ތެރޭގައި، ހަމަޖެހިފައިވާ މޭޒުދޮށުގައި ޒަމްރާ އިށީނދެގެން އިނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. އިރުކޮޅަކުން، މޭޒާ ދިމާއަށް ފިޔަވަޅުތަކެއް އަޅަމުން އައި ފިރިހެނާގެ ހިޔަނި ފެނުމުން ޒަމްރާ އިސްއުފުލާލިއެވެ. ހަމަ އެ ގޮތަށް، އިންތިޒާރުގައި އިން [ޒުމް] ފެނުމުން ޝާނިހު ވެސް ހިނިތުންވެލިއެވެ.

ނަމަވެސް، ދެމީހުންގެ ލޮލާއިލޮލުން ދިމާވި ހިނދު، މުޅި ދުނިޔެ ހުއްޓުނު ފަދައެވެ! ދެމީހުންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ ކުއްލި ޝޮކެއް ލިބުނެވެ. މުޅި ހަށިގަނޑު ފިނިވެ، ދޫ ބަންދުވިއެވެ. ކުރިމަތީގައި މިހުރީ ހިތް އެދެމުންދިޔަ ބީރައްޓެހިޔާއެއް ނޫނެވެ. އެއީ އަމިއްލަ ގެއިން ފެންނަ، އެއް އެނދެއްގައި ނިދާ، ބީރައްޓެހި އަމިއްލަ އަނބިމީހާއާއި ފިރިމީހާއެވެ!

ޗެޓުކުރަމުން ދިޔައިރު މިރޭ ހެދުން އަޅާނެ ކުލައެއް ވެސް ބުނެފައިވެއެވެ. ނާސިހު ކުރިމަތީގައި ޒަމްރާ ހެދުންއަޅައިގެން ދިޔަ ވަގުތު ވެސް ލޮލުގައި އަޅައެއް ނުގަތެވެ. ޒަމްރާ ރީތިވާން ހުރެގެން ވެސް ވާހަކަ ދައްކަމުން ގެންދިޔައެވެ. ޒަމްރާއަށް ނާސިހު ތައްޔާރުވާ ތަން ނުފެނުނަސް ޒަމްރާ ތައްޔާރުވާ ތަން ނާސިހަށް ފެނުނެވެ. އެކަމަކު ކުރިމަތީގައި ހުރި އަނބިމީހާ އޭރު ލޮލުގައި އަޅައެއްނުގަތެވެ. ހިތާ ދުރުވެފައި ވާތީ، ލޮލަށްވެސް ނުފެނެއެވެ.

ރެސްޓޯރެންޓުގެ ހަލަބޮލިކަމުގެ ތެރޭގައި ވެސް، އެ ދެ މީހުންގެ މޭޒުދޮށަށް ވެރިވެފައިވަނީ ބިރުވެރި ހިމޭންކަމެކެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކާ އެކު، ދެ މީހުންނަށް ވެސް އެނގުނީ އެއް ހަގީގަތެކެވެ. އެމީހުން ހޯދަމުންދިޔަ އަޅައިލުމާއި، ހިތްހަމަޖެހުމާއި، ލޯބި ވަނީ ހަމަ އެ މީހުންގެ އަމިއްލަ ކައިވެނީގައެވެ. ނަމަވެސް، އެ ގުޅުން ބާކީކޮށްލެވިފައިވަނީ ފޯނުގެ އިސްކިރީނުތަކުގެ ޖާދޫއިންނެވެ. މިއީ އެ ކަން ރަނގަޅު ކުރާންވީ ވަގުތެވެ.

[އަހަރެމެންނަށް މި ކުރެވުނީ ކީއް؟] މަޑުމަޑުން ނާސިހު އިސްއުފުލައިލަމުން ބުންޏެވެ. އޭނާގެ އަޑުގައިވީ ހިތްދަތިކަމެވެ. ޒަމްރާއަށް ގިސްލައިފައި ރޮވުނެވެ. ދެ މީހުންނަށް ވެސް ހެދިފައިވާ ގޯސް އެ ވަގުތު ވިސްނުނެވެ. އެކަކު އަނެކަކަށް ވަގުތު ނުދީ، ފޯނަށް ދެވުނު ސަމާލުކަމުގެ ސަބަބުން ކާވެނި ހަލާކުގެ ތެރެއަށް ވެއްޓުނީއެވެ. ފޭކު އެކައުންޓްތަކުން ނަމަވެސް، އެ މީހުން ހިތުގެ އުދާސްތައް ބަންޑުންކޮށްލީ ހަމަ އެކަކު އަނެކަކަށެވެ. އެ ލޯބި އަދި ވެސް އެ ދެ ހިތުގައި ވާކަމުގެ ހެތްކަކީ އެއީއެވެ.

ދެ މީހުންނަށް ވެސް ދެކެވިފައި ވަނީ އެއް ވާހަކައެކެވެ. ލޯބީން ކުރި ކާވެނި ފޫއްސަށް ބަދަލުވި ވާހަކައެވެ. ކޮންމެ މީހަކު ވެސް ކުށްވެރިކުރީ އަނެކާއެވެ. ޗެޓުން ދިމާވި މީހާ ދެކެ މާބޮޑަށް ލޯބިވެވިއްޖެއެވެ. މި ފަހަރު އެ ދެ މީހުންގެ ނަސީބު އަތުގައި ހިފައިފިއެވެ. އެހެނެއް ކޮންމެ މީހަކަށް ކޮންމެ ފަހަރަކު ނުވާނެއެވެ.

އެ ރެއަށް ފަހު، އެ ދެމަފިރީންގެ ދިރިއުޅުން މުޅީން ބަދަލުވިއެވެ. ގެއަށް ވަނުމަށް ފަހު ފޯނުތައް ދުރަށްލާން ދެ މީހުން ވެސް ވައުދުވިއެވެ. ކުރީގެ ހިތްހަމަނުޖެހުންތަކާއި ދުރުކަން ފިލައި، އަލުން އެކަކު އަނެކަކާ ހީނލައިފައި ވާހަކަދައްކާން ފެށިއެވެ. ކުރެވުނު ކުށަކީ އެ މީހުންގެ ގުޅުން އިތުރަށް ވަރުގަދަކޮށްދިން ފިލާވަޅަކަށް ވިއެވެ. ޗެޓުގައި ކޮންމެ މީހަކު ޖެހި ނަމަކީ މާ ލޯބި ނަމަކަށް ވެއްޖެއެވެ. މިހާރު ލޯބިން އެ ނަމުން އެކަކު އަނެކަކަށް ގޮވައިލެވެއެވެ.

ލޯބީން ފެށުނު ކައިވެނި، ބީރައްޓެހިކަމުގެ ދުވަސްތަކަކަށް ފަހު، އަލުން ހަގީގީ ލޯބީން ފުރިގެންދިޔައީ މާ ފުރިހަމަކޮށެވެ. އެރޭ އެ ދެ މީހުން ގެއަށް ވަނީ ފޯނުގެ އިސްކިރީނަށް ބަލަމަކުންނެއް ނޫނެވެ. ނަމަވެސް، އެކަކު އަނެކަކުގެ އަތުގައި ހިފަހައްޓައިގެން، ލޮލާއި ލޮލުން ހިތަށް އުފާވެރިކަން ހޯދަމުންނެވެ. އެ މީހުން ދޫކޮށްލި [ބީރައްޓެހި] އެކައުންޓުތަކަކީ، އެ މީހުންގެ ހަގީގީ ހަޔާތް އަލުން ދިރުވައިދިން ޚިޔާލީ ބާބަކަށް ވެއްޖެއެވެ. (ނިމުނީ)

 

ބައެއް ލަފުޒުގެ މާނަ:

އިސްކިރީނު   ނ.     (1) ގިއުގަނޑެއްގައި ފަތިޖަހައިގެން ހަދައިފައި ހުންނަ ބިތްގަނޑު. (2) ބައިސްކޯފުގެ ތަސްވީރު އަރާ ފަރުދާ. (3) ކޮންޕިޔުޓަރާއި ފޯނު ފަދަ އާލަތްތަކުން މަންޒަރާއި ފޮޓޯއާއި ލިޔުން ފެންނަ ތަން.

ޗެޓު       ނ.     އޮންލައިންކޮށް އަނގަތެޅުމަށް ކިޔާ ނަން.

ޗެޓުކުރުން    މ.     އޮންލައިނުކޮސް އަނގަތެޅުން

ކޮމެންޓު