ad_banner
އެމެރިކާއާއި އީރާނުގެ ހަނގުރާމަ - އިތުބާރުގެ ރެނދު ބައްދައި، ދާއިމީ ސުލްހައެއް ގާއިމުކުރެވިދާނެތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 މޭ 2026

އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ، މާނައެއް، ބޭނުމެއް ނެތް، ތާކުންތާކުނުޖެހޭ ހަނގުރާމަ ހުއްޓައިލައި، ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވިދާނެތޯ ކުރެވޭ ސުވާލަކީ ބައިނަލްއަގުވާމީ ސިޔާސީ މަސްރަހުގައި މި އަދު ކުރެވޭ އެންމެ ބޮޑު އެއް ސުވާލެވެ. މި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަކީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއް ނޫނެވެ. އެއީ ފިކުރީ، ދީނީ، ސިޔާސީ ޚިޔާލު ތަފާތުވުމުގެ ސަބަބުންނާއި މެދުއިރުމަތީގައި ނުފޫޒު ގަދަކުރުމުގެ ވިސްނުމުގެ ސަބަބުން އުފެދިފައިވާ ޒަމާންވީ [ހަނގުރާމައެކެވެ.]

އެމެރިކާއާ އެކު އެއްބަސްވުންތަކެއް ހެދިޔަސް އެއީ އެއްވެސް އިތުބާރެއް ހުރި އެއްޗެއް ނޫންކަން މާޒީގެ ތަޖުރިބާތަކުން ދުނިޔެއަށް ވަނީ ސާބިތުވެފައެވެ. މި ތަޖުރިބާތަކުން އީރާނު ޢިބުރަތް ޙާޞިލުކުރެއެވެ.

އާދޭހެވެ! 2003ވަނަ އަހަރު ލީބިޔާގެ އޭރުގެ ޒައީމު ކާނަލް މުޢައްމަރުލްޤައްޒާފީ، އެމެރިކާއާއި ހުޅަނގުގެ ގައުމުތަކާ އެކު އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުން ލީބިޔާގައި ހަތިޔާރު އުފެއްދުމުގެ ހުރިހައި ޕްރޮގްރާމެއް ހުއްޓައިލައި ހަތިޔާރުތައް ނައްތައިލިއެވެ. އެއީ ލީބިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލައި، ލީބިޔާ ޙިމާޔަތްކޮށް ރައްކަތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ޖާމިނުވުމުގެ މުޤާބިލުގައެވެ.

އޭރު ލީބިޔާއަކީ އެފުރިކާގެ އެންމެ ކުރިއަރައިފައިވާ އެންމެ މުއްސަނދި ގައުމެވެ. ރައްޔިތުންނަށް ހުރިހައި ޚިދުމތަކާއި ވަސީލަތެއް ހަމަ އެއްވެސް އަގަކާ ނުލައި ލިބެމުން އައި ހަމައެކަނި ގައުމެވެ.

ނަމަވެސް ހަތިޔާރު ނެތި، އަދި ހަތިޔާރުގެ ގޮތުން ލީބިޔާ ނިކަމެތިވެފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ޑިމޮކުރެސީގެ ނަމުގައި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން 2011ގައި ނުކުމެ، ލީބިޔާގައި ފިތުނަ ފަސާދައުފައްދައި އަހުލީ ހަނގުރާމައެއް އުފަންކުރުވިއެވެ. އަދި ގައްޒާފީގެ ސަރުކާރު ވައްޓައިލުމަށް ޓަކައި އަސްކަރީ ގޮތުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވެދިނެވެ. ވަރަށް އަނިޔާވެރި ގޮތަކަށް ޣައްޒާފީ އަވަހާރަކޮށްލުމަށް މަގުފަހިކުރިއެވެ. މިއަދު ލީބިޔާ އޮތީ، ޢުމްރާނީ ގޮތުންނާއި ސިޔާސީ ގޮތުން ސުންނާފަތިވެ، ދުވަހަކު ވެސް އަރައިނުގަނެވޭ ފަދަ ނުރައްކާތެރި ޙާލަތެއްގައެވެ. ލީބިޔާގައި މިއަދު ތިން ހަތަރު ސަރުކާރު އެބަ އޮތެވެ. އދ.އިން އެންމެ ސަރުކާރެއް ގަބޫލުކުރިޔަސް މި ހުރިހައި ސަރުކާރުތަކަކުން ވެސް ދޫނުދީ ހަނގުރާމަކުރުމުގައި ދެމި އެބަތިއްބެވެ.

އީރާނުގެ އަމިއްލަ ތަޖުރިބާއަށް ބަލާ އިރު، 2015 ވަނަ އަހަރު އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު، ނިއުކުލިއަރު އެއްބަސްވުމުގައި ސޮއިކުރިއެވެ. މި އެއްބަސްވުމާ އެއް ގޮތަށް އީރާނާއި އެހެން ގައުމުތަކުން ޢަމަލުކޮށްކޮށް ތިއްބައި 2018ގައި ޑޮނަލްޑު ޓުރަންޕު ވަނީ އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގައި މަގުބޫލު އެއްވެސް ސަބަބެއް ނެތި، އެ އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅައި ކުރީން އަޅައިފައި ހުރި ހުރިހައި ފިޔަވަޅެއް އިތުރަށް ހަރުކަށިކޮށްފައެވެ.

އިރާގާއި އަފުޣާނިސްތާނަށް އެކަނި ބަލައިލިކަމަށް ވިޔަސް، އެމެރިކާއިން ޑިމޮކުރަސީއާއި ސުލްހައިގެ ނަމުގައި މާޒީގައި ހިންގައިފައިވާ އަސްކަރީ ހުރިހައި ހަރަކާތްތަކެއްގެ ނަތީޖާއަކަށް ފެނިފައިވަނީ އެ ގައުމުތައް ސުންނާފަތިވެ، އަމާންކަން ގެއްލި، ތަރައްގީ އެތައް އަހަރެއްގެ ފަހަރަށް ވެއްޓުމެވެ. އެމެރިކާއިން އަޅާ މި ފަދަ ކޮންމެ ފިޔަވަޅެއްގެ ހަގީގީ މަގުސަދަކަށް ވެފައި އޮންނަނީ އިޒުރޭލޭ ކިޔާ ދައުލަތަށް ފަހަރެއްގައި ވެސް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނަ ހުރިހައި ގައުމެއްގެ ބާރު ކަނޑުވައިލައި، އިޒުރޭލުގެ އަނިޔާވެރި ސިޔާސަތާ ދެކޮޅަށް ބަސްބުނާ ކޮންމެ ޒައީމެއް ނައްތައިލުމެވެ. އިޒުރޭލު ނޫން ބާރެއް މެދުއިރުމަތީ ސަރަހައްދުގައި އޮތަ ނުދިނުމެވެ.

މި ހުރިހައި ކަމެއް އީރަނަށް އެނގެއެވެ. އެމެރިކާއަކަށް އީރާނަކުން އިތުބާރެއް ނުކުރެއެވެ.

އާދޭހެވެ! ދެ ފަރާތުގެ މަސްލަހަތާއި ސިޔާސީ މަޖުބޫރުތަކުގެ މައްޗަށް ރިޢާޔަތްކޮށް ކުރު މުއްދަތަކަށް [ހަނގުރާމަ ނުކުރުމުގެ] ނުވަތަ ނިއުކުލިއަރު މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ އެއްބަސްވުމަކަށް އާދެވިދާނެއެވެ. ނަމަވެސް މި ދަންނަވާ ސަބަބުތައް އެހެން ހުރުމާ އެކު، ދާއިމީ ސުލްހައެއް ގާއިމުވުމަކީ ވެސް ފަސޭހަ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

1.  ލީބިޔާއާ އެކު އެމެރިކާއިން ވީ އެއްބަސްވުމުގެ ދަށުން ލީބިޔާގެ ހަތިޔާރުތައް ނައްތައިލުމުން ލީބިއާއަށް ވީގޮތް.

2.  2015ގެ ނިއުކުލިއާ އެއްބަސްވުމަށް ފަހު، އެމެރިކާއިން އެއްބަސްވުންތައް އުވާލާނެކަމުގެ ބިރު އީރާނަށް އަބަދުވެސް އޮތުން.

3.  އީރާނާއެކު އެމެރިކާއިން ސުލްހަވުމަށް، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ އިސްރާއީލުން ހުރިހައި ގޮތަކުން ހުރަސްއެޅުން.

4.  އީރާނާ އެކު ސުލްހައެއް ގާއިމުކުރާން އިޒުރޭލުން ކަނޑައެޅިގެން ދެކޮޅުހެދުން.

5.  ޔަމަނާއި ސޫރިއާއައި ލުބުނާނުގައި ޙަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުގެ ބާރާއި ނުފޫޒު ކަނޑުވައިލާން އީރާނުން ބޭނުންނުވުން.

6.  ޔަމަނާއި ސޫރިއާއައި ލުބުނާނުގައި ޙަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމޢާތްތައް ގިއްގަޅުވައިނުލެވެނީސް އެމެރިކާއިން ދާއިމީ ސުލްހައަކަށް އެއްބަސްވާނެކަމަށް ގަބޫލުނުކުރެވުން.

މި ހުރިހައި ކަމަކަށް ރިޢާޔަތްކުރާ އިރު، ދާއިމީ ގޮތެއްގައި ސުލްހަ ގާއިމުކުރުމުގެ އެއްބަސްވުމެއް މާ އަވަހަކަށް އެކުލަވައިލުމަކީ ފަސޭހަ ކަމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ސީދާ ބޮޑު ހަނގުރާމައަކަށް ނުގޮސް، ރަސްމީކޮށް ދާއިމީ ސުލްހައެއްވެސް ގާއިމުނުކޮށް މިހާރު ވެސް މި އޮތް ފަދަ ޙާލަތެއްގައި ނުތަނަވަސްކަމުގެ ތެރޭގައި ގިނަ ދުވަސްވަންދެން މެދުއިރުމަތި އޮތުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

އީރާނުން ގަބޫލުކުރަނީ ހުޅަނގުގެ ބާރުތަކުން ސަލާމަތްވުމުގެ އިސްތިރާޖަކީ ހަތިޔާރު ދޫކޮށްލުން ނޫންކަމަށެވެ.  އެއާ ޚިލާފަށް، މިސައިލު ޕްރޮގްރާމާއި ނިއުކުލިއަރު ގާބިލުކަން އިތުރަށް ވަރުގަދަކުރުމަކީ އީރާނު ދެމި އޮތުމަށް ކޮންމެހެން ލާޒިމު ކަމެއްކަމަށް އީރަނުން ގަބޫލުކުރެއެވެ. ލީބިޔާއާއި އިރާގާއި ސޫރިއާއާއި އަފުޣާނިސްތާނާއި ޚުދު އީރާނުގެ ތަޖުރިބާ، އެ މީހުން ހަނދާންނައްތައެއްނުލާނެއެވެ. ނަތީޖާއެއްގެ ގޮތުން އީރާނުން މިހާރު ގެންދަނީ ޗައިނާއާއި ރަޝިއާއާ އެކު އޮންނަ އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ބަދަހިކުރަމުންނެވެ. އެއީ އެމެރިކާއާއި ހުޅަނގުގެ މުނާފިގުކަމުގެ ސަބަބުން އެމެރިކާއައި ހުޅނަގުގެ ގައުމުތަކަށް ހަމަ އެއްވެސް މިންވަރަކަށް އިތުބާރުނުކުރެވޭތީއެވެ.

އިސްވެ ދެންނެވުނު ސަބަބުތައް އެހެން ހުރުމާ އެކު، އެމެރިކާއާއި އީރާނާ ދެމެދު ރަސްމީ އެއްބަސްވުމެއް ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް މި ފަދަ އެއްބަސްވުމެއް ހެދުމަކީ މުސްތަހީލު ކަމެއް ވެސް ނޫނެވެ. ނަމަވެސް، ކުރީގެ ހިތި ތަޖުރިބާތަކުގެ ސަބަބުން، އެ ފަދަ އެއްބަސްވުމަކަށް އަމަލީ ސިފައެއް އައިސް، ދެ ފަރާތުން އިތުބާރު އަލުން ގާއިމުކުރުމަކީ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން ފަސޭހަ ކަމެއްނޫނެވެ. އީރާނުން އަބަދުވެސް ވިސްނާނީ އެމެރިކާއަށް އިތުބާރުކޮށް ގާއިމުކުރެވޭ ސުލްހައަކުން އީރާނަށް އަމާންކަން ހޯދުމުގެ ބަދަލުގައި އީރާނުގެ އަމިއްލަ ދިފާއީ ބާރު ގަދަކޮށްގެން، އެ މީހުންގެ ދައުލަތާއި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދޭށެވެ. ވީމާ، އެމެރިކާއާއި އީރާނާ ދެމެދު ވެވޭ ސުލްހައިގެ އެއްބަސްވުމަކަށް އެހައި އަވަހަށް އުންމީދުކުރެވޭކަށް ނެތެވެ.

ކޮމެންޓު