ad_banner
އެމެރިކާއާއި އީރާނު، އެއްބަސްވުމަކާ ދިމާއަށް؟! – އަޅުގަނޑުގެ ޚިޔާލު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 މޭ 2026

ބައިނަލްއަގުވާމީ ސިޔާސީ މަސްރަޙުގައި އެމެރިކާއާއި އީރާނުގެ ގުޅުމަކީ އަބަދުވެސް ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ގުޅުމެކެވެ. ޚާއްޞަކޮށް މެދުއިރުމަތީގެ ސަރަޙައްދީ ރައްކާތެރިކަމުގެ މައްސަލައިގައްޔާއި، އީރާނަށް ކުރާ ނިއުކުލިއަރު ހަތިޔާރުގެ ތުހުމަތުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، ދޭތެރެ ދޭތެރެއިން އަސްކަރީ ކުރިމަތިލުމަކާ ހަމައަށް ދިޔުމަކީ ދާދި ކައިރީގައި އޮންނަ ކަމެކެވެ. މިހާރު ހުއްޓައިލާނެ ގޮތެއް ނޭނގިގެން މި އުޅޭ، އީރާނު ހަނގުރާމައާއި މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އެމެރިކާގެ އެހީތެރިކަމާ އެކު އިޒުރޭލުން އީރާނާ ދެކޮޅަށް ކުރި 12 ދުވަހުގެ ހަނގުރާމައަކީ ވެސް މި ކަމގެ އަލިގަދަ މިސާލުތަކެކެވެ.

ހަގީގަތަކީ މިއީކަމަށް ވިޔަސް މެދުއިރުމަތީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކު، އެމެރިކާއާއި އީރާނާ ދެމެދު އާ އެއްބަސްވުމަކަށް ދިއުމަށް ކުރެވޭ އުންމީދުތައް ދުނިޔޭގެ ގިނަ ބަޔެއްގެ ހިތްތަކުގައި ވަނީ އިތުރުވެފައެވެ. އަހަރުތަކަކަށް ދެމިގެންގޮސްފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ހަމަނުޖެހުންތަކަށް ފަހު، ދެ ފަރާތުގެ ދެމެދުގައި ސިއްރާއި ފާޅުގައި ކުރެވޭ މަޝްވަރާތަކުން އާ މިޞްރާބެއް ކަނޑައެޅިދާނެކަމުގެ ޢަލާމާތްތައް އަންނަނީ ފެންމަތިވަމުންނެވެ. ފަހަކަށް އައިސް ދެ ޤައުމުގެ ދެމެދުގައި އެކި ގައުމުތައް މެދުވެރިކޮށްގެން، ސިއްރާއި ފާޅުގައި ކުރެވެމުންދާ މަޝްވަރާތަކުގެ ސަބަބުން، ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް އާދެވިދާނެކަމުގެ އުންމީދެއް ވެސް ވަނީ ކުރެވޭން ފަށައިފައެވެ.

އެމެރިކާއާއި އީރާނުގެ ގުޅުން ގޯސްވާން ފެށީ 1979ގެ އިސްލާމީ އިންޤިލާބަށް ފަހުގައެވެ. އޭގެ ކުރީން ޝާހު މުޙަންމަދު ރިޟާ ޕަހެލެވީގެ ރަސްކަމުގެ ޒަމާނުގައި އީރާނަކީ މެދުއިރުމަތީގައި އެމެރިކާއިން އެންމެ އިތުބާރުކުރާ، އެންމެ ގާތް މިތުރެވެ. އިސްރިރާޖީ އެހީތެރިޔާ އަދި ބައިވެރިޔާއެވެ. ނަމަވެސް އާޔަތުﷲ ޚުމައިނީގެ އިސްވާރުކަމުގެ ދަށުގައި ސީދާ ރައްޔިތުން ގެނައި އިންޤިލާބުގެ ފަހުން، މި ގާތް ގުޅުން އެކީއެކަށް ކެނޑިއްޖެއެވެ. ދެ ޤައުމުގެ ދެމެދުގައި ސީދާ ޑިޕުލޮމެޓިކު ގުޅުމެއް ނޯވެއެވެ. ހަމައެކަނި ގުޅުންކެނޑި ގުޅުން ނޯންނަނީކީ ނޫނެވެ. އެ ހިސާބުން ފެށިގެން ވޭތުވެދިޔަ 47 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން އީރާނުން އެ ދެމި އޮތީ، އެމެރިކާއާއި އެމެރިކާއަށް ނުފުޒުފޯރުވޭ ކޮންމެ ގައުމަކާއި ޖަމުޢިއްޔާއަކުން އަޅައިފައި އޮތް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެތެރޭގައެވެ. ބަރަކު އޮބާމާގެ ރިޔާސަތުގައި 2015ވަނަ އަހަރު ވެވުނު ނިއުކުލިއަރު އެއްބަސްވުންކަމަށްވާ [ޖޮއިންޓު ޕުލޭން އޮފް އެކުޝަން] އެއީ މި ދެންނެވި ނުތަނަސްކަމަށް މަޑުމަޑުޑުން ފިނިކަން ގެނެސްދޭނޭ އެއްބަސްވުމެއްކަމަށް ހީކުރެވުނެވެ. ޓުރަންޕުގެ ބަހުރުވައިން އަޅުގަނޑުމެން ވާހަކަދައްކާނަމަ އެއީ ރަނގަޅު ޑީލެކެވެ. މި ޑީލުގައި އެމެރިކާއާއި އީރާނުގެ އިތުރަށް ސީނުކަރައާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި، ރޫސީވިލާތާއި، އިނގިރޭސިވިލާތް ބައިވެރިވިއެވެ. ނުތަނަވަސްކަމަށް މި ޑީލާ، އެކު ކުޑަ ލުޔެއް ފެނުނު ކަމުގައި ވިޔަސް، 2018 ވަނަ އަހަރު ޑޮނަލްޑު ޓުރަންޕު އެ އެއްބަސްވުމުން އެމެރިކާ ވަކިކޮށް، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އިތުރުކުރުމުގެ ސަބަބުން ކުރީއްސުރެ، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވިއެވެ.

މި ފަހަކަށް އައިސް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި، ރަތްކަނޑުގެ ސަރަޙައްދުގައި ދެވޭ ޙަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުވާ ޙަމަލާތައް އިތުރުވިއެވެ. މިއީ ސީދާ އެމެރިކާއާއި އީރާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެ ފަދަ ނުރައްކާތެރި ދަރަޖައަކަށް ދިޔަ ކަމެކެވެ.

ނަމަވެސް ދެ ޤައުމުގެ ދެމެދުގައި ސީދާ ކުރިމަތިލުމަކަށް ދިއުމަކީ ދުނިޔޭގެ އިގުތިސާދަށާއި މެދުއިރުމަތީގެ ހަމަޖެހުމަށް ބޮޑު ނުރައްކަލަކަށް ވާތީ، ޤަޠަރާއި އޮމާން ފަދަ ޤައުމުތައް މެދުވެރިވެގެން ދިޔައީ ދެ ފަރާތް ސުލްޙަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން ޙަމަލާ ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ވާހަކަތައް ތިލަވާން ފަށައިފައިވާ އިރު، މި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމަކީ މުޅި ދުނިޔެއަށް، ޚާއްޞަކޮށް ގަލްފުގެ ގައުމުތަކަށް، އަދި ވަކީން ޚާއްޞަކޮށް އެމެރިކާއާއި އީރާނަށް ވަރަށް މުހިންމު ކަމެކެވެ.

އެހެންކަމުން މި ފަދަ އެއްބަސްވުމަކަށް އާދެވޭތޯ އޮމާނާއި ޤަޠަރުން ވަނީ ދެ ފަރާތުގެ މެދުގައި ނުރަސްމީ ސިޓީތަކާއި މެސެޖުތައް ބަދަލުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ޕާކިސްތާނުން ވެސް މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއެވެ. ޕާކިސްތާނަކީ އެމެރިކާއާއި އިރާނާ ވެސް ގާތް ގުޅުމެއް އޮންނަ ގައުމެއްކަމަށްވާތީ، ޕާކިސްތާނަށް ދެ ގައުމުން ވެސް އިތުބާރުކުރެއެވެ.

މި ދެންނެވި ފަދަ އެއްބަސްވުމަކަށް އައުމަށް އެމެރިކާއާއި އީރާނަށް ވެސް ބޭނުންވާ ސަބަބުތަކެއް އެބަ ހުއްޓެވެ. މިސާލަކަށް:

·     އިޒުރޭލުގެ ޖާސޫސީ ރިޕޯޓުތަކަށް ބަލައި މަދު ދުވަސްތަކެއްގެ ތެރޭގައި ކާމިޔާބުކުރެވޭނެކަމަށް ލަފާކުރި ހަނބުރާމައިން އެމެރިކާއާއި އިޒްރޭލު ބޭނުންވާ ނަތީޖާއެއް ޙާޞިލެއްނުވިއެވެ. އީރާނާ މެދު ކުރެވުނީ ކުށް ހީޔެކެވެ. އީރާނުން ތިބީ ބަލިވެގެން ހަނގުރާމަ ހުއްޓައިލާ ގޮތަކަށް ނޫނެވެ. އެ މީހުން ތިބީ އެންމެ ފަހު މީހާއާ ޖެހެންދެން ގައުމު ދިފާޢުކުރުމުގައި ދެމި ތިބޭށެވެ. މި ކަމުގައި އީރާނުން ބޭނުންކުރާ އަގުހެޔޮ މިސައިލުތަކާއި ޑުރޯނުތަކުގެ އެންމެ އެއްޗެއް ވައްޓައިލެވޭތޯ އެމެރިކާއަށް ޖެހެނީ އެތައް މިލިއަން ޑޮލަރެއްގެ އަގު ބޮޑު ހަތިޔާރު ބޭނުންކުރާށެވެ! މި ކަމުގެ ސަބަބުން އެމެރިކާގެ އިގުތިސާދަށް ގެއްލުން ލިބި ޓުރަންޕުގެ ސިޔާސިއްޔަތަށް ފޫނުބެއްދޭ ފަދަ ގެއްލުންތައް އެބަ ލިބެއެވެ. އެހެންކަމުން ލަދުން ސަލާމަތްވުމަށް ޓަކައި ރީތި ގޮތަކަށް މި ހަނގުރާމައިން ނުކުންނާން އެމެރިކާ ބޭނުންވެއެވެ.

·     އީރާނަށް ކުރިމަތިވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ލުޔެއް ބޭނުންވެއެވެ. އެހެންކަމުން ބައެއް ކަންކަން ދޫކޮށްލައިގެން ނުވަތަ މެދުމިނުގެ ޙައްލަކަށް ގޮސްގެން ނަމަވެސް، މި ދަތިކުރުމުގެ ފިޔަވަޅުތަކުން ނުކުމެ، އެމެރިކާއިން ހިފައްޓައިފައިވާ އީރާނުގެ ފައިސާތައް އީރާނަށް ލިބުމަކީ ވީރާނާވެފައިވާ އެ ގައުމުގެ ޢުމްރާނިއްޔަތާއި އިގުތިސާދު ބިނާކުރުމަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ.

·     އީރާނަށް ދޫތަކެއް ދީގެން ނަމަވެސް އެމެރިކާއިން ބޭނުންވަނީ މެދުއިރުމަތީގައި ތިބި އެ ޤައުމުގެ ސިފައިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ. އީރާނުގެ ބާރު މިހާރު އެމެރިކާއަށް ވަނީ ފެނިފައެވެ. އީރާނު ރުޅިއަރުވައި އެ މީހުންނަށް ޖެއްސުންކޮށްގެން މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަޙަތުތަކަށް ރައްކާތެރިކަމެއް ނެތްކަން އެމެރިކާއަށް އެނގިއްޖެއެވެ.

·     ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަސްލަޙަތުތަކަށް އީރާނުން ބޭނުން ކޮންމެ ވަގުތަކު ހަމަލާދިނުމުގެ ގާބިލުކަން އީރާޏުގެ ހުރިކަން ގަލްފުގެ ގައުމުތަކަށް މިހާރު އެނގިއްޖެއެވެ. އެހެންކަމުން އެމެރިކާ މެދުވެރިކޮށް އީރާނަށް ހަމަލަދިނުމަކީ، އެ ގައުމުތަކަށް ވެސް ވަރަށް ބޮޑު ނުރައްކަލެއްކަން މިހާރު ގަލްފުގެ ގައުމުތަކުން ގަބޫލުކުރެއެވެ.

·     އެމެރިކާއިން އީރާނުގެ ބައެއް ފައިސާ ފްރީޒްކޮށްފައި ހުރި ހުރުމުން ލުއިދިނުމުގެ ވާހަކަތައް ހިމެނެއެވެ. އެމެރިކާއިން ހިފައްޓައިފައިވާ ބައެއް ފައިސާ ދޫކޮށްލައިގެން ނަމަވެސް އީރާނުން ވާގިވެރިވާ ޖަމާޢަތްތަކުން އެމެރިކާގެ މަޞްލަޙަތުތަކަށް ޙަމަލާދިނުން ހުއްޓުވާން އެމެރިކާ ކޮންމެހެން ވެސް ބޭނުންވެއެވެ.

·     ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ގަލްފުގެ ތެޔޮ ބޭރުކުރުން ހުއްޓި އެ ގައުމުތަކަށް އިގުތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމެކެވެ. އެހެންކަމުން، އެމެރިކާއިން ހިސާރުކޮށްފައި އޮތް އީރާނުގެ ބަނދަރުތަކުގެ ހިސާރު ދޫކޮށް އީރާނު ރުއްސައިގެން ވިޔަސް ހުރުމުޒު ކަނޑުއޮޅީން އަމާންކަމާ އެކު އާގުބޯޓުތަކަށް ދަތުރުކުރެވޭނެ ގޮތްވުމަކީ ގަލްފުގެ ގައުމުތަކަށް ޚާއްޞަކޮށް، އަދި އާންމުކޮށް މުޅި ދުނިޔޭގެ ވިޔަފާރިއާއި އިގުތިސާދަށް ވަށް މުހިންމު ކަމެކެވެ.

·     އެމެރިކާ މެދުވެރިވެގެން ހުރުމޫޒު ކަނޑުއޮޅި އެކީއެކަށް ހުޅުވައިލެވިއްޖެ ނަމަ، އެއީ ބައިނަލްއަގުވާމީ މައިދާނުގައި އެމެރިކާއަށް ލިބޭ ކާމިޔާބީއެއްކަމަށް ޓުރަންޕު ގަބޫލުކުރެއެވެ.

މި ފަދަ އެއްބަސްވުމަކަށް ވާސިލުވެވިއްޖެ ނަމަ، އޭގެ ސަބަބުން ބައިނަލްއަޤުވާމީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ފުރަތަމަ ކަމަކަށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަމައަކަށް އެޅުމަށް އެހީތެރިވެދޭނެއެވެ. އަދި މެދުއިރުމަތީގައި ހިނގަމުންދާ އެހެނިހެން ހަނގުރާމަތަކަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް މަގުފަހިވާނެއެވެ.

ނަމަވެސް، މި ފަދަ އެއްބަސްވުމަކާ ދެކޮޅުހަދާ ސަރަޙައްދީ ބާރުތައް ވެސް އެބަހުއްޓެވެ. ޚާއްޞަކޮށް އިސްރާއީލުން ދެކޭގޮތުގައި އީރާނަށް އެއްވެސް ކަހަލަ ލުޔެއް ދިނުމަކީ އެ ޤައުމުގެ ނިއުކުލިއަރު މަޝްރޫޢު ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެކެވެ. އެހެންކަމުން، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަޙުންނާއި ބައެއް ބައިވެރީންގެ ފަރާތުން މި އެއްބަސްވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަދި މެދުއިރުމަތީގައި ބޮޑު ބާރެއްކަމަށްވާ ޔޫއޭއީއަކީ އިޒުރޭލަށް ފާޅުގައި ތާއީދުކުރާ ގައުމެކެވެ. އަދި އިޒުރޭލަށް އިޢުތިރާފުވެދާނެކަމުގެ އިޝާރާތެއް ދާއި ފަހުން ސުޢޫދީ ޢަރަބިއްޔާއިން ވަނީ ލިބިފައެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުސް(IRGC) އާއި ދީނީ ބައެއް އިލްމުވެރީން އެމެރިކާއަށް އިތުބާރެއް ނުކުރެއެވެ. އެމެރިކާއިން ކުރީގެ އެއްބަސްވުން (JCPOA) އިން ވަކިވި ގޮތަށް، އަލުން ވެސް އާ އެއްބަސްވުން އުވައިލައިފާނެކަމުގެ ބިރު އެމީހުންނަށް އޮވެއެވެ.

އަދި ދާދި ފަހުން އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޣުޗީ ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ ވަނީ އިޒުރޭލުން ބުލެކުމޭލުކޮށްފައެވެ. އެހެންކަމުން އިޒުރޭލުގެ ނުފޫޒު އެމެރިކާއަށް އޮންނާނެކަމާ މެދަކު އަރަޣުޗީ ޝައްކެއްވެސް ނުކުރައްވައެވެ.

އެހެންކަމުން ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، ސީދާކޮށާއި ނުސީދާކޮށް، ފާޅާއި ސިއްރުގައި، މި ފަދަ އެއްބަސްވުމަކަށް ހުރަސްއަޅާ ބާރުތަކެއް އެބަހުއްޓެވެ. އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މި ކަމާ ދެކޮޅުހަދަނީ ކުރީން ވެސް ދެންނެވި ފަދައިން ހަމަ އިޒްރޭލުންނެވެ.

އެހެންކަމުން ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ވާހަކަތަކުގައި އިޒުރޭލު ބައިވެރިނުކުރާ ގޮތަށް މިހާރުވަނީ ހަމަޖައްސައިފައެވެ. އަދި މި ކަމުގެ އެއްވެސް މަޢުލޫމާތެއް ވެސް އިޒްރޭލަށް ނުދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މި ގޮތަށް ހަމަޖެއްސި މައިގަނޑު ސަބަބުތަކަކީ:

·     އިޒުރޭލުގެ ހަރުކަށި ވިސްނުން: އީރާނާ އެކު އެއްވެސް ކަހަލަ ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމަކީ އިޒުރޭލުން އަބަދުވެސް ދެކޮޅުހަދާ ކަމެކެވެ. އެހެންކަމުން، އިޒުރޭލު ބައިވެރިކޮށްފި ނަމަ، މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެކަން އެމެރިކާއަށް އެނގެއެވެ.

·     އީރާނުގެ ޝަރުޠު: އީރާނުން މަޝްވަރާގެ މޭޒަށް އައުމުގެ އެންމެ ބޮޑު އެއް ޝަރުޠަކީ، އެމެރިކާއާ ސީދާ މުޢާމަލާތްކުރުމާއި، އިޒުރޭލުގެ އެއްވެސް ނުފޫޒެއް މި ކަމަށް ފޯރުވިޔަނުދިނުމެވެ.

·     އެމެރިކާގެ އިސްތިރާޖީ ބަދަލު: މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުން ހުއްޓުވައި، އަމިއްލަ ސިޔާސީ މަޞްލަޙަތުތައް ޙިމާޔަތްކުރުމާއި އިޒުރޭލުގެ "އިސްތިސްނާ" ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ބައިނަލްއަޤްވާމީ އަބުރަށް ލިބޭ ގެއްލުންތަކުން ސަލާމަތްވެ، ދުނިޔޭގެ ލަދުން ސަލާމަތްވާނެ ފަދަ ގޮތަކަށް މި ހަނގުރާމައިން ނުކުތުމަކީ ވެސް މީގެ ބޭނުމަކަށް ވެދާނެއެވެ.

މުޙައްލިލުން ލަފާކުރާ ގޮތުގައި، ދެ ފަރާތަށް ވެސް ފައިދާވާނެ ފަދަ [މެދުމިނުގެ] އެއްބަސްވުމަކަށް އާދެވިދާނެއެވެ. މި ފަދަ އެއްބަސްވުމެއް އެކުލަވައިލެވިއްޖެ ނަމަ އެ އެއްބަސްވުމުގައި އެކުލެވިދާނެ ނުކުތާތަކަކީ:

·     އީރާނުގެ ނިއުކުލިއަރު ޕުރޮގްރާމް މަޑުޖައްސައިލުން: ޔުރޭނިއަމް މުއްސަނދިކުރުން ވަކި ދަރަޖައެއްގައި ހިފެހެއްޓުމަށާއި، ބައިނަލްއަގުވާމީ އިންސްޕެކުޓަރުންނަށް ފުރުޞަތު ދިނުމަށް އީރާނުން އެއްބަސްވުން.

·     ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުން: އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ފައިސާގެ ބޭންކު އެކައުންޓުތައް ދޫކޮށްލުމާއި، ތެލުގެ ވިޔަފާރިކުރުމުގެ ހުއްދަ ވަކި މިންވަރަކަށް ދިނުން.

·     ސަރަޙައްދީ ހަމަޖެހުން: ޔަމަނާއި ޢިރާޤާއި ސޫރިޔާ ފަދަ ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ޙަރަކާތްތައް މަޑުޖައްސައިލުމަށް އީރާނުން ބާރުއެޅުން.

އެމެރިކާއާއި އީރާނާ ދެމެދު ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމެއް ޤާއިމުކުރުމުގެ ތަޞައްވުރަކީ މުޅި މެދުއިރުމަތީގެ ހަމަޖެހުމާ ގުޅިފައިވާ މުހިންމު ފިޔަވަޅެކެވެ. މިއީ ހަމައެކަނި އަސްކަރީ ކުރިމަތިލުންތަކެއް ހުއްޓުވުމެއް ނޫނެވެ. މިއީ ދިގު މުއްދަތެއްގެ ޑިޕުލޮމެޓިކު ގުޅުމަކަށް ދޮރު ހުޅުވިދާނެ ކަމެކެވެ. މި އެއްބަސްވުން ކާމިޔާބުވުން ބިނާވެފައިވަނީ ދެ ފަރާތުންވެސް ދޫދިނުމުގެ ސިޔާސަތެއް ގެންގުޅުމާއި، ވެވޭ އިޤުރާރުތަކަށް އިޚުލާޞްތެރިކަމާއެކު ބޯލެނބުމުގެ މައްޗަށެވެ. ނަމަވެސް ސަރަހައްދީ ބާރުތަކާއި އެމެރިކާއާއި އިޒުރޭލުގެ ލޮބީ ގުރޫޕުތަކުގެ ފިއްތުންތަކުގެ ސަބަބުން އަޅުގަނޑުމެން އުންމީދުކުރާހައި އަވަހަށް އެއްބަސްވުމަކަށް އައުމަކީ އެކަށީގެންވާ ކަމެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

ކޮމެންޓު