އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
25 މޭ 2026
މާތް ﷲ ދުނިޔޭގައި ލައްވައިފައިވާ ހުރިހާ ދުވަސްތަކަކީ މާތްކަމާއި މަތިވެރިކަމުގެ ގޮތުން ހަމަހަމަ ދުވަސްތަކެއްނޫނެވެ. ބައެއް ދުވަސްތަކުގައި އެކަލާނގެ ދޮރުކޮޅުތައް ހުޅުއްވައިދެއްވަނީ ރަޙުމަތާއި ހެޔޮ ޢަމަލުތައް ޤަބޫލުކުރައްވާ ދުވަސްތަކެއްގެ ގޮތުގައެވެ. މި ދުވަސްތައް ހުރިހައި ދުވަސްތަކެއްގައި ނާންނާނެތެވެ. މި މަތިވެރި މޫސުމުގެ ތެރޭގައި އަޅުގަނޑުމެން މިހާރު ހޭދަކުރަމުންދާ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ވެއެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ މި ދުވަސްތައް ގަންދެއްވައި ބަސްވަޙީކުރައްވައިފައެވެ. މާތް ﷲ ޢައްޒަ ވަ ޖައްލަ އެއްޗެއް ނުވަތަ ތަނެއް ނުވަތަ ވަގުތެއް ގަންދެއްވަނީ އެ ތަނެއް ނުވަތަ އެއްޗެއް ނުވަތަ ވަގުތެއް މުހިންމު މާތް ތަނަކަށް ވާތީއެވެ. މި މުހިންމު ދުވަސްތަކުގެ ތެރޭގައި ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަސްވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. )وَلَيَالٍ عَشْرٍ[1]- އަދި ދިހަ ރޭ ގަންދެއްވަމެވެ.(
މަތިވެރި މާތް ﷲ މި ދިހަ ދުވަސް ގަންދެއްވައި ހުވައިކުރެއްވިކުރެއްވުމުން އެނގެނީ މި ދިހަ ދުވަހުގެ މަތިވެރިކަމާއި މާތްކަމާއި، އިންސާނާއަށް މި ދުވަސްތަކުގެ ލާބައާއި ފައިދާ ބޮޑުކަމެވެ. އެއީ މި ދުވަސްތަކުގެ ފައިދާ ލިބިގަތުމަށް އިންސާނާއަށް ގޮވައިލައްވާ ބަސްފުޅެކެވެ.
ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((ما من أيّامٍ أعظَمُ عندَ اللهِ ولا أحَبُّ إليه العَمَلُ فيهِنَّ من هذه الأيّامِ العَشْرِ، فأكْثِروا فيهِنَّ من التَّهْليلِ والتَّكْبيرِ والتَّحْميدِ - މި ދިހަ ދުވަހަށް ވުރެ މާތް ﷲގެ ޙަޟުރަތުގައި މާތްކަން ބޮޑު އަދި ހެޔޮ ޢަމަލުތައްކުރުން ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެތެވެ. ފަހެ ތިޔަބައިމީހުން މި ދުވަސްތަކުގައި ތަހުލީލުކިޔުމާއި ތަކުބީރުކިޔުމާއި ތަޙުމީދުކުރުން ގިނަކުރާށެވެ!))
އެއީ ހަމައެކަނި ކަލަންޑަރުގައި ހިމެނޭ ދުވަސްތަކެއް ނޫނެވެ. އެހެނެއްކަމަކު އެއީ ހިތް ތަރުތީބުކުރުމަށާއި ނަފުސު ހިސާބުކޮށް މުރާޖާކުރުމަށާއި ޙަޔާތުގެ ޙަޤީޤީ މާނަތައް އަލުން ދެނެގަތުމަށް ޓަކައި ދެއްވި މަތިވެރި ދުވަސްތަކެކެވެ.
އީމާނީ މޫސުންތަކާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި ﷲ މަތިވެރިކުރެއްވި މި އިންސާނާއާ މުޚާޠަބުކުރައްވާ އިރު، އެކަލާނގެ އެދިވޮޑިގަންނަވަނީ މި އިންސާނާ އެ މޫސުންތައް ދިރުންތެރިކަމާއި ކުރުންތެރިކަމާއި ލާބައާއި މަންފާކުރަނިވި މައިދާންތަކުގައި ވުނަކުރުމަށެވެ. ފުރާނައިގެ ޙަޔާތާ ގުޅުވުމަށެވެ. މި ދުވަސްތައް ޙައްޖުގެ މަނާސިކުތަކާ ގުޅިފައިވާތީއެވެ. މިންތިއާއި ކުލައާއި ނަސްލީ ތަފާތުތަކާ އެއްކިބާވެގެން ޙައްޖާޖީން ދުނިޔޭގެ ދުރު ހިސާބުހިސާބުން ﷲގެ ޠާހިރު މުޤައްދަސް ބިމަށް އާދެތެވެ. އެބައިމީހުންގެ މި ބިމުގައި އިޢުލާނުކުރަނީ ﷲގެ އެއްކައުވަންތަކަމެވެ. މުސްލިމުންގެ އެއްބައިވަންތަކަމެވެ. އިންސަނާގެ އަގުކުރެވެނީ އޭނާގެ އަތުގައި ހުރި ފައިސާއަކުންނޫނެވެ. އެހެނަސް އޭނާގެ ކިބައިގައި ހުރި ތަޤްވާވެރިކަމާއި އޭނާގެ ޟަމީރުގައި ހުރި އިޚުލާޞްތެރިކަމުންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ.
)وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴿٢٧﴾ لِّيَشْهَدُوا۟ مَنَٰفِعَ لَهُمْ وَيَذْكُرُوا۟ ٱسْمَ ٱللَّهِ فِىٓ أَيَّامٍ مَّعْلُومَٰتٍ - އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.. އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ.(
މި މަންފާތައް ސިންދަފާތެވެ. އީމާންކަމުގެ ފަރާތުން ލިބޭ މަންފާތަކެވެ. ބަދަލުވުންތަކުން ލިބޭ މަންފާތަކެވެ. އެނބުރި އައުމުން ލިބޭ މަންފާތަކެވެ. ބާރު ދުވެއްޔެއްގައި ބަދަލުވަމުންދާ ޒަމާނާ އެކު، ހިނގާން މަސައްކަތްކުރާ އިރު، އިންސާނާއަށް އޭނާގެ އަމިއްލަ ނަފުސުގެ މަތީން އޮންނަނީ ހަނދާންނެތިފައެވެ. މި އިންސާނާއަށް މި ދުވަސް ބުނާ ކަހަލައެވެ. ތިބާ ދުވުން މަޑުކޮށްލާށެވެ! ﷲގެ ޙަޟުރަތާ ކުއްތަންވުމަށް މަސައްކަތްކުރާށެވެ! ތިބާގެ ވެރިރަސްކަލާނގެ ހަނދުމަކުރުން ގިނަކުރާށެވެ! ނަމާދުކުރުމާއި ޞަދަޤާތްދިނުމާއި ރަޙިމުގެ ގުޅުން ވާޞިލުކުރުން ގިނަކުރާށެވެ! ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ހެޔޮބަސް ބުނާށެވެ! މި ދިހަ ދުވަހުގައި ތިބާ ކުރާ ކުދިކުދި ޢަމަލުތަކަށް ދެއްވާ ސަވާބު ވަނީ އިތުރުކުރައްވައިފައެވެ. އެއީ އެންވެރިކަމާއި މަސްވެރިކަމުގެ މޫސުމެވެ. ދަމުނަމާދަށް ތެދުވެ ދޮށިއަޅާށެވެ! ރަނގަޅު އެއްޗެއް ބޭނުނު ނަމަ ކިހައި ރަނގަޅުވާނެހެއްއެވެ؟
މި ދިހަ ދުވަހަކީ ވަކި ބަޔަކަށް ޚާއްޞަ ދުވަސްތަކެއްނޫނެވެ. ދުޅަހެޔޮ މީހުންނަށާއި ބަލިމަޑު މީހުންނަށެވެ. ފަޤީރުންނަށާއި މުއްސަނދީންނަށެވެ. ޙައްޖާޖީންނަށާއި ޙައްޖަށް ދިޔުމުގެ ނަސީބު ނުލިބުނު މީހުންނަށެވެ. މި ދުވަސްތަކުގައި ވެސް އަދި އެހެނިހެން ދުވަސްތަކުގައި ވެސް ﷲ ބައްލަވައިވޮޑިގަންނަވާނީ ޢަމަލުތަކުގެ ފޭރާމަށެވެ. ހިތުގެ ސާފުކަމަށެވެ. ނަފުސުގެ ރޫޙާނިއްޔަތަށެވެ.
ދިހަދުވަހަކީ ﷲގެ މަގު ހުޅުވިފައި ވާ ކަން ހަނދާންކޮށްދޭ ސަމާލެކެވެ. ޙަޔާތުގެ ހަލަބޮލިކަމުގެ ތެރޭގައި ކިތަންމެ ވަރަށް އަޑިއަށް ދިޔަސް މައްޗަށް އަރައި އަލުން ފަށައިގަނެވިދާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
ކުރުންތެރިކަން ނ. ނަތީޖާ ހާސިލުކުރަނިވި ގޮތެއްގައި އިންތިޒާމާއި ހަލުވިކަމާއެކު މަސައްކަތްކުރުމުގެ ގާބިލުކަން. efficiency
ވުނަކުރުން ނ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. Invest
މަރުޖާ:
[1] - الفجر: 1-2