އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
26 މޭ 2026
ޢަރަފަތު ދުވަސް – މަޝްހޫރުވެފައިވާ ޢަރަފާތު ދުވަސް – މިއީ މާތް ﷲ މި ދުނިޔޭގައި ލެއްވި އެންމެ މާތް ދުވަހެވެ. މި ދުވަސް ﷲގެ ޙަޟުރަތަށް އެކަލާނގެ އަޅުތަކުން ފާފަފުއްސަވާދެއްވުމަށް އެދި އަންނަ ދުވަސްކަމުގައި ވާތީއެވެ. އެއީ ﷲގެ ޙަޟުރަތާ ކުއްތަންކުރުވާ ޢަމަލުތަކާއި އަޅުކަންތައް ކުރުން އިތުރުކުރުމަށް އަންގަވައިފައިވާ ދުވަހެކެވެ. ދުނިޔޭގައި މާތްﷲ ލައްވަވައިފައިވާ ހުރިހާ ލައްޒަތްތަކަކަށް ވުރެ މި ދުވަހުގައި ކުރާ ޞާލިޙު ޢަމަލުތަކަށް މާތް ﷲ ދެއްވާ ސަވާބާއި އަޖުރު މަތިވެރިކަމުންނެވެ. ﷲގެ ރުއްސެވުމާއި ފުއްސެވުން ޙާޞިލުކޮށްދޭ ކަންތައްތަކަށް ކުރިމަތިލުން ގިނަކުރުމަށް ކައު ރަސޫލާ ގޮވައިލައްވައެވެ. އަރާރުންތަކާއި ޙަސަދަވެރިކަމުންނާއި ރުޅިވެރިކަން އުފައްދާ ޢަމަލުތަކާ ދުރުހެލިވުމަށް ނަސޭހަތްދެއްވިއެވެ.
ޢަރަފަތުގެ ނަން
ޙައްޖުމަހުގެ ނުވަވަނަ ދުވަހަށް މި ނަން ދެވުނު ސަބަބާ ބެހޭ ގޮތުން ޢިލްމުވެރިންގެ ބަސްފުޅުތައް ވަރަށް ގިނައެވެ. އޭގެތެރެއިން ބައެއް ބަސްފުޅުތައް ދަންނަވައިލާނަމެވެ.
1- މި ދުވަހުގައި ޙައްޖާޖީން ޢަރަފާތު ބިމަށް ޖަމާވެ ތިބޭތީއެވެ.
2- އިބްރާހީމުގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން ޤުރްބާންކުރައްވާ ތަން ފެނިވަޑައިގެންނެވި ހުވަފެންފުޅު އެއީ ޙައްޤުކަން އެކަލޭގެފާނަށް އެނގިވަޑައިގަތީ މި ދުވަހުގައިކަމަށް ވާތީއެވެ. އިބްރާހީމުގެފާނަށް މި ހުވަފެންފުޅު ފެނިވަޑައިގަތީ ތަރުވިޔާގެ ރޭގައެވެ. އެކަލޭގެފާނު މި ކަމާމެދު ވިސްނައިވަޑައިގެން ފިކުރުފުޅުކުރެއްވިއެވެ. އެއީ ﷲގެ ބަސްފުޅެއްތޯ ނުވަތަ ނޫންތޯ ބެއްލެވުމުގައެވެ. އަނެއް ރޭ އެކަލޭގެފާނަށް އެއީ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ބަސްފުޅުކަން އެނގިވަޑައިގެންނެވިއެވެ.[1]
3- ބުނެވޭ ގޮތުގައި އެ ބަސް އައިސްފައިވަނީ عَرْف – އެބަހީ މީރުވަސް – އިންނެވެ.
4- މި ބަސް އައިސްފައިވަނީ اعتراف (އިޢުތިރާފު ) އިންނެވެ. ﷲގެ އަޅުތަކުން އެތާނގައި ކުށްތަކަށް އިޢުތިރާފުވެ ފާފަފުއްސަވާދެއްވުން އެދޭތީއެވެ.
5- ނަސަފީގެފާނު ވިދާޅުވާ ގޮތުގައި މި ދުވަހަށް يوم عرفة އެވެ، ކިޔުނީ އާދަމުގެފާނާއި ޙައްވާގެފާނު މި ބިންމަތީގައި ބައްދަލުވެވަޑައިގެންނެވުނީ ޢަރަފާތު ފަރުބަދަމަތީގައި ކަމުގައި ވާތީއެވެ. މި ދެ ކަނބަލުން ސުވަރުގެއިން ބިމަށް ފައިބާވަޑައިގަތުމަށް ފަހު އެއްބޭފުޅަކު އަނެއް ބޭފުޅަކު ހޯއްދަވަން ދަތުރުކުރައްވަމުން ވަޑައިއިގެން އެއްބޭފުޅަކު އަނެއްބޭފުޅަކަށް ދުރުދުރުން ފެނިވަޑައިގަތީ މުޒްދަލިފާ ބިމުންނެވެ. މި ދެކަނބަލުންނަށް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވެ ވަޑައިގެން ތަޢާރުފުވެ ވަޑައިގެންނެވުނީ ޢަރަފާތުގައި ކަމަށް ވާތީއެވެ. މިހެންވެ މި ފަރުބަދައަށް "ޢަރަފަތު" އޭ ކިޔުނެވެ.
6- އެހެން ރައުޔެއް ބުނާގޮތުގައި ﷲ ތަޢާލާގެ އަމުރުފުޅަށް ޖިބްރީލު ޢަލައިހިއް ސަލާމު އިބްރާހީމު ޢަލައިހިއް ސަލާމުގެ އަރިހަށް ވަޑައިގެން ޙައްޖުގެ މަނާސިކުތައް ދަސްކޮށް ދެއްވުމަށް ފަހު އިބްރާހީމުގެފާނަށް ޙައްޖުގެ ޝަޢީރާތައް މިހާރު އެނގިވަޑައިގަންނަވައިފިތޯ ދެންނެވުމުން ވިދާޅުވިއެވެ. " عَرَفْتُه – އަޅުގަނޑަށް އެނގިއްޖެއެވެ. "
7- މި ބިމަށް ޢަރަފާތޭ ކިޔުނީ އެތާނގައި ޙައްޖުވެރީން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވެގެން ދާތީއެވެ.
8- މި ދުވަހަށް ޢަރަފާތު ދުވަސް ، އެވެ ކުޔުނީ ޙައްޖާޖީން އެ ދުވަހު މި ފަރުބަދަ މައްޗަށް އަރާތީއެވެ.ބިމުން މައްޗަށް އަރައިފައި ހުންންނަ ތަންތަނަށް އަރަބިން عرفة ކިޔާތީއެވެ.[2]
ޢަރަފާތު ދުވަހުގެ މާތްކަން
ޢަރަފާތު ދުވަހުގެ މާތްކަމާ ބެހޭ ބަސްފުޅުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ބަސްފުޅުތައް ދަންނަވައިލާނަމެވެ.
1- ނަރަކައިން އެންމެ ގިނައިން މުއްތިކުރެއްވުން. ނަބިއްޔާ عليه الصلاة والسلام ޙަދީސްކުރެއްވިއެވެ. ((ما مِن يَومٍ أَكْثَرَ مِن أَنْ يُعْتِقَ اللَّهُ فيه عَبْدًا مِنَ النّارِ، مِن يَومِ عَرَفَةَ، وإنَّه لَيَدْنُو، ثُمَّ يُباهِي بهِمُ المَلائِكَةَ، فيَقولُ: ما أَرادَ هَؤُلاءِ؟ - މާތް ﷲ ޢަރަފާތު ދުވަހަށްވުރެ ގިނައިން އެ ދުވަހެއްގައި އަޅުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ނުވެއެވެ. އަދި ހަމަކަށަވަރުން އެކަލާނގެ ކުއްތަންވެވޮޑިގަންނަވާނެއެވެ. އެއަށްފަހު އެކަލާނގެ އެބައިމީހުންނާމެދު މަލާއިކަތުންގެ މަޖިލިސްތަކުގައި ފަޚްރުވެރިވެވޮޑިގަންނަވާނެއެވެ. އަދި ވަޙީ ކުރައްވާނެއެވެ. އެބައިމީހުން އެދެނީ ކޮން ކަމެއް ހެއްޔެވެ؟))
2- މާތް ﷲ ފަޚުރުވެރިވެ ވޮޑިގަންނަވާ ދުވަހެއް ކަމުގައިވުން: ނަބިއްޔާ صلّى الله عليه وسلّم ޙަދީސްކުރެއްވިއެވެ. (( إنَّ اللهَ عزَّ وجلَّ يُباهي ملائكتَه عشيَّةَ عرفةَ بأهلِ عرفةَ، فيقول: انظُروا إلى عبادي شُعْثًا غُبْرًا[4] - ހަމަކަށަވަރުން ﷲ ޢައްޒަ ވަ ޖައްލަ ޢަރަފާތުދުވަހު ހަވީރު ޢަރަފާތުގައި ތިބި މީހުންނާމެދު މަލާއިކަތުންގެ މަޖިލިސްތަކުގައި ފަޚްރުވެރިވޮޑިގަނެ ވަޙީ ކުރައްވާނެއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަޅުން ހިރަފުހުން ތަތްތެޅި ބޯހޭވިފައިވާ ހާލުގައި ތިމަންރަސްކަލާނގެ ޙަޟުރަތަށް އައިސްތިބި ގޮތް ނިކަން ދެކެ ބަލާށެވެ! ))
3- ޙައްޖުމަހުގެ ނުވަވަނަ ދުވަހު ޢަރަފާތުގައި ނުހުރެވުނު މީހާއަށް އެ އަހަރުގެ ޙައްޖު ނުލިބުން. ޙައްޖުގެ އެންމެ މުހިންމު ރުކުނަކީ ޢަރަފާތުގައި ހުރުން ކަމުގައިވާތީއެވެ.ނަބިއްޔާ عليه الصلاة والسلام ޙަދީސްކުރެއްވިއެވެ.(( (الحجُّ عرفاتٌ، الحجُّ عرفاتٌ، الحجُّ عرفاتٌ. أيامُ مِنى ثلاثٌ فمنْ تعجّلَ في يومينِ فلا إِثْمَ عليهِ ومن تأخّرَ فلا إثْمَ عليهِ، ومن أدركَ عرفةَ قبلَ أن يَطلعَ الفجرُ فقد أدركَ الحجَّ[5] -ޙައްޖަކީ ޢަރަފާތެވެ. ޙައްޖަކީ ޢަރަފާތެވެ. ޙައްޖަކީ ޢަރަފާތެވެ. މިނާގެ ދުވަސްތައް ތިނެކެވެ. ދެ ދުވަހަށް އަވަސްކުރި މީހާގެ މައްޗަށް އަދި ފަސްކުރިމީހާގެ މައްޗަށް ކުށެއް ނެތެވެ. ޙައްޖުވިލޭރޭ ފަތިސްވުމުގެ ކުރިން ޢަރަފާތަށް ދެވުނު މީހާއަށް ފަހެ ހަމަކަށަވަރުން ޙައްޖު ލިބިއްޖެއެވެ.)) އިބްނު ތައިމިއްޔާ رحمه الله ވިދާޅުވާ ގޮތުގައި ޙައްޖަކީ ޢަރަފާތޭ ޙަދީސްކުރެއްވި ބަސްފުޅުގެ މާނައަކީ ޙައްޖުގެ އަޞްލަކީ ޢަރަފާތެވެ. އެހެން ކަންތައްތަކަކީ އެއާ ތަބާވެގެންވާ ކަންތައްތަކެކެވެ.
4- ޙައްޖަތުލްވަދާޢުގައި ރަސޫލާ r ޚުޠުބާދެއްވަން ހުންނަވަނިކޮށް އިސްލާމްދީން ފުރިހަމަކުރެއްވިކަން އެންގެވުން. މި ކަން އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. ((ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًا [6] - މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.)) ޢިލްމުވެރިން ވިދާޅުވަ ގޮތުގައި އިސްލާދީން ފުރިހަމަވީ މުސްލިމުން ފުރަތަމަ ފަހަރަށް ޙައްޖުގެ ފަރްޟު އަދާކުރުމުންނެވެ. މި ކަމުގެ ސަބަބުން އިސްލާމްދީނުގެ ރުކުންތައް ( ފަސް ރުކުން) ފުރިހަމަވެގެން ދިޔައެވެ.އެ ދުވަހު ﷲ ތަޢާލާގެ އަމުރުފުޅަށް އިބްރާހީމުގެފާނު ޙައްޖުގެ ގަވައިދުތައް ބިނާކުރެއްވި ގޮތަށް މި ގަވައިދުތައް މުޙައްމަދު r މެދުވެރިކުރައްވައި އިޢާދަކުރެއްވިއެވެ. މާތް ﷲ އެ ދުވަހު ފުރިހަމަކޮށްދެއްވި ނިޢުމަތަކީ ފާފަފުއްސަވާދެއްވުމެވެ. ފާފަ ފުއްސެވުމެއްނެތި ނިޢުމަތް ފުރިހަމަ ނުވާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( لِّيَغْفِرَ لَكَ ٱللَّهُ مَا تَقَدَّمَ مِن ذَنۢبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُۥ عَلَيْكَ وَيَهْدِيَكَ صِرَٰطًا مُّسْتَقِيمًا [7]- އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަ ކަންތަކާއި، ފަސްވެދިޔަ ކަންތަކުގެ ފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ.))
5- ޢަރަފާތު ދުވަހަކީ މާތް އެ ދުވަހެއް ގަންދެއްވާ ބަސްވަޙީ ކުރެއްވި މަތިވެރި މާތް ދުވަސް . މާތް ﷲ ވަޙީކުރެއްވިއެވެ. (( وَشَاهِدٍ وَمَشْهُودٍ[8] - އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ. )) رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ((الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ، وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ[9] - اليَومُ المَوعودُ އަކީ يَومُ القِيامَةِ އެވެ. اليَومُ المَشهودُ އަކީ يَومُ عَرَفةَ އެވެ. الشّاهِدُ އަކީ ހުކުރުދުވަހެވެ.)) އިބްނު ޢައްބާސް t ވިދާޅުވާ ގޮތުގައި الوتر يوم عرفة – ވިތުރި އަކީ ޢަރަފާތުދުވަހެވެ. الشفع އަކީ އަޞްޙާ ޢީދު ދުވަހެވެ.
6- ޢަރަފާތު ދުވަހު ރޯދަހިފުމަކީ ޙައްޖުވެރީން ފިޔަވާ އެހެން މީހުންނަށް ބޮޑުވެގެންވާ ސުންނަތެއް. އެ ދުވަހު ރޯދަހިފުމަކީ ދެ އަހަރުދުވަހުގެ ފާފަތައް ފުއްސަވާދެއްވާނެ ކަމެކެވެ. ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ކީރިތި ރަސޫލާعليه الصلاة والسلام ޙަދީސް ކުރެއްވިއެވެ. ((صِيامُ يومِ عَرَفَةَ ، إِنِّي أحْتَسِبُ على اللهِ أنْ يُكَفِّرَ السنَةَ التي قَبلَهُ ، و السنَةَ التي بَعدَهُ -[10] - ޢަރަފާތު ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ކުށް ފާފަތައް ފުއްސަވާ ދެއްވާނެ ކަމެއް ކަމަށް ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.)) ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި މި ބަސްފުޅުގައި ކުދި ފާފަތަކާއި ބޮޑެތި ފާފަތައް ހިމެނޭނެއެވެ. އެހެނަސް ގިނަ ޢިލްމުވެރީންގެ ބަސްފުޅަކީ މި ފާފަތަކަކީ ހަމައެކަނި ކުދި ފާފަތަކެވެ.
7- ޢަރަފާތުދުވަހަކީ ޝައިޠާނާ ރުޅިގަދަވާ ދުވަސް :ޝައިޠަނާ ރުޅިގަދަވެ ނކަމެތިވެގެންދަނީ މާތް ﷲ ފާފަފުއްސަވާ ދެއްވާ މީހުން ގިނަވެގެން އެކަލޭގެއަށް ލިބޭ ހާސްކަމާއި ކަންބޮޑުވުމާއި އިހާނެތިކަމާހެދިއެވެ. އެދުވަހު ޝައިޠާނާގެ ހާލު ސިފަކޮށްދެއްވާ ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ.((ما رُئيَ الشَّيطانُ يَومًا هو فيه أصغَرُ ولا أدحَرُ ولا أحقَرُ ولا أغيَظُ منه يَومَ عَرَفةَ؛ لما يَرى مِن تَنزيلِ الرَّحمةِ وتَجاوُزِ اللهِ عنِ الذُّنوبِ العِظامِ[11]– ޢަރަފާތުދުވަހަށް ވުރެ ޝައިޠާނާއަށް ނިކަމެތިކަން ބޮޑު ، އިހާނަތްތެރިކަން ބޮޑު ،ޤަދަރުވެރިކަން ކުޑަ ދުވަހެއް އެކަލޭގެ ނުދެކެތެވެ. އެއީ އެ ދުވަހު މާތްﷲ ބާވައިލައްވާ ރަޙްމަތާއި ބޮޑެތި ފާފަތައް ފުއްސަވާ ދެއްވާ މިންވަރު ގިނަކަމުންނެވެ. ))
8- ޢަރަފާތު ދުވަސް ދުޢާ އިޖާބަކުރައްވާ ދުވަހެއް ކަމުގައި ލެއްވުން: ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ[12] – އެންމެ ރަނގަޅު ދުޢާއަކީ ޢަރަފާތު ދުވަހު ކުރާ ދުޢާއެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން ވިދާޅުވި އެންމެ ހެޔޮ ބަސްފުޅަކީ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ[13] އެވެ.))
މަރުޖާ:
[1] - شرح الزركشي (الطبعة الأولى)، صفحة 640، جزء 2.
[2] - معالم التنزيل في تفسير القرآن (الطبعة الأولى)، بيروت: دار إحياء التراث العربي، صفحة 254، جزء 1
[3] - أخرجه مسلم (١٣٤٨)، والنسائي (٣٠٠٣)، وابن ماجه (٣٠١٤)
[4] - أخرجه أحمد (٧٠٨٩) والطبراني (١٣/٦٠٤) (١٤٥٢٢)
[5] - أخرجه الترمذي (٢٩٧٥ )،وابن حبان في ((الصحيح)) (٣٨٩٢ )،و النسائي (٣٠٤٤ )، وابن ماجة (٣٠١٥ ) وأبو داود (١٩٤٩)
[6] - المائدة : 3
[7] - الفتح : 2
[8] - البروج: 3
[9] - أخرجه الترمذي (٣٣٣٩) والبزار (٩٥٩١) والطبراني في ((المعجم الأوسط)) (١٠٨٧) وأحمد (٧٩٧٢) وحسنه الألباني
[10] - أخرجه مسلم (١١٦٢)، وأبو داود (٢٤٢٥)، وأحمد (٢٢٦٥٠) والترمذي (٧٤٩، ٧٥٢) وابن ماجه (١٧٣٠، ١٧٣٨) وابن حبان (٣٦٣٢)
[11] - أخرجه مالك (١/٤٢٢)، والفاكهي في ((أخبار مكة)) (٢٧٦٢)، والطبري في ((التفسير)) (١٦١٨٩) والبيهقي في ((شعب الإيمان)) (٤٠٦٩)
[12] - أخرجه الترمذي (٣٥٨٥) وأحمد (٦٩٦١)، والبيهقي في ((شعب الإيمان)) (٣٤٨٩)
[13] - މާނައީ: ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވެއެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. އަދި ޙަމްދު ހުރީ ވެސް އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.