ad_banner
ކީރިތި ޤުރްއާނުގައި ޙައްޖުގެ މަގުސަދު (4)

ޑރ. މޫސާ އަންވަރު ޙަސަން

22 މޭ 2026

(2026 މޭ 21ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ޙައްޖުގެ މޫސުމަކީ އިސްލާމީ އެކި ޤައުމުތަކުގެ މީހުން އެއްވެ، އެންމެންގެ ލާބައާއި މަންފާއަށް ޓަކައި ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މީގެ ތެރޭގައި ވިޔަފާރިއާއި އިގުތިސާދީ ގޮތުން ލިބޭ މަންފާތައް ވެސް ހިމެނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ޙައްޖުގެ އަޅުކަމުގެ މަތިވެރިކަމަށް ނުވަތަ އެ އަޅުކަމުގެ ޤަދަރަށް އެއްވެސް އުނިކަމެއް ނާދެއެވެ. ސަބަބަކީ، މުޅި އުންމަތަށް ބާރުވެރިކަމާއި ހެޔޮކަން ގެނެސްދޭ މިފަދަ މުހިންމު ކަންކަމުގައި މަޝްޣޫލުވުމަކީ ފާފައެއް ނޫންކަން (އެބަހީ އެކަމުގެ ހުއްދަ) މާތްﷲ ވަނީ މުސްލިމް އުންމަތަށް ދެއްވައިފައެވެ.

މުސްލިމާގެ ހިތް މާތްﷲ ހަނދުމަކުރުމާ ގުޅުވައިދިނުން:

މާތްﷲގެ މަތިން ހަނދުމަކުރުމަކީ އެކަލާނގެ حضرة ގައި އެންމެ ލޯބިވެތިވެގެންވާ، އަދި ދަރުމައާއި ސަވާބުގެ ގޮތުން އެންމެ މަތިވެރި އަޅުކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތްﷲ ވަނީ ގިނަ އަޅުކަންތަކެއް ޒިކުރުކުރުމާ ގުޅުއްވާފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް އަޅުކަމަކީ ހައްޖުގެ މަތިވެރި އަޅުކަމެވެ. ކީރިތިޤުރްއާނުގެ އެކި މައުޟޫޢުތަކުގައި، ހައްޖުގެ މަނާސިކުތަކުގެ ވާހަކަ ބަޔާންކުރައްވައިފައިވަނީ މާތްﷲ ހަނދުމަކުރުމާ ގުޅުވައިގެންކަން ވަރަށް ސާފުކޮށް އެނގެން އޮވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވަނީ: ﴿لَيْسَ عَلَيْكُمْ جُنَاحٌ أَنْ تَبْتَغُوا فَضْلًا مِنْ رَبِّكُمْ، فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِندَ الْمَشْعَرِ الْحَرَامِ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ* ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ * فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُوا اللَّهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا﴾ (سورة البقرة: 198-200) މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ލިބޭ فضل ވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން عرفات ން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، المشعرالحرام ގައި (އެބަހީ: مزدلفة ނިމޭތާނގައިވާ قُزَح ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! (އެބަހީ: تلبية ކިޔައި، دعاء ކުރާށެވެ!) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރީން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ. ދެން (عرفات ން مزدلفة ޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ حجގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ!"

މި އާޔަތްތަކުގެ ތަފްސީރުގައި سيد قطب ވިދާޅުވެފައިވެއެވެ. "އިންސާނާ އެދެނީ ހަމަކަށަވަރުންވެސް ﷲގެ ފަޟުލުވަންތަކަމަށެވެ. އަދި އެކަލާނގެ ފަޟުލުވަންތަކަމުން އެ މީހަކަށް މިންވަރުކޮށްދެއްވައެވެ. ވީމާ، މި މަތިވެރި ޙަޤީޤަތް ހަނދާން ނައްތާނުލުން އެންމެ އައުލާވެގެންވެއެވެ. އެއީ، އޭނާ އެދިގެން އެ އުޅެނީ ގެ ފަޟުލުވަންތަކަމަށް ކަމާއި، އޭނާ މަސައްކަތްކޮށްގެން ހޯދާ ހޯދުންތަކާއި، އޭނާއަށް ލިބޭ އާމްދަނީއާއި، ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށްޓަކައި ކުރާ އެކި މަސައްކަތްތަކުގެ ސަބަބުން އެ ލިބޭ ރިޒްޤަކީ ގެ ފަޟުލުވަންތަކަމުގެ ތެރެއިން ލިބޭ އެއްޗެއް ކަމެވެ. ރިޒްޤު ހޯދުމަށް މަސައްކަތްކުރާ ހިނދު، މިއީ ގެ ފަޟުލުވަންތަކަމުން ލިބޭ އެއްޗެއްކަމުގެ އިޙުސާސް މީހެއްގެ ހިތުގައި ވަރުގަދައަށް ބިނާވެއްޖެނަމަ، އޭނާ އެހުރީ އަށް ކުރެވޭ އަޅުކަމެއްގެ މަތީގައެވެ. އަށް ކުއްތަންވުމުގެ ގޮތުން ބަލާއިރު، މިއީ ޙައްޖުގެ އަޅުކަމާ ފުށުއަރާ ކަމެއް ނޫނެވެ. މުއުމިނެއްގެ ހިތުގައި މިފަދަ މާތް އިޙުސާސްތަކާއި ވިސްނުން އިސްލާމްދީން އަށަގަންނުވައިފިނަމަ، އެމީހަކު ބޭނުންވާ ދާއިރާތަކުން ހީވާގިކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު އެމީހަކަށް ހުޅުވިގެންދެއެވެ. އަދި މިފަދަ މަތިވެރި މަޤާމެއްގައި ހުރެ އޭނާ ކުރާ ކޮންމެ ޙަރަކާތަކީވެސް އަޅުކަމެއް ކަމުގައި ބެލެވޭނެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާ މުސްލިމެއްގެ ޙަޔާތަށް ކުރާ އެންމެ ފުން އަސަރަކީ، އޭނާ އާއި އޭނާ ހެއްދެވި ފަރާތާ ދެމެދުގައިވާ ލޯތްބާއި ގުޅުން އިތުރަށް ވަރުގަދަވެގެން ދިއުމެވެ. މި ގުޅުން ހަރުދަނާވަނީ ޙައްޖުގެ މަތިވެރި ޝިޢާރެއް ކަމުގައިވާ (لبيك اللهم لبيك) (މިއަޅާ އިބަރަސްކަލާނގެއަށް އިޖާބަދީފީމެވެ) މި ކަލިމައިގެ ޒަރީޢާއިންނެވެ. ޙައްޖުގެ ތަފާތު މަރުޙަލާތަކާއި އެކި މަޤާމުތަކުގައި މުސްލިމާ الله تعالي ހަނދުމަކުރުން އައުކުރެއެވެ. އަދި އެކަލާނގެއަށް އޮންނަ ބިރުވެތިކަމާއި، މަޑުމޮޅިކަމާއި، ކިޔަމަންތެރިކަން މި ކަމުގެ ސަބަބުން އިތުރުވެގެންދެއެވެ.

މި މަތިވެރި "ތަލްބިޔާ" ކިޔުމާއެކު، މުސްލިމާ ދުނިޔޭގެ އެންމެހައި މަޝްޣޫލުކަމާއި، الله تعاليއަށް ކުއްތަންވުމަށް ހުރަސްއަޅާ ކަންކަމުން ދުރުހެލިވެއެވެ. އަދި ނުހަނު ބިރުވެތިކަމާއި، އަމާންކަމާއި، މަތިވެރި ކިޔަމަންތެރިކަމާއެކު އެކަލާނގެ އަމުރުފުޅުތަކަށް އިޖާބަދެއެވެ.

ޠަވާފުކުރުމާއި، ސަޢުޔުކުރުމާއި، ޖަމްރާތަކަށް ހިލަ އުކުމާއި، ޢަރަފާތް ބިމުގައި މަޑުކުރުމުގެ އިތުރަށް ޤުރުބާންކުރުން ފަދަ ޙައްޖުގެ ހުރިހައި މަނާސިކުތަކެއްގައި الله تعالي ހަނދުމަކުރުމަށް އާދަވެފައިވާ މީހަކަށް، ޙައްޖުގެ އަޅުކަމަށްފަހު އެ އާދަ ދޫކޮށްލުމަކީ ނުހަނު އުނދަގޫ ކަމަކަށް ވާނެއެވެ. އެއީ ޛިކުރުކުރުމުގެ ފޮނިކަން އޭނާގެ ހިތަށް ލިބި، އެ މީހެއްގެ ހިތް الله تعاليއާ ގުޅި ލާމެހިފައިވާތީއެވެ.

 

އިންސާނުންގެ މެދުގައި ހަމަހަމަކަމުގެ ރޫޙު ދެމެހެއްޓުމަށް ބާރުއެޅުން:

އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީނެވެ. މިކަން އެންމެ ސާފުކޮށް ފެންނަނީ މުސްލިމުން ނަމާދުގެ ޖަމާޢަތަށް އެއްވާ ވަގުތާއި، ޙައްޖުގެ މަތިވެރި އަޅުކަމަށް އެއްވާ އެއްވުމުގައެވެ. ޖާހިލިއްޔަ ޒަމާނުގެ އާދަކާދަތަކާ ޚިލާފަށް، މުއްސަނދިންނާއި ފަގީރުން، އަދި ޢަރަބިންނާއި ޢަޖަމީން އެއް ބިމެއްގައި، އެއްފަދަ ހެދުމެއްގައި ކޮނޑާއި ކޮނޑު ޖައްސައިގެން ތިބޭ މަންޒަރަކީ މި ހަމަހަމަކަމުގެ ފުރިހަމަ މިސާލެކެވެ. މާތްﷲ ވަނީ މިކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައެވެ: ﴿ثُمَّ أَفِيضُوا مِنْ حَيْثُ أَفَاضَ النَّاسُ وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ (سورة البقرة: 199)  މާނައީ: "ދެން (عرفات ން مزدلفة ޔަށް) އެނބުރި އަންނަ މީސްތަކުންނާއެކު ތިޔަބައިމީހުންވެސް އެނބުރި އަންނާށެވެ! އަދި ތިޔަބައިމީހުން اللَّه ގެ حضرة ން ފާފަ ފުއްސަވައި ދެއްވުމަށް އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ."

(فِى الظِلَالِ الْقرآن) ގެ މުޞައްނިފު މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. [އެހެން މީހުން މަޑުކުރާ ތަނުގައި ތިޔަބައިމީހުންވެސް މަޑުކުރާށެވެ. އަދި އެމީހުން އެނބުރިދާ ހިނދު ތިޔަބައިމީހުންވެސް އެނބުރިދާށެވެ. އިސްލާމްދީނަކީ ނަސަބަކަށް ނުވަތަ ވަކި ފަންތިއަކަށް އިސްކަންދޭ ދީނެއް ނޫނެވެ. ހުރިހައި އިންސާނުންނަކީވެސް އެއް އުންމަތެކެވެ. އެ އެންމެންނަކީ ފުނާގެ ދަތްތަކެއް ފަދައިން ހަމަހަމަ ބައެކެވެ. ތަޤުވާވެރިކަމުން މެނުވީ އެކަކަށްވުރެ އަނެކަކަށް މާތްކަމެއް ނުވެއެވެ. ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި އެކަކު އަނެކަކަށްވުރެ ތަފާތުކޮށްދޭ ހުރިހައި ހެދުންތަކެއް ބާލައި، މާތްﷲގެ ގެފުޅު ކައިރީގައި ހަމަހަމަ އަޚުންތަކެއްގެ ގޮތުގައި ބައްދަލުކުރުމަށް އިސްލާމްދީން އަމުރުކުރެއެވެ. އެއީ ހެދުން ބާލާފައި ނަސަބުގެ މަތިވެރިކަމާ މެދު ފަޚުރުވެރިވުމަކަށް ނޫނެވެ. ޖާހިލިއްޔަ ޒަމާނުގެ ނަސްލީ ތަފާތުކުރުންތަކާއި ބޮޑާކަން ދޫކޮށްލައި، އިސްލާމްދީނުގެ މަތިވެރި ސިފަތަކުން ޒީނަތްތެރިވުމަށެވެ. މިއީ އިސްލާމްދީން އިންސާނިއްޔަތަށް ދައްކައިދިން ހަމަހަމަކަމާއި އެއްބައިވަންތަކަމުގެ ތަޞައްވުރެވެ. މި ތަޞައްވުރާ ޚިލާފުވެވޭ ކޮންމެ ކަމަކުން ތައުބާވެ، މާތްﷲގެ ޙަޟުރަތުން ފާފަފުއްސެވުމަށް އެދި ދެންނެވުމަށް މި އާޔަތުން ބާރުއަޅައެވެ.  

ފަރުވާތެރިކަމާއި ނިޒާމަށް އިޙުތިރާމްކުރުމަށް މުސްލިމުން ތަރުބިއްޔަތުކުރުން:

މި ކަން އެންމެ ބޮޑަށް ހާމަވަނީ ޙައްޖުގެ އަޅުކަމުގައި ކަނޑައެޅިފައިވާ ވަގުތުތަކާއި (މީޤާތުއްޒަމާނީ) އަދި ތަންތަނަށް (މީޤާތުލްމަކާނީ) ބަލައިލުމުންނެވެ. ޙައްޖުގެ އަޅުކަމަށް ދިއުމަށް ޓަކައި މާތްﷲ ވަނީ ވަކި ޚާއްޞަ މަސްތަކެއް ކަނޑައަޅުއްވާފައެވެ. ހަމަ އެ ފަދައިން، ޢަރަފާތުގައި މަޑުކުރުމަށް ވެސް ވަކި ޚާއްޞަ ވަގުތެއް މާތްﷲ ކަނޑައަޅުއްވައިފައިވެއެވެ. އެ ވަގުތު ފާއިތުވެއްޖެ ނަމަ އެ މީހެއްގެ ޙައްޖު ބާޠިލުވާނެއެވެ. އަދި ޖަމްރާތަކަށް ހިލައުކުމަށް ވެސް ވަނީ ވަކި ވަގުތުތަކެއް ކަނޑައެޅިފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿الْحَجُّ أَشْهُرٌ مَّعْلُومَاتٌ ۚ فَمَن فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ﴾ (سورةالبقرة: 197)  މާނައީ: [حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފި މީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރައިރުންވުމެއް ވެސް ނެތެވެ.]

މި އާޔަތަކީ ޙައްޖުގެ އަޅުކަމުގެ އަސާސްތަކުގެ ތެރެއިން ވަރަށް މުހިންމު އަސާސެކެވެ. މީގައި ގިނަގުނަ ފައިދާތަކާއި، ޙައްޖުގެ ތަފާތު ކަންކަމާ ގުޅޭ ޝަރުޢީ ޙުކުމްތަކާއި އަދަބުތައް އެކުލެވިގެންވެއެވެ. މި އާޔަތް ފެށިފައިވަނީ ޙައްޖުގެ މަސްތައް ބަޔާންކުރެއްވުމުންނެވެ. އެއީ މުޅި ކާއިނާތާއި އޭގައިވާހައި ތަކެއްޗެއް ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެ ދެނެގަތުމަށް ޓަކައި، މުއުމިނުންގެ ހިތްތަކުގައިވާ ޝައުޤުވެރިކަން ހޭލައްވައިލުމަށް ޓަކައެވެ.  سيد قطب ވިދާޅުވެފައިވެއެވެ. "ޤުރްއާނުގެ ނައްޞުން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭން އޮތީ ޙައްޖުގެ އަޅުކަމަށް ކަނޑައެޅިގެންވާ ވަގުތުތަކެއްވާކަމެވެ. އަދި އެއީ މަޝްހޫރުވެ އެނގިގެންވާ މަސްތަކެކެވެ. އެއީ ޝައްވާލު މަހާއި، ޛުލްޤަޢިދާ މަހާއި، އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މީގެ މައްޗަށް ބިނާކޮށް، އެނގިގެންވާ މި މަސްތަކުގައި މެނުވީ ޙައްޖަށް އިޙުރާމް ބަނުން ޞައްޙައެއްނުވާނެއެވެ. ބައެއް މަޒުހަބުތަކުގައި އަހަރުގެ ކޮންމެ ދުވަހަކުވެސް ޙައްޖަށް އިޙުރާމް ބަނުން ޞައްޙަވާނެކަމަށް ބަލައި، މި ދެންނެވި މަސްތަކަކީ ހަމައެކަނި ޙައްޖުގެ މަނާސިކުތައް (އަޅުކަންތައް) އޭގެ ވަގުތުގައި އަދާކުރުމަށް ޚާއްޞަވެގެންވާ މަސްތަކެއްކަމުގައި ކަނޑައަޅާފައިވީ ނަމަވެސްމެއެވެ.

މި ރައުޔަށް (އަހަރުގެ ކޮންމެ ވަގުތަކު ވެސް އިޙުރާމްބަނުން ޞައްޙަވާނެކަމަށް) އިމާމް މާލިކާއި، އިމާމް އަބޫ ޙަނީފާއާއި، އިމާމް އަޙުމަދު ބްނު ޙަންބަލް ތާއީދުކުރައްވައެވެ. އަދި މިއީ އިބްރާހީމް އައްނަޚަޢީއާއި، އައްޘައުރީއާއި، އައްލައިޘް ބްނު ސަޢުދުގެ ކިބައިން ވެސް ރިވާވެގެންވާ ބަސްފުޅެކެވެ. ނަމަވެސް، ފުރަތަމަ ރައުޔަށް (އެބަހީ ހަމައެކަނި އެ މަސްތަކުގައި އިޙުރާމްބަނުމަށް) އިމާމް ޝާފިޢީ ތާއީދުކުރައްވައެވެ. އަދި މިއީ އިބްނު ޢައްބާސާއި، ޖާބިރުގެފާނާއި، ޢަޠާއާއި، ޠާވޫސާއި، މުޖާހިދުގެ ކިބައިން ރިވާވެގެންވާ ބަސްފުޅެކެވެ. އަދި ދަލީލުތަކުގެ ގޮތުން ބޮޑަށް ބުރަވެވެވެނީ ވެސް މި ގޮތަށެވެ.

މަކާނީ މީގާތުތަކަކީ (ތަނާ ގުޅުން ހުރި މީގާތުތަކަކީ) އިޙުރާމްބަނުމަށް ޓަކައި ކީރިތި ރަސޫލާ صلى الله عليه وسلم ކަނޑައަޅުއްވައިފައިވާ ތަންތަނެވެ. ޙައްޖުވެރިޔާ މި ފަދަ ތަނަކާ ހަމަވުމުން، އިޙުރާމްގެ ހެދުންއެޅުމާއި، އިޙުރާމްބަނުމުގެ ކުރީން ޙަލާލުކޮށް އޮތް ބައެއް ކަންތައްތަކުން ދުރުހެލިވުން އޭނާގެ މައްޗަށް ލާޒިމުވެގެންދެއެވެ.

ވަގުތާއި ތަނާ ގުޅިފައިވާ މި މީގާތްތަކަކީ، ޙައްޖުގެ އަޅުކަމަށްފަހު މުސްލިމާގެ ދިރިއުޅުމުގެ ހުރިހައި ކަމެއްގައިވެސް، ފަރުވާތެރިކަމާއި، ނިޒާމީ މިންގަނޑުތަކަށް ތަބާވުމަށް ދެވޭ ޢަމަލީ ތަމްރީނެކެވެ. މި ކަމާ ގުޅޭގޮތުން سيد قطب ވިދާޅުވެފައިވެއެވެ. [އިންސާނާ އުފެދިފައިވާ ގޮތުން، ފެންނާން ހުންނަ ހަށިގަނޑާއި ފޮރުވިފައިވާ ރޫޙުގެ ސަބަބުން، ހިތުގެ ފުންމިނުގައިވާ އިޙުސާސްތައް ބޭރުފުށުން ފެންނާނެ ސިފައެއްގައި ހާމަކުރުމަކީ އިންސާނީ ނަފްސުގެ ފިޠުރީ ޠަބީޢަތެކެވެ. މި ގޮތުން، ހިތުގެ އެތެރޭގައިވާ ޝުޢޫރުތައް، ހިއްސުތަކަށް އިޙުސާސްކުރެވޭ ފަދަ ފާޅުކަން ބޮޑު ޢަމަލީ ސިފައެއްގައި ފާޅުވެގެން މެނުވީ، އެ ޝުޢޫރުތަކަށް ހަމަޖެހުމާއި ތަސައްލީއެއް ނުލިބެއެވެ. މި ގޮތަށް ކަންތައްވުމުން، ހިތުގެ އަޑީގައިވާ އިޙުސާސްތައް އެންމެ ފުރިހަމަ ގޮތުގައި ބޭރުކުރެވި، އިންސާނާގެ ބޭރުފުށާއި އެތެރެފުށުގެ މެދުގައި ފުރިހަމަ ގުޅުމެއް އުފެދެއެވެ. އަދި އިންސާނާގެ ކިބައިގައިވާ ފޮރުވިފައިވާ ކަންކަމަށް ލެނބުމާއި، ބޭރުފުށުން ފެންނަ ކަންކަމަށް ހުންނަ ޝައުޤުވެރިކަން އެއް ވަގުތެއްގައި ހަމަޖެހި، ނަފްސަށް އަރާމާއި ހިތްހަމަޖެހުން ލިބިދެއެވެ.]

މުސްލިމުންގެ މެދުގައި އަމާންކަން ގާއިމުކުރުން:

އަމާންކަމަކީ މާތް الله އިންސާނުންނަށް ދެއްވައިފައިވާ އެންމެ ބޮޑު އެއް ނިއުމަތެވެ. އެ ނިއުމަތާ ނުލައި އިންސާނުންގެ ދިރިއުޅުން ހަމަޖެހުމެއް ނާންނާނެއެވެ. އަދި އެ ނިއުމަތް ނެތިދިއުމުން ކަންކަން ވަރަށް ބޮޑަށް ގަޑުބަޑުވެގެންދެއެވެ.

އަމާންކަން ގެއްލިއްޖެ ނަމަ، މުސީބާތްތަކާއި ފިތުނަފަސާދަ އާންމުވެ، ނިކަމެތިކަމާއި އަޒާބު ކުރިމަތިވެއެވެ. އަދި މަރައިލުން ހަރާމްކުރައްވައިފައިވާ ފުރާނަތައް ނެތިގޮސް، މުގައްދަސް ތަންތަނާއި ކަންކަމުގެ ހުރުމަތް ކެނޑި، ވިޔަފާރިތަކާއި އިޤުތިސާދު ހީނަރުވެ ފުނޑުފުނޑުވެގެންދެއެވެ.

މާތް الله ވަހީކުރައްވައިފައިވެއެވެ. ﴿وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا﴾ (سورة البقرة: 125)  މާނައީ: "އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށްޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވި ހިނދު ހަނދުމަކުރައްވާށެވެ!" މިއީ މާތް الله ބަރަކާތްތެރި ބިމަކަށް ދެއްވި ޚާއްސަ މަތިވެރިކަމެކެވެ. އެ ތަނަކީ މީސްތަކުން ހިމާޔަތް ހޯދުމަށް ޓަކައި އަންނަ އަމާން ހަރަމްފުޅެއްކަމުގައި ލެއްވިއެވެ. އެ ތަނުގެ ހިޔަލުގައި މީހުންނަށް ހިތްހަމަޖެހުމާއި އަމާންކަން ލިބެއެވެ. (المثابة) އަކީ މީހުން އެނބުރި ރުޖޫއަވާ ތަނެވެ. އަދި (البيت) އަކީ މައްކާގައިވާ ހަރަމްފުޅެވެ. މި އާޔަތުގައި [އަލްބައިތު] މި ފަދައިން ބޭނުންކުރެއްވުމުގެ މުރާދަކީ، އެއީ ހުރިހައި ގެތަކެއްގެ ތެރެއިން އެންމެ މަތިވެރި ގެކަމާއި، [ގެ]އޭ ބުނެފި ނަމަ އެއީ ހަމައެކަނި މި މަތިވެރި ގެފުޅުކަން ދޭހަކޮށްދިނުމަށެވެ. އެއީ މުގައްދަސްވެގެންވާ البيت الحرامއެވެ. 

سيد قطب ބަޔާންކޮށްދެއްވައިފައިވާ ގޮތުގައި، އިސްލާމީ އަޤީދާއަކީ މުއުމިނުންގެ ފުރާނައާއި މުދަލަށް އަމާންކަން ލިބިގެންވާ ހިޔާވަހިކަމެއް ކަމުގައި كعبةاللَّه ގެފުޅު މެދުވެރިކުރެއްވި އަސާސެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އިސްލާމީ ތަޞައްވުރުގައި، އަޤީދާއާއި ހެޔޮ ޢަމަލުގެ މައްޗަށް ބިނާނުވާ ކޮންމެ ގުޅުމަކާއި ގުޅުންތަކެއް ކަނޑައިލައެވެ. އަދި އަޤީދާއާއި ޢަމަލުގެ ގުޅުން ކެނޑިއްޖެ ހިނދެއްގައި، ޢާއިލީ ގާތްކަމަކަށް ނުވަތަ ލޭގެ ގުޅުމަކަށް އެކަލާނގެ އިޢުތިރާފެއް ނުވެއެވެ. އަޤީދާއާއި ޢަމަލުގެ ވަރުގަދަ އުރުވަތުލްވުޘްޤާއާ ގުޅިފައިނުވާ ހުރިހައި ގުޅުންތަކާއި އިޢުތިބާރުތަކެއް އެކަލާނގެ އުވައިލައްވައެވެ. (ނުނިމޭ)

ކޮމެންޓު