ad_banner
ކީރިތި ޤުރްއާނުގައި ޙައްޖުގެ މަގުސަދު (5)

ޑރ. މޫސާ އަންވަރު ޙަސަން

23 މޭ 2026

(2026 މޭ 22ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އެއް އުންމަތެއްގެ ދެ ޖީލެއްގެ މެދުގައި ވެސް، އެ ދެ ޖީލުގެ އަޤީދާ ތަފާތުވެއްޖެ ނަމަ، އެ ދެމެދުގައިވާ ގުޅުން އިސްލާމީ ތަޞައްވުރުގައި ވަކިވެގެންދެއެވެ. އަދި ކިއެއްތަ، ބައްޕައާއި ދަރިއަކާ ދެމެދުގައި ވިޔަސް، ނުވަތަ ދެމަފިރިއެއްގެ ދެމެދުގައިވިޔަސް، އަޤީދާގެ ވާފަށް ކެނޑިއްޖެ ނަމަ، އެ ގުޅުން ކެނޑިގެންދެއެވެ. އެހެންކަމުން، މުޝްރިކު ޢަރަބިންނާއި މުސްލިމް ޢަރަބިންނަކީ މުޅިން ތަފާތު ދެ ބަޔެކެވެ. އެ ދެބައިމީހުންގެ މެދުގައި އެއްވެސް ގުޅުމެއް، ގާތްކަމެއް ނުވަތަ ލޭގެ ގުޅުމެއް ވެސް ނުވެއެވެ.

އަހުލުކިތާބީންގެ ތެރެއިން އީމާންވި މީހުންނާއި، އިބްރާހީމްގެފާނާއި މޫސާގެފާނާއި ޢީސާގެފާނުގެ ދީނުން ބޭރުވެ މަގުއޮޅިފައިވާ މީހުންނަކީ މުޅިން ތަފާތު ދެ ބަޔެކެވެ. އެ ދެބައިމީހުންގެ މެދުގައި އެއްވެސް ގުޅުމެއް، ގާތްކަމެއް ނުވަތަ ލޭގެ ގުޅުމެއް ނެތެވެ. ޙަޤީޤީ މާނައިގައި ޢާއިލާއަކީ ހަމައެކަނި ކާބަފައިންނާއި، ދަރީންނާއި، ކާފަދަރީންނެއް ނޫނެވެ. އާއިލާއަކީ އެއް އަޤީދާއެއްގެ މަތީގައި އެ ބަޔަކު އެއްގަލަކަށް އަރައިފައިވާ މީހުންނެވެ.

ހަމައެފަދައިން، އުންމަތަކީ ވަކި ނަސްލަކަށް ނިސްބަތްވާ ޖީލުތަކެއް ނޫނެވެ. އުންމަތަކީ، އެބައިމީހުންގެ ނަސްލާއި، ވަޒަނާއި، ކުލަ ތަފާތުވީ ނަމަވެސް، އެއް އީމާންކަމެއްގެ މަތީގައި ތިބޭ މުއުމިނުންގެ ޖަމާއަތެވެ. މިއީ މާތްﷲގެ ފޮތުގައިވާ އިލާހީ ބަޔާނުން ދޭހަކޮށްދޭ އީމާންތެރިކަމުގެ ތަޞައްވުރެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَإِذْ جَعَلْنَا الْبَيْتَ مَثَابَةً لِّلنَّاسِ وَأَمْنًا﴾(سورة البقرة: 125)  މާނައީ: "އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمان ކަން ލިބިގެންވާ ތަނެއް ކަމުގައި މީސްތަކުންނަށް ޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވިހިނދު ހަނދުމަކުރައްވާށެވެ!" މި ބައިތުލްޙަރާމަކީ، އެ ތަނުގެ ބަލަދުވެރީންގެ ގޮތުގައި ތިބި ޤުރައިޝުން މުއުމިނުންނަށް ބިރުދައްކައި، އުނދަގޫކޮށް، ދީނުން ބޭރުކުރުމަށް ފިތުނަވެރިކުރުވި ތަނެވެ. އެ ކަމުގެ ސަބަބުން މުއުމިނުންނަށް ޖެހުނީ އެ ތަން ދޫކޮށް ހިޖުރަކުރާށެވެ. ނަމަވެސް، މާތްﷲ އިރާދަކުރެއްވީ އެތަނަކީ އެންމެހާ މީސްތަކުން އެތަނަކަށް ރުޖޫޢަވާ، އެއްވެސް މީހެއްގެ ބިރުވެރިކަމެއް ނެތް އަމާން ތަނެއްކަމުގައެވެ. އަދި އެއީ އެބައިމީހުންގެ ފުރާނައާއި މުދަލަށް ރައްކާތެރިކަން ލިބިގެންވާ، ހިތްހަމަޖެހުމާއި ސުލްޙަމަސަލަސްކަމުގެ މަރުކަޒެއް ކަމުގައެވެ.

ދީން ފުރިހަމަކުރެއްވުމާއި ނިޢުމަތް ތަމާމުކުރެއްވުން:

ލޮބުވެތި ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނާ އެކު ޙައްޖުގެ އަޅުކަން އަދާކުރެއްވި ދުވަހު، މާތް الله މި އާޔަތްބާވައިލެއްވިއެވެ. ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾(سورة المائدة 3) މާނައީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." ކީރިތި ރަސޫލާ صلى الله عليه وسلم ހިޖުރަކުރެއްވިތާ 10 ވަނަ އަހަރުގެ ޢަރަފާތް ދުވަހު، މާތް الله ވަނީ މި އުންމަތަށް އެކަލާނގެ ދީން ފުރިހަމަކޮށްދެއްވައި، ނިޢުމަތްތައް ތަމާމުކޮށްދެއްވައި، އަދި އިސްލާމްދީނަކީ މި އުންމަތަށްޓަކައި ރުހިވޮޑިގެންވާ ދީންކަމުގައި ލައްވާފައެވެ.

މި މަތިވެރި ނިޢުމަތާއި، ދީން ފުރިހަމަވުމުގެ އިޙުސާސްތަކާ ގުޅޭގޮތުން سيد قطب ވިދާޅުވެފައިވެއެވެ: "ވަދާޢުގެ ޙައްޖުގެ ތެރޭގައި މި އާޔަތް ބާވައިލެއްވި ދުވަހަކީ މާތް الله މި ދީން ފުރިހަމަކުރެއްވި ދުވަހެވެ. އެހެންކަމުން، މިއަށްވުރެ އިތުރަށް އުނި އިތުރު ކުރާނެ އެއްވެސް ކަމެއް ދެން ނެތެވެ. އަދި ފުރިހަމަވެގެންވާ ޝާމިލު މަންހަޖަކާއެކު، މުއުމިނުންގެ މައްޗަށް އެކަލާނގެ އެންމެ ބޮޑު ނިޢުމަތް ފުރިހަމަކޮށްދެއްވިއެވެ. އަދި އެބައިމީހުންނަށްޓަކައި "އިސްލާމްދީން" ރުހިވޮޑިގަތެވެ. އެހެންކަމުން، މީހަކު އެމީހެއްގެ ދިރިއުޅުމުގެ މަންހަޖެއްގެ ގޮތުގައި އިސްލާމްދީނަށް ނުރުހޭނަމަ، އެމީހަކު އެ ދެކޮޅުހަދަނީ މުއުމިނުންނަށްޓަކައި މާތް الله ރުހިވޮޑިގެންފައިވާ ކަންތައްތަކަށެވެ.

މި މަތިވެރި ބަސްފުޅުތަކާ މެދު މުއުމިނާ ފުންކޮށް ވިސްނާލާއިރު، އޭގައި އެކުލެވިގެންވާ ބޮޑެތި ޙަޤީޤަތްތަކާއި، ފުން މާނަ އެކުލެވޭ އިރުޝާދުތަކާއި، އަދި އިސްލާމީ ޝަރީޢަތުގެ މުހިންމު ތަކުލީފުތަކާ މެދު އޭނާ ހައިރާންވެ އަންތަރީސްވެއެވެ. މުއުމިނާ އެންމެ ފުރަތަމަވެސް ސަމާލުކަންދެނީ، މި ދީން ފުރިހަމަކޮށްދެއްވި ކަމުގެ މަތިވެރި ނިޢުމަތަށެވެ. އިންސާނިއްޔަތުގެ ފަތިހުން ފެށިގެން، އެންމެ ފުރަތަމަ ރަސޫލާ އާދަމްގެފާނުން ފެށިގެން، އެންމެ ފަހުގެ ރިސާލަތާ ހަމައަށް ފޮނުއްވުނު މަތިވެރި ރަސޫލުންނާއި، އެބޭކަލުން ގެންނެވި އީމާންކަމުގެ ނޫރާއި، އިލާހީ ވަޙީގެ އެ ދިގު ސިލްސިލާއާ މެދު އޭނާ ފުންކޮށް ފިކުރުކުރެއެވެ. އެއީ އެންމެހާ އިންސާނުންނަށްޓަކައި، އުއްމިއްޔަ ނަބިއްޔާ صلى الله عليه وسلم ގެންނެވި އެންމެ ފަހުގެ މެސެޖެވެ. މި މަތިވެރި ސިލްސިލާއަށް ނަޒަރު ހިންގާލާއިރު މުއުމިނާއަށް ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާއަށް ފެންނަނީ މެދުކެނޑުމެއް ނެތި ދެމިގެން އައިސްފައިވާ ތެދުމަގާއި ނޫރުގެ މަތިވެރި ޤާފިލާއެވެ. އަދި އެ ދިގު ދަތުރުގެ ކޮންމެ ހިސާބަކުންވެސް ތެދުމަގުގެ އަލިގަދަ ނިޝާންތައް އޭނާއަށް ފެނިގެންދެއެވެ. ނަމަވެސް، އެންމެ ފަހުގެ ނަބިއްޔާގެ ކުރިން ވަޑައިގެންނެވި ކޮންމެ ރަސޫލަކުވެސް ފޮނުއްވުނީ ހަމައެކަނި އެބޭކަލެއްގެ އަމިއްލަ ޤައުމަށްކަން އޭނާއަށް އެނގެއެވެ. އަދި އެންމެ ފަހުގެ ރިސާލަތުގެ ކުރިން ފޮނުއްވުނު ކޮންމެ މެސެޖަކީވެސް، ވަކި ޚާއްޞަ ޒަމާނަކަށް، ވަކި ޚާއްޞަ ބަޔަކަށް، އަދި ވަކި ޚާއްޞަ މާޙައުލަކަށް އަމާޒުކުރެވިގެން އައިސްފައިވާ ޚާއްޞަ އިރުޝާދުތަކެއްކަން އޭނާއަށް ސާފުވެގެންދެއެވެ. އެހެންކަމުން، އިލާހީ ހުރިހައި ރިސާލަތްތަކެއް ބިނާވެފައިވަނީ އެ ދުވަސްވަރެއްގެ ޙާލަތާއި މަޤާމުގެ މައްޗަށެވެ. އަދި އެ ރިސާލަތްތައް ވަނީ އެ ހާލަތްތަކާ އެކަށޭނަ ގޮތަށް ބައްޓަން ކުރެވިފައެވެ. އެ ހުރިހައި ރިސާލަތްތަކެއްގެ މައިގަނޑު އަސާސަކީ އެއްކައުވަންތަ އިލާހަކަށް ގޮވާލުމެވެ. އެއީ ތައުޙީދެވެ. އަދި އެ އެއްކައުވަންތަ އިލާހަށް އެކަނި އަޅުކަން ކުރުމަށް ގޮވާލުމެވެ. އެއީ ދީނެވެ. ހަމައެފަދައިން، ހަމައެކަނި އެކަލާނގެ ޙަޟުރަތުން އަންގަވާ ގޮތްތައް ބަލައިގަނެ، އެކަލާނގެއަށް ފުރިހަމައަށް ކިޔަމަންތެރިވުމަށް ގޮވާލުމެވެ. އެއީ އިސްލާމްކަމެވެ.

ނަމަވެސް، އެކި ޒަމާންތަކުގައި ފޮނުއްވުނު ކޮންމެ ރިސާލަތެއްގައިވެސް، އެ ބަޔަކު ދިރިއުޅޭ މާހައުލަށާއި، ޒަމާނަށާއި، އަދި އެ ދުވަސްވަރެއްގެ ޙާލަތްތަކާ އެކަށޭނަ ގޮތުން، އަމަލީ ދިރިއުޅުމުގައި ތަބާވާންޖެހޭ ވަކި ޚާއްޞަ ޝަރީޢަތްތަކެއް ކަނޑައެޅިފައިވެއެވެ.

ދެވަނަ ކަމަކަށް، މުއުމިނުތަކުންނަށްޓަކައި މާތްﷲ ދެއްވި އެންމެހައި ނިޢުމަތްތައް ފުރިހަމަކޮށްދެއްވައި، މި މަތިވެރި ދީން ފުރިހަމަކުރެއްވިކަމުގެ މައްޗަށް މުއުމިނާ ފުންކޮށް ވިސްނާލަންޖެހެއެވެ. މިއީ ނުހަނު ބޮޑުވެގެންވާ، ފުރިހަމަ ނިޢުމަތެކެވެ. މިއީ ހަގީގީ މާނައިގައި "އިންސާނިއްޔަތުކަން" އުފަންވެ، އެކަން ތަރައްގީވެ ފުރިހަމަވުމަށް މަގުފަހިކޮށްދިން ނިޢުމަތެވެ. މި ދީނުގައި ބަޔާންކޮށްދީފައިވާ ފަދައިން، އިންސާނާ އުފެއްދެވި ކަލާނގެ ދެނެގަތުމުގެ ކުރިން އިންސާނާގެ ހަގީގީ ދިރުމެއް ނުވެއެވެ. އަދި އޭނާ ދިރިއުޅެމުންދާ މި ކާއިނާތުގެ ޙަޤީޤަތާއި، އަމިއްލަ ނަފްސާއި، މި ދުނިޔޭގައި އޭނާގެ ދައުރަކީ ކޮބައިކަން އަދި އޭނާގެ ވެރިރަސްކަލާނގެ ހަޟުރަތުގައި އޭނާއަށް ލިބިގެންވާ މަތިވެރިކަން ދެނެގަތުމުގެ ކުރިން އިންސާނާއަށް އޭނާގެ ޙަޤީޤީ މަޤުޞަދު އިހުސާސެއް ނުކުރެވޭނެއެވެ. މިކަންކަމީ ﷲ އެކަލާނގެ އަޅުތަކުންނަށްޓަކައި ރުހިވޮޑިގެންވާ ދީނުގެ ޒަރީއާއިން އަންގައިދީފައިވާ ކަންކަމެވެ.

ހަމައެހެންމެ، އިންސާނުންގެ އަޅަކަށް ވުމުގެ ބަދަލުގައި، ހަމައެކަނި ﷲ އަށް އަޅުކަންކޮށް، އެކަލާނގެއަށް ބޯލެނބުމުގެ މިނިވަންކަން ލިބުމުގެ ކުރިން އިންސާނާގެ ޙަޤީޤީ ވުޖޫދެއް ނެތެވެ. އަދި އިންސާނުންގެ މެދުގައި ޙަޤީޤީ ހަމަހަމަކަން ގާއިމުވެގެންދަނީ، އެމީހުންގެ މައްޗަށް ހިނގާ ގާނޫނަކީ އެއްވެސް އިންސާނެއްގެ ބާރާއި ނުފޫޒުން ހަދާފައިވާ ގާނޫނަކަށް ނުވެ، އެއީ ހަމައެކަނި ﷲ ގެ އިލާހީ ބާރުވެރިކަމުގެ ތެރެއިން އައިސްފައިވާ ޝަރީޢަތަކަށް ވުމުންނެވެ.

މުއުމިނާ ތިންވަނަ ކަމެއްގެ ގޮތުގައި ވިސްނާލަންޖެހެނީ، މާތްﷲ މުއުމިނުންނަށްޓަކައި އިސްލާމްދީން އިޚުތިޔާރުކުރައްވައި، އެދީނާމެދު ރުހިވޮޑިގެންވާ ކަމުގެ މައްޗަށެވެ. މިއީ މި އުންމަތުގެ މައްޗަށްވާ މާތް ﷲ ގެ މަތިވެރި އޯގާތެރިކަމާއި އަޅާލުންތެރިކަމުގެ ހެއްކެކެވެ. އެކަލާނގެ މި އުންމަތަށްޓަކައި ދީނެއް އިޚުތިޔާރުކޮށްދެއްވައި، އެކަމަށް ރުހިވޮޑިގަތުމަކީ، މި އުންމަތް ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އަދި މިއީ މި އުންމަތާމެދު އެކަލާނގެ ރުހިވޮޑިގެންވާކަމުގެ ރަމްޒެކެވެ. އެހެނީ، އެކަލާނގެ މި އުންމަތަށްޓަކައި ދިރިއުޅުމުގެ ފުރިހަމަ މަންހަޖެއް ކަނޑައަޅުއްވައިދެއްވިއެވެ.

މި މަތިވެރި ބަސްފުޅުތަކަކީ، މާތް ﷲ ދެއްވައިފައިވާ މަތިވެރި ނިޢުމަތްތަކާ އެކަށީގެންވާ ފަދަ ބަރުދަންހުރި މަސްއޫލިއްޔަތެއް މި އުންމަތުގެ ކޮނޑުގައި އެޅިފައިވާކަން ހަނދާންކޮށްދޭ ކަމެކެވެ. މާތް ﷲ މި އުންމަތަށް ދެއްވި މަތިވެރި އޯގާތެރިކަމާއި އަޅާލުމާ އެއްވަރުގެ އެއްވެސް ކަމެއް، މި އުންމަތުގެ ހުރިހައި ޖީލުތަކެއް އެކުވެގެން ކުރާ މަސައްކަތުންވެސް ހުށަހަޅައެއް ނުދެވޭނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް އޮތްހާވެސް ކަމަކީ، އެ ނިޢުމަތަށް ޝުކުރުވެރިވުމުގައި ކުޅަދާނަވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކުރުމާއި، ނިޢުމަތް ދެއްވި ފަރާތް ދެނެގަތުމެވެ. އަދި ތިމާގެ މައްޗަށް އޮތް ވާޖިބުތައް ދެނެގަނެ، އެކަންކަން އަދާކުރުމުގައި ކުޅަދާނަވީ މިންވަރަކުން މަސައްކަތްކުރުމެވެ. އަދި އެކަންކަން އަދާކުރުމުގައި ވާ އުނިކަންތައްތަކާއި އިހުމާލުތަކަށް ފުއްސެވުމާއި މާފަށް އެދި ދެންނެވުމެވެ.

(ނިމުނީ) 

ކޮމެންޓު