ad_banner
ކީރިތި ޤުރްއާނުގައި ޙައްޖުގެ މަގުސަދު (3)

ޑރ. މޫސާ އަންވަރު ޙަސަން

21 މޭ 2026

(2026 މޭ 20ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އެ މީހުން ބުނެއުޅެއެވެ. [އަހަރެމެން މި ދަނީ ﷲގެ ގެފުޅަށް ޙައްޖުވުމަށެވެ. ފަހެ، އެކަލާނގެ އަހަރެމެންނަށް ކާންނުދެއްވާނެހެއްޔެވެ؟]

މި ބުނުމަކީ، އިސްލާމްދީނުގެ ޠަބީޢަތާ މުޅީން ޚިލާފު ބުނުމެކެވެ. ސަބަބަކީ، އިސްލާމްދީން އަމުރުކުރަނީ ފުރިހަމަ އިޚުލާޞްތެރިކަމާ އެކު، މާތް ﷲއަށް ވަކީލުކޮށް، ހިތް އެކަލާނގެއަށް ޚާލިޞްކުރާ ހިނދު ވެސް، ދަތުރަށް ބޭނުންވާ ޢަމަލީ ތައްޔާރީތައް ފުރިހަމަކުރުމަށެވެ. މީގެ އިތުރަށް، އެ މީހުންގެ އެ ވާހަކައިގައި މާތް ﷲގެ މަތިވެރިކަމަށް ބެލުމެއްނެތި ބޭނުންހައި އެއްޗެއް ބުނުމުގެ ނުބައި ސިފައާއި، އެކަލާނގެއަށް ކަންތައްތަކެއް ލާޒިމުކުރާ ފަދަ މޭރުމެއް އެކުލެވިގެންވެއެވެ. އެބަހީ، އެ މީހުން ޙައްޖަށް ދާތީ އެއީ ﷲއަށް ކުރާ އިޙުސާންތެރިކަމެއްކަމަށް ދެކި، އެކަލާނގެ އެ މީހުންނަށް ކާންދެއްވާން ޖެހޭނެކަމަށް ދޭހަވާ ފަދަ ނުރަނގަޅު ބޭއަދަބުވެރިކަމެއް އެ މީހުންގެ ކިބައިން އެބަ ފެނެއެވެ." (في ظلال القرآن: 1/196-197.)

މާތްގެ ޝިޢާރުތަކަށް މަތިވެރިކޮށް ހިތުމަށް ބާރުއެޅުން:

މަބުރޫރު ޙައްޖެއްގެ ޢަލާމާތްތަކުގެ ތެރޭގައި، އެ މީހަކީ މާތްﷲގެ ޙުރުމަތްތަކާއި ޝިޢާރުތަކަށް މަތިވެރިކޮށް ހިތާ މީހަކަށް ވުން ހިމެނެއެވެ. މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ނޫން އެހެން ކަމެއް ނޫނެވެ. ޙައްޖުގެ އަޅުކަން އަދާކުރާ މީހާ، ބަހުން ނުވަތަ ޢަމަލުން ވިޔަސް އެއްވެސް މިންވަރަކަށް އެކަލާނގެ ޙުރްމަތްތަކަށް އަރައިގަނެގެން ނުވާނެއެވެ. މިއީ މާތްﷲގެ ކިބަޔަށް ބިރުވެތިވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ހެތްކެކެވެ. އެހެންކަމުން، ޙައްޖުގެ އަޅުކަންތަކުގެ ވާހަކަ ބަޔާންކުރައްވަމުން މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ﴾ (سورة الحج 32) މާނައީ: " (ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمرތަކަށް) މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެ ކަންތައްވަނީ، ހިތްތަކުގެ تقوىވެރިކަމުގެ ތެރެއިންނެވެ." މި އާޔަތުގެ ތަފުސީރުގައި سيد قطب ވިދާޅުވެފައިވެއެވެ. "އާޔަތުގެ ސިޔާގު އެނބުރިފައިވަނީ، މާތްﷲގެ ޙުރުމަތްތަކަށް ބިރުވެތިވެ، އެއަށް އަރައިގަތުމުން ދުރުހެލިވެ، އެކަލާނގެ ޝިޢާރުތަކަށް މަތިވެރިކޮށް ހިތުމަށެވެ. އެ ގޮތުން ޙައްޖުގެ ހަދުޔުގެ ގޮތުގައި ކަތިލެވޭ ތަކެއްޗަކީ ރަނގަޅަށް ކާނާދީ ބޮޑުކޮށްފައިވާ، އަގުބޮޑު ތަކެތިކަމުގައި ހެދުން ހިމެނެއެވެ. ﴿ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى الْقُلُوبِ * لَكُمْ فِيهَا مَنَافِعُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَا إِلَى الْبَيْتِ الْعَتِيقِ﴾ (سورة الحج 33-32)  މާނައީ: " (ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حجގެ عمل ތަކާއި، އެނޫންވެސް دينى أمر ތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ. ކަނޑައެޅިގެންވާ ވަގުތަކާޖެހެންދެން، ތިޔަބައިމީހުންނަށް އެތަކެތީގައި (އެބަހީ: هدى ގެ ގޮތުން ކަތިލެވޭ ތަކެތީގައި) މަންފާތަކެއްވެއެވެ. ދެން އެއަށް ފަހު، އެ ތަކެތި ކަތިލުމުގެ محل އަކީ، ޒަމާންވީ ގެފުޅުއަރިހެވެ. (އެބަހީ: مكة ގެ حرم ފުޅެވެ.)

ޙައްޖުވެރިޔާ ކަތިލާ ހަދުޔާއި (ޤުރުބާންކުރާ ތަކެއްޗާއި) ހިތުގެ ތަޤުވާވެރިކަމާ ގުޅުވައިދެއެވެ. ސަބަބަކީ ޙައްޖުގެ އެންމެހައި މަނާސިކުތަކާއި ޝިޢާރުތަކުގެ އަޞްލު މަގުސަދަކީ ތަޤުވާވެރިކަން ކަމުގައިވާތީއެވެ. މި މަނާސިކުތަކާއި އަޅުކަންތަކަކީ، بيت الله ގެފުޅުގެ ވެރި ރަސްކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެއަށް މުޚާޠަބުކޮށް ކުރިމަތިލުމުގެ ރަމްޒީ އިޝާރާތްތަކެކެވެ.

ހަމައެއާއެކު، މި އަޅުކަންތަކުގެ ތެރޭގައި އިބްރާހީމްގެފާނުގެ ޒަމާނުން ފެށިގެން އައިސްފައިވާ މަތިވެރި އަދި މުސްކުޅި ހަނދާންތަކެއް އާކޮށްދެއެވެ. އެއީ މި އިސްލާމީ އުންމަތް އުފެދުނީއްސުރެ އޮތް ކިޔަމަންތެރިކަމާއި، ﷲ ގެ ހަޟުރަތަށް އެނބުރި ދިއުމާއި، އެކަލާނގެއަށް ކުއްތަންވުމުގެ ހަނދާންތަކެވެ. ވީމާ، މި މަނާސިކުތަކަކީވެސް ދުޢާ އާއި ނަމާދު ފަދައިން ﷲ އަށް އަދާކުރެވޭ މަތިވެރި އަޅުކަންތަކެކެވެ.

އިޙުރާމްގެ ދުވަސްތައް ނިމުމުން ހަދުޔުގެ ގޮތުގައި ކަތިލުމަށް ގެންދާ ނަޢަމްސޫފިތަކުން، އެ ތަކެތީގެ ވެރިފަރާތަށް މަންފާ ލިބިގަތުން ހުއްދައެވެ. އެގޮތުން ބޭނުންޖެހިއްޖެ ހިނދެއްގައި، އެ ތަކެތި ކަތިލާން ހަމަޖެހިފައިވާ ތަން ކަމުގައިވާ ބައިތުލްޢަތީޤް (ކަޢުބާ) އާ ހަމައަށް ފޯރަންދެން، އެއަށް ސަވާރުވުމާއި އޭގެ ކިރު ބުއިމަކީ ކުރެވިދާނެ ކަންކަމެވެ. އެއަށްފަހު، އެ މާތް ބިމުގައި އެ ތަކެތި ކަތިލައި، އޭގެ މަސް އަމިއްލައަށް ކެއުމުގެ އިތުރަށް، ނިކަމެތި ފަޤީރުންނަށް އެއިން ކާންދޭންވާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި މުސްލިމުން ހަދުޔުގެ ގޮތުގައި ކަތިލާ ތަކެއްޗަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައެވެ. އެގޮތުން މާތްﷲގެ ޝިޢާރުތަކަށް އިޙުތިރާމްކުރުމުގެ ގޮތުންނާއި، ހިތްތަކުގައިވާ ތަޤުވާވެރިކަމެއްގެ ސަބަބުން، ހަދުޔުގެ ގޮތުގައި އެބޭކަލުން އިޚުތިޔާރު ކުރައްވަނީ ވަރަށް ފަލަ، ރީތި އަދި އަގުބޮޑު ތަކެއްޗެވެ. عبد الله بن عمر رضي الله عنهما ރިވާކުރެއްވި ބަސްފުޅެއްގައިވެއެވެ. "ޢުމަރުގެފާނު ހަދުޔުގެ ގޮތުގައި ކަތިލުމަށްޓަކައި ވަރަށް މޮޅު ޖަމަލެއް ގެންގުޅުއްވިއެވެ. އެ ޖަމަލަށް ތިންސަތޭކަ ދީނާރުގެ އަގެއް (މީހަކު) ހުށަހެޅިއެވެ. ދެން އެކަލޭގެފާނު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. އޭ މާތްﷲގެ ރަސޫލާއެވެ! އަޅުގަނޑު ހަދުޔުގެ ގޮތުގައި ކަތިލުމަށް މޮޅު ޖަމަލެއް ކަނޑައެޅީމެވެ. އެ ޖަމަލަށް ތިންސަތޭކަ ދީނާރު ލިބޭ ގޮތް ވެއްޖެއެވެ. އެ ޖަމަލު ވިއްކާލުމަށްފަހު، އެ ފައިސާއިން އެހެން ޖަމަލުތަކެއް ގަނެ (ހަދުޔުގެ ގޮތުގައި ކަތިލާންވީތޯއެވެ؟)' އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. [ނޫނެކެވެ. ހަމަ އެ ޖަމަލު ކަތިލާށެވެ!]

عمر بن الخطاب رضي الله عنه އަށް ހަދިޔާއެއްގެ ގޮތުގައި ލިބިވަޑައިގަތް އަގުބޮޑު ޖަމަލުގެ އަގު ތިންސަތޭކަ ދީނާރަށް އެރިއެވެ. ޢުމަރުގެފާނު އެ ޖަމަލުގެ އަގާ މެދު ދަހިވެތިވެވަޑައިގަތީއެއް ނޫނެވެ. އެކަލޭގެފާނު ބޭނުންފުޅުވީ އެ ޖަމަލު ވިއްކައިލުމަށް ފަހު، އެއިން ލިބޭ ފައިސާއިން ކަތިލުމަށް ޓަކައި އިތުރު ޖަމަލު ނުވަތަ ގެރި ބައްލަވައިގަނެ، ގިނަ ބަޔަކަށް ކާންދެއްވާށެވެ.

ނަމަވެސް، ރަސޫލާ صلى الله عليه وسلم އިރުޝާދު ދެއްވީ، އެ ޖަމަލުގެ އަގުބޮޑުކަމާއި މާތްކަމަށްޓަކައި ހަމަ އެ ޖަމަލު އުޟުޙިޔާގެ ގޮތުގައި ކަތިލުމަށެވެ. އޭގެ ބަދަލުގައި މަސް ގިނައިން ލިބޭނެ އެހެން ޖަމަލުތަކެއް ހޯދުމުގެ ބަދަލުގައި، އެ ޖަމަލު ޚިޔާރުކުރެއްވީ އެއީ އިޙުސާސްތަކާއި ގުޅިފައިވާ، މަތިވެރި އަޅުކަމެއްގެ ރަމްޒަކަށް ވާތީއެވެ. އަޅުކަމުގައި މިފަދަ "މަތިވެރި އިޙުސާސްތަކަށް" އިސްކަންދިނުމަކީ މަގުސަދެކެވެ. އެއީ މާތްﷲ ވަޙީކުރައްވައިފައިވާ ފަދައިން ﴿فَإِنَّهَا مِن تَقْوَى الْقُلُوبِ﴾ "އެކަންވަނީ ހިތްތަކުގެ ތަޤުވާވެރިކަމުގެ ތެރެއިން" ނެވެ. ރަސޫލާ صلى الله عليه وسلم، ޢުމަރުގެފާނަށް "ހަމަ އެ ޖަމަލު ކަތިލާށޭ" ޙަދީޘްކުރެއްވުމުގައި ފޮރުވިފައިވާ މާނައަކީވެސް އެއީއެވެ. އެހެން އެއްޗަކަށް ބަދަލުނުކޮށް، އެންމެ އަގުބޮޑު އަދި އެންމެ ލޯބިވާ އެއްޗަކުން ޤުރުބާންވުމުގެ މުހިންމުކަމެވެ.

ދުނިޔަވީ މަޞްލަޙަތުތަކާއި އާޚިރަތުގެ މަޞްލަޙަތުތަކުގެ ދެމެދުގައި ތަވާޒުނުކުރުން:

ދުނިޔަވީ މަޞްލަޙަތުތަކާއި އާޚިރަތުގެ މަޞްލަޙަތުތަކުގެ ދެމެދުގައި މީޒާން ހަމަކުރުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާއި އެ ދީނުގެ މަތިވެރި މަގުސަދުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަން އިސްލާމީ ޝަރީޢަތުގެ ގިނަ ކަންކަމުންނާއި އަޅުކަންތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. މީގެ ތެރެއިން އެއް މިސާލަކީ ޙައްޖުގެ މަތިވެރި އަޅުކަމެވެ. ޙައްޖުގެ އަޅުކަން އަދާކުރާ މީހާ، އެ އަޅުކަމުގެ މަނާސިކުތައް ފުރިހަމަކުރުމާ އެކު، ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ މަސައްކަތް ކުރުމަކީ މާތް الله ހުއްދަކުރައްވައިފައިވާ ކަމެކެވެ. ނަމަވެސް އެކަމުގެ ޝަރުޠަކީ، އެކަމުގެ ސަބަބުން ޙައްޖުގެ އަސްލު މަގުސަދު ކަމުގައިވާ އަޅުކަމަށް އެއްވެސް އުނިކަމެއް ނައުމެވެ. سيد قطب ވިދާޅުވެފައިވެއެވެ. "ދެން އެއަށްފަހު (ޤުރްއާނުގެ އާޔަތްތަކުގައި) ޙައްޖުގެ ޙުކުމްތަކާއި އޭގެ ޝިޢާރުތައް ބަޔާންކޮށްދެއްވަމުން، ޙައްޖާޖީން ވިޔަފާރިކުރުމާއި ނުވަތަ އުޖޫރައަކަށް މަސައްކަތް ކުރުމާ ބެހޭ ޙުކުމް ބަޔާންކޮށްދެއްވައެވެ. އަދި ޢަރަފާތުން އެނބުރި އައުމުގެ (الإفاضة) ޙުކުމާއި އެކަން ކުރާންވީ ތަނާއި، އޭގެ ފަހުން ޒިކުރުކުރުމާއި އިސްތިޣްފާރު ކުރުމާ ގުޅޭގޮތުން ވާޖިބުވެގެންވާ ކަންކަން ބަޔާންކޮށްދެއްވައެވެ. ﴿لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ ۚ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِندَ الْمَشْعَرِ الْحَرَامِ ۖ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ﴾ (سورة البقرة 198).  މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ލިބޭ فضل ވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުން ފަދަ  ގޮތްގޮތުން  ހޯދާ  ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން عرفات ން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، المشعرالحرام ގައި (އެބަހީ: مزدلفة ނިމޭތާނގައިވާ قُزَح ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! (އެބަހީ: تلبية ކިޔައި، دعاء ކުރާށެވެ!) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.

މާތް ﷲގެ ގެފުޅަށް ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދާ ފައިދާތަކާއި މަންފާތަކަކީ ނުހަނު ގިނަގުނަ އަދި ތަފާތު ކަންތައްތަކެކެވެ. އަދި އެކި މީހުންނަށް މި މަންފާތައް ލިބިގެންދާ މިންވަރު ވެސް ތަފާތެވެ. އެގޮތުން، އެ މުޤައްދަސް ބިމުގެ މަތިވެރިކަމާއި، ބަރަކާތާއި، ހައިބަބަތުގެ ސަބަބުން ހިތްތަކަށް ލިބިދޭ ރޫޙާނީ މަންފާތަކެއްވެއެވެ. އަދި ކިއެއްތަ، ޙައްޖުގެ މަތިވެރި އަޅުކަމަކީ އާޚިރަތްދުވަހުގެ މަންޒަރުތައް ސިފަކޮށްދޭ ކުޑަކުޑަ ނަމޫނާއެކެވެ. އެއީ މަރުވުމަށްފަހު އަލުން ދިރުއްވައި، މަޙުޝަރު ކުރެވި، ހިސާބުބެއްލެވުމާއި، ޖަޒާ ދެއްވުމާ ހަމައަށް ހިނގާނެ ކަންތައްތަކުގެ ތަޞްވީރެކެވެ. ޙައްޖުގެ އަޅުކަމުގައި ދުނިޔަވީ މަޞްލަޙަތުތަކާއި އާޚިރަތުގެ މަންފާތަކުގެ މެދުގައި އޮންނަ ހަމަހަމަކަމާ ގުޅޭގޮތުން سيد قطب ވިދާޅުވެފައިވެއެވެ. "ޙައްޖުގެ މަތިވެރި މަގުސަދުތަކާއި އޭގެ ބައެއް ނިޝާންތަކުގެ މައްޗަށް ބަލާލާއިރު..." ﴿لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ ۖ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ﴾ (سورة الحج 28) މާނައީ: [އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ. نعم ސޫފީގެ نعمة އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި حالގައިވާ فقيرންނަށް (އެއިން) ކާންދޭށެވެ!]

ޙައްޖުގެ އަޅުކަމުން ލިބިދޭ މަންފާތަކާއި ފައިދާތަކަކީ ގުނައި އަދަދު ނުކުރެވޭހައި ގިނަ ކަންތައްތަކެކެވެ. ޙައްޖަކީ އަޅުކަމާއި ވިޔަފާރީގެ މޫސުމެކެވެ. އަދި އެއީ ބައްދަލުވުމާއި، ތަޢާރަފުވުމާއި، އެއްބާރުލުމާއި، ގުޅުން ބަދަހިކުރުމުގެ ބޮޑު މުއުތަމަރެކެވެ. މިއީ ދުނިޔަވީ ފައިދާތަކާއި އާޚިރަތުގެ ބާއްޖަވެރިކަން އެއްތަންވެ، އިސްލާމީ ޢަޤީދާގެ މުއްސަނދި ޒިކުރާތައް އާލާކޮށްދޭ މަތިވެރި ފަރުޟެކެވެ. ވިޔަފާރިވެރީންނަށް ޙައްޖުގެ މޫސުމަކީ ވަރަށް ފައިދާހުރި ބާޒާރެކެވެ. ދުނިޔޭގެ ކަންކޮޅުތަކުން ތަފާތު މުދަލާއި މޭވާތައް މި މުޤައްދަސް ބިމަށް ޖަމާވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ޙައްޖުވެރީން، އެމީހުންގެ ޤައުމުތަކުގައި ހުންނަ ނިއުމަތްތަކާއި އުފެއްދުންތައް މި މޫސުމުގައި މި ބިމަށް ގެނެއެވެ. އެހެންކަމުން، މިއީ ކޮންމެ އަހަރަކު ބޭއްވޭ ބައިނަލްއަޤްވާމީ ވިޔަފާރި މަޢުރަޒެއް ފަދަ ބޮޑު ބާޒާރެކެވެ.

ހަމައެއާއެކު، މިއީ މާތް اللهُ ގެ ކަޢުބަތުﷲ ގެފުޅުގެ އަރިހުގައި، އެކަލާނގެއާ ކުއްތަންވެ، ރޫޙާނީ ދިރުން ހޯދައިދޭ އަޅުކަމުގެ މޫސުމެކެވެ. ގެފުޅުގެ ވަށައިގެން ތަވާފުކޮށް، އިސްލާމީ ތާރީޚުގެ މަތިވެރި ހަނދާންތައް އާކުރާއިރު، މުއުމިނުންގެ ހިތްތަކަށް އާދަޔާޚިލާފު ހަމަޖެހުމާއި ސާފުކަން ލިބިދެއެވެ. (ނުނިމޭ)

 

ދެ ލަފުޒެއްގެ މާނަ:

ތަވާޒުނު     ނ.    ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance

ސިޔާގު      ނ.    ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު. context

ކޮމެންޓު