އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
22 މޭ 2026
ޙައްޖުގެ އަޅުކަމަކީ ތަނާއި ވަގުތު ކަނޑައަޅުއްވައިފައިވާ އަޅުކަމެކެވެ. މާތް ﷲ އަންގަވައިފައިވާ ގޮތަށް މި އަޅުކަން އަދާކުރުމަށް ޓަކައި މި ދެ ޝަރުޠު ފުރިހަމަވާން ޖެހޭނެއެވެ. އެއީ ހަވާނަފުސާ އެއް ގޮތަށް އިޚުތިޔާރު ކުރެވޭނެ ވަގުތެއް ނޫނެވެ. އަދި ތަނެއް ވެސް ނޫނެވެ. ﷲ U ޙައްޖުގެ މަނާސިކުތައް އަދާކުރާން ބޭނުންވާ މީހާއަށް ގޮވައިލައްވަނީ [އެކަލާނގެ ފޭލިގެކޮޅަށް] އައުމަށެވެ. އެކަލާނގެ ކަނޑައަޅުއްވައިފައިވާ ވަގުތެއްގައެވެ. ވަކި ޚާއްޞަ ހެދުމެއްގައެވެ. މި އަޅުކަމުގައި އެކަލާނގެ އަޅުގަނޑުމެން، އަޅުގަނޑުމެންގެ އިޚުތިޔާރުން ބޭރަށް ނެރުއްވައެވެ. އެކަލާނގެ ޝަރުޢުކުރައްވައިފައިވާ ގޮތަށް އެކަލާނގެ އަޅުގަނޑުމެންނަށް އިޚުތިޔާރުކޮށްދެއްވައިފައިވާ ގޮތަށް މި ދުވަސްކޮޅުގައި އުޅުމަށެވެ.
ކީރިތި ޤުރުއާނުގައި ޙައްޖާ ބެހޭ ﷲގެ ޚިޠާބު އައިސްފައިވަނީ "الناس - މީސްތަކުން" މި ލަފުޒުންނެވެ. އެހެން ޢިބާދާތުތަކާ ޚިލާފަށެވެ. "المؤمنين - މުއުމިނުން" މި ލަފުޒަކުންނޫނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. )وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلْبَيْتِ مَنِ ٱسْتَطَاعَ إِلَيْهِ سَبِيلًا[1] - އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ) اللَّهއަށް ޓަކައި މީސްތަކުންގެ މައްޗަށްއޮތް واجب އެކެވެ.( މި ބަސްފުޅުން އެނގެނީ މިއީ އާންމު ޝާމިލު ބަސްފުޅެއްކަމެވެ. ﷲގެ މެހުމާންދާރީއަށް ޙައްޖުވެރިޔާ ރޫޙާނީ ގޮތުން ގެންދާ އަޅުކަމެއްކަމެވެ.
މާތް ﷲ ޙައްޖުވެރީންނަށް އެކަލާނގެ ގެފުޅުގައި މެހުމާނުދާރީ މި ދެއްވަނީ ޠަވާފުލްޤުދޫމާ ހަމައިންނެވެ. މާތް ﷲ އެކަލާނގެ ގެފުޅަށް މި އައި މެހުމާނުންނަށް މަރުޙަބާގެ އިލާހީ ސަރުބަތުންނެވެ. އެއަށް ފަހު ޙައްޖުވެރިޔާ އެކަލާނގެ ޙަރަންފުޅުން ބޭރަށް ގެންދަވައެވެ. ޙަރަމުފުޅުގެ ސަރަޙައްދުން ބޭރުގައި އޮންނަ ޢަރަފާތު ބިމަށެވެ. އެ ތާނގައި އޭނާއަށް ފާފަފުއްސަވައިދެއްވައި ޠާހިރުކުރެއްވުމަށް ފަހު ޠަވާފުލްއިފާޟާއަށް ޓަކައި އޭނާ ﷲގެ ގެފުޅަށް އިޢާދަކުރައްވައެވެ. މިއީ އިންސާނުންނަށް އެ ކަމުގައި ހިމެނޭ ފުން މާނަތައް ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ މަނާސިކުތަކެއްނޫނެވެ.
ޖަމްރާތަކަށް ހިލަ އުކުމަކީ ނަފުސާ ދެކޮޅަށް ޙައްޖުވެރިޔާ ކުރާ ޖިހާދުގެ ރަމްޒެކެވެ. ޙައްޖުވެރިޔާ މި އުކާ އުކުން އިޝާރަތްކުރަނީ އޭނާގެ ހަށިގަނޑުގައި ހުރި ކުށްފާފަތަކުގެ ދަގުއިތައް ބޭރަށް ނެރެ އުކައިލުމަށެވެ. މިއީ އިންސާނީ ސާފު ފިޠުރަތާ ޚިލާފު، ނުބައި ޢަމަލުތައް ކުނިގޮނޑަށް އުކައިލައި، ހަވާނަފުސުގެ އަޅުވެތިކަމުން ސާފުޠާހިރުކަމަށް ފުރާނަ އަލުން އިޢާދަކުރުމެވެ.
ﷲ ތަޢާލާ ޙައްޖުގެ މަނާސިކުތައް ލައްވައިފައި ވަނީ ކަނޑައެޅިގެންވާ މައްސަރުތަކެއްގައެވެ. އެއީ ވަކި މަހެއްގައި ކުރެވޭ މަނާސިކުތަކެއްނޫނެވެ. އެއީ ޙައްޖުވެރީން ޖަމާކޮށްދޭ ރޫޙާނީ ޢާލަމީ މަހާސިންތާއެކެވެ. އެއީ މާތް ﷲ އެބައިމީހުންނަށް ލައްވަވައިފައިވާ ދީނީ އަދި ދުންޔަވީ މަންފާތަކެއް ލިބިގަތުމަށް ޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، اللَّهގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށް ޓަކައެވެ.
މާތްﷲ ޙައްޖުގައި ހަދުޔު ކަތިލައި ފަޤީރުން ކާންދިނުން ލައްވަވައިފައިވަނީ ދީންވެރިކަމަކީ ފައިދާއާއި މަންފާ ހުރި ޖަމާޢީ ދީންވެރިކަމެއްކަން ބަޔާންކޮށްދެއްވުމަށް ޓަކައެވެ. ފަރުދީ ލާބައިން މުޖުތަމަޢުގެ ލާބައަށް ހުރި މަންފާއެއްކަން އެންގެވުމަށް ޓަކައެވެ. އެއީ ފަރުދީ ހަނި ތަޖުރިބާތަކެއްނޫނެވެ. މީގެ އިތުރަށް އެއީ އެއް ބަޔަކު އަނެއް ބަޔަކާ ގުޅި ލައިމެހިގެންވާ ދީންވެރިކަމެއްކަން ބަޔާންކޮށްދެއްވުމެކެވެ. ނަޢަމުސޫފީގެ ނިޢުމަތް ދެއްވިކަމަށް ޓަކައެވެ. މާތްﷲގެ ބަސްފުޅަކީ ((ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި ޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ! ދެން އެއުރެން ގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން ޠަވާފުކުރާހުށިކަމެވެ!)) [2]
ޙައްޖަކީ އަޚުލާޤީ މަދަރުސާއެކެވެ. އޭނާގެ އަޚުލާޤު ރިވެތިކުރުމަށާއި ސުލޫކު އޮފުދާރުކުރުމަށް ޓަކައެވެ. މި ކަން ބަޔާންކުރައްވައި ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. )ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ [3]- حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި فاسق ކަމެއް އަދި އަރާރުންވުމެއްވެސް ނެތެވެ.( ފާސިޤުކަމަކީ ކިޔަމަންތެރިކަމުން ބޭރުވުމެވެ. ބަސްނޭހުމެވެ.
ޙައްޖުވެރިން މަދީނާއަށް ގޮސް المصطفى ﷺއަށް ޒިޔާރަތްކުރެއެވެ. މިއީ ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ. އެއީ ﷲގެ ރަސޫލާ ދެކެ ލޯބީން ކުރާ ކަމެކެވެ. ލޯބީގެ ޢަމަލުތަކުގައި މަޖުބޫރުކަމެއް ނޯންނާނެތެވެ.
ބައެއް ލަފުޒުގެ މާނަ:
އޮފުދާރު ނ. ގަދައޮފު ހުރި.
މަހާސިންތާ ނ. ބޮޑެތި މަޝްވަރާ. symposium
މެހުމާނުދާރީ ނ. މެހުމާނުންނަށް ކަމޭހިތައި ޚިދުމަތްކުރާ ކުރުން. hospitality
ދަގުއި ނ. މަޢުދަނީ ތަކެތި ވިރުވީމާ ނެގޭ ބޭކާރު ބައި.
ސުލޫކު ނ. (1) ޢަމަލުތައް ހުންނަ ގޮތް. (2) އުޅޭ ގޮތް. (3) އަޚުލާޤު