ޑރ. މޫސާ އަންވަރު ޙަސަން
24 މޭ 2026
ހުރިހައި ޙަމްދަކާއި ތަޢުރީފެއް ހުރީ ޢާލަމްތަކުގެ ވެރި މާތް ﷲއަށެވެ. އަދި އެކަލާނގެ އަޅާ އަދި ރަސޫލާ، ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލައްވާށިއެވެ.
ހަމަކަށަވަރުން، މާތް ﷲ ވަނީ އެކަލާނގެ ނަބިއްޔާގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރުމަށް ކީރިތި ޤުރްއާނުގެ ނައްޞުން އެކަލާނގެ އަޅުތަކުންނަށް ޝަރުޢުކުރައްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ (سورة الأحزاب 56) މާނައީ: [ހަމަކަށަވަރުން، اللَّهއާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلامލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!]
އެކަލޭގެފާނަށް ޞަލަވާތްކިޔެވުމާއި ސަލާމްކުރުމުގެ މާނައަކީ، އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމެވެ. އެގޮތުން (اللهم صل على رسول الله) (ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ރަސޫލާގެ މައްޗަށް ޞަލަވާތް ލައްވާނދޭވެ!) މި ފަދައިން ބުނުމަކީ، އެކަލޭގެފާނަށް ޞަލަވާތް ލެއްވުން އެދި ކުރެވޭ ދުޢާއެކެވެ. އަދި (اللهم سلم على رسول الله) (ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ރަސޫލާގެ މައްޗަށް ސަލާމް ލައްވާނދޭވެ!) މި ފަދައިން ބުނުމަކީ، އެކަލޭގެފާނަށް ސަލާމަތްކަން ދެއްވުން އެދި ކުރެވޭ ދުޢާއެކެވެ. މި ކަމާ ގުޅޭގޮތުން ރިވާވެގެންވާ އެންމެ މާތް އަދި އެންމެ ސައްޙަ ރިވާޔަތަކީ، އިމާމު ބުޚާރީއާއި އިމާމު މުސްލިމް އެ ބޭފުޅުންގެ "ޞަޙީޙް"ގައި، كعب بن عجرة رضي الله عنه ގެ ކިބައިން ރިވާކުރައްވައިފައިވާ ޙަދީޘްފުޅެވެ. كعب بن عجرة رضي الله عنه އެކަލޭގެފާނުގެ އެކުވެރިންނަށް ވިދާޅުވިއެވެ. "ތިޔަބޭފުޅުންނަށް އަގުހުރި ހަދިޔާއެއް އަރުވަންތޯއެވެ؟" އެބޭފުޅުން ދެންނެވިއެވެ! "އާދޭހެވެ، އެ ހަދިޔާ ދެއްވާށެވެ!" ދެން كعب بن عجرة رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ތިމަންބޭކަލުންގެ ގާތަށް ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ތިޔަބޭފުޅުން މި ފަދައިންކިޔުއްވާށެވެ." (اللَّهُمَّ صَلِّ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما صَلَّيْتَ على آلِ إبْراهِيمَ، إنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بارِكْ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما بارَكْتَ على آلِ إبْراهِيمَ، إنَّكَ حَمِيدٌ مَجِيدٌ) މި ކަމާގުޅޭ ގޮތުން ވާރިދުވެފައިވާ އެންމެ ފުރިހަމަ ގޮތަކީ މިއީއެވެ." (اللَّهُمَّ صَلِّ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما صَلَّيْتَ على آلِ إبْراهِيمَ، إنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بارِكْ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما بارَكْتَ على آلِ إبْراهِيمَ، إنَّكَ حَمِيدٌ مَجِيدٌ) މިފަދައިން ކިޔާނީ ނަމާދުގެ ފަހުކޮޅުގައި، ސަލާމްދިނުމުގެ ކުރިން އަދި ދުޢާކުރުމުގެ ކުރިންނެވެ. އެއަށްފަހު ދުޢާކުރާނީއެވެ.
ޙަދީޘްފުޅުތަކުގެ ޢާއްމު މާނައަށް ބަލާއިރު، ފުރަތަމަ އައްތަޙިއްޔާތުގައި ވެސް (ޞަލަވާތް) ކިޔުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މިއީ ހަމައެކަނި ފަހު އައްތަޙިއްޔާތުގައި ކިޔަންޖެހޭ އެއްޗެކެވެ. ނަމަވެސް، ޙަދީޘްފުޅުތަކުގެ ބޭރުފުށުގެ މާނައިން ދޭހަވަނީ، ފުރަތަމަ އައްތަޙިއްޔާތުގައި ވެސް ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔަވާންޖެހޭކަމެވެ. އެއަށްފަހު، ތިންވަނަ ރަކުޢަތަށް ތެދުވާނީއެވެ. އެހެންނަމަވެސް، ފަހު އައްތަޙިއްޔާތުގައި ޞަލަވާތް ކިޔަވައި ނިމުމަށްފަހު، މި ފަދައިން ދުޢާކުރާނީއެވެ. (اللَّهمَّ إنِّي أعوذُ بكَ مِن عذابِ جهنَّمَ، وأعوذُ بكَ مِن عذابِ القبرِ، وأعوذُ بكَ مِن فتنةِ المَحْيا والمماتِ، وأعوذُ بكَ مِن شرِّ المسيحِ الدَّجّالِ) އަދި މިއަށްފަހު އެމީހަކަށް ފަސޭހަވެގެންވާ ދުޢާއެއް ކުރާނީއެވެ. މިސާލަކަށް (اللَّهُمَّ أعِنِّي على ذِكرِكَ وشُكرِكَ وحُسنِ عِبادتِكَ، اللَّهُمَّ إنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا، ولا يَغْفِرُ الذُّنُوبَ إلّا أنْتَ، فاغْفِرْ لي مَغْفِرَةً مِن عِندِكَ، وارْحَمْنِي إنَّكَ أنْتَ الغَفُورُ الرَّحِيمُ. اللَّهُمَّ إنِّي أعُوذُ بكَ مِنَ البُخْلِ، وأَعُوذُ بكَ مِنَ الجُبْنِ، وأَعُوذُ بكَ مِن أنْ نُرَدَّ إلى أرْذَلِ العُمُرِ، وأَعُوذُ بكَ مِن فِتْنَةِ الدُّنْيا، وعَذابِ القَبْرِ. اللَّهُمَّ اغفِرْ لي ما قدَّمْتُ وما أخَّرْتُ، وما أسرَرْتُ وما أعلَنْتُ، وما أنت أعلَمُ به مِنِّي، أنت المقَدِّمُ، وأنت المؤَخِّرُ، لا إلهَ إلّا أنت) މި ހުރިހާ ދުޢާތަކަކީ ވެސް ނަބިއްޔާ صلى الله عليه وسلم ގެ ކިބައިން ސާބިތުވެފައިވާ ދުޢާތަކެވެ. އެކަލޭގެފާނު މި ދުޢާތައް ކުރައްވަނީ ނަމާދުގެ ފަހުބައިގައި، އައްތަހިއްޔާތުގައި ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ކިޔަވައި ވިދާޅުވުމަށްފަހު، ސަލާމް ދިނުމުގެ ކުރީގައެވެ. ނަމާދުން ބޭރުގައި ދުޢާކުރާއިރުވެސް، ދުޢާގެ ކުރިން ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ސަލަވާތް ކިޔެވުމަކީ ދީނުގައި ކަނޑައެޅިފައިވާ ސުންނަތެކެވެ. فضالة بن عبيد رضى الله عنهގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. މީހަކު ﷲ އަށް ޙަމްދުނުކޮށް އަދި ރަސޫލާ صلى الله عليه وسلمގެ މައްޗަށް ސަލަވާތް ނުކިޔަވައި ދުޢާކުރަނިކޮށް ރަސޫލާ صلى الله عليه وسلمއަށް އިވިވަޑައިގަތުމުން ޙަދީޘްކުރެއް ވިއެވެ. "މިމީހާ އަވަސްއަރުވާލައިފިއެވެ." އެއަށްފަހު އެކަލޭގެފާނު ޙަދީޘްކުރެއް ވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ދުޢާކުރާނަމަ، އެންމެ ފުރަތަމަ އެ މީހެއްގެ ވެރި ރަސްކަލާނގެއަށް ޙަމްދާއިޘަނާ ދަންނަވާށެވެ. އެއަށްފަހު ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ސަލަވާތްކިޔަވާށެވެ. އެއަށް ފަހު އެ މީހަކު ބޭނުން ކަމަކަށް އެދި ދުޢާކުރާށެވެ." ވީމާ، ދުޢާކުރުމުގައި އެންމެ އިސްކަންދޭންޖެހޭ އަދި އެންމެ ފުރިހަމަ ގޮތަކީ، ފުރަތަމަ މާތް ﷲއަށް ޙަމްދާއި ޘަނާ ދެންނެވުމެވެ. އެއަށްފަހު ރަސޫލާ صلى الله عليه وسلمއަށް ސަލަވާތް ކިޔެވުމެވެ. އޭގެ ފަހުގައި ތިމާ ބޭނުންވާ ކަމަކަށް އެދި ދުޢާ ދެންނެވުމެވެ.
ޚުޠުބާތަކާއި ދީނީ ދަރުސްތަކުގައި، މާތްﷲ އަށް ޙަމްދުޘަނާ ކިޔައި، ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު، ރަސޫލާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ޞަލަވާތް ކިޔެވުމުގައި ސުންނަތުން ސާބިތުވާ ކޮންމެ ފަދަ ޞަލަވާތެއް ވެސް ކިޔެވިދާނެއެވެ. ހަމައެފަދައިން، ދަރުސްތަކާއި ޚުޠުބާތައް ނިންމާލާއިރު ރަސޫލާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުމަކީވެސް އެދެވިގެންވާ ކަމެކެވެ. މިސްކިތްތަކާއި މަދަރުސާތަކުގައި ދެވޭ ދަރުސްތަކާއި ފިލާވަޅުތަކުގައިވެސް މިގޮތަށް އަމަލުކުރުމަކީ ރަނގަޅު ކަމެކެވެ. ކައު އިތުރު ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ފޮނުވުމަކީ އިސްލާމްދީން ބާރުއަޅާ، އަދި އެދެވިގެންވާ ކަމެކެވެ. ހުކުރު ޚުޠުބާއާއި، އެހެނިހެން ދަރުސްތަކާއި ބައްދަލުވުންތަކުގައި، މާތްﷲ އަށް ޙަމްދުޘަނާ ކިޔުމަށްފަހު ރަސޫލާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ދީނުގައި ކަނޑައެޅިގެންވާ ޝަރުޢީ ކަމެކެވެ. އަދި އެއީ މީހާ ކުރާ ދުޢާ އިޖާބަވުމަށް މަގުފަހިވާ ސަބަބެއްވެސް މެއެވެ. މާތް ނަބިއްޔާ صلى الله عليه وسلمގެ މައްޗަށް ޞަލަވާތް ކިޔުމާ ގުޅޭގޮތުން އެކަލޭގެފާނުގެ ކިބައިން ތަފާތު ގޮތްތަކެއް ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި ކުރިންވެސް ބަޔާންކުރެވިފައިވާ ފަދައިން، كعب بن عجرة رضي الله عنه ރިވާކުރެއްވި ޙަދީޘްފުޅުގައިވާ ޞަލަވާތް ހިމެނެއެވެ. (اللَّهُمَّ صَلِّ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما صَلَّيْتَ على آلِ إبْراهِيمَ، إنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بارِكْ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما بارَكْتَ على آلِ إبْراهِيمَ، إنَّكَ حَمِيدٌ مَجِيدٌ)
މީގެ އިތުރަށް، މި ކަމާ ގުޅޭ ގޮތުން އައިސްފައިވާ އަނެއް ރިވާޔަތަކީ أبو حُمَيد الصَّاعدي رضي الله عنهގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބައިމީހުން މި ފަދައިން ކިޔާށެވެ. (اَلَّلهُمَّ صَلِّ على مُحَمَّدٍ وأَزْواجِهِ وذُرِّيَّتِهِ، كما صَلَّيْتَ على آلِ إبْراهِيمَ، وبارِكْ على مُحَمَّدٍ وأَزْواجِهِ وذُرِّيَّتِهِ، كما بارَكْتَ على آلِ إبْراهِيمَ إنَّكَ حَمِيدٌ مَجِيدٌ.) (صحيح البخاري (٣٣٦٩)، أخرجه مسلم (٤٠٧)
މީގެ ތެރެއިން ތިންވަނަ ގޮތެއް ވެސް ޞަޙީޙް ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. ރަސޫލު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މިފަދައިން ކިޔާށެވެ. (اَلَّلهُمَّ صَلِّ على مُحَمَّدٍ عَبْدِكَ ورَسولِكَ، كما صَلَّيْتَ على إبْراهِيمَ، وبارِكْ على مُحَمَّدٍ، وعلى آلِ مُحَمَّدٍ، كما بارَكْتَ على إبْراهِيمَ وآلِ إبْراهِيمَ.) (صحيح البخاري (٦٣٥٨)
އަދި މީގެ ހަތަރުވަނަ ގޮތެއް ވެސްވެއެވެ. މިކަން ބަޔާންވެގެންވަނީ أبي مسعود البدري رضى الله عنه ގެ ކިބައިން ރިވާވެގެންވާ، ސަޙީޙު މުސްލިމްގައި ހިމެނޭ ޞައްޙަ ޙަދީޘެއްގައެވެ. އެ ޙަދީޘްގައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم މި ފަދައިން ޙަދީޘްކުރެއްވިއެވެ. ތިޔަބައި މީހުން މި ފަދައިން ކިޔާށެވެ. (اللهم صل على محمد وعلى آل محمد كما صليت على آل إبراهيم، وبارك على محمد وعلى آل محمد كما باركت على آل إبراهيم في العالمين، إنك حميد مجيد) ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް އެނގިފައިވާ ފަދައިން، "السلام عليك أيها النبي ورحمة الله وبركاته" (އޭ ނަބިއްޔާއެވެ! ކަލޭގެފާނަށް ސަލާމާއި، ﷲގެ ރަޙްމަތާއި ބަރަކާތްހުއްޓެވެ!) މި ފަދައިން ކިޔައި ސަލާމްކުރުމަކީ ދީނުގައި ކަނޑައެޅި ބަޔާންވެގެންވާ ކަމެކެވެ. ނަމާދުގެ ފުރަތަމަ އައްތަޙިއްޔާތާއި ފަހު އައްތަޙިއްޔާތުގައި މި ފަދައިން ކިޔުން ސުންނަތްވެގެންވާ ފަދައިން، އެންމެ ޞައްޙަ ގޮތުގައި ޚުޠުބާތަކާއި، ދަރުސްތަކާއި، ކިޔަވައިދޭ ފިލާވަޅުތަކުގެ ކުރިންނާއި، އަދި ދުޢާކުރުމުގެ ކުރިންވެސް މިފަދައިން ކިޔުމަކީ ދީނުގައި އޮތް، ސުންނަތްވެގެންވާ ކަމެކެވެ. އާދޭހެވެ! އެއީ އެ ކަން އޮންނަ ގޮތެވެ.
މަރުޖާ:
(https://binbaz.org.sa/fatwas/13861)