ad_banner
ޗައިނާ–އެމެރިކާގެ ސަމިޓުން، އެމެރިކާ–އީރާނު ހަނގުރާމައަށް ލިބޭނީ ކޮން ހައްލެއް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

14 މޭ 2026

އިއްޔެގެ ނިޔަލަށް ދުނިޔޭގެ ސިޔާސީ މަލައަށް ބަލާ އިރު، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. 2026 ފެބުރުވަރީ 28ގައި އީރާނަ ދެކޮޅަށް އެމެރިކާއިން ފެށި ވަރުގަދަ އަސްކަރީ ޣައިރުޤާނޫނީ ހަނގުރާމަ (އޮޕަރޭޝަން އެޕިކް ފިއުރީ)ގައި އެމެރިކާ ލަފާކުރި ފަދަ ނަތީޖާއެއް ނުފެނުނެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލެއް ނުވިއެވެ. ރައްޔިތުން ނުކުމެ ވެރިކަން ވައްޓައެއްނުލިއެވެ. އީރާނުގެ ނިޔުކުލިއަރު މަރުކަޒުތައް ނައްތައެއްނުލެވުނެވެ. އެހެންކަމުން އެމެރިކާ މިހާރު އަންނަނީ ލަދުން ސަލާމަތްވާނެ ފަދަ ގޮތަކަށް ހަނގުރާމައިން ނުކމެވޭތޯ މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިހާރު އަންނަނީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންނެވެ. ނަމަވެސް، ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މި އެއްބަސްވުން އޮތީ މި ވަގުތު ވެސް ހުޅުފަޅައިގެން ހިނގައިދާނޭ ފަދަ ބަލިކަށި ޙާލަތެއްގައެވެ.

އެއްވެސް ފަރާތަކުން އަނެއް ފަރާތުގެ މައިގަނޑު ހުށަހެޅުންތައް ގަބޫލުކުރާން ބޭނުންނުވާތީ، އަލުން ހަނގުރާމަ ފެށިދާނެކަމުގެ ބިރު އެބަ އޮތެވެ. ނަމަވެސް ހުކުރުދުވަހު ޗައިނާގެ ރައީސާ އެކު ބާއްވާން ތާވަލުކުރެވިފައިވާ ސަމިޓުގެ ކުރީން އެމެރިކާއިން އަލުން ހަނގުރާމަ ފަށައިފާނެކަމަކަށް ނުބެލެވެއެވެ. އެހެންނަމަވެސް މައިގަނޑު ކަންކަމުގައި ދެބަސްވުންތައް ހުރުމުގެ ސަބަބުން، މިހާރު ޢަމަލުކުރެވެމުން އަންނަ ސުލްޙައިގެ އެއްބަސްވުން އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

ރައީސް ޓުރަންޕު ބޭނުންވަނީ އީރާނުގެ ނިއުކްލިއަރު ޕްރޮގްރާމު ހުއްޓައިލާން އެއްބަސްވެ، ހަމަ އެއްވެސް ޝަރުތަކާ ނުލައި އީރާނުން އަމާންދިނުމަށެވެ. އަދި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމުގެ ކުރީން، ހުރުމުޒު ކަނޑުއޮޅިއަކީ "ހުޅުވިފައިވާ، މިނިވަން އަދި އަމާން" ތަނަކަށް ހަދާން ޖެހޭނެކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ފެބްރުވަރީ 28ވަނަ ދުވަހު ފުރަތަމަ ދިން ހަމަލާތަކުގައި ރޫޙާނީ ލީޑަރު ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ މިހާރުގެ ލީޑަރުން (ޚާއްޞަކޮށް އައި.އާރް.ޖީ.ސީ ގެ ނުފޫޒު އޮތް ފަރާތްތަކުން) ވަނީ އެމެރިކާގެ ޝަރުތުތަކަށް ދެކޮޅުހަދައިފައެވެ. އޭގެ ބަދަލުގައި އީރާނުން ހުށަހަޅައިފައިވަނީ ސަރަޙައްދީ ހުރިހާ ހަނގުރާމަތަކެއް (އިސްރާއީލާއި ލުބުނާނު ހިމެނޭހެން) ހުއްޓައިލުމަށާއި، ހަނގުރާމައިގައި ލިބުނު ގެއްލުންތަކަށް ބަދަލުދިނުމަށެވެ. އަދި ނިލޔުކުލިއަރު ޕްރޮގްރާމުގެ ވާހަކަ ދެއްކުމުގެ ކުރީން ހަނގުރަމަހުއްޓައިލައި ދެން ދުވަހަކު ވެސް އިރާނަށް ޙަމަލާ ނުދޭނެކަމުގެ ޔަގީންކަންދިނުމަށެވެ. ހަމަ މިފަދައިން އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ހުރިހައި ފިޔަވަޅެއް ނައްތައިލައި ހިފަހައްޓައިފައިވާ އެތައް ބިލިއަން ޑޮލަރެއް ދޫކޮށްލުމަށެވެ.

ނަމަވެސް އެމެރިކާގެ ރައީސް ބުނަނީ އެމެރިކާއިން ބުނާ ގޮތަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ، އަދި އެމެރިކާ އެދޭ ގޮތަށް ޑިޕްލޮމެޓިކް ހައްލެއް ނުފެނިއްޖެ ނަމަ، އީރާނު [އެއްކޮށް ސުންނާފަތިކޮށްލުމަށް ޓަކައި] ހަމަލާތައް އަލުން ފެށުމަށް ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް އެމެރިކާއިން ވަނީ ދީފައެވެ. އަދި އީރާނު ހިލައިގެ ޒަމާނަށް ފޮނުވައިލާނެކަމަށައި އީރާނުގެ މުޅި ޙަޟާރަތް ފުނޑުފުނޑުކޮށްލާނެކަމަށް ވެސް ކުރީން ޓުރަންޕު ވަނީ އިންޒާރުދީފައެވެ.

އިރާނު ހަމަޖެހިލައިފައި ބުނަނީ އެ މީހުން ތިބީ އެ މީހުންގެ ގައުމު ދިފާޢުކުރާން ތައްޔާރަށްކަމަށާއި އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫނުޖަހާނެކަމަށެވެ.

ނުރަސްމީ މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަނޑިވަޅުގައި އީރާނުން ވަނީ އީރާނަށް އަންނަ ޙަމަލާތައް ވައިގެ ތެރޭގައި އޮއްވައި ޙަމަލާދީ ހަލާކުކޮށްލާނެ މިސައިލެއް (މިޑް-އެއަރ އިންޓަރސެޕްޝަން) ތަޖުރިބާކޮށް ދުނިޔެ ސިއްސުވައިލައިފައެވެ. އިރާނުގެ ދެކުނުގެ ވައިގެ ސަރަހައްދުން އެމެރިކާގެ ޖާސޫސީ ޑުރާނެއް ވަނީ ޙަމަލާދީ ވައިގެ ތެރޭގައި ހަލާކުކޮށްލައި އެމެރިކާ ސިއްސުވައިލައިފައެވެ.

އީރާނުން ހަމައެކަނި މި ކާމިޔާބީ ފާހަގަކުރަނީއެއް ނޫނެވެ. މިއީ އެމެރިކާއާއި އެމެރިކާއަށް ތާއީދުކުރާ ހުރިހައި ގައުމުތަކަށް ދިން ވަރުގަދަ އިންޒާރެއްވެސް މެއެވެ. އާދަޔާޚިލާފު ރޭޑާރުތަކާއި އާ ފަށަލަތައް ހިމެނޭ ދިފާޢީ ނިޒާމަކާ އެކު، ހުޅަނގުގެ ޖާސޫސީ އިދާރާތައް ހައިރާންކޮށްލާ ފަދަ އަސްކަރީ އުފެއްދުންތަކުގެ ކާމިޔާބީއެއް ހާސިލުކޮށްފައިވާކަމަށް އީރާނުން ދަޢުވާކުރެއެވެ.

އާދޭހެވެ! ބިރުވެރިކަން އުފެދިފައިވަނީ ވައިގެ ސަރަހައްދުގައްޔާއި ކަނޑުގެ ސަރަޙައްދުގައެވެ. ހުރުމުޒު ކަނޑުއޮޅި މިހާރު ވެފައިވަނީ މުޅި ދުނިޔޭގެ ނުތަނަވަސްކަން އޮތް މަރުކަޒަކަށެވެ.

މި ކަންކަމަކީ މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތް ނުރައްކާތެރި ދަރަޖަ ހާމަކޮށްދޭ ކަންކަމެވެ. ފެންނަ މަންޒަރުތަކާއި ލިބޭ ޚަބަރުތަކުން ފާހަގަކުރެވޭ ބައެއް ކަންކަމަކީ:

1.  އީރާނުން އެ މީހުންގެ އަމިއްލަ ދިފާޢީ ނިޒާމުތައް ވަރުގަދަކުރަމުން ދިއުމަކީ ހުޅަނގުގެ ބާރުތަކަށް، ޚާއްޞަކޮށް އެމެރިކާއަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޖާސޫސީ ޑުރޯނުތައް ވައްޓައިލުމުގެ ގާބިލުކަން އީރާނަށް ލިބިފައިވުމަކީ ހަނގުރާމައިގެ މައިދާނުގައި އީރާނުގެ ބާރު ގަދަވެފައިވާކަމުގެ ހެތްކެކެވެ.

2.  ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ މަގަށް ވުމާ އެކު، އެ ސަރަޙައްދުގައި އުފެދޭ ކޮންމެ ނުތަނަވަސްކަމަކީ މުޅި ދުނިޔޭގެ ތެލުގެ އަގަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ. މިއީ ހަމައެކަނި އަސްކަރީ ކުރިމަތިލުމެއްނޫނެވެ. މިއީ ދުނިޔޭގެ އިޤުތިޞާދާ ގުޅިފައިވާ ކަމެކެވެ.

3.  މި ދަނޑިވަޅުގައި ހެދޭ ކުޑަކުޑަ ގޯހަކުން ނުވަތަ އެޅޭ ނުބައި އެންމެ ފިޔަވަޅަކުން ބޮޑު ހަނގުރާމައެއް ފެށިދާނެއެވެ. އެހެންކަމުން، ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަކީ މުޅި ދުނިޔޭގެ ސަލާމަތަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

ޗައިނާގައި ފަށާ އެމެރިކާ-ޗައިނާ ސަމިޓުގައި މި މައްސަލައަށް ޙައްލެއް ހޯދާން ޗައިނާއިން މަސައްކަތްކުރާނެކަމަށް ބެލެވެއެވެ. އެހެނީ މިއީ ޗައިނާގެ ވިޔަފާރިއާއި އިގުތިޞާދަށް ވަރަށް މުހިންމު ކަމެކެވެ. ޗައިނާއަކީ އެމެރިކާއަށް ފިއްތުންތައް ކުރިމަތިކުރެވިދާނެ ފަދަ ޙާލަތެއްގައިވާ ގައުމެކެވެ. އެމެރިކާއިން ޗައިނާއާ ދެކޮޅަށް އަޅައިފައިވާ [ޓެރިފު ބޮޑުކުރުމުގެ] ފިޔަވަޅުގެ ސަބަބުން ވެސް ޗައިނާގެ އެކުސްޕޯޓަކަށް ލޮޅުމެއް ނޭރިއެވެ. އެމެރިކާއިން ޗައިނާއަށް ވިއްކާ މުދާ މަދުވިޔަސް ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓުކުރާ މުދާ ވަނީ އިތުރުވެފައެވެ. ޓެރިފު ބޮޑުކުރުމުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ފޯރައިފައިވަނީ ޗައިނާ ރައްޔިތުންގެ ބަދަލުގައި އެމެރިކާގެ ރައްޔިތުންނަށެވެ. 

ރައީސް ޓުރަންޕާ އެކު އެމެރިކާގެ އެންމެ ނުފޫޒުގަދަ ވިޔަފާރިވެރީން ޗައިނާއަށް މިހާރުވަނީ ގޮސްފައެވެ. އެމެރިކާގެ ރައީސް ޗައިނާއަށް ކުރާ ދަތުރުގައި އޭނާގެ ވަފުދުގައި އެމެރިކާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ އިސްވެރީންކަމަށްވާ އިލޮން މަސްކާއި ޖެންސަން ހުއަނާއި ޓިމް ކުކު ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ ޓުރަންޕު ނިންމި މުހިންމު ނިންމުމެއްކަމަށް ބެލެވެއެވެ. އެހެނީ ޗައިނާއަކީ ދުނިޔޭގައި ސިޔާސީ ބާރުވެރިކަން ހޯދާން މަސައްކަތްކުރުމުގެ ބަދަލުގައި ވިޔަފާރިއާއި އުފެއްދުންތެރިކަމުގެ ގޮތުން ކުރިއަށްދާން މަސައްކަތްކޮށް ކާމިޔާބު ހޯދައިފައިވާ ގައުމެކެވެ. އެހެންކަމުން ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކޮށް ނަފާ ހޯދާން މަސައްކަތްކުރުމަކީ ޓުރަންޕަށް އެންމެ ފައިދާ ހުރި ގޮތެވެ. ވިޔަފާރީގެ ތެރެއިން ދުނިޔޭގެސުލްއަށް ޓަކައި މަސައްކަތް ކުރެވޭނެކަން ޗައިނާއަށް އެނގެއެވެ.

ސިޔާސީ ދާއިރާގައްޔާއި ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާއަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. އިގުތިސާދީ ގޮތުން ގައުމުވަނީ ނުރައްކާތެރި ފައްތަރެއްގައެވެ. އުފެއްދުންތެރިކަން ވަނީ ދަށަށް ގޮސްފައެވެ. އިންތިޚާބުތައް ކައިރިވަނީ އެވެ. ވޯލްޑްކަޕު ފެށެން ވަނީ ތައްޔާރުވެފައެވެ. ވީމާ މި ހަނގުރާމައިން ނުކުންނާން ޓުރަންޕު އިންތިހާއަށް ބޭނުންވެއެވެ. ލަދުން ސަލާމަތްވެގެންނެވެ. ޗައިނާ ސަމިޓުގައި ވެސް ޓުރަންޕު ޗައިނާ ކިބައިން އެދޭނެކަމަށް ފެންނަނީ މި ހަނގުރަމައިން ރީތި ގޮތަކަށް ނުކުމެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ނަމަވެސް އިސްވެ ދެންނެވި ކަންކަމަށް ވިސްނާ އިރު، އެމެރިކާ ބަލިގަބޫލުކުރުން ފިޔަވައި އެހެން ހައްލެއް އެމެރިކާއަށް އޮތް ކަމަކަށް މިހާރު ގަބޫލުކުރެވޭކަށް ނެތެވެ.

ކޮމެންޓު