ad_banner
އަޒުހަރު ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގައި ހިމެނެނީ ކޮން ވާހަކަތަކެއް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 މޭ 2026

މިޞްރުގައި ހުންނަ ދުނިޔޭގެ މަޝްހޫރު އަދި ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ޔުނިވަރސިޓީކަމަށްވާ އަލްއަޒްހަރު ޔުނިވަރސިޓީ އަކީ، ދިވެހިރާއްޖޭގެ ޢަރަބި އިސްލާމި ތަޢުލީމުގައި މަތިވެރި ޙިއްސާއެއް އަދާކޮށްފައިވާ މައުހަދުލްދިރާސާތިލްއިސްލާމިއްޔާއާއި ފަހުން ކުއްލިއްޔަތުލްދިރާސާތިލްއިސްލާމިއްޔާގެ ތަރައްޤީގައި ވެސް ވަރަށް ބޮޑު ހިއްސާދާރެކެވެ. އެންމެ ފުރިހަމަ މަދަދުގާރެވެ. ނަމަވެސް ވޭތުވެ ދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި މި ޝަރަފުވެރި މުއައްސަސާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އޮތީ ހިސާބަކަށް ހީނަރުވެފައެވެ. މި ގުޅުން އަލުން އިޢާދަކޮށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އަޒުހަރު ޔުނިވަރސިޓީއާ ދެމެދު ގުޅުން ޤާއިމުކުރުމަށް ޓަކައި މިހާރު އަންނަނީ ގިނަގުނަ މަސައްކަތްތަކެއްކުރެވެމުންނެވެ. އެހެނީ މި ގުޅުން ބަދަހިކުރުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަރައްޤީއަށާއި އިސްލާމީ މި ދިވެހި ޤައުމުގެ ކުރިމަގަށް ޓަކައި ވެސް ވަރަށް މުހިންމު ކަމެކެވެ.

މި މަސައްކަތުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މަތީ ފެންވަރުގެ ވަފުދެއް ވޭތުވެ ދިޔަ ހަފުތާގައި މިޞްރަށް ޒިޔާރްތަކުރިކަން [ފަރަގު]ގެ އަހުލުވެރީންނަށް މިހާރުވާނީ އެނގިވަޑައިގެންފައެވެ. މި ވަފުދުގައި ޔުނިވަރސިޓީގެ އިސްވެރީން ހިމެނިވަޑައިގަތްކަމީ މި ޒިޔާރަތަށް ދިވެހި ސަރުކާރުން ދެއްވި އިސްކަން ރަމްޒުކޮށްދިން ކަމެކެވެ. މި ޒިޔާރަތުގައި ދެ ޔުނިވަރސިޓީގެ ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުމެއް އަލްއަޒްހަރު ޔުނިވަރސިޓީގެ ރައީސްގެ ރަސްމީ އޮފީހުގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި އަޒުހަރު ޔުނިވަރސިޓީގެ ނައިބު ރައީސުންނާއި ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ ވެރީންނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާރގެ އިތުރަށް ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޒު އަޙްމަދު އަމީން މުޙައްމަދާއި އައި.ޔޫ.އެމް.ގެ އިސް ވެރީން ބައިވެރިވެވަޑައިގަތެވެ.

މި މަޝްވަރާތަކަށް ފަހު، ދެ މުއައްސަސާގެ ދެމެދުގައި އެއްބާރުލުންދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރާ ގޮތަށް ހަމަޖެހުނެވެ. މިއީ މި މަޝްވަރާތަކުގެ ކުރީން ވެސް، މި ވޭތުވެ ދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި އަލްއަޒުހަރު ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ކުރެވިފައިވާ މުއާމަލާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުނު ނިންމުމެވެ.

މަޝްވަރާތަކުގައި އެއްބަސްވެފިފައިވާ ގޮތުގެމަތީން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވުމުގެ މައްޗަށް އެކުލަވައިލެވުނު ތާރީޚީ އެއްބަސްވުމުގައި ސޮއިކުރެވުނީ މި މަހު ދެވަނަ ދުވަހު އަޒުހަރު ޔުނިވަރސިޓީގެ ރައީސްގެ ރަސްމީ އޮފީހުގައެވެ. މި ފަހުމުނާމާގައި އަލްއަޒުހަރު ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ރައީސް ޕްރޮފެސަރ އައްދުކްތޫރު ސަލާމާ ޖުމުޢާ ދާވޫދެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އައްދުކްތޫރު ޢަލީ ޒާހިރެވެ.

މި ފަހުމުނާމާގައި ހިމެނޭ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:

·       ދެފަރާތުގެ މުވައްޒަފުންގެ ޢިލްމީ އުފެއްދުންތެރިކަން މަތިކުރުމަށް ޓަކައި އެކްސްޗޭންޖް ޕްރޮގްރާމްތައް ރާވައި ހިންގުމާއި؛

·       ދެ ޔުނިވަރސިޓީ ގުޅިގެން ދިރާސާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި؛

·       އެކިއެކި ކޮންފަރެންސްތަކާއި، ސެމިނާރުތަކާއި، ޢިލްމީ މަސައްކަތުބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުމާއި؛

·       ޢަމަލީ ތަމްރީނު ފޯރުކޮށްދިނުމަށް ޓަކައި ދެ ޔުނިވަރސިޓީގެ ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި؛

·       ކިޔަވައިދޭ މަންހަޖުތަކާއި ޢިލްމީ ޕްރޮގްރާމްތައް، ދެ މުއައްސަސާ ގުޅިގެން ތަރައްޤީކުރުމާއި މުރާޖަޢާކުރުން ފަދަ މުހިންމު ކަންކަން ހިމެނިފައިވެއެވެ.

މި ފަހުމުނާމާއަކީ ކުރީން ވެސް ދެންނެވުނު ފަދައިން، ފާއިތުވި މަސްދުވަހުގެ ތެރޭގައި އަލްއަޒުހަރު ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ކުރެވުނު މުއާމަލާތްތަކުން އެއްބަސްވެވުނު ކަންކަމުގެ މައްޗަށް އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދިނުމަށް ޓަކައި ސޮއިކުރެވުނު ފަހުމުނާމާއެކެވެ. 

ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައްޔާއި ރަސްމިއްޔާތުގެ ކުރީން ބޭއްވިފައިވާ މަޝްވަރާ ބައްދަލުވުމުގައި އަޒުހަރު ޔުނިވަރސިޓީގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އިސްލާމީ ޔުނިވަރސިޓީއެއް ޤާއިމުކުރެވިފައިވުމުގެ މުހިންމުކަމާއި، މި ފަދަ ޔުނިވަރސިޓީއެއް ދިވެހިރާއްޖޭގައި ޤާއިމުކުރެވި އެ ޔުނިވަރސިޓީއިން އިސްލާމީ ޢިލްމު ފެތުރުއްވުމަށް ޓަކައި ކުރު މުއްދަތެއްގައި ހޯއްދަވައިފައިވާ ކާމިޔާބީތަކަށް ޓަކައި ތަހުނިޔާ ވިދާޅުވިއެވެ. އަދި އަޒުހަރު ޔުނިވަރސިޓީގެ ދިގު ތާރީޚުގައި އެ ޔުނިވަރސިޓީއިން ޙާޞިލުކޮށްފައިވާ ކާމިޔާބީތަކާއި މުވައްޒަފުންގެ ޢިލްމީ ތަޖުރިބާގެ ތެރެއިން އައި.ޔޫ.އެމް.އަށް ފައިދާ ހޯއްދަވައިދެއްވުމަށް ޓަކައި ތައްޔާރަށް ހުންނެވިކަމުގައި އަޒުހަރުގެ ރައީސް ވިދާޅުވިއެވެ. އަދި މި ފަހުމުނާމާގައި ބަޔާންކޮށްފައިވާ ކަންކަން އައި.ޔޫ.އެމްއަށް ޙާޞިލުކޮށްދެއްވާން ސީދާ ޝައިޚުލްއަޒްހަރާއި އެ މަނިކުފާނުގެ މުޝްތަޝާރާއި އެ މަނިކުފާނުގެ އޮފީހުގެ ޢިލްމުވެރީންނާއި މުވައްޒަފުންގެ ސީދާ އިރުޝާދުގެ ދަށުން ފުރިހަމައަށް މަސައްކަތްޕުޅުކުރައްވާނެކަން ވަނީ ހާމަކުރައްވައިފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ އައްދުކްތޫރު ޢަލީ ޒާހިރު ދެއްކެވި ވާހަކަފުޅުގައި އައި.ޔޫ.އެމްގައި މިހާރުވެސް ޝައިޚުލްއަޒްހަރުގެ ދީލަތި އެހީފުޅުގެ ދަށުން ކީރިތި ޤުރުއާނުގެ ދެ ޕްރޮފެސަރަކު މަސައްކަތްޕުޅުކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި އެ ކަމަށް ޓަކައި ފަށްފަށުން ޝުކުރުދެންނެވިއެވެ. އަދި ސޮއިކުރެވުނު ފަހުމުނާމާއަކީ ހަމައެކަނި ރަސްމީ ކަރުދާހަކަށްވުރެ ބޮޑަށް ދެ ޔުނިވަރސިޓީގެ ދެމެދުގައި، އަދި ވަކީން ޚާއްޞަކޮށް މިޞްރާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ޒަމާންވީ އުޚުއްވަތްތެރި ގުޅުން ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ. އަދި އިތުރު ދާއިރާތަކުން ކުރިއަރައިދިޔުމަށް އަޒްހަރު ޔުނިވަރސިޓީގެ އެހީތެރިކަން ލިބުމަކީ އައި.ޔޫ.އެމްއަށް ނުހަނު ބޭނުންތެރިކަމެއްކަމަށް ފާހަގަކުރެއްވިއެވެ.

ދެ ޔުނިވަރސިޓީގެ ދެމެދުގައި ސޮއިކުރެވުނު މި ފަހުމުނާގައި ހުރި ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ސެމެސްޓަރުގެ ތެރޭގައި ފައްޓަވައިގެން ކުރިއަށް ގެންދަވާނެކަމަށް ވެސް ދުކްތޫރު ޢަލީ ޒާހިރު ވިދާޅުވިއެވެ.

މި ދެންނެވި ފަހުމުނާމާގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ޓަކައި އަލްއަޒުހަރު ޔުނިވަރސިޓީއާއި އައި.ޔޫ.އެމްގެ ވަކިވަކި ކުއްލިއްޔާތައް، ކުއްލިއްޔާގެ ފެންވަރުގައި އެކި ތަދުބީރުތައް (ޕްލޭންތައް) ހައްދަވައި މި ކަމުގެ ސީދާ މަޝްވަރާތައް މިހާރު ފައްޓަވައިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މިޞްރަށް ޒިޔާރަތްކުރެއްވި ވަފުދުގެ ބޭފުޅުން މި މަހު ތިންވަނަ ދުވަހު ވަނީ އެނބުރި ރާއްޖެއަށް ވަޑައިގެންފައެވެ.

މިއަދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ އެ ޔުނިވަރސިޓީގެ ތަރައްގީއަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ ޙަރަކާތްތެރި ޔުނިވަރސިޓީއެއްކަން ފާހަގަކުރެވެއެވެ. އެހެންކަމުން [ފަރަގު] މީޑިއާގެ ފަރާތުން ވަރަށް އިޚުލާޞްތެރިކަމާ އެކު، ތަހުނިޔާ ދަންނަވަމެވެ. ހެޔޮ އެދުންތައް އަރިސްކުރަމެވެ. (ފޮޓޯތައް: އައިޔޫއެމް)

ކޮމެންޓު