އަސްމާ އަބޫބަކުރު
28 ޖޫން 2026
ރާޔާއަކީ ދެކޭ ކޮންމެ މީހަކު ފިދާވާ ފަދަ ބައްޓަމެއް ލިބިފައިވާ، ދޮން، ފުރިހަމަ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. އޭނާގެ ހިނިތުންވުމާއި، މަޑުމައިތިރި ބަސްމަގުން ކޮންމެ މީހެއްގެ ހިތް ވެސް އަތުލައެވެ. ނަމަވެސް އެ ރީތި ސޫރައިގެ ފުރަގަހުގައި ފޮރުވިފައިވަނީ މުޅީން ތަފާތު ހަގީގަތެކެވެ. ރާޔާ ބޮޑުވީ މާލޭގެ ތަނަވަސް، ބޮޑު ޢާއިލާއެއްގެ ތެރޭގައެވެ. އޭނާގެ މަންމައަކީ ދަރީންގެ ހުރިހާ ކަމެއް އަމިއްލައަށް ކޮށްދިން "ހެލްކޮޕްޓަރު މަންމަ" އެކެވެ. ރާޔާއަށް ކަމެއް ޖެހުމުގެ ކުރީން މަންމަ ހުންނަނީ އެ ކަމެއް ކޮށްދީ ނިންމައިފައެވެ. ގޭގެ އެއްވެސް މަސައްކަތެއް، ކެއްކުމެއް، ނުވަތަ އަމިއްލަ އެއްޗެހި ދޮވުން ފަދަ ކުދިކުދި ކަންކަން ވެސް ރާޔާއަށް ކުރާކަށް ނުޖެހެއެވެ. އޭނާ ދެކޭ ގޮތުގައި އެއީ ދަރިފުޅަށް ދެވޭ ލޯތްބެވެ. ކިޔަވާ ދުވަސްވަރު ދަރީން ތިބެންވާނީ ކިޔަވާށެވެ. ނަމަވެސް، އޭގެ ސަބަބުން ރާޔާ ބޮޑުވީ ދިރިއުޅުމުގެ އެއްވެސް އަސާސީ ހުނަރެއް ނެތް، އެހެން މީހުންނަށް މުޅީން ބަރޯސާވެފައިވާ ކުއްޖެއްގެ ގޮތުގައެވެ.
"ޕާޓީގެ ތައްޔާރީތައް ކިހިނެއް ގެންދާން ރާޔާ ބޭނުންވަނީ؟" އާކިން ކޮންމެކަމެއް ކުރަނީ ރާޔާގެ ޚިޔާލާ އެއްގޮތަށެވެ.
"މަށަށް ވަރަށް ރީތި ލެވެންޑަރ ތީމް، އެ ތީމަށް ވެޑިން ޑްރެސް ވެސް ތައްޔާރުކުރާނީ." އާކިން އެ ގޮތަށް އެއްބަސްވީ ބޭނުންވެގެންނެއް ނޫނެވެ. އާކިން ދެކޭ ގޮތުގައި ވަކި ކުލައަކުން ޕާޓީތަކާއި، ހަފުލާތަކާއި، ޖަލްސާތައް ބޭއްވުމަކީ ކުރެވޭ އިސްރާފެކެވެ. ކޮންމެ ކަމެއްގައި ކުލައެއް ދީގެން ބޮޑެތި ޚަރަދު ކުރުން މުހިންމެއް ނޫނެވެ. ފޮޓޯ ރީތިކުރަން ކުރިއަސް އެއީ ކިހާ ބޭކާރުކަމެއްކަން އާކިންއަށް ވިސްނެއެވެ.
ކައިވެންޏަށްފަހު ރާޔާ ދިރިއުޅޭން ޖެހުނީ އާކިންގެ ބޮޑު ޢާއިލާއާ އެކުގައެވެ. އާކިންއަކީ މާލޭގެ މެދުފަންތީގެ، ހީވާގި، އަދި އަމިއްލަ މަސައްކަތުން، ކަންކަން ކުރާން ލޯބިކުރާ ޒުވާނެކެވެ. ކައިވެނީގެ ކުރީކޮޅު ރާޔާގެ ރީތިކަމާއި އޮމާން އުޅުމުގެ ސަބަބުން އާކިން ހުރީ އުފަލުންނެވެ. ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބޮޑު ޢާއިލާގެ ތެރޭގައި މައްސަލަތައް ފެންމަތިވާން ފެށިއެވެ. ގޭގެ ބަދިގޭގައި އެންމެން އެކީގައި މަސައްކަތްކުރާ އިރު، ރާޔާއަށް ފިޔައިކޮޅެއް ކޮށައިލާކަށް ވެސް ނޭނގެއެވެ. ބަތްކައްކަން އުދާނެ ގޮތެއް، ނުވަތަ ކޮޓަރި ކުނިކަހާނެ ގޮތެއް ވެސް އޭނާއަކަށް ނޭނގެއެވެ. ޢާއިލާގެ އެހެން އަންހެންވެރީންގެ ފާޑުކިޔުންތަކާއި މަލާމާތް ރާޔާއަށް އަމާޒުވާން ފެށިއެވެ.
[މިއީ ހާދަ ފޮނި ކުއްޖެއް. މަސައްކަތެއް ނުކޮށް ހަމައެކަނި މޫނު ރީތިކޮށްގެން އިނުމަކީ ދިރިއުޅުމެއް ނޫން.] އާކިންގެ ދައްތަމެން ބުނާ އަޑު އިވުމުން ރާޔާ ދެރަވެއެވެ. އޭނާ ކުރާނެ ކަމެއް ނޭނގިގެން ކޮޓަރިއަށް ވަދެ ރޮނީއެވެ. ރާޔާ އާކިންގެ ގާތުގައި ޝަކުވާކުރާން ފެށިއެވެ. އެންމެ ފަހުން ރާޔާ ބުނީ ބޮޑު ޢާއިލާގެ ތެރޭގައި އުޅެން އުނދަގޫ ކަމަށާއި، މިނިވަންކަމާ އެކު އުޅުމަށް ޓަކައި ވަކީން ކުލީ ކޮޓަރިއަކަށް ބަދަލުވާން ބޭނުންވާކަމަށެވެ. ރާޔާ ބުނަމުންދިޔައީ ވަކީން އުޅޭން ފެށުމުން ހުރިހައި ކަމެއް ރަނގަޅުވާނެކަމަށެވެ. އާކިން، ރާޔާ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، މާލޭގެ އަގުބޮޑު ކުލީގެ ބުރަ އުފުލާން އެއްބަސްވިއެވެ. އެންމެ ފަހުން، އެމީހުން މާލޭގެ ގޯޅިއަކުން ކުޑަ އެޕާޓްމަންޓެއް ހިފައިގެން ބަދަލުވިއެވެ.
އާ ދިރިއުޅުން ފެށުނުތާ ފުރަތަމަ ހަފުތާގައި، އާކިންއަށް ރާޔާގެ އަސްލު ހަގީގަތް އެނގެން ފެށިއެވެ. މަންމަގެ ހިޔަލުން ނިކުމެ، ވަކީން އުޅޭން ފެށުމުން ރާޔާގެ ނާގާބިލުކަން މުޅީން ހާމަވިއެވެ. އާކިން އޮފީހުން ވަރުބަލިވެގެން ގެއަށް އަންނައިރު، ގޭތެރެ އޮންނަނީ ހަޑިވެފައެވެ. ކާނެ އެއްޗެއް ތައްޔާރުކޮށްފައެއް ނުހުރެއެވެ. ރާޔާ އިންނަނީ އެނދުމަތީގައި ފޯނާ ކުޅޭށެވެ. ކައްކާން އުޅެފިއްޔާ ތެލިތައް އަނދައި، ނުވަތަ ލޮނު ގަދަވެގެން ކާން ނުކެރޭވަރުވެއެވެ.
[ރާޔާ... ކީއްވެތަ މިއަދުވެސް އެއްޗެހި ނުދޮވެ ހުރީ؟ މަގޭ އޮފީސް ގަމީހެއް ވެސް ނެތް.] އެއް ދުވަހަކު އާކިން މަޑުމައިތިރިކަމާ އެކު ބުންޏެވެ.
[އަހަރެންނަކަށް ނޭނގެ އެ މެޝިނަށް އެއްޗެހި އަޅައިގެން ދޮންނާކަށް.] މެޝިނާ ކުޅޭނެ ގޮތް ދަސްކޮށްދިނުމުން އެއްޗެހި ދޮންނާން ދަސްވިއެވެ. އެކަމަކު ގޭތެރެސާފުކުރާކަށް ވެސް ރާޔާ ނޫޅެއެވެ. އިސްތިރިކުރާން އުޅެފިއްޔާ އާކިންގެ ގަމީސް ނޫނީ ފަޓުލޫނު ރާޔާއަތުން ވިރޭނެއެވެ. ކުނިކަހާ ފިހިގަނޑުގައި ހިފާނެ ގޮތެއް ވެސް ނޭނގެއެވެ.
"މަންމަ ދުވަހަކު ވެސް އަހަރެންލައްވައި ކަމެއް ނުކުރުވާ." ރާޔާ ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.
އާކިންގެ ހިތަށް ބޮޑު ސިހުމެއް ލިބުނެވެ. އޭނާއަށް ވިސްނުނީ ރާޔާއަކީ ހަމައެކަނި ކަންނެތް ކުއްޖެއް ނޫންކަމެވެ. އޭނާއަކީ ދިރިއުޅުމުގެ ވައްޓަފާޅިއެއް ނެތް ކުއްޖެއްގެ ގޮތުގައެވެ. ކުލީގެ ބޮޑު ޚަރަދާއި، ކާބޯތަކެތީގެ ޚަރަދު ބަލަހައްޓަމުން، އޮފީސް ނިންމައިފައި އައިސް ގޭގެ ހުރިހައި މަސައްކަތެއް ކުރާން ޖެހުނީ އާކިނަށެވެ. އާކިން ކެއްކުމާއި، ކޮޓަރި ސާފުކުރުމާއި، ރާޔާގެ ހެދުންތައް އިސްތިރިކުރާން ޖެހެއެވެ. ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އާކިންގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ރާޔާ އަމިއްލައަށް ކަމެއް ދަސްކުރާކަށް އެއްވެސް މަސައްކަތެއްނުކުރެއެވެ. ރާޔާ ހީކުރީ މަންމަ ފަދައިން އާކިން ވެސް އޭނާގެ ހުރިހައި ކަމެއް ކޮށްދޭންޖެހޭނެކަމަށެވެ.
އެއް ރެއަކު، އާކިން އޮފީހުގެ ބުރަކޮށް އުޅުމަށް ފަހު ގެއަށް އައި އިރު، ރާޔާ އިނީ އޮންލައިނުކޮށް އަގުބޮޑު މޭކަޕު ސާމާނު ގަންނާށެވެ. ގޭގެ ކުލި ދައްކާނެ ފައިސާ ނެތް އިރު ވެސް ރާޔާއަކަށް އެ ކަމުގެ ސީރިއަސްކަމެއް ނޭނގެއެވެ.
"ރާޔާ! ތިޔައީ ކޮން ފަދަ ދިރިއުޅުމެއް؟ ކުލި ދައްކާން ލާރި އެއްކުރާން އުޅޭ އިރު ތިޔަ ކުރަނީ ކޮން ބޭކާރު ޚަރަދެއް؟ ގޭގެ އެއްވެސް މަސައްކަތެއް ނުކުރެވޭ، އެހީއެއް ނުވެވޭ. އަހަރެން މިއީ ރާޔާގެ ނޯކަރެއް ނޫން!" އާކިންގެ ކޮންޓުރޯލު ގެއްލިގެން ހަޅޭއްލަވައިގަތެވެ.
"އަހަރެން މަންމަ ކައިރިއަށް ދާނީ! އާކިންއަށް އާކިންއާ އެކީ އަހަންނަކަށްނޫޅެވޭނެ." ރާޔާ ރޮމުން ބުންޏެވެ.
"އާނ! ދޭ..ދޭ މަންމަ ކައިރިއަށް. ރާޔާއަކީ މީހެއްގެ އަތްނބަކަށް ވާން ޝަރުޠު ހަމަވާ ކުއްޖެއް ނޫން. ދިރިއުޅުމަކީ ހަމައެކަނި ރީތިވެގެން އިނުމެއް ނޫން،" އާކިން ހިތްދަތިކަމާއެކު ބުންޏެވެ.
އެރޭގެ ބޮޑު ޒުވާބަށްފަހު، އާކިން ރާޔާއާ ވަކިވާން ނިންމިއެވެ. ރާޔާ އޭނާގެ ފޮށި ހިފައިގެން އަނބުރައި މަންމަގެ ގެއަށް ދިޔައެވެ. އާކިންއާ ވަކިވުމުން ރާޔާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާ ޓެކުސީގައިން އިރު ވިސްނަމުން ދިޔައެވެ. މަންމަ އޭނާއަށް ކޮށްދިން ހުރިހައި ކަމަކީ ހަގީގަތުގައި އޭނާގެ ދިރިއުޅުން ހަލާކުކޮށްލި ކަންތައްތަކެއްކަން އޭނާއަށް ވިސްނުނެވެ. ރީތިކަމަކީ ދިރިއުޅުން ކާމިޔާބުކުރާން ފުދޭ އެއްޗެއް ނޫންކަމާއި، އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ކޮންމެ އިންސާނަކަށްމެ މުހިންމު ކަމެއްކަން ރާޔާއަށް އެނގުނީ އޭނާގެ ދިރިއުޅުން އަތުން ބީވެގެން ދިޔުމުންނެވެ. އެއީ "ހެލްކޮޕްޓަރ ޕޭރެންޓިންގ" ނުވަތަ ދަރީންނަށް މާ ބޮޑަށް ހިމާޔަތްދީގެން ބޮޑުކުރުމުގެ ހިތްދަތި ނަތީޖާއެވެ.
ރާޔާ ރޮމުން ގެއަށް އައިސް ވަން މަންޒަރު ފެނުމުން މަންމަގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. ދަރިފުޅުގެ ރޫޅުނު ކައިވެންޏާއި، އާކިންގެ ޝަކުވާތައް އިވުމުން މަންމައަށް ބޮޑު ސިހުމެއް ލިބުނެވެ. ނަމަވެސް، މި ފަހަރު މަންމަ ރާޔާގެ ދިފާއުގައި ވާހަކައެއް ނުދައްކައެވެ. އަމިއްލަ ނަފުސަށް ކުރެވުނު މަލާމާތާ އެކު، މަންމައަށް ހަގީގަތް ވިސްނުނެވެ. ދަރިފުޅަށް ހުރިހައި ކަމެއް ކޮށްދިނުމަކީ ލޯބި ނޫންކަމާއި، އެއީ ދަރިފުޅުގެ ކުރިމަގު ހަލާކުކޮށްލުންކަން މަންމައަށް އިހުސާސްވިއެވެ.
"ދަރިފުޅާ... ކުށް ކުރެވުނީ މަންމައަށް. މަންމަ ދަރިފުޅު ބޮޑުކުރީ ދިރިއުޅުމުގެ ތޫފާންތަކަށް ތައްޔާރުނުކޮށް. ލޯބީން ގޮސް ދަރިފުޅުގެ ޒިންމާތައް ވެސް މަންމަ އުފުލީ." މަންމަ ރާޔާގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ.
އެ ދުވަހަށްފަހު މަންމަ ނިންމީ ރާޔާ "ޓްރެއިން"ކުރާށެވެ. ގޭގެ ހުރިހާ މަސައްކަތެއް ރާޔާ ލައްވައި އަމިއްލައަށް ކުރުވާން ފެށިއެވެ. ބަދިގެއަށް ވަދެ ކައްކާނެ ގޮތާއި، ތަކެތި ބަލަހައްޓާނެ ގޮތް މަންމަ ދަސްކޮށްދިނެވެ. ފުރަތަމަ ކޮޅު ރާޔާއަށް ވަރަށް އުނދަގޫވިއެވެ. އަތް ފިހުނެވެ. ކާތަކެތި މީރު ނުވެގެން އަމިއްލައަށް ދެރަވިއެވެ. ނަމަވެސް، ރާޔާ ހިތްވަރު ދޫނުކޮށް ކަންކަން ދަސްކުރަމުން ގެންދިޔައެވެ. މަސްތަކެއް ފާއިތުވި އިރު، ރާޔާއަކީ ގޭތެރޭގެ ހުރިހައި ކަމަކަށް ހުސިޔާރު، ހީވާގި އަންހެނަކަށް ބަދަލުވެއްޖެއެވެ. ކުރީގައި އަބަދުވެސް ފަޚުރުވެރިވާ މަޑުއަތްތިލަ ކުރަކިކަމަށް ބަދަލުވެއްޖެއެވެ. އެކަމަކު މިއަދު އެ ކަމަކާ ރާޔާ ހިތާމައެއްނުކުރެއެވެ.
މާލޭގެ ހަލަބޮލިކަމާއި މާޔޫސްކަމުން ދުރުވުމަށްޓަކައި، ރާޔާ ނިންމީ އޭނާގެ އަމިއްލަ ރަށަށް ބަދަލުވާށެވެ. ރަށުގެ އަމާން މާހައުލުގައި އައު ފެށުމަކުން ދިރިއުޅުން ބިނާކުރުމަކީ އޭނާގެ އުންމީދެވެ. ރަށަށް ބަދަލުވެ، ރާޔާ އަމިއްލަ ކުޑަ ބޭކަރީއެއް ހުޅުވިއެވެ. މަންމަ ކައިރީން ދަސްކުރި ހުނަރުގެ ބޭނުން ހިފައިގެން، މީރު ކޭކާއި ފޮނިކާތަކެތި ހަދައިގެން ރަށު ތެރޭގައި މަގުބޫލުކަން ހޯދިއެވެ. މިއަދު ރާޔާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ، އަދި ދިރިއުޅުމުގެ ހުރިހައި ޒިންމާއެއް އުފުލާން ކެރޭ ހިތްވަރުގަދަ އަންހެނެކެވެ.
އަނެއްކޮޅުން މާލޭގައި ހުރި އާކިންގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރާޔާގެ ރީތިކަމާއި އޭނާގެ މައުސޫމްކަން މަތިން އާކިން ހަނދާނެއް ނުނެތެއެވެ. އާކިންއަށް އެނގުނީ ރާޔާ ރަށަށް ބަދަލުވެ، މުޅީން ތަފާތު މީހަކަށް ބަދަލުވެފައިވާ ކަމެވެ. އެންމެ ފަހުން، އާކިން ކެތްނުވެގެން ރާޔާ ހޯދުމަށް ޓަކައި އެ ރަށަށް ދިޔައެވެ.
ރަށުގެ ބަނދަރުމަތީން އާކިން ފެނުމާއެކު ރާޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިގަތެވެ. އާކިން ރާޔާގެ ބޭކަރީއަށް ގޮސް، ރާޔާ އަމިއްލައަށް ތައްޔާރުކުރި ކާއެއްޗެހި ފެނުމުން އުފާވިއެވެ. ރާޔާގެ މޫނުމަތިން މިހާރު ފެންނަނީ ކުރީގެ ނާގާބިލުކަމެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ އަމިއްލަ ނަފުސަށް އޮތް އިތުބާރެވެ.
"ރާޔާ... އަހަރެންނަށް މާފުކުރޭ. އެރޭ އަހަރެން ރުޅި ކޮންޓުރޯލުން ނެއްޓީ. ފަހުން އެ ކަމާ ވަރަށް ދެރަވި. ރާޔާއަކީ އަހަރެންގެ ލޯބި.ހިތުގެ ވިންދު." އާކިން ބުންޏެވެ.
"ނޫން އާކިން. އޭރު އާކިން ބުނީ ތެދެއް. ދިރިއުޅުމަކީ ހަމައެކަނި ރީތިވެގެން އިނުމެއް ނޫން. މިއަދު އަހަރެން މިއީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މީހެއް،" ރާޔާ ހިނިތުންވުމާ އެކު ބުންޏެވެ.
ދެ މީހުންގެ މެދުގައި އޮތް ހުރިހައި ހިތްހަމަނުޖެހުންތަކެއް ފިލައިދިޔައެވެ. އާކިންވެސް މާލޭގެ ބުރަ ދިރިއުޅުން ދޫކޮށް، ރާޔާއާ އެކު އެ ރަށުގައި ދިރިއުޅޭން ނިންމިއެވެ. ދެ މީހުން އެކުގައި އައު އުންމީދުތަކަކާ އެކު، އުފާވެރި އަދި ބާއްޖަވެރި ދިރިއުޅުމެއް ފެށިއެވެ. މިއީ ރާޔާގެ ހަޔާތުގެ އެންމެ ފުރިހަމަ ކާމިޔާބީއެވެ. ރާޔާގެ "ނާގާބިލު ސޫރަ" މިއަދު ވަނީ މުޅި ރަށަށް ނަމޫނާ، ހިތްވަރުގަދަ ސޫރައަކަށް ބަދަލުވެފައެވެ. (ނިމުނީ)