އަސްމާ އަބޫބަކުރު
5 ޖުލައި 2026
ބައެއް މީހުންގެ ހިތް ވަރަށް ރީއްޗޭ ބުނާ އަޑުއިވެއެވެ. އެ މީހުން އެހެން މީހުންނަށް ހެޔޮކަން ދެނީ އެއްވެސް އެއްޗެއް އެދިގެންނެއްނޫނެވެ. އެ ފަދަ މީހަކު ދިމާވާނެ ހެން ހީނުވާ މި ޒަމާނުގައި، ހެޔޮކަން ދޫ ނުކުރާ ހިތެއް ލިބިފައިވާމީހުން އަދިވެސް ދުނިޔޭގައި އުޅެއެވެ. އެ ފަދަ މީހަކު މީހުންނަށް އެހީވަނީ ތަޢުރީފަކަށް އެދިގެންނެއް ނޫނެވެ. ލޯބި ދެނީ ބަދަލެއް އެދިގެންނެއް ވެސް ނޫނެވެ. އަދި އެހެން މީހުންގެ އުފާތަކަށް އެ ފަދަ ހިތެއްގެ ވެރިއަކު ޙަސަދަވެރިއެއް ވެސް ނުވާނެއެވެ.
ފާރޫޤަކީ އެ ފަދަ އިންސާނެކެވެ. އަމިއްލަ ޤައުމު ދޫކޮށް މި ރާއްޖެއަށް އައީ ކުޑަ ހޮޓަލެއްގެ ވެއިޓަރަކަށެވެ. އެއީ ހީވާގި މަސައްކަތްތެރިއެކެވެ. އޭނާ މަސައްކަތްކުރާ ކެފޭ ހުންނަ މަގަކީ ވެހިކަލްތަކަށް ނުވަދެވޭ ވަރުގެ ހަނި، އެކަމަކު ހިނގާ މީހުން ގިނަ މަގެކެވެ. ކެފޭގެ ބޭރުގައި ހުންނަ މޭޒުތަކުގައި ސައިބޯން ތިބޭ ބައެއް ޒުވާނުންގެ އާދައަކަށްވެފައި އޮންނަނީ، އެ މަގުން ހިނގައިފައިދާ އަންހެން ކުދީންނަށް ގޯނާކޮށް، ފާޑުފާޑުގެ ބަސްތައް ބުނެ ފުރައްސާރަކުރުމެވެ. ފާރޫޤަށް މި މަންޒަރު ފެނި، އެ ކަމާ ހިތްހަމަނުޖެހުނަސް، އޭނާއަކީ ބޭރު މީހަކަށްވުމުން އެއްޗެކޭ ބުނާން ނުކެރިފައި ހުރެއެވެ.
އެއް ދުވަހެއްގެ ހަވީރެވެ. ކެފޭ ކުރިމަތީން ހިނގައިފައި ދިޔަ ޒުވާން އަންހެން ކުއްޖަކަށް، އެ ތަނުގައި ތިބި ގުރޫޕަކުން ވަރަށް ބޮޑަށް ހުތުރު ބަސްތަކުން ގޮވައި، ހަނގާކުރާން ފެށިއެވެ. އެ ކުއްޖާ ލަދުންނާއި ބިރުން ރޮވޭ ވަރުވެގެން ހުއްޓި ފަހަތް ބަލައިލި ވަގުތު ފާރޫޤަށް އެއީ ކެފޭގެ ވެރިޔާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުކަން އެނގުނެވެ. ފާރޫޤު އޯޑަރު ނަގަން ގެންގުޅުނު ފޮތް ބާއްވާފައި ގޮސް އެ ކުއްޖާގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ވަރަށް އަދަބުވެރިކަމާ އެކު ބުންޏެވެ.
"ކޮއްކޯ، ބޭބެއާ އެކު ހިނގާ" ފާރޫޤު އެ މަގުގެ އަނެއްކޮޅަށް އެ ކުއްޖާ ގެންގޮސް ދިނެވެ. އެ ގޮތަށް ކިތަންމެ ކުދީންނެއް ހަނގާކުރާ މީހުން ކިބައިން ފާރޫޤް ސަލާމަތް ކޮށްދެއެވެ.
އެ މަގަށް ދުއްވާ އެއްޗެހި ނުވަދެވޭތީ، ކެފޭތަކާއި ހޮޓާތަކުގައި ތިބޭ މީހުންގެ އާދަތައް ހުންނަ ގޮތުން އާންމުންނަށް އުނދަގޫވެއެވެ. އެ މަގަކީ އެހައި ވަސްނުބައި މުޑުދާރުވެފައި އޮންނަ މަގެކެވެ. ސިނގިރޭޓު ވަހުންނާއި ކާތަކެތީގެ ވަހުން މުޅިމަގު އޮންނަނީ އެއްވަސްވެފައެވެ. ފާރޫޤުގެ ވާހަކަ ނަހުމާ އޭނާގެ ބައްޕަ ގާތުގައި ބުންޏެވެ. ނަހުމާގެ ބައްޕަ އެ ކެފޭގެ އޯނަރު ފާރޫޤު ރަނގަޅު ވާހަކަ ދަރިފުޅު ދުލުން އަޑުއެހިއެވެ. ފާރޫޤު މަސައްކަތް ރަނގަޅުވުމުން މުސާރަޔަށް ހެޔޮ ބަދަލެއް ގެނެސްދިނެވެ.
ޒުލައިޚާ ދެ ކުދީން އިސްކޫލަށް ގެންދިއުމަށް ފަހު އޮފީހަށް ދާން ތައްޔާރުވެއެވެ. އަދި އޮފީހާ އެންމެ ކައިރީގައި ހުންނަ ކެފޭއަށް ކޮންމެ ދުވަހަކު ހެނދުނު ސައިބޯންދެއެވެ. އެއީ ފާރޫޤު މަސައްކަތްކުރާ ކެފޭއެވެ. އެ ކެފޭ ޚާއްސަވެފައި ވަނީ ފާރޫޤުގެ ހިތްހެޔޮ މިޒާޖާއި އެ ތަނުގައި ދެން ވެސް އުޅޭ ހިތްހެޔޮ މުވައްޒަފުންގެ ސަބަބުންނެވެ.
މުސާރައަށް އައި ކުރިއެރުމާ އެކު ފާރޫޤުގެ ހިތްހަމަޖެހުން އިތުރުވިއެވެ. ނަމަވެސް އޭނާގެ ދިރިއުޅުން މުޅީން ބަދަލުވީ ކެފޭއަށް ކޮންމެ ދުވަހަކު ހެނދުނު ސައިބޯން އަންނާން ފެށި ދިވެހި އަންހެނެއްގެ ސަބަބުންނެވެ. ޒުލައިޚާއަކީ މަޑުމައިތިރި ރީތި އަންހެނެކެވެ. ޒުލައިޚާއަކީ ދެ ކުދީން ގޮވައިގެން އެކަނި މަސައްކަތުން އުޅޭ އަންހެނެކެވެ. އޭނާއަކީ ހިތްވަރުގަދަ އަންހެނެކެވެ. މީގެ ދެ އަހަރު ކުރީން ފިރިމީހާ ވަނީ ނިޔާވެފައެވެ. ފާރޫޤަށް ޒުލައިޚާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަތައް އެނގުނީ، ކެފޭގެ ހަމަހިމޭން ވަގުތުތަކުގައި ދެ މީހުންގެ ދެމެދުގައި ދެކެވުނު ވާހަކަތަކުންނެވެ.
އަހަރުތަކެއް މި ގޮތުގައި ފާއިތުވެގެން ދިޔައެވެ. ފާރޫޤުގެ އެހީތެރިކަމާ އެކު ޒުލައިޚާގެ ދިރިއުޅުން ކުރިއަށް ވުރެ ތަނަވަސްވެ، ދަރީން ބޮޑެތިވަމުން އައެވެ. ނަމަވެސް ފާރޫޤުގެ ހިތުގައި އުފެދެމުން އައި ބޮޑު ސުވާލަކީ، މި ގުޅުމަށް ރަސްމީ ސިފައެއް އަންނާނީ ކޮން އިރަކުންބާވައެވެ؟ އޭނާ ހުރިހާ ޚަރަދެއް ކުރާ އިރު ވެސް، ކޮންމެ މީހަކު ވެސް ފާރޫޤާއި މެދު ދެކެނީ "ބޭރު ވެއިޓަރެއްގެ" ގޮތުގައެވެ. ފާރޫޤު ދެކޭ ގޮތުގައި އޭނާއަކީ މިހާރު ބޭރު މީހެއްނޫނެވެ.
ކެފޭގެ މަސައްކަތް ނިންމައި ރޭގަނޑު ފާރޫޤު ޒުލައިޚާއާ ބައްދަލުކޮށް އޭނާގެ ހިތުގެ ޝަކުވާ ބަންޑުންކޮށްލިއެވެ. އަދި ދިރިއުޅުމުގައި ދެން އިތުރަށް ކުރިއަށް ދެވޭނީ ވަކި ޝަރުޠެއްގެ މަތީންކަން ހާމަކޮށް، އޭނާގެ ބޮޑު ޑިމާންޑު ކުރިމަތިކުރުވިއެވެ.
"ޒުލައިޚާ، އަހަރެން ޒުލައިޚާގެ ހުރިހައި ކަމެއް މި ބަލަނީ ހިތުން ރުހުމުން. އެކަމަކު މިހާރު މިހެން އުޅޭތާ އެތައް އަހަރެއް ވެއްޖެ. އަހަރެން ބޭނުންވަނީ މި އަންނަ މަހުގެ ތެރޭގައި އަހަރެމެން ދެ މީހުން ކައިވެނިކުރާން. އަދި ކައިވެންޏަށް ފަހު، މި ރަށުން އަހަރެން ކުރާނެ އަމިއްލަ ވިޔަފާރިއެއް، މި ބުނީ ކެފޭއެއް އަހަރެންގެ ނަމުގައި ރަޖިސްޓްރީކޮށްދޭންވާނެ. އެހެން ނޫނީ މީގެ ފަހުން ގޭގެ އެއްވެސް ޚަރަދެއް އަހަންނަކަށް ނުކުރެވޭނެ،" ފާރޫޤު ވަރަށް ސާބިތުކަމާ އެކު ބުންޏެވެ.
ޒުލައިޚާގެ ހާލަށް ހަމްދަރުދީވެ، ފާރޫޤު ފުރަތަމަ އެހީތެރިވާން ފެށީ ކެފޭއިން ބާކީވާ ކާބޯތަކެތި ސިއްރިއްޔާތުގައި ޒުލައިޚާގެ ގެއަށް ފޯރުކޮށްދީގެންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ ދެމެދުގައި އޮތް ގުޅުން ބަދަހިވެ، އެކުވެރިކަން ލޯތްބަށް ބަދަލުވިއެވެ. ފާރޫޤު، ޒުލައިޚާގެ ގެއަށް ކުރާ ޚަރަދުތައް ބޮޑުކުރާން ފެށިއެވެ. ކުދީންގެ ކިޔެވުމަށް ބޭނުންވާ ބައެއް ސާމާނާއި ކަރަންޓު ބިލުތައް ދައްކާން ފެށީ ފާރޫޤުގެ އަމިއްލަ މުސާރައިންނެވެ. އޭނާގެ އަމިއްލަ ރަށަށް ފޮނުވާ ފައިސާ މަދުކޮށް، މުޅި ދިރިއުޅުން ޒުލައިޚާގެ އާއިލާއަށް ޓަކައި ގުރުބާންކުރިއެވެ. ޒުލައިޚާ ވެސް ފާރޫޤުގެ މި އޯގާތެރިކަމަށް ނުހަނު ބޮޑަށް ބަރޯސާވިއެވެ. ފާރޫޤު އެ ގެއަށް އަންނަނީ އެ ގޭގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެކަމަކު އެރޭ ފާރޫޤް ދެއްކިވާހަކައިން ޒުލައިޚާއަށް ބަދަލު އަތުވެއްޖެއެވެ.
ޒުލައިޚާގެ ހަމަހިމޭންކަން ފެނިފައި ފާރޫޤު ހިތްހަމައެއް ނުޖެހުނެވެ. ހިތުގައިޖެހުނެވެ. ޒުލައިޚާއަށް ޓަކައި މި ހުރިހާ ދުވަހު ވީ ޤުރުބާނީގެ އަގެއްނެތެވެ. ފާރުޤު ހިތުގައި މި ފަދަ ސުވާލުތަކެއް އެނބުރޭން ފެށި ފަހުން ޒުލައިޚާއާ މެދު ހިތުގައި ނަފުރަތު އުފެދޭން ފަށައިފިއެވެ.
"ދިވެއްސަކަށް ހެޔޮއެދިގެން އެއްވެސް ކަމެއް ކޮށްދިނުމަކީ ޙަޔާތުގައި ކުރެވޭ އެންމެ ބޭކާރު މަސައްކަތް" ފާރޫޤާ އެކީގައި މަސައްކަތް ކުރާ ބާބޫ ގާތުގައި ބުންޏެވެ.
"އޭރު ވެސް ބުނީމެއްނު ދިވެއްސެއް ދެކެ ލޯބިނުވާށޭ. އެކަމަކު ކަލޭ އަހަރެން ދައްކާ ވާހަކަގަބޫލެއް ނުކުރޭ." ބާބު ހުންނަނީ ފާރޫޤާ މެދު ހިތްހަމަ ނުޖެހިފައެވެ. ލިބޭ ހުރިހައި ފައިސާއެއް ކަހަލަ ގޮތަކަށް ޚަރަދުކުރާތީއެވެ.
އޭގެ ދެތިންރޭ ފަހުން އަނެއްކާ ވެސް ފާރޫޤް އެ ވާހަކަ ތަކުރާރު ކުރިއެވެ. ފާރޫޤުގެ ބަސްމަގު ހުރިގޮތުން ޒުލައިޚާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޯބީގެ މާސްކުގެ ފަހަތުގައި ފޮރުވިފައި އޮތް ދަހިވެތިކަން އޭނާއަށް ފެނުނެވެ. ގޭގެ ބައެއް ނުވަތަ ވިޔަފާރިއެއް ބޭރު މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްދީފި ނަމަ، މުސްތަޤްބަލުގައި ލިބޭނެ ހިތާމައާއި ލަނޑު މާ ބޮޑުވާނެކަން ޒުލައިޚާއަށް ވިސްނުނެވެ. އޭނާ ވަގުތުން ފާރޫޤުގެ މޫނަށް ބަލައިލައިފައި ބުންޏެވެ.
"ނޫން ފާރޫޤު! މަގޭ ދަރީންގެ މުސްތަގުބަލު ކަލެއަކަށް ނުދެވޭނެ. އަހަރެން ތިޔަ ޑިމާންޑުތަކަށް އިންކާރުކުރަން." ޒުލައިޚާ ހީކުރީ މި ހުރިހައި ދުވަހު ފާރޫޤު އެ އުޅުނީ އޭނާ ދެކެ ލީބީންކަމަށެވެ.
މި ޖަވާބާއެކު ފާރޫޤުގެ މޫނުމަތިން ފެނުނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ ބުންޏެވެ.
"އެހެންވިއްޔާ ކޯޓުން ބައްދަލުކުރަމާ ހިނގާ." ފާރޫޤު ހުރީ ދޫދޭގޮތަކަށް ނޫނެވެ.
ޖެހިގެން އައި ހަފުތާގައި ޒުލައިޚާއަށް ލިބުނީ ކޯޓުގެ ޗިޓެކެވެ. ފާރޫޤު ވަނީ ޒުލައިޚާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އޭނާގެ ދަޢުވާއަކީ، ވޭތުވެދިޔަ އަހަރުތަކުގައި ޒުލައިޚާގެ ގެއަށް އޭނާ ކުރި ހުރިހާ ޚަރަދަކީ ވިޔަފާރީގެ އުޞޫލުން ދިން "ލޯނެއް"ކަމަށާއި، އެ ފައިސާ އަނބުރައި ހޯދުމަށެވެ. ފާރޫޤު އަތުގައި އޮތީ ޒުލައިޚާއަށް ނޭނގި އޭނާ ލައްވައި ސޮއިކުރުވާފައިވާ ދަރަނީގެ ސިޓީތަކަކާއި، ބޭންކު ޓުރާންސްފަރގެ ހެކިތަކެވެ.
ޝަރީޢަތުގެ މަޖިލީހުގައި ޒުލައިޚާ ރޮމުންރޮމުން ބުނަމުން ދިޔައީ އެއީ ލޯބީގެ ގޮތުން ދިން އެހީއެއް ކަމަށެވެ. ނަމަވެސް ޤާނޫނީ ހެކިތަކަށް ބަލާ އިރު، ޒުލައިޚާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަށް އޭނާއަކަށް އިންކާރުކުރެވޭކަށް ނެތެވެ. ދެން އޮތީ ޝަރީޢަތުގެ މަޖިލީހުން މައްސަލަ ނިންމާނެ ގޮތެވެ. އެ މައްސަލައިގެ ބާވަތުން ފުރަތަމަ އަޑުއެހުން ނިންމައިލުމަށް ފަހު ދެން އަޑުއެހުން އޮންނާނެ ދުވަސް ޣާޒީ އިއްވިއެވެ. އަދި އެއަޑު އެހުމަށް ފަހު އޮންނާނީ ޙުކުމް އިއްވުމުގެ މަރުޙަލާއެވެ.
ޤާޟީ މައްސަލަ ވަރަށް ފުންކޮށް ދިރާސާކުރެއްވުމަށް ފަހު، ހުރިހާ ހެކިތަކަކަށް ރިއާޔަތްކުރައްވައި ނިހާއީ ޙުކުމް އިއްވެވިއެވެ. ފާރޫޤު ހީކޮށްގެން ހުރީ އޭނާ ރޭވި ގޮތަށް ޒުލައިޚާ އަތުން ހުރިހާ ފައިސާއެއް އަތުލައި، އޭނާ މަގުމަތިކޮށްލެވޭނެކަމަށެވެ. ނަމަވެސް ޤާޟީ އިއްވެވި ޙުކުމުން ފާރޫޤުގެ މުޅި ދުނިޔެ ބަދަލުވެގެންދިޔައެވެ.
"ޝަރުޢީ އަދި ޤާނޫނީ ހެކިތަކުން އެނގޭ ގޮތުގައި ފާރޫޤަކީ ހަމައެކަނި ކެފޭއެއްގެ ވެއިޓަރެއްގެ ވިސާގައި ހުރި މީހެކެވެ. އޭނާ ވަނީ ރާއްޖޭގެ 'ވަޒީފާއާ ބެހޭ ޤާނޫނާ' އަދި 'އިމިގްރޭޝަން ޤާނޫނާ' މުޅީން ޚިލާފަށް، ހުއްދަ ނޫން މާލީ މުޢާމަލާތްތަކެއް ހިންގައި، އަމިއްލަ ވިޔަފާރީގެ އުޞޫލުން ދަރަންޏަށް ފައިސާ ދޫކޮށްފައެވެ. އަދި އޭނާ ވަނީ މަކަރާއި ހީލަތުން ދިވެހި ރައްޔިތެއްގެ ނާޖާއިޒު ފައިދާ ނަގާން މަސައްކަތްކޮށްފައެވެ."
ޤާޟީގެ ހަރުކަށި ޙުކުމް އިއްވެވިއެވެ. ފާރޫޤު ޒުލައިޚާއާ ދެކޮޅަށް ކުރި ހުރިހައި ދަޢުވާއެއް ބާޠިލްކޮށް، ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތް ހިންގުމުގެ ކުށުގައި ފާރޫޤު ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ޙުކުމްކުރެއްވިއެވެ.
އޭނާ ދިވެހި އަންހެނެއްގެ ނިކަމެތިކަމުގެ ފައިދާ ނަގައި، ގެއާއި މުދާ ފޭރޭން އުޅުމުގެ ނަތީޖާއަކީ އޭނާގެ އަމިއްލަ ބޭންކު އެކައުންޓުގައި ހުރި ހުރިހައި ފައިސާއެއް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނެގި، ހުސްއަތާ ރަށަށް ދާންޖެހުމެވެ. ޒުލައިޚާ ކޯޓުން ނުކުތީ، ކެހިވެރި ލޯތްބަކުން ސަލާމަތްވެ، ހަމަޖެހުމުގެ ނޭވައެއްލަމުންނެވެ. (ނިމުނީ)