އަސްމާ އަބޫބަކުރު
12 ޖުލައި 2026
ރޭގަނޑުގެ ފުލައިޓުން މާލެއައިސް ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުގައި ބޯޓުޖެއްސިއިރު، ރާޝިދުގެ ހިތްވަނީ އުފަލުން ފުރިފައެވެ. ސިންގަޕޫރުގައި ބޭއްވި އޮފީސް ބައްދަލުވުންތައް ފަސް ދުވަހުގެ ކުރީން ނިމިއްޖެއެވެ. އޭނާ ބޭނުންވީ އަނބިމީހާ ސީމާއަށް ބޮޑު ސަޕްރައިޒެއް ދޭށެވެ. ރާޝިދު އަންނަން ހަމަޖެހިފައި އޮތް ތާރީޚަށް ވުރެ ތިން ދުވަސް ކުރީން މާލެ އާދެވުމުން، ސީމާ އުފާވާނެ ވަރު ހިތަށްއަރުވައިލިއެވެ. އެ ވަގުތު ރާޝިދުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކުލީ ކާރުން ފައިބައިގެން، އަމިއްލަ އެޕާޓުމަންޓު ހުންނަ އިމާރާތަށް ވަދެ، ލިފުޓުން މައްޗަށް އެރި އިރު ވެސް އޭނާގެ ހިތް ތެޅެމުން ދިޔައީ ލޯބީގެ ވިންދުންނެވެ.
އެޕާޓުމަންޓުގެ ދޮރުމައްޗަށް ހުއްޓި، ރާޝިދު ޖީބުން ޑަބަލް ތަޅުދަނޑި ނެގިއެވެ. މަޑުމަޑުން ތަޅު ހުޅުވައިލުމަށް ފަހު އެތެރެއަށް ވަދެ، ދޮރު ލެއްޕިއެވެ. ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ނަމަވެސް، ފައިވާން ހަރުގަނޑާ ދިމާއަށް ބަލައިލި ރާޝިދުގެ ފިޔަވަޅުތައް އެ ހިސާބުން ހުއްޓުނެވެ. އެ ތާނގައި ސީމާގެ ފައިވާނުގެ އިތުރަށް ދެން ހުރީ އޭނާގެ ބޫޓެއްނޫނެވެ. އެއީ އަގުބޮޑު ފިރިހެން ބޫޓެކެވެ. ރާޝިދުގެ ހިތަށް ކުއްލިއަކަށް ނުބައި ބިރުވެރިކަމެއް ވެރިވިއެވެ.
އޭނާ، އަމިއްލަ ނަފުސަށް ވެސް ސިއްރުވާ ހައި ސިއްރުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް އެ މީހުންގެ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނެވެ. ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އެތެރެއިން އިވެމުންދިޔަ ހިނިގަނޑުގެ އަޑާއި، ފުށްކުދި ވާހަކަތަކުން ރާޝިދުގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނު ފަދައެވެ. ސީމާގެ ލޯބިވެތި އަޑާ އެކު އިވެމުންދިޔައީ އެހެން ފިރިހެނެއްގެ އަޑެވެ. އެއީ ސީމާ ކައިވެނީގެ ކުރީން ރައްޓެހިވެގެން އުޅުނު، އަދި ރާޝިދާ ދިމާވުމުން ވަކިވިކަމަށް ބުނި އޭނާގެ ކުރީގެ ލޯބިވެރިޔާ އަސްލަމްގެ އަޑެވެ. ދެ މީހުން ތިބީ އެނދުމަތީގައި ވަރަށް ގާތްކޮށް، ހީނ ސަމާސާކޮށް އުފާކުރުމުގައެވެ.
[ދެން އަސްލަމް. މިހާރަކު ނޫން.] ރާޝިދުގެ ހިތް ކުދިކުދިވެ، ލޭގެ ހިނގުން އަވަސްވިއެވެ. ބާރަށް ހަޅޭއްލަވައިގެންފައި ކޮޓަރިއަށް ވަންނާން އޭނާގެ ހިތް ބުންޏެވެ. ނަމަވެސް، ވިސްނުންތެރިކަން އިސްކޮށް، އޭނާ ދަތްކުނޑި ވިކައިގެންފައި ފަހަތަށް ޖެހުނެވެ. މި ވަގުތު ރުޅިއައިސްގެން ކަމެއް ބޭޒާރުކުރުމަށް ވުރެ، ހެކި ހޯދުން މާ މުހިންމުކަމަށް އޭނާގެ ސިކުނޑި ވިސްނައިދިނެވެ.
ރާޝިދު އައިކަން ނާންގައި، މަޑުމަޑުން ތަޅުދަނޑި ހިފައިގެން ގެއިން ނިކުތެވެ. އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލަމުން، އެ މީހުންގެ ގޭގެ ސީދާ ކުރިމަތީގައި ހުރި ގެސްޓުހައުސްއަށް ވަދެ، އެޕާޓުމަންޓު ފެންނަ ކޮޓަރިއެއް ކުއްޔަށް ހިފާން ބޭނުންވިއެވެ. މި ފަހަރު ރާޝިދުގެ އަތުގައި ނަސީބު ހިފިއެވެ. އެ ކޮޓަރި ހުސްވީ މީގެ ކުޑައިރުކޮޅެއް ކުރީންނެވެ. އަވަސްއަވަހަށް ފޮށީން ހޫޑީއެއް ނަގައިގެން ލައިފިއެވެ. ބޯނިވައިވާ ގޮތަށް ހަދައި މާސްކެއްއެޅިއެވެ. ގެސްޓުހައުސްގެ ކޮޓަރީގެ ބެލަކަންޏަށް ނިކުމެ، ރާޝިދު އޭނާގެ ގޭގެ ސިޓިންގްރޫމް ކުޑަދޮރާ ދިމާއަށް ބަލާން ފެށިއެވެ. ލޯބިވާ އަނބިމީހާގެ މި ހީލަތްތެރި ޚިޔާނާތް އޭނާގެ ލޮލުން ދެކޭން ޖެހުމަކީ ކެތްކުރާން ދަތި ވޭނެކެވެ.
އިރުކޮޅެއް ފަހުން، ސީމާ ސިޓިންގްރޫމްގެ ފޮތިގަނޑުތައް ކަހައިލިއެވެ. އެހެން ހެދުމުން ސިޓިންގ ރޫމް ރީތިކޮށް ފެނެއެވެ. ސީމާއާއި އަސްލަމް ސިޓިންގް ރޫމް ސޯފާގައި ތިބެގެން ކޮންމެވެސް އެއްޗެއް ބޮމުން ގެންދިޔައެވެ. ހީވަނީ ކޮފީހެންނެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައި، ގާތްވަމުން ދިޔަ މަންޒަރު ރާޝިދަށް ސާފުކޮށް ފެނުނެވެ. ރާޝިދު ވަގުތުން އޭނާގެ އިތުބާރުކުރާ ރަޙުމަތްތެރިއާ ފަލާޙަށް ގުޅިއެވެ. އެއީ ފޮޓޯގްރަފީގެ މަސައްކަތްކުރާ، ސިއްރު ހިފަހައްޓާނެ މީހެކެވެ. ރާޝިދު ކަންތައްވީ ގޮތް ކިޔައިދީ، އެ މީހުންގެ ގައިގޯޅި މަންޒަރުތައް ދުރުން ފެންނަ ގޮތަށް، ސާފުކޮށް ފޮޓޯ ނަގައިދޭން އެދުނެވެ. ރަޙުމަތްތެރިޔާ ބާރުގަދަ ލެންސެއް ބޭނުންކޮށްގެން، ސީމާއާއި އަސްލަމްގެ އެތައް ފޮޓޯއެއް ނެގިއެވެ. އޭގެ ތެރޭގައި ދެ މީހުން ބައްދައިލައިގެން ތިބި ފޮޓޯތަކާއި، ބޮސްދޭން އުޅުނު މަންޒަރުތައް ވަރަށް ސާފުކޮށް ހުއްޓެވެ.
ފޮޓޯތައް ލިބުމާ އެކު ރާޝިދުގެ ހިތް ތެޅެމުންދިޔައެވެ. ނަމަވެސް އޭނާ ބޭނުންވީ ސީމާއަށް ދުވަހަކު ވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ ފިލާވަޅެއް ދޭށެވެ. ރާޝިދު ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑީން މެންދަމު ބާރަ ޖަހަނީއެވެ. އަނެއް ދުވަހު ހެނދުނު ސިމެއް ހޯދާން ނިކުތެވެ. އޭނާ އަމިއްލަ ނަންބަރުން ފޮނުވުމުގެ ބަދަލުގައި، އެހެން ނަންބަރަކުން އެ ފޮޓޯތައް ވައިބަރު މެދުވެރިކޮށް ސީމާގެ ފޯނަށް ފޮނުވައިލިއެވެ. އަދި އޭގެ ތިރީގައި ލިޔެލިއެވެ.
"ކަލޭގެ ސިއްރުތައް މިހިރީ ފަޅައިއަރައިފައި. ރާޝިދަށް މި ފޮޓޯތައް ދައްކާންވީ ކޮން އިރަކުން؟"
މި މެސެޖު ލިބުނު ވަގުތު ސީމާ ހުރީ އިސްތިރިކުރާށެވެ. ފޯނަށް އައި ނޮޓިފިކޭޝަނަށް ބަލައިލަމުން އޭނާ މެސެޖު ހުޅުވައިލިއެވެ. ފެނުނު ފޮޓޯތަކާ އެކު ސީމާގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. މުޅި ހަށިގަނޑު ތެޅިގަތެވެ. އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. އެ ފޮޓޯތަކަކީ ރޭގައި އެ މީހުން ސިޓިންގ ރޫމްގައި ތިބެގެންޖެހި ސަކަރާތުގެ ފޮޓޯތަކެކެވެ. ސީމާއަށް ހީވީ މުޅި ދުނިޔެ އެނބުރޭން ފެށިހެންނެވެ. ހަތަރު އުދަރެސް ފެނުޖެހި، ނޭވާ ހާސްވާން ފެށިއެވެ. ވަގުތުން އަސްލަމަށް ގުޅިއެވެ.
"ލޯބީ! ކިހިނެއްވީ؟ މިގަޑީގައި ދާންވީތަ؟"
ސީމާ އަށް ރޮވެން ފެށިއެވެ. [އަހަރެމެންގެ ގައިގޯޅި ފޮޓޯތަކެއް މީހަކު ފޮނުވައިފި. އެ މީހަކު އެބަ އަހަރެން ބިރުގަންނުވާ. ރާޝިދަށް ފޮޓޯ ފޮނުވާނަމޭ ކިޔައިފައި.] ސީމާއަށް އެހެން ބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ.
[މި ދަނީ. އަހަރެމެން ކޮންމެވެސް ގޮތެއް ހޯދާނީ.] އަސްލަމް ތެޅެމުންފޮޅެމުން އައިސް އެޕާޓްމަންޓްގެ ބެލް އެޅިއެވެ. ސީމާ އައިސް ދޮރު ހުޅުވިއެވެ. އެކަމަކު ވާހަކައެއް ނުދެއްކުނެވެ. އޭނާ ރޮމުން އަސްލަމަށް ފޯނު ދެއްކިއެވެ. ފޮޓޯތައް ފެނުމާ އެކު އަސްލަމް ވެސް ބިރުގަތެވެ.
[މިއީ ކާކު ކުރި ކަމެއްބާ؟ ރާޝިދަށް އެނގިއްޖެއްޔާ މަގޭ ދުވަސް ދާނެ.] އަސްލަމް ވެސް ކަންބޮޑުވެއްޖެއެވެ. ސީމާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ރާޝިދު އަންނާން އޮތީ ދެ ދުވަސް ފަހުންނެވެ. ނަމަވެސް މި ފޮޓޯތައް ނެގި މީހަކު ރާޝިދަށް ފޮނުވައިފި ނަމަ، އޭނާގެ މުޅި ދިރިއުޅުން އަޅިއަށް ވެގެންދާނެއެވެ. ސީމާ ކަރުނުން ފުރިގެންވީ ލޮލަކާ އެކު އެ ނަންބަރަށް މެސެޖުކުރިއެވެ.
[ޕްލީޒް، ތިޔައީ ކާކު؟ ބޭނުންވާ ވަރަކަށް ފައިސާ ދީފާނަން. ތިޔަ ފޮޓޯތައް ރާޝިދަށް ނުދައްކާ!]
އެ ވަގުތު ގެސްޓް ހައުސްގެ ބެލަކނީގައި ހުރި ރާޝިދުގެ ފޯނަށް އެ މެސެޖު އައުމުން އޭނާގެ ހިތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެއެވެ. އަސްލަމް އެދުނީ މެސެޖު ކުރީމައި ޖަވާބު ނުދޭތީ އެ ނަންބަރަށް ގުޅައިގެން ވާހަކަ ދެއްކުމަށެވެ.
[އަހާބަލަ ބޭނުންވަނީ. ކިހައި ފައިސާއެއްތޯ؟] ސީމާ ބިރުން ހުރެ، އެ ނަންބަރަށް ގުޅިއެވެ. އަޑު އިވެނީ ފޯނު އޮތީ ނިއްވައިލައިފަޔޭ ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގަޔޭ ކިޔާ އަޑެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު، ރާޝިދު އޭނާގެ ފޮށި ހިފައިގެން އެޕާޓުމަންޓުގެ ދޮރު ހުޅުވައިލިއެވެ. އޭނާ އައީ ހަމަ ދެންމެއަކު ރާއްޖެއިން ބޭރުން އައި މީހަކު ފަދައިންނެވެ. ސީމާ ހުރީ ލޮލުން ކަރުނަ ހިކި، މޫނު މިލައިފައެވެ. ރާޝިދު ފެނުމާ އެކު އޭނާ ސިހުނެވެ. ނަމަވެސް ބިރުން ހުރެ ރާޝިދުގެ ގައިގައި ބައްދައިގަތެވެ. [ރާޝިދު! ހާދަ އަވަހަކަށް ތިޔަ އައީ؟] ސީމާގެ އަޑު ތުރުތުރުއަޅައެވެ.
ރާޝިދު ވަރަށް ފިނި ގޮތަކަށް ސީމާ ދުރުކޮށްލިއެވެ.
[އާނ! އަވަހަށް ނިމުނީމަ އަވަހަށް އައީ.] ރާޝިދު ބުންޏެވެ. އެވަގުތު ކުއްލިއަކަށް ގޭގެ ބެލްޖެހި އަޑުއިވުނެވެ. ސީމާ ސިހިފައި ގޮސް ދޮރު ހުޅުވައިލިއިރު، ދޮރުމަތީގައި ހުރީ އަސްލަމެވެ. އޭނާ އައީ ސީމާގެ ފޯނަށް ޖަވާބެއް ނުލިބިގެން، ކަންތައްވީ ގޮތެއް ބަލާށެވެ. ރާޝިދު ގޭގައި ހުރި ތަން ފެނުމުން އަސްލަމް ހުއްޓުން އެރިއެވެ. ނަމަވެސް އޭނާ ހަމަޖެހޭ ގޮތް ދައްކަމުން ބުންޏެވެ.
"އޯހ، ރާޝިދު..! ކޮބާ ދަތުރު ކިހިނެއް؟ މަ މިދިމާއިން ދަމުން ސީމާ އަތުން ފޮތެއް ބަލައި މި އައީ."
ރާޝިދުގެ ތުންފަތަށް ވެރިވީ ނުރައްކާތެރި ހިނިތުންވުމެކެވެ. އޭނާ ފޯނު ނަގައި، ރޭގައި ނެގި ފޮޓޯތަކުގެ ތެރެއިން އެންމެ ސާފު ފޮޓޯ އަސްލަމްގެ މޫނު ކުރިމައްޗަށް ދިއްކޮށްލިއެވެ.
[މި ފޮތްތަ ބަލައި ތިޔަ އައީ؟] ރާޝިދުގެ އަޑުގައި ހުރީ މަލާމާތާއި ހަރުކަށިކަމެވެ.
ފޮޓޯ ފެނުމުން އަސްލަމްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ފަހަތަށް ޖެހިލައިފައި ނިކުންނާން އުޅުނު ވަގުތު، ރާޝިދު ކުއްލިއަކަށް އަސްލަމްގެ ގަމީހުގެ ގިރުވާނުގައި ބާރަށް ހިފެހެއްޓިއެވެ. އަދި އޭނާގެ ކަނާތުގެ ވަރުގަދަ އެތިފަހަރެއް އަސްލަމްގެ ކޯތާފަތަށް ވީއްލައިލިއެވެ. އަސްލަމް ގޮސް ޖެހުނީ ސިޓިންގރޫމްގެ ފާރުގައެވެ. އޭނާގެ އަނގަމަތިން ލޭގެ އަސަރު ފެންނާން ހުއްޓެވެ. ރާޝިދު އަނެއްކާ ވެސް އަސްލަމްގެ ގަމީހުގައި ހިފައި ކޮޅަށް ނަގައި، ދޮރުން ބޭރަށް ކޮށްޕައިލިއެވެ.
[މިއީ މަގޭ ގޭގެ ހުރުމަތް ކަނޑާލީތީ ދިން ބޮނޑިއެއް! ދެން ދުވަހަކު ވެސް މަގޭ ކުރިމައްޗަށް އަރައިފި ނަމަ މިއަށްވުރެ ވަރުގަދަ ބޮނޑިއެއް ދޭނަން.] ރާޝިދު ހަޅޭއްލަވައިގަތެވެ. އަސްލަމް ބިރުން ސަލާމަތްވާން ވެގެން، ހަށިގަނޑުގައި ހުރި ހުރިހައި ބާރެއްލައިފައި ސިޑީން ތިރިއަށް ދުއްވައިގަތެވެ.
ސީމާގެ ފައިދަށުން ބިންގަނޑު ހީވީ ދެމިގެންދިޔަ ހެންނެވެ. އޭނާއަށް ކުރެވުނު ކުށުގެ ބޮޑުކަމާއި، ރާޝިދު ކުރިމަތީގައި އޭނާގެ އަގު ވެއްޓުނު ވަރު އެނގުމުން، ކަކޫމައްޗަށް ތިރިވެ ރާޝިދުގެ ދެ ފައިގައި ހިފިއެވެ.
[ރާޝިދު! އަހަންނަށް މަޢާފުކުރޭ! އެއީ ޝައިޠާނާގެ މަގުދެއްކުމުން ވީ ކަމެއް. އަހަރެން ރާޝިދު ދެކެ ލޯބިވޭ!] ސީމާ ރޮމުން އާދޭސްކުރިއެވެ. ލަދާއި ބިރާއި މޮޅީގެ އަސަރު އެކުވުމުން އެ މޫނު ހުރީ ހުދުވެފައެވެ. އެންމެ ލޭތިއްކެއް ވެސް ނެތްކަހަލައެވެ.
ރާޝިދު ފަހަތަށް ޖެހިލިއެވެ. އޭނާގެ ލޮލުން ވެސް ކަރުނަ ފައިބަމުންދިޔައެވެ.
[ލޯބިވާނަމަ، އަހަރެންގެ އިތުބާރަށް މިފަދަ ޚިޔާނާތެއް ނުވީސް. ސީމާ! އަހަރެމެންގެ ގުޅުން މި ހިސާބުން ނިމުނީ. ތިޔަ ވަރުގެ ބޮޑުކަމެއް ކުރުމުގެ ކުރީން އެއް ހާސް ފަހަރު ވިސްނާން ވާނެ.] ރާޝިދު އޭނާގެ ފޮށި ހިފައިގެން އެނބުރި ދޮރާ ދިމާއަށް ހިނގައިގަތެވެ. ސީމާ ބިންމަތީގައި އިނދެގެން ގިސްލައި ރޮމުންދިޔަ އިރު، އޭނާގެ ދިރިއުޅުމުގެ އުފާވެރި ބާބު ވަނީ މުޅީން ލައްޕައިލެވިފައެވެ. ރާޝިދު ދޮރު ލައްޕައިލައިފައި ނިކުމެގެން ދިޔައީ، ކެހިވެރި ލޯތްބެއްގެ ހިތްދަތި ހަނދާންތައް ސީމާއަށް ދޫކޮށްފައެވެ.
އަސްލަމްގެ ފޯނަށް ސީމާ އެތައް ފަހަރަކު ގުޅައިފިއެވެ. ގޮތް ހުސްވެފައިވާ ސީމާ އެތައް ފަހަރަކު އެ ގުޅަނީ ލޯބިވެރިޔާ އަސްލަމަށެވެ. ދެއްކި ރީތި ވާހަކައިގެ ދަޅައިގެ ސީމާ ވަނީ ރަނގަޅަށް ޖެހިފައެވެ. އަސްލަމް ބުނި ކޮންމެ ވާހަކައެއް ސީމާ ގަބޫލުކުރިއެވެ. އެކަމަކު ކަމަކާ ލައްވައިލި އިރު، އެ ފޯނު ވެސް އޮތީ ނިއްވައިލައިފައެވެ. އަސްލަމް އޮންލައިނުގައެއް ވެސް ނެތެވެ. ސީމާއަށް ގޮތް ހުސްވެއްޖެއެވެ. ރާޝިދަށްވީ ޚިޔާނާތުގެ ހިޔަނި ސީމާގެ މުޅި އުމުރުގައި ހަނދާނުން ފޮހެވިގެން ނުދާނެއެވެ. (ނިމުނީ)