ޑރ. މޫސާ އަންވަރު ޙަސަން
19 މޭ 2026
ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ޙައްޖުގެ މަތިވެރި މަގުސަދުތަކާ މެދު ދިރާސާކޮށް ވިސްނައި ފިކުރުކުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. އެހެނީ، ޙައްޖަކީ ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއް ފަހަރު އަދާކުރުން ލާޒިމު، އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކޮންމެ އަހަރަކު ތަކުރާރުވާ މި މަތިވެރި މޫސުމުގައި މިލިއަނުން މިލިއަނުން، މުސްލިމުން ބައިވެރިވި ނަމަވެސް، ޙައްޖު ތަޝްރީޢުކުރެއްވުނު މަތިވެރި މަޤްޞަދުތަކާ މެދު ފުންކޮށް ވިސްނުމުގައި ގިނަ ބަޔަކު އިހުމާލުވެއެވެ. ޙައްޖުވެރިޔާއަށް ފިޤުހީ ޙުކުމްތައް އެނގުމަކީ ކޮންމެހެން ބޭނުންތެރި، މުހިންމު ކަމަކަށްވީ ހިނދު، ހަމައެކަނި އެ ކަމުގެ ތަފުޞީލުތަކަށް ސަމާލުކަންދީ، ޙައްޖުގެ ފަހަތުގައިވާ ޙިކުމަތްތަކާއި، ރަމްޒީ މާނަތަކާއި، އަސްލު މަޤްޞަދުތަކަށް ޣާފިލުވެވުމުގެ ނަތީޖާއަކީ، އަމިއްލަ ނަފުސާއި މުޖުތަމަޢު އިޞްލާޙުކުރުމުގައި ޙައްޖުން ކުރާންޖެހޭ ހެޔޮ އަސަރު ކުޑަވެގެން ދިއުމެވެ.
ޙައްޖުގެ މަތިވެރި އަޅުކަމުގެ ތެރޭގައި ކުރިމަތިވާ އެތައް ގޮންޖެހުންތަކަކާއި މައްސަލަތަކަކަށް އޮތް އެންމެ ފުރިހަމަ ޙައްލުތައް ބަޔާންވެގެންވަނީ ކީރިތި ޤުރްއާނުގެ މަތިވެރި ނައްޞުތަކުގައެވެ. ޚާއްޞަކޮށް، ޙައްޖުގެ މަތިވެރި މަޤްޞަދުތަކަށް އަލިއަޅުވައިލައިފައިވާ އާޔަތްތަކުން މިކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތެވެ. އަޅުގަނޑުގެ މި މަސައްކަތުގައި ބަޔާންކޮށްދޭން މަސައްކަތްކޮށްފައިވާނީ މި ދެންނެވި މުހިންމު ނުކުތާތަކެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ އަޅުގަނޑުމެންގެ މި މަސައްކަތް ޤަބޫލުކުރައްވައި، އެކަލާނގެ މަތިވެރި ފޮތަށް ޚިދުމަތްކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރުކުރެއްވުމެވެ. އަދި ޤުރުއާނުގެ ހިދާޔަތް މުޅި ދުނިޔެއަށް ބަޔާންކޮށްދިނުމާއި، ކީރިތި ޤުރުއާނުގެ މަތިވެރި އިރުޝާދުތަކުގެ އަލީގައި އަދުގެ މުޖުތަމަޢުގައި ހުރި އެކި އެކި މައްސަލަތަކަށް ޙައްލު ހޯދުމުގެ މަގު ފަހިކޮށްދެއްވުމެވެ.
މާތް ﷲ އަށް އިޚްލާޞްތެރިވުމާއި، ތައުޙީދު ފުރިހަމަކުރުން:
މާތް ﷲ سبحانه وتعالى، އިބްރާހީމްގެފާނަށް ކަޢުބާ ބިނާކުރެއްވުމަށް އަމުރުކުރެއްވީ، ހަމައެކަނި އެކަލާނގެ އެއްކައުވަންތަކަން ޤާއިމުކޮށް، އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށް ޓަކައެވެ. މި ކަން އެންމެ ސާފުކޮށް އެނގެނީ، ގެފުޅު ބިނާކުރުމަށް ކުރެއްވި އަމުރުފުޅާ އެކީގައި، ޝިރުކުކުރުން ނަހީކުރައްވައި، ޝިރުކުގެ އެންމެހައި ކަންކަމުންނާއި އޭގެ އަސަރުތަކުން ސަލާމަތްވުމަށް އަންގަވައިފައިވާތީއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ * وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴾ (سورة الحج 26-27) މާނައީ: "إبراهيم ގެފާނަށް ގެފުޅު ހުންނަ ތަން ތިމަންރަސްކަލާނގެ ދެއްކެވި ހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريكނުކުރައްވާށެވެ! އަދި طوافކުރާ މީހުންނަށާއި، قائمވެ ތިބޭ މީހުންނަށާއި، ركوعކޮށް سجدةކުރާ މީހުންނަށް ޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهرކުރައްވާށެވެ! އަދި ކަލޭގެފާނު މީސްތަކުންނަށް حجއަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ."
މި މަތިވެރި ގެފުޅު ބިނާކުރެވިފައިވަނީ މާތްﷲގެ އެއްކައުންވަންތަކަން (ތައުޙީދު) ޤާއިމުކުރުމަށާއި، އެކަލާނގެއަށް އިޚްލާޞްތެރިވުމަށް ޓަކައެވެ. سيد قطب ވިދާޅުވެފައިވެއެވެ. "ދެން، މި މުޤައްދަސް ގެފުޅު އުފެދިގެން އައި ގޮތުގެ މައްޗަށް ބަލައިލަމާ ހިނގާށެވެ. އެއީ އެ ދުވަސްވަރު މުޝްރިކުން އެ ތަނުގެ މައްޗަށް އަތްގަދަކޮށް، ބުދުތަކަށް އަޅުކަންކޮށް، ޝިރުކުގެ ނަޖިސްކަމުން ޠާހިރުވެގެން ތިބި ތައުޙީދުގެ އަހުލުވެރީން އެ ތަނަށް ވަނުން މަނާކުރަމުން ދިޔަ ހިނދެއްގައެވެ. ނަމަވެސް، މި ގެފުޅުގެ އަސްލު ގުޅިފައިވަނީ، މާތްﷲގެ އެންގެވުމާއި އިރުޝާދުގެ މަތީން އިބްރާހީމްގެފާނުގެ އަތްޕުޅުން އެ ތަން ބިނާކުރެވުނު ތާރީޚާއެވެ. އަދި މި ގެފުޅުގެ ބިންގާއެޅިފައިވަނީ ތައުޙީދުގެ މަތިވެރި އަސާސުގެ މައްޗަށެވެ. މި ތަން ބިނާކުރުމުގެ މައިގަނޑު މަޤްޞަދަކީ އެއްކައުންވަންތަ ﷲއަށް އަޅުކަންކުރުމާއި، ޠަވާފުކުރާ މީހުންނާއި، އެކަލާނގެއަށް ޓަކައި ނަމާދުގައި ޤާއިމުވެ ތިބޭ އަޅުވެރީންނަށް އެ ތަން ޚާއްޞަކުރުމެވެ. އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ. ﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ * وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴾ (سورة الحج 26-27) މާނައީ: "إبراهيم ގެފާނަށް ގެފުޅު ހުންނަ ތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރައްވާށެވެ! އަދި طواف ކުރާ މީހުންނަށާއި، قائم ވެތިބޭމީހުންނަށާއި، ركوع ކޮށް سجدةކުރާ މީހުންނަށް ޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهرކުރައްވާށެވެ! އަދި ކަލޭގެފާނު މީސްތަކުންނަށް حجއަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ."
މި މުޤައްދަސް ބިނާ (ގެފުޅު) ބިނާކުރެވުނު އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް، އެ ތަން ބިނާކުރެވިފައިވަނީ މާތްﷲގެ އެއްކައުވަންތަކަމުގެ (ތައުޙީދުގެ) މަތިވެރި އަސާސްގެ މައްޗަށެވެ. މާތްﷲ، އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ގެފުޅު ހުންނާނެ މަގާމު ބަޔާންކޮށްދެއްވައި، ﴿أَن لَّا تُشْرِكْ بِي شَيْئًا﴾ "ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރައްވާށެވެ!" އަންގަވައި، އެ އަސާސްގެ މައްޗަށް އެ ގެފުޅު ބިނާކުރުމުގެ މަސްއޫލިއްޔަތު އެކަލޭގެފާނާ ހަވާލުކުރެއްވިއެވެ. އެހެންކަމުން، މިއީ ހަމައެކަނި މާތްﷲގެ އެއްކައުވަންތަކަމަށް ޓަކައި ހުސްވެގެންވާ، އެކަލާނގެ ރަސްކަންފުޅަށް ނިސްބަތްވާ ގެފުޅެކެވެ.
އަދި ހައްޖުވާ މީހުންނާއި، އެ ތަނުގައި އަޅުކަންކުރާން ތިބޭ މީހުންނަށް ޓަކައި އެ ތަން ތާހިރުކޮށް ބެލެހެއްޓުމަށް އަމުރުކުރައްވައި ވަޙީކުރެއްވިއެވެ. ﴿وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ "އަދި طوافކުރާ މީހުންނަށާއި، قائمވެ ތިބޭ މީހުންނަށާއި، ركوعކޮށް سجدة ކުރާ މީހުންނަށް ޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهرކުރައްވާށެވެ!" މި ގެފުޅަކީ މި ފަދަ މީހުންނަށް ޓަކައި ބިނާކުރެވުނު ތަނެކެވެ. މާތްﷲއަށް ޝަރީކުކޮށް، އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރާ މީހުންނަށް ޓަކައި ބިނާކުރެވުނު ތަނެއް ނޫނެވެ.
އެއަށްފަހު، ގެފުޅު ބިނާކުރެއްވި އިބްރާހީމްގެފާނަށް، އެކަލޭގެފާނާ ހަވާލުކުރެވުނު އަސާސްގެ މަތީގައި ބިނާކޮށް ނިމުމުން، މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލުމަށް މާތްﷲ އަމުރުކުރެއްވިއެވެ. އަދި ޙަރަމްފުޅަށް ޒިޔާރަތްކުރުމަށް މީސްތަކުންނަށް ދަޢުވަތު ދެއްވުމަށް އެންގެވިއެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ ގޮވައިލުމަށް އިޖާބަދީ، ކޮންމެ ދުރު ހިސާބަކުން ވެސް ގެފުޅަށް ޖަމާވާނެކަމުގެ ވަޢުދުފުޅު މާތްﷲ ކުރެއްވިއެވެ. އެއީ ފައިމަގުގައި ހިނގައިފައި އަންނަ މީހުންނާއި، ދަތުރުގެ ދުރުކަމާއި ބުރަކަމުގެ ސަބަބުން ހިކި އަނަރޫފަވެފައިވާ ސަވާރީތަކުގައި އަންނަ މީހުންނެވެ. ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ﴾ (سورة الحج 27) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ."
އިބްރާހީމްގެފާނުގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް، އަދި ކުރިއަށް އޮތް ތަނުގައި ވެސް، މާތްﷲގެ ވަޢުދުފުޅު ދަނީ ފުރިހަމަވަމުންނެވެ. މީސްތަކުންގެ ހިތްތަކުގައި ބައިތުލްޙަރާމަށް އޮތް ލޯތްބާއި ޝައުޤުވެރިކަމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އެކަލާނގެ ގެފުޅު ދެކިލުމަށާއި ޠަވާފުކުރުމުގެ މަތިވެރި ނިޢުމަތަށް އެދި، އެތައް ބަޔެއްގެ ހިތްތައް ދަނީ ކެތްތެރިކަމެއް ނެތް ފަދަ ޝައުޤުވެރިކަމަކާ އެކު އެދެމުންނެވެ. އޭގެ ތެރޭގައި ތަނަވަސްކަމާއި ކުޅެދުންތެރިކަން ލިބިގެންވާ، އެކި ބާވަތްތަކުގެ ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާ މީހުންނާއި، ހިނގައިފައި ދިއުން ނޫން އެހެން ގޮތެއް ނެތް ނިކަމެތި ފަގީރުން ވެސް ހިމެނެއެވެ. މީގެ އެތައް ހާސް އަހަރެއް ކުރިން އިބްރާހީމްގެފާނު ކުރެއްވި މާތްﷲގެ މަތިވެރި ގޮވައިލެއްވުމަށް އިޖާބަދީ، ދުނިޔޭގެ ދުރު ހިސާބުތަކުން އެތައް ހާސް ބަޔަކު ދަނީ އެއްވެ، އެ މާތް ބިމަށް ޖަމާވަމުންނެވެ. އިޚްލާޞްތެރިކަން ޤާއިމުކުރުމަކީ ތައުޙީދުގެ އެންމެ މަތިވެރި މޭވާއެވެ. ޙައްޖުގެ އަޅުކަމުގައި މި އިޚުލާޞްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް މާތްﷲ އެކަލާނގެ އަޅުތަކުންނަށް ސަމާލުކަން ދެއްވައި ވަޙީކުރެއްވިއެވެ. ﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ﴾ (سورة البقرة: 196) މާނައީ: "ތިޔަބައިމީހުން اللَّه އަށް ޓަކައި حجއާއި عمرة ފުރިހަމައަށް އަދާކުރާށެވެ!"
الشيخ القاسمي رحمه الله ވިދާޅުވެފައިވެއެވެ: "އެބަހީ: ﷲ تعالىގެ ވަޖުހުފުޅަށްޓަކައި، ޝަރުޢީގޮތުން ކަނޑައެޅިފައިވާ އެންމެހައި މަނާސިކުތަކާ އެކު ފުރިހަމައަށް އެ ދެ އަޅުކަން (ޙައްޖާއި ޢުމްރާ) އަދާކުރާށެވެ."
އަދި މި އާޔަތުގެ އަލީގައި، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތައުޙީދާއި އިޚުލާޞްތެރިކަން ޙާޞިލުކުރާނެ ގޮތް ބަޔާންކޮށްދެއްވަމުން سيد قطب ވިދާޅުވެފައިވެއެވެ. "މި އާޔަތުގެ ބިނާކުރެވިފައިވާ ގޮތުން އެންމެ ފުރަތަމަ ފާހަގަކުރެވޭ ކަމަކީ، ތަޝްރީޢީ (ޙުކުމްތައް ބަޔާންކުރުމުގެ) މައިދާނުގައި ބޭނުންކުރައްވައިފައިވާ ޢިބާރާތްތަކުގެ ފުރިހަމަކަމާއި ފަންނީ މޮޅުކަމެވެ. އާޔަތުގެ ބައިތައް ބަހައިލެވިފައިވަނީ ކޮންމެ ބައަކުން ވެސް އޭގެ މަޤްޞަދުގައިވާ ޙުކުމް ވަކީން ބަޔާންކޮށްދޭ ގޮތަށެވެ. އަދި ކޮންމެ ޙުކުމެއްގެ ތަފުޞީލީ ކަންކަން، ޖެހިގެން އަންނަ ޙުކުމަކަށް ދިއުމުގެ ކުރިން ބަޔާންކޮށްދެއްވައިފައިވެއެވެ. އެއަށް ފަހު، މި ހުރިހައި ކަމެއް އެންމެ ފަހުން ގުޅުވައިލައްވައިފައިވަނީ ތަޤުވާވެރިކަމާއި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވުމާއެވެ."
މި އާޔަތުގެ ފުރަތަމަ ބައިގައި އަންގަވައިފައިވަނީ، ޙައްޖު ނުވަތަ ޢުމްރާގެ އަޅުކަން ފަށައި، އެ ކަމަށް އިޙުރާމް ބަނުމަށްފަހު (އެއީ ޙައްޖުކަމުގައި ވިޔަސް، ޢުމްރާކަމުގައި ވިޔަސް ނުވަތަ ދެ ކަން އެކުގައި ކަމުގައި ވިޔަސް)، އެ އަޅުކަން ފުރިހަމައަށް އަދާކުރުމަށެވެ. އަދި މި އަޅުކަން ޚާއްޞަވާންވާނީ ހަމައެކަނި ﷲގެ ވަޖުހުފުޅަށް ޓަކައިކަން ބަޔާންކުރައްވައި މާތް ﷲ ވަނީ ﴿وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ﴾ (سورة البقرة: 196) މާނައީ: "ތިޔަބައިމީހުން اللَّه އަށް ޓަކައި حجއާއި عمرة ފުރިހަމައަށް އަދާކުރާށެވެ!" މިފަދައިންނެވެ.
ބައެއް މުފައްސިރުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ޙައްޖުގެ ފަރުޟުކަން އަލަށް ކަނޑައެޅުއްވުމުގެ ގޮތުން އައިސްފައިވާ އަމުރެކެވެ. ނަމަވެސް އަނެއްބައި ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، މީގެ މުރާދަކީ އަޅުކަން ފަށައިފި ނަމަ އެ ކަން ފުރިހަމަކުރުމަށް އަމުރުކުރެއްވުމެވެ. މި ދެ ރައުޔަށް ބަލާ އިރު ބޮޑަށް ބުރަވެވެނީ ދެވަނަ ރައުޔަށެވެ. ސަބަބަކީ، ޢުމްރާއަކީ ހުރިހާ ޢިލްމުވެރީންގެ އިއްތިފާޤުން ފަރުޟަކަށް ނުވީ ނަމަވެސް، ޙައްޖާ އެކު ޢުމްރާ ވެސް ފުރިހަމަކުރުމަށް މި އާޔަތުގައި އަމުރުކުރައްވައިފައިވާތީއެވެ.
މިއިން އެނގެނީ މި ނައްޞުގެ މުރާދަކީ އަޅުކަން ފުރިހަމަކުރުމަށް އަމުރުކުރެއްވުންކަމާއި، އެއީ ފަރުޟެއްގެ ގޮތުގައި އަލަށް ކަނޑައެޅުއްވުން ނޫންކަމެވެ. އަދި ޢުމްރާއަކީ އަލަށް ފަށާ އިރު ވާޖިބެއްކަމުގައި ނުވީ ނަމަވެސް، އެ ކަމަށް ނިޔަތްގަނެ އިޙްރާމް ބަނުމުން އެ އަޅުކަން ފުރިހަމަކުރުން ވާޖިބުވާނެކަން މިއިން ދޭހަވެއެވެ.
ޢަރަފާތުގައި މަޑުކުރުން ފިޔަވައި، ޢުމްރާގެ އެހެން ހުރިހާ ޝިޢާރުތަކަކީ ޙައްޖާ އެއް ގޮތް ކަންތައްތަކެވެ. އަދި މަޝްހޫރު ގޮތަކީ، ޙައްޖާ ޚިލާފަށް ޢުމްރާއަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް އަދާކުރެވޭ އަޅުކަމެއްކަމެވެ. އެއީ ޙައްޖު ފަދައިން ވަކި ޚާއްޞަ މަސްތަކެއްގައި އަދާކުރާންޖެހޭ ކަމެއް ނޫނެވެ.
މާތް الله އަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވުމާއި އަޅުވެތިވުމުގެ މާނަ ކަށަވަރުކުރުން:
ޙައްޖުގެ މަތިވެރި ފަރުޟު އަދާކުރުމަށް ޓަކައި [ލައްބައިކަ] ކިޔައި އިޖާބަދީ، އިޙްރާމް ބަނދެ، كعبة الله ގެފުޅު ވަށައި ޠަވާފުކޮށް، ޞަފާއާއި މަރްވާއާ ދެމެދު ސަޢުޔުކޮށް އަދި ޢަރަފާތު ބިމުގައި މަޑުކުރުން ފަދަ ކަންކަމުން، މާތް اللهއަށް ބޯލަނބައި ކިޔަމަންތެރިވުމުގެ މާނަ ވަރަށް ސާފުކޮށް ހާމަވެގެންދެއެވެ. ޙައްޖުވެރިޔާ މި ހުރިހައި އަޅުކަންތަކެއް އަދާކުރަނީ، މާތް اللهގެ އަމުރުފުޅަށް ފުރިހަމައަށް ކިޔަމަންތެރިވުމުގެ ގޮތުންނާއި، ރަސޫލާ صلى الله عليه وسلمގެ ސުންނަތަށް ތަބާވުމުގެ ގޮތުންނެވެ. އެ ކަންކަން ކުރުމުގެ ފަހަތުގައިވާ ޙިކުމަތްތަކާއި މަޤްޞަދުތައް ސީދާކޮށް އެނގޭން ނެތް ނަމަވެސް، އޭނާއަކީ އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބާންޖެހޭ އަޅެއްކަން އޭނާގެ ހިތަކުން ފިލައިގެން ނުދެއެވެ. މާތް الله ވަޙީކުރައްވައިފައިވެއެވެ. ﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ * لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ﴾ (سورةالأنعام: 163-162) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ. އެކަލާނގެއަށް އެއްވެސް شريكއަކު ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް އަމުރުކުރައްވާފައިވަނީ އެ ގޮތަށެވެ. އަދި ތިމަންކަލޭގެފާނީ (މި أمّةގެ) مسلم ން ކުރެ، އެންމެ ފުރަތަމަ މީހާއެވެ." (ނުނިމޭ)