ad_banner
ކުރުވާހަކަ: ދަރިފުޅު

އަބާ މުޙަންމަދު

17 މޭ 2026

އަޙުމަދާއި ފާޠިމަތަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ދެމަފިރިންނެވެ. އެ ދެމަފިރިންގެ ހުރީ އެންމެ ފިރިހެން ދަރިއެކެވެ. އެއީ އައިމަނެވެ. އައިމަނަކީ ކުޑައިރުއްސުރެ މައިންބަފައިންގެ ބަސްއަހާ، އަދަބުވެރި، އަދި ކިޔެވުމަށް ލޯބިކުރާ ކުއްޖެކެވެ.

އަޙުމަދަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހަކަށްވީ ނަމަވެސް، ލިބޭ އާމްދަނީން ގޭގެ ޚަރަދުތައް ހަމަޖެއްސުމަށްފަހު އިތުރު ކުރިއެރުމެއް ހޯދުމަކީ އޭނާއަށް ދަތި ކަމަކަށް އޮތީ ވެފައެވެ. ނަމަވެސް، އައިމަނުގެ ކިޔަމަންތެރިކަމާއި ބަސްއެހުމަކީ އެ ޢާއިލާގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

އައިމަނު ދުވަހަކުވެސް އޭނާގެ މައިންބަފައިންނަށް އުނދަގޫވާނޭ ފަދަ ކަމެއް ނުކުރެއެވެ. ކޮންމެ ދުވަހަކު ވެސް އިސްކޫލު ނިންމުމަށް ފަހު، ގޭގެ މަސައްކަތުގައި މަންމައަށް އެހީތެރިވެދީ، ބައްޕަގެ މަސައްކަތްތަކުގައި އަތްގާތްކޮށްދިނުމަކީ އޭނާގެ އާދައެވެ. އައިމަނުގެ މި ބަސްއެހުމާއި ހިތްވަރު ފެނިފައި، އޭނާގެ މައިންބަފައިން ނިންމީ ކިތަންމެ ބުރަ އުފުލައިގެން ނަމަވެސް އައިމަނަށް މަތީ ތަޢުލީމު އުނގަންނައިދިނުމަށެވެ.

ނަސީބު ދިމާކުރި ގޮތުން އިސްކޫލުން އެންމެ ރަނގަޅު ނަތީޖާ ހޯދުމުގެ ނަތީޖާއެއްގެ ގޮތުން ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބުނެވެ. ބެޗްލާރސް ޑިގްރީ ނިމުމަށް ފަހު، މައިންބަފައިންގެ އެހީއާ އެކު، މާސްޓަރސް ޑިގްރީ ވެސް އައިމަން ފުރިހަމަކުރިއެވެ. ކޯހުން އެންމެ މޮޅު ދަރިވަރަކަށް އައިމަން ހޮވުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ވެސް އައިމަނަށް ލިބުނެވެ.

އައިމަނު ޔުނިވަރސިޓީ ނިންމައިލީ ވެސް އެންމެ ކާމިޔާބު ދަރިވަރުގެ ގޮތުގައިކަމަށްވާތީ، ވަޒީފާއެއް ހޯދާކަށް މާ ގިނަ ދުވަހު އިންތިޒާރުކުރާކަށް ނުޖެހުނެވެ. މަޝްހޫރު ކުންފުންޏަކުން ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް އޭނާއަށް ލިބުނެވެ. އޭނާއަށް ލިބޭ ހުރިހައި ކުރިއެރުމެއްގެ އަސްލަކީ އޭނާގެ މައިންބަފައިންގެ ބުރަ މަސައްކަތާއި ހެޔޮ ދުޢާކަމުގައި އޭނާ އަބަދުވެސް ގަބޫލުކުރެއެވެ.

އައިމަނު ވަޒީފާ އަދާކުރާން ފެށުމާ އެކު، އޭނާގެ މައިންބަފައިން ކުރަމުން ދިޔަ ބުރަ މަސައްކަތްތަކުން އެ މީހުން ދުރުކުރިއެވެ. ގޭގެ ހާލަތު ރަނގަޅުކޮށް، އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ އެ ޢާއިލާއަށް ތަނަވަސްކަން ގެނެސްދިނެވެ.

ދަރިފުޅަށް ލިބޭ މުސާރަ، އޭނާގެ މައިންބަފައިން ގެންދިޔައީ ފަހަށް ރައްކާކުރަމުންނެވެ. ވީވަރަކުން ޚަރަދުތައް ކުޑަކޮށްގެންނެވެ. އެހެންކަމުން ދެތިން އަހަރު ވީ އިރު، ގިނަ ޢަދަދެއްގެ ފައިސާ ޖަމާވެއްޖެއެވެ. އަޙުމަދު ގަސްތުކުރީ އެއް ލާރި ދެ ލާރިއަށް ހަދާނެ ޒަމާނީ ވިޔަފާރިއެއް ފަށާށެވެ. އެހެންކަމުން ބައްޕަގެ އެހީތެރިކަމާއި މަންމަގެ ހެޔޮ ދުޢާއާ އެކު، ޓްރަވަލް އެޖެންސީއެއް ރަޖިސްޓަރީކޮށް ހިންގާން ފެށިއެވެ. އެކި އެއަރލައިންތަކުގެ ޓިކެޓިންގެ އެޖެންޓުކަން ކުރާން ފެށިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި [އައިމަން ޓްރަލާސް]ގެ ނަން މުޅި ރާއްޖޭގައި މަޝްހޫރުވެއްޖެއެވެ. އެއީ މިލިޔަނުން ފައިސާ ލިބޭ ވިޔަފާރިއަކަށް ވެއްޖެއެވެ.

އައިމަނުގެ އަދަބުވެރިކަމާއި، މައިންބަފައިންނަށް ބަހައްޓާ އޯގާތެރިކަމުގެ ސަބަބުން، މުޅި ރަށުގެ މީހުން އެ ޢާއިލާއަށް ގަދަރުކޮށް އިޙުތިރާމްކުރާން ފެށިއެވެ. [އެއީ ބަސްއަހާ ދަރިއެއްގެ ބަރަކާތް]ކަމަށް އެންމެން ބުނަމުންދިޔައެވެ.

ޝައްކެއް ނެތެވެ. ދަރިފުޅުގެ ބަސްއެހުމާއި ކިޔަމަންތެރިކަމަކީ ހަމައެކަނި އެ ކުއްޖާއަށް ލިބޭ ކުރިއެރުމެއް ނޫނެވެ. އެއީ މުޅި ޢާއިލާ ބާއްޖަވެރިކޮށްދޭނޭ ސަބަބެކެވެ. ހެޔޮލަފާ، ބަސްއަހާ، ކިޔަމަންތެރި ދަރިއަކަށް ވުރެ ބޮޑު ނިޢުމަތެއް ދުނިޔެމަތީގައި އިންސާނަކަށް ނުލިބޭނެއެވެ. އެއީ ދުނިޔޭގެ ޙަޔާތުގެ ޒީނަތެވެ.

މިއަދު އަޙުމަދާއި ފާޠިމަތުގެ ދެލޯ ފެންކަޅިވަނީ ހިތްދަތިކަމަކުންނެއް ނޫނެވެ. އުފަލުންނެވެ. އެ މީހުންގެ ބަސްއަހާ ދަރިފުޅުގެ ސަބަބުން މިއަދު އެ ޢާއިލާއަކީ ރަށުގައި އެންމެ އިޙުތިރާމު ލިބިގެންވާ އެންމެ ގަދަރުވެރި އެންމެ ތަނަވަސް ޢާއިލާއަށް ވަނީ ވެފައެވެ.

ކޮމެންޓު
ކޮމެންޓުތައް
ފާތުން
17 މޭ 2026 21:49
ޢިބްރަތްތެރި ވާހަކައެއް. އެކަމަކު ތެދަށް ބުނަންޏާ ފާތުންނަކަށް އެހާ އެހަޔެއް ނޫން.