ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
16 މޭ 2026
ޚުރާފާތަކީ އިސްލާމީ ތަޢުލީމާތުގައި، އެއްވެސް އަސާސެއް ނެތް ޢަޤީދާތަކާއި، ވާހިޔާތުތަކާއި ފަސާނާތަކާއި، އަދި ބުއްދިއަށް ޤަބޫލުނުކުރެވޭ ވާހަކަތަކަކަށް އިޝާރާތްކޮށް ކިޔައި އުޅޭ ނަމެކެވެ. ގިނަ ފަހަރަށް އެ ފަދަ ވާހަކަތައް ޝިރުކުގެ ޢަމަލުތަކުގެ ތެރެއަށް ވެސް ފެތެއެވެ. ޢަރަބި ބަހުގައި، ޚުރާފާތު، އެ ލަފުޒު ނެގިފައިވާ މޫލަފުޒަކީ فرخއެވެ. މާނައަކީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ބުއްދި ހަލާކުވެފައިވުމެވެ.
ޚުރާފާތު މި ލަފުޒު، މިއަދު ވެސް އަޅުގަނޑުމެން ބޭނުންކުރަނީ ބުއްދިއަށް ޤަބޫލުކުރާން ދަތި ދޮގު ވާހަކަތަކާއި، ކޮންމެވެސް ސިފައެއްގެ ޝައިޠާނީ، އަދި ވަހުމީ ވާހަކަތަކާ ގުޅުވައިގެންނެވެ. ޢަރަބި ތާރީޚަށް ބަލާ އިރު، ހަގީގަތުގައި އެ ލަފުޒު ނެގިފައިވަނީ އަސްލު އިންސާނެއްގެ ނަމުންނެވެ. ޚުރަފާއަކީ ޢަރަބީންގެ ބަނޫ އުދުރާ ޤަބީލާގެ މީހެއްގެ ނަމެވެ. އިހު ޒަމާނުގެ ތާރީޚު ޢިލްމުވެރީން ބުނާ ގޮތުގައި، އެއް ފަހަރަކު ސަހަރާތެރޭގައި ޚުރަފާ ދަތުރުކުރަމުން ދަނިކޮށް، އޭނާ ގެއްލުނެވެ. ޚުރަފާގެ ހަށިގަނޑެއް ވެސް އަދި އޭނާގެ އެއްވެސް ނިޝާނެއް ވެސް ނުފެނުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަދި އެންމެ ފަހުން، އޭނާ މަރުވީކަމަށް، ދުނިޔޭގައި ނެތްކަމަށް، އޭނާގެ ޤަބީލާއިން ނިންމިއެވެ.
އެކަމަކު، ދުވަސްތަކެއް ފާއިތުވީ ފަހުން، އެއް ރެއަކު ޚުރަފާ އެނބުރި އައެވެ. އޭރު އޭނާއަކީ ކުރީގެ ޚުރަފާއެއް ނޫނެވެ. އޭނާގެ ލޮލުގައި ވަނީ ބިރުވެރިކަމެވެ. އޭނާގެ މޫނު ހުރީ ހުދުވެފައެވެ. އޭނާގެ އަޑު ތުރުތުރުއަޅައެވެ. ހީވަނީ އިންސާނުންގެ ލޮލުން ދުށުމަށް ހައްދަވައިފައި ނުވާ ކޮންމެވެސް އެއްޗެއް، އޭނާއަށް ފެނިގެން އުޅޭ ހެންނެވެ. ޤަބީލާގެ މީހުން އޭނާގެ ގާތަށް ޖަމާވެ، އޭނާ އެ އޮއް ހުރިހައި ދުވަހު އުޅުނީ ކޮންތާކުތޯ ސުވާލުކުރިއެވެ.
ޚުރަފާ ޖަވާބު ދިނެވެ. [ޖިންނީން އަހުރެން ގެންދިޔައީއެވެ.] އެއަށްފަހު، އޭނާ ޖިންނީންގެ އެ ދުނިޔެއާ ބެހޭ ގޮތުން ޚުލާސާކޮށް ކިޔައިދޭން ފެށިއެވެ. [އަހުރެން އުދުހޭ މަޚުލޫޤުން ދުށީމެވެ. އަދި އިންސާނުންގެ ލޯތަކަށް ވަންހަނާވެފައިވާ ސަހަރުތަކެއް ދުށީމެވެ. އަދި ޖިންނީންގެ ތަފާތު ޤަބީލާތަކުގެ މެދުގައި ހިނގި ހަނގުރާމަތައް ދުށީމެވެ. އަޖާއިބުވެ އަންތަރީސްވާ ވަރުގެ ބާރުތައް ދުށީމެވެ. އަދި އާންމު އާދައިގެ އިންސާނުންނާ މުޅީން ތަފާތު މަޚުލޫޤުންތަކެއް ދުށީމެވެ.]
ރިވާޔަތްތަކުގައި ބަޔާންކޮށްފައިވާ ގޮތުން ޖިންނީންގެ ދުނިޔެއާ ބެހޭ ގޮތުން އަޖާއިބުވެ، އަންތަރީސްވާ ވަރުގެ އެތައް ވާހަކައެއް ޚުރަފާ ކިޔައިދިނެވެ. އަދި، އޭނާގެ ޤަބީލާގެ މީހުން، އޭނާގެ ވާހަކަތައް ޤަބޫލުނުކޮށް އޭނާއަށް މަލާމާތްކުރިއެވެ. އަދި މަޑުމަޑުން ޢަރަބި ދުނިޔޭގައި، މީހަކު އަދާޔާ ޚިލާފު ނުވަތަ ޤަބޫލުކުރާން ދަތިވާ ވަރުގެ ވާހަކައެއް ދައްކައިފި ނަމަ، ތިޔައީ ޚުރަފާ ދައްކާ ކަހަލަ ވާހަކައޭ ކިޔޭން ފެށިއެވެ. އަދި، މިއަދު ވެސް އެފަދަ ވާހަކައެއް އަޑު އިވިއްޖެނަމަ ތިޔައީ ޚުރާފާތޭ ބުނެ އުޅެއެވެ. ޚުރާފާތު މި ލަފުޒު އުފެދިގެން އައީ މި ގޮތުގެ މަތީންކަމަށް ބުނެވެއެވެ. (والله أعلم)
ޖިންނި ޝައިޠާނުން، އިންސާނުން ވަގަށް ނަގާކަމުގެ އިތުރު ވާހަކަތައް ވެސް ހުރެއެވެ. މީހަކު ކުއްލިއަކަށް ގެއްލިފައި، އަދި ފަހުން އެނބުރި އައުމަށް ފަހު، އެމީހާ ކުރިއެކޭ އެއް ގޮތެއް ނުވާނެއެވެ. ސުވާލަކީ ޚުރަފާއަކީ މޮޔައެއްހެއްޔެވެ؟ ނުވަތަ އޭނާއަކީ ހަގީގަތުގައި ވެސް ޖިންނީންގެ ދުނިޔެއިން، ދިރިހުރެ އެނބުރި އައި ފުރަތަމަ އިންސާނާހެއްޔެވެ؟
ބައެއް ލަފުޒުގެ މާނަ:
ޚުރާފާތު ނ. ޢަޤީދާއާ އަރާރުންވާ ޙަޤީޤަތެއް ނެތް ވާހަކަތަކާއި ކަންކަން. superstition
ވާހިޔާތު ނ. އަސްލެއްނެތް، ބޭނުމެއްނެތް، ތާކުންތާކުނުޖެހޭ ވިޔާނުދާ، ވާހަކަތަކާއި ޚިޔާލުތައް.
ފަސާނާ ނ. (1) ޚިޔާލީ ވާހަކަ ނުވަތަ އަފުސާނާ. (2) ދާސްތާން. fiction/ romance (ރަދީފުގައި ނެތް)
ގަބީލާ ނ. (1) އެއް ބައްޕައެއްގެ ދަރިފަސްކޮޅު. (2) ވަންހަ. (3) ދަރިކޮޅު. tribe
ސަހަރު ނ. (1) ޖަޒީރާއަކަށް ނުވާ ބިން. (2) ހިކިފަސް ބޮޑެތި ބިން. (3) ރަށް. land