ad_banner
ދަސްވެނިވުމުގެ އިޙުތިފާލުގައި މި އަހަރު އެންމެ މަތީ ވަނަތައް ހާސިލުކުރި ދަރިވަރުން އެނގޭން ބޭނުންތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

16 މޭ 2026

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި 2025ވަނަ އަހަރު އެކިއެކި ކޯސްތައް ފުރިހަމަކުރި 588 ދަރިވަރުން ބުދަ ދުވަހު ދަސްވެނިވެފައިވާ އިރު، މިހާރު ވެސް އެ ޔުނިވަރސިޓީގައި 1800އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ޙާޞިލުކުރަމުން އެބަ ގެންދެއެވެ.

ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުޢުވެރިކުރުމަށް ޓަކައި ބެސްޓް ސްޓޫޑެންޓްސް އެވޯޑާއި، ޑިސްޓިންކްޝަން އެވޯޑާއި އެކި ސްކޮލާޝިޕްތައް ވެސް ވަނީ އެ ޔުނިވަރސިޓީއިން ތަޢާރަފުކޮށްފައެވެ.

ދެ ދަންފަޅިއަކަށް ބައްސަވައިލައްވައިގެން މި އަހަރު ދަސްވެނިވުމުގެ ރަސްމިއްޔާތުތައް ބާއްވައިފައިވާ އިރު، މަތީ ދަރަޖަ ޙާޞިލުކުރި ދަރިވަރުންގެ ނަންތައް ފާހަގަކޮށްލުމަކީ މި ފަދަ ވަނަތައް ޙާޞިލުކުރުމަށް އެހެން ދަރިވަރުންނަށް ދެވޭ ހިތްވަރަކަށްވާނެކަން ކަށަވަރެވެ. އެހެންކަމުން އެ ކުދީންގެ ނަންތައް ބަޔާންކޮށްލަމެވެ.

މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން އައި.ޔޫ.އެމް ބެސްޓް ސްޓޫޑެންޓް އެވޯޑްސް ހާޞިލުކުރެއްވި ދަރިވަރުންނަކީ:

1.     މާސްޓަރ އޮފް އާރޓްސް އިން ޤުރްއާނިކް ސައިންސަސް ކޯހުން، ސަންފާ ޒިޔާދާ މުޙައްމަދު، މާޒް، ތ. ވިލުފުށި

2.     މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން، މުޙައްމަދު ބައްޝާމު، އަލަފަރު، ހއ. ހޯރަފުށި

3.     ބެޗްލަރ އޮފް އިމާމްޝިޕް ކޯހުން، ޢަލީ ފަޔާޟް، ސަމީނާމަންޒިލް، ހއ. އިހަވަންދޫ

4.     މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ (އިސްލާމިކް އެޑިޔުކޭޝަން) ކޯހުން، ފާޠިމަތު ސަމިއްޔާ، ބީޗްހައުސް، ށ. ފޭދޫ

5.     މާސްޓަރ އިން ރިސާޗް އެންޑް ޕަބްލިކޭޝަން ކޯހުން، ފާޠިމަތު މިންނާ، ދިގުވާނޑު. ޝީރާޒް، ޏ. ފުވައްމުލައް

6.     ބެޗްލަރ އޮފް ޓީޗިންގ ޤުރްއާން ކޯހުން، މަރްޔަމް ނާޞިރާ، ދަފްތަރު ނަންބަރު ރސ 12058، މާލެ

މީގެ އިތުރަށް، ހއ. ހޯރަފުށީ އަލަފަރު މުޙައްމަދު ބައްޝާމު ވަނީ މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން ޑިސްޓިންކްޝަން އެވޯޑް ވެސް ޙާޞިލުކޮށްފައެވެ.

އާދޭހެވެ! ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިއަދު ދިވެހިރާއްޖޭގައި އެންމެ ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ޢިލްމީ މުއައްސަސާކަމަށް ހަމަ ގައިމުވެސް ގަބޫލުކުރެއެވެ. ދިވެހިރާއްޖޭގައި އިސްލާމީ ޔުނވަރސިޓީއެއް ބިނާކުރުމުގެ އުންމީދުގައި އަދި އެ މަގުޞަދުގައި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި 1980ވަނަ އަހަރު ސަރުކާރުން އުފެއްދެވި ޢިލްމީ މުއައްސަސާ، އިންސްޓިޓިއުޓެއްގެ ފެންވަރުން ކޮލެޖެއްގެ ފެންވަރަށް ތަރައްގީކޮށް އޭގެ ފަހުން ޔުނިވަރސިޓީއެއްގެ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ. ޔުނިވަރސިޓީގެ މިއަދުގެ އިދާރިއްޔަތުން މި ދުވެލި ވަނީ އިތުރަށް ހަލުވިކޮށްފައެވެ. މިހާރު ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކާ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މަހާސިންތާތަކާއި ސެމިނާރުތައް ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ. ޢިމާރާތުގެ ދަތިކަމާ އެކު ވެސް މި ހިސާބަށް މި ނުނިވަރސިޓީ ތަރައްގީކުރިއިރު މިއަދު އެ ޔުނިވަރސިޓީގައި ނުވަ ކުއްލިއްޔާއަކާއި މަރުކަޒުތައް ގާއިމުކޮށް އަންނަނީ ޚިދުމަތްދެމުންނެވެ.

އެ ކުއްލިއްޔާތަކާއި މަރުކަޒުތަކުގެ ތެރޭގައި:

1.     ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާއާއި؛

2.     ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްއާއި؛

3.     ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯއާއި؛

4.     ކުއްލިއްޔާ އޮފް އެޑިޔުކޭޝަނާއި؛

5.     ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީޒާއި؛

6.     ކުއްލިއްޔާ އޮފް އެރަބިކް ލޭންގވިޖާއި؛

7.     ސެންޓަރ ފޯ ރިސާރޗް އެންޑް ޕަބްލިކޭޝަންސާއި؛

8.     ސެންޓަރ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒާއި

9.     ސެންޓަރ ފޯ ކޮންޓިނިއުއިން އެޑިޔުކޭޝަން ހިމެނެއެވެ.

އަތޮޅުތަކަށް ބަލާ އިރު، ޅ. ނައިފަރާއި، ފުވައްމުލައް ސިޓީއާއި، ގދ. ތިނަދޫ ސިޓީއާއި، ރ. އުނގޫފާރާއި، އައްޑޫ މީދޫގައްޔާއި، އައްޑޫ ސީޓީ މަރަދޫފޭދޫގައި އަންނަނީ އެ ޔުނިވަރސިޓީގެ ކެމްޕަސްތައް ހިންގަމުންނެވެ.

މީގެ އިތުރަށް ހައްދުންމަތީ ފޮނަދޫގައި އެ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ.

އަދި މި ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުގެ ގޮތުގައި: ށ. ފުނަދޫގައްޔާއި ރ. ހުޅުދުއްފާރާއި ކ. މާފުށްޓާއި ގއ. ގެމަނަފުށްޓާއި ނ. މަނަދޫއާއި ހދ. ކުޅުދުއްފުށި ސިޓީއާއި ދ. ކުޑަހުވަދޫއާއި ވ. ކެޔޮދޫއާއި ބ. އޭދަފުށްޓާއި އދ. މާމިގިލީގައި އަންނަނީ މަރުކަޒުރުތައް ހިންގަމުންނެވެ.

ޔުނިވަރސިޓީގެ މައިމަރުކަޒާއި މި ކެމްޕަސްތަކާއި މަރުކަޒުތަކުގައި މިއަދު ސެޓުފިކެޓުން ފެށިގެން ޑިޕްލޮމާއާއި ހުރިހައި ފެންވަރެއްގެ ޑިގްރީއާއި ޕީއެޗްޑީ ފެންވަރަށް ވެސް އަންނަނީ ކިޔަވައިދެމުންނެވެ. މި ގޮތަށް ހިންގާ އެކި ކޯސްތަކުގެ ޢަދަދު މިހާރު ވަނީ ސަތޭކައަށްވުރެ މައްޗަށް އަރައިފައެވެ.

އާދޭހެވެ! ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ހަމައެކަނި އިސްލާމީ ތަޢުލީމުދޭ ތަނެއް ނޫނެވެ. އިސްލާމީ ގިޔުގަނޑުގެ ތެރޭގައި ދިރިއުޅުމަށް ބޭނުންވާ ހުރިހައި ދާއިރާއަކުން ވެސް އެ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރެވެއެވެ. ވިޔަފާރިއާއި އިގުތިޞާދީ ދާއިރާތަކުންނާއި ކިޔަވައިދިނުމާއި އަދަބީ ތާއިރާތަކުންނާއި ދިރާސާކުރުމާއި  ބޭރުގެ އެކި ބަސްބަސް ދަސްކުރުމާއި މި ނޫނަސް އިންސާނީ ދިރިއުޅުމަށް ބޭނުންވާ އެކިއެކި ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އެ ޔުނިވަރސިޓީގައި ވަނީ ފަހިވެފައެވެ. މި ފުރުޞަތުތަކުގެ ބޭނުންހިފައިގެން ތަޢުލީމުޙާޞިލުކޮށްފައިވާ އެތައް ހާސް ދަރިވަރުން މިއަދު އަންނަނީ ގައުމުގެ އެކި ފެންވަރުގައި ނުހަނު ޤާބިލުކަމާ އެކު މުޖުތަމަޢަށް ޚިދުމަތްކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ދަރިވަރުންގެ ސުލޫކާއި އަޚުލާޤަށް އިސްކަންދީގެން ތަފާތު އެކިއެކި ދާއިރާތަކުން ގައުމަށް ބޭނުންވާ ޢިލްމުވެރީންނާއި ފަންނުވެރީންނާއި ހުނަރުވެރީން ބިނާކުރެއްވުމަށް މިއަދު އެ ޔުނިވަރސިޓީއިން ކުރާ މަސައްކަތްވަނީ ފުޅާކޮށްފައެވެ.

ރަނގަޅު ފުރިހަމަ ތަޢުލީމެއް ޙާޞިލުކުރުމަށް ޓަކައި މި އަދު ދަރިވަރުން އިޚުތިޔާރުކުރާންވީ އެންމެ ރަނގަޅު އެއް ޢިލްމީ މުއައްސަސާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީކަމާ މެދަކު ޝައްކެއް ނެތެވެ.

[ފަރަގު]ގެ އިޚުލާޞްތެރި ދުޢާއަކީ، ދިވެހި ޤައުމާއި ރައްޔިތުންގެ ޢިލްމީ ދުޅަހެޔޮކަމަށް ޓަކައި، އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށް ޓަކައި އިސްމާމީ ޔުނިވަރސިޓީއިން ކުރާ ބުރަ މަސައްކަތުގައި މާތް ﷲ ބަރަކާތްލެއްވުމެވެ.

ކޮމެންޓު