ad_banner
ހިމާރެއްގެ ޑައިރީއަކުން ޢިބާރާތްކޮޅެއް – އަދުގެ އިންސާނީ ޙާލަތަށް އައްޔެއް!!

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

13 މޭ 2026

ޖަންގަލީގެ މުސްކުޅި މޮޔަ ހިމާރެއްގެ ޑައިރީއިން ނެގިފައިވާ ވަރަށް މުހިންމު ޢިބާރާތްކޮޅެއް ހަނދާންވެއްޖެއެވެ. އެއީ ހިމާރު އަމިއްލައަށް ލިޔެފައިވާ ޑައިރީއިން އެންމެ ދުވަހެއްގެ ވާހަކަތަކުން ތަންކޮޅެކެވެ.  

އެއް ދުވަހު، ހިމާރު އޭނާގެ ޑައިރީ ހުޅުވައިލައިފައި ލިޔުނެވެ. [ޖަންގަލީގެ ރަސްގެފާނު، ސިންގާ، މި ދުނިޔެ ދޫކޮށް ދިޔަތާ ވީ ދުވަހެއް ބުނާކަށް އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެއެވެ. ނަމަވެސް، އަހަރެންގެ އުމުރުގެ ފަހު ދުވަސްކޮޅަށް އެޅުމުން، އަހަންނަށް އެނގި ޔަގީންވެ، ހިތުގައި ގަދައަށް ހަރުލީ ކަމެއްގެ ވާހަކަ ބުނެފާނަމެވެ. އެ ވާހަކައަކީ ގަބޫލުކުރާން ދަތި، އަދި، ހިތަށް އަސަރުކުރުވާ، ވޭން ދެނިވި ވާހަކައަކަށް ވިޔަސް ވެހެވެ.

އެ ވާހަކައަކީހެއްޔެވެ؟ ސިންގާ ރަސްގެފާނުގެ ޑިކްޓޭޓަރުކަން މި އުޅޭ މަކުނުތަކާއި ކުއްތާތައް ގެނައި މިނިވަންކަމަށް ވުރެ، ޑިމޮކްރެސީއަށް ވުރެ، ރަނގަޅު ވާހަކައެވެ. މިހާރު އަހަންނަށް ވިސްނުނު ކަމަކީ ސިންގާ ރަސްގެފާނު އޭނާގެ ޑިކްޓޭޓަރުކަމުގެ ބާރުގެ ދަށަށް، އަހަރުމެން ގެނައިކީ ނޫންކަމެވެ. ނަމަވެސް، ޖަންގަލީގެ އެއްބައި، ދޮންކެޔޮ ވަކަކަށް، މަކުނުތައް ވިއްކައިލައިފާނެތީއާއި އަދި ހިކި ކަށިކޮޅަކަށް، ޖަންގަލީގެ އަނެއް ބައި ކުއްތާތައް ވިއްކައިލައިފާނެތީ، އެ ކަމުން އަހަރުމެން ހިމާޔަތްކޮށްދިނީއެވެ! ޑިކުޓޭޓަރު ސިންގާގެ މައިގަނޑު ބޭނުމަކީ، އަހަރުމެންގެ ތެރޭގައި މި އުޅޭ، އެއްވެސް ހަމައެއްލަމައެއް ނެތް މަކުނުތަކާއި ކުއްތާތަކުގެ ކިބައިން އަހަރުމެންގެ ޖަންގަލި ސަލާމަތްކުރުންކަން އަހަންނަށް ވިސްނުނީ މިއަދުއެވެ.]

އަދިވެސް، ހިމާރު ލިޔުނެވެ. [ކޮންމެ އަކަސް މިހާރު ސިންގާ ރަސްގެފާނު އެ ކަމާ ބިރުގަތް ކަންކަން މި އޮތީ ފެންނާށެވެ. ޖަންގަލީގެ އެއްބައި މަކުނުތައް ދޮން ކެޔޮ ވަކަކަށް ވިއްކައިލައިފިއެވެ. އަދި ކުއްތާތައް ޖަންގަލީގެ އަނެއްބައި ހިކި ކަށިކޮޅަކަށް ވިއްކައިލައިފިއެވެ. އެންމެ ހެއްވާ ކަމަކީ، ޖަންގަލި ގަތް މީހުންނަށް، ޖަންގަލި ގަންނާން ބޭނުންވާ ފައިސާ ވެސް ދޭން ޖެހެނީ ޖަންގަލީގެ އެހެން ޖަނަވާރުތަކަށްކަމެވެ. ޖަންގަލީގެ މަކުނުތަކާއި ކުއްތާތައް، ކުޑަ ވެސް ލަދުވެތިކަމެއް، އަދި އެއްވެސް ޖެހެލުމެއް ނެތި، ޖަންގަލީގެ ޖަނަވާރުތަކުގެ ޖީބަށް އަތް ބާނައި އެހެން ޖަނަވާރުތަކުގެ ފައިސާ ނަގައި ޖަންގަލި ގަންނާން ބޭނުން މީހުންނަށް ދިނެވެ. މީގެ އިތުރަށް، ޖަންގަލީގެ އަގު ކަނޑައަޅަނީ ވެސް ހަމަ އެ ގަންނަ މީހުންނެވެ! މިހާރު ދެން، ޖަންގަލީން ބައެއް، ބޭރު ބަޔަކަށް ހިބަކޮށްނުދީ، ޖަންގަލީގެ އެއްވެސް ކަމެއް ކުރެވޭ ތަނެއް ނުފެނެއެވެ. ޖަންގަލީގެ ކޯރެއް ހިއްކިކަމުގައިވިޔަސް އެ ހިއްކާ ބިމުން ބައެއް، ބޭރު ބަޔަކަށް ދޭން، ޖަންގަލީގެ މަކުނުތަކާއި ކުއްތާތައް ނިންމައެވެ. މިއީ ޖަންގަލީގެ ސިންގާ ޑިކްޓޭޓަރު މުޅީން ނުރުހުނު ކަންކަމެވެ. ކޮންމެއަކަސް އަހަންނަށް މިއަދު ވިސްނުނީ ސިންގާ ޑިކްޓޭޓަރަށް ޖަންގަލީގެ މަކުނުތަކާއި ކުއްތާތަކުގެ ދަހިވެތިކަމުގެ ސަބަބުން ޖަންގައްޔަށް ކުރިމަތިވެދާނެ ނުރައްކާ އެނގި، އެ މަކުނުތަކާއި ކުއްތާތަކުގެ ކިބައިން ޖަންގަލި ސަލާމަތްކޮށް ޖަންގަލީގެ މިނިވަންކަން ދެމެހެއްޓިކަމެވެ.

ނަމަވެސް، ހިތާމައަކީ ޑިކްޓޭޓަރު ސިންގާ މަރުވެއްޖެކަމެވެ. ދެން، ޕާޓީ ޑިމޮކުރަސީގެ ނިޒާމުގެ ދަށުން، ޖަންގަލީގެ މަކުނުތަކާއި ކުއްތާތަކަށް ވެރިކަމަށް އައުމުގެ މަގު ފަހިވިއެވެ. އަދި އެއަށް ފަހު، އެ މަކުނުތަކާއި ކުއްތާތައް ވެރިކަމަށް އައެވެ. އެއާ ވިދިގެން، ޖަންގަލީގެ ހުރިހާ މުއްސަނދިކަމެއް އެ މީހުން ފޭރިގަނެ، އަދި، ޚުދް ޖަންގަލި ވިއްކާލައި ޖަންގަލީގެ މިނިވަންކަން ވެސް ނަގައިލިއެވެ. މި ހުރިހައި ކަމެއް ހިނގަމުންދާ އިރު، ޑިމޮކުރަސީގެ އަވައިޖައި ޖެހިފައި ތިބި ޖަންގަލީގެ ކުދި ބޮޑު ޖަނަވާރުތައް، ޖަންގަލީގެ މަކުނުތަކާއި ކުއްތާތަކުގެ މޮޅުކަން ފާހަގަކޮށް އަތްތިލަބަޑިޖަހާން ތިބެއެވެ.] މޮޔަ ހިމާރު އޭނާގެ ޑައިރީގައި ލިޔެލިއެވެ.

ކޮމެންޓު
ކޮމެންޓުތައް
އަމާޒު
19 މޭ 2026 09:37
މިފަދަ ލިޔުންތަކަށް އަދަބިއްޔާތުގައި ކިޔާ ރީިތި ނަމެއް އޮވެއެވެ. އަޅުގަނޑު ހަނދާނެއް ނެތެވެ. ނަމަވެސް ހިމާރު އެއޮތީ ރީތިކޮށް މިދިވެހިރާއްޖޭގެ މިހާރުގެ ޙާލަތު ބަޔާންކޮށްދީފައެވެ. ތެދުވާނީ ތެދަށެވެ. ޤަބޫލުކުރިޔަސް ނުުކުރިޔަސްވެހެވެ.
ބުލްބުޅް
13 މޭ 2026 08:34
މިއަކޫ ވަރަށަ މުނާސަބު ޢިބްރަތްތެރު ވާހަކަ ކޮޅެއު